ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

  • ނޭޓޯގެ ލީޑަރުން ވީޑިއޯ މެދުވެރިކޮށް ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވަނީ
  • ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ޔޫކްރެއިންގެ 40 މީހުން މަރުވެއްޖެ: ޔޫކްރެއިން ރައީސްގެ އެޑްވައިޒަރ
  • މިއީ ޔޫރަޕަށް ދިމާވެފައިވާ ބޮޑު ކާރިސާއެއް: ބޮރިސް ޖޯންސަން
 
Writer Profile Picture
އާއިޝަތު ޝިއުރާ
ނޭޓޯގެ ލީޑަރުން ވީޑިއޯ މެދުވެރިކޮށް ހުކުރު ދުވަހު ބައްދަލުވުމެއް ބާއްވަނީ

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކު އެކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ނޭޓޯގެ ލީޑަރުން ވީޑިއޯ މެދުވެރިކޮށް ހުކުރު ދުވަހު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 16:09
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ޔޫކްރެއިންގެ 40 މީހުން މަރުވެއްޖެ: ޔޫކްރެއިން ރައީސްގެ އެޑްވައިޒަރ

ރަޝިޔާއިން މިހާރު ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގައި ޔޫކްރެއިންގެ 40 މީހުން މަރުވެފައިވާކަމަށް ޔޫކްރެއިންގެ ރައީސްއަށް ލަފާދޭ މުޝީރު ވިދާޅުވެއްޖެއެވެ.

އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިއީ އާންމުންކަމެއް ނުވަތަ އަސްކަރީ ފަރާތްތައް ކަމެއް ވިދާޅެއްނުވެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 15:54
Writer Profile Picture
އާއިޝަތު ޝިއުރާ
މިއީ ޔޫރަޕަށް ދިމާވެފައިވާ ބޮޑު ކާރިސާއެއް: ބޮރިސް ޖޯންސަން

ރަޝިޔާއިން ޔޫކްރެއިން އާ ދެކޮޅަށް މިހާރު ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ ސަބަބުން ޔޫރަޕް ބައްރަށް ބޮޑު ކާރިސާއަކާ ކުރިމަތިވެފައިވާކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ބޮރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމާއި ގުޅިގެން އިނގިރޭސި ރައްޔިތުންނާ މުޚާތަބުކުރައްވާނެކަމަށެވެ. އަދި ޖީ7 ގެ ގައުމުތަކުގެ ލީޑަރުންނާއި ވާހަކަދައްކަވާފައިވާކަމަށާއި ނޭޓޯގެ ލީޑަރުންގެ ކުއްލި އަވަސް ބައްދަލުވުމެއް ބޭއްވުމަށް ގޮވާލައްވާކަމަށް ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 15:51
Writer Profile Picture
އާއިޝަތު ޝިއުރާ
ޚާރްކީވް އަށް ރަޝިޔާގެ ޓޭންކްތައް ވަދެފައިވާކަމަށް ބީބީސީން ރިޕޯޓްކޮށްފި

ޔޫކްރެއިންގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޚާރްކީވް އަށް ވަނީ ރަޝިޔާގެ ޓޭންކްތައް ވަދެފައެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 15:48
Writer Profile Picture
އާއިޝަތު ޝިއުރާ
މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ކުރިމަތިވި އެންމެ އަނދިރި ވަގުތުތައް: އީޔޫގެ ފޮރިން ޕޮލިސީ ޗީފް

މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕަށް ކުރިމަތިވި އެންމެ އަނދަރި ވަގުތުތައް ކަމަށް އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނިޔުކުލިއަރ ބޮޑު ބާރަކުން އަވަށްޓެރި ގައުމަކަށް އަރައިގަނެފައިވާއިރު މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ޚިލާފަށްކުރާ ކަމެއްކަމަށެވެ.

އަދި އީޔޫއިން ރަޝިޔާ އާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެކަމަށް ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 15:04
Writer Profile Picture
އާއިޝަތު ޝިއުރާ
ޔޫކްރެއިންގެ ރެފިޔުޖީން ބަލައިގަތުމަށް ތައްޔާރު: ފިންލެންޑް

ޔޫކްރެއިން އިން އަންނަ ރެފިޔުޖީން ބަލައިގަންނަން ތައްޔާރުކަމަށް ފިންލެންޑްގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

ފިންލެންޑުން ވަނީ ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ. އަދި ޔޫކްރެއިންގެ ރައްޔިތުންނާއެކުވާކަން ހާމަކޮށްފައެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 15:00
Writer Profile Picture
އާއިޝަތު ޝިއުރާ
ދިފާއުގައި ހަނގުރާމަކުރަން ބޭނުންވާ ކޮންމެ މީހަކަށް ހަތިޔާރު ދޭނަން: ޔޫކްރެއިން ރައީސް

ރަޝިޔާއިން ޔޫކްރެއިން އާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަނާއި ގުޅިގެން ދިފާއުގައި ހަނގުރާމަ ކުރަން ބޭނުންވާ ކޮންމެ މީހަކަށްވެސް އަސްކަރީ ހަތިޔާރު ދޭނެކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 14:58
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާ އާ އޮތް ޑިޕްލޮމެޓިކް ގުޅުން ޔޫކްރެއިން އިން ކަނޑާލައިފި

ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދު ގާއިމުކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 14:55
Writer Profile Picture
އާއިޝަތު ޝިއުރާ
ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ރަޝިޔާ ނުހުއްޓުވޭނެ: އެނަލިސްޓުން

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދިނުމަކީ ހައިރާންވާ ކަމެއް ނޫންކަމަށް ކޮންސަލްޓެންސީ ފާމެއް ކަމުގައިވާ ރަސްމުސެން ގްލޯބަލް ގެ ޗީފް ސްޓްރެޓެޖީ އޮފިސަރ ފެބްރިސް ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާ އާ ވާހަކަދައްކަވަމުން ފެބްރިސް ވިދާޅުވީ ޕުޓިން ބޭނުންފުޅުވަނީ ރަޝިޔާގެ ރަސްކަމުގެ ދަރުބާރު އަލުން ބިނާކުރަން ކަމަށެވެ. މީގެއިތުރުން ދަތިކުރުމުގެ ފިޔަވަޅުތަކަކުން ރަޝީޔާ ނުހުއްޓުވޭނެކަމަށާއި ނޭޓޯގެ އަސްކަރީ ފައުޖުތައް ޔޫކްރެއިން އަށް ނާރާނެކަމުގެ ޔަގީންކަން ޕުޓިން އަށް އޮންނަކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޕުޓިން ކޮންމެ ކަމެއް ކުރެއްވިޔަސް އެކަން ހުއްޓުވޭނެ މާބޮޑު ގޮތްތަކެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 14:42
Writer Profile Picture
އާއިޝަތު ޝިއުރާ
ޔޫކްރެއިން ހިފުމުގެ ވިސްނުމެއް ނެތް، މިއީ އަމިއްލަ ދިފާއުގައި ކުރާކަމެއް: ޕުޓިން

ރަޝިޔާއިން ޔޫކްރެއިންގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން ފެށުމުގެ ކުރިން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ދެއްވި މެސެޖް ރަޝިޔާގެ ސްޓޭޓް ޓީވީން ދުރަށްދައްކައިފިއެވެ.

މީގެ ދެ ދުވަސްކުރިން ޕުޓިން ޔޫކްރެއިނުން ވަކިވެގަނެފައިވާ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކަކީ ވަކި މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެ ދެ ސަރަަހައްދާއެކު ސިޔާސީ ގުޅުން ގާއިމުކުރައްވާފައެވެ.

ޕުޓިން ވިދާޅުވީ ރަޝިޔާގެ މިއަސްކަރީ އޮޕަރޭޝަނަކީ އެސަރަހައްދުގައި އަސްކަރީ ބާރު ކަނޑުވާލާއި ޔޫކްރެއިން އިން ނާޒީންގެ ނުފޫޒު ކަނޑުވާލުމަށް ކުރައްވާކަމެއްކަމަށެވެ.

ޔޫކްރެއިން ގެ ވަކި ތަންތަނަކަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މި އޮޕަރޭޝަނަކީ ދެމުންދާ އިންޒާރުތަކަށް ރައްދުދިނުމުގެ ގޮތުން އަމިއްލަ ދިފާއުގައި ކުރައްވާކަމެއް ކަމަށް ޕުޓިން ވިދާޅުވިއެވެ. އެއްވެސް ގައުމަކަށް އަރައިގަނެ އަމިއްލަގޮތްތައް ފެތުރުމުގެ ވިސްނުމެއް އަދި ޕްލޭނެއްވެސް ނެތްކަމަށް ވިދާޅުވިއެވެ.

އަދި މިއަސްކަރީ ހަމަލާތަކަކީ ޑޮންބާސްގެ ރައްޔިތުން ހިމާޔަތްކުރުމަށް ކުރިޔަށް ގެންދާ ހަމަލާތަކެއްކަމަށް ވިދާޅުވިއެވެ. މިއީ އެސަރަހައްދުގައި ހަރަކާތްތެރިވާ މީހުންނާ ދެކޮޅަށް ޔޫކްރެއިން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކުރާކަމެއްކަމަށް ޕުޓިން ވިދާޅުވިއެވެ.

ޕުޓިން އިތުރަށް ވިދާޅުވީ ރަޝިޔާގެ ސަލާމަތާއި، ރަޝިޔާގެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ހިންގާ ކޮންމެ އަމަލަކާދެކޮޅަށް ރަޝިޔާއިން ތެދުވެ ވަރުގަދަ ރައްދެއް ދޭނެކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާ ބަޔަކަށް ދުވަހަކުވެސް ތަޖުރިބާކުރަން ޖެހިފައިނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 14:30
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާގެ އަސްކަރީ ބޯޓުތަކަށް ނުވަދެވޭގޮތަށް ބްލެކް ސީ ބަންދުކޮށްދިނުމަށް ޔޫކްރެއިން އިން ތުރުކީ ސަރުކާރުގައި އެދެފި

ޔޫކްރެއިން އިން ތުރުކީއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ރަޝިޔާގެ އަސްކަރީ ބޯޓުތަކަށް ނާދެވޭގޮތަށް ބްލެކްސީ ބަންދުކޮށްދިނުމަށް ތުރުކީ ސަރުކާރުގައި އެދިވަޑައިގަނެފިއެވެ.

ސަފީރު ވަނީ ވައިގެ މަގުވެސް ބަންދުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

ތުރުކީ އަކީ ރަޝިޔާ އާއި ޔޫކްރެއިން އާވެސް ކަނޑުމަގުން ބޯޑަރު ހިއްސާކުރާ ގައުމެކެވެ. އަދި ދެ ގައުމާވެސް ތުރުކީން ބާއްވަމުން އަންނަ ގުޅުން ރަނގަޅެވެ. އެހެންކަމުން މިކަމުގައި ވަކި ގޮތެއް ނިންމުމަށް ތުރުކީއަށް ދަތިތަކާ ކުރިމަތިވާނެއެވެ. އަނެއްކޮޅުން ސަފީރު ވަނީ ރަޝިޔާއާއި ދެކޮޅަށް ތުރުކީން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެދިވަޑައިގަންނަވާފައެވެ. އަދި މިމައްސަލައިގައި ޔޫކްރެއިން އަށް ތުރުކީގެ އެހީ ތެރިކަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 14:18
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާގެ އަސްކަރިއްޔާގެ 50 ސިފައިން މަރާލައިފިން: ޔޫކްރެއިން އަސްކަރިއްޔާ

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފައިވަނީ ރަޝިޔާގެ ފައުޖުތަކުގައި ތިބި ސިފައިންގެ ތެރެއިން 50 ސިފައިން މަރާލާފައިވާކަމަށެވެ. އަދި ހަނގުރާމަމަތީ ބޭނުންކުރާ 6 މަތިންދާބޯޓުވެސް ވައްޓާލާފައިވާކަމަށެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 14:10
Writer Profile Picture
އާއިޝަތު ޝިއުރާ
ހަނގުރާމައާ ދެކޮޅު މުޒާހަރާތަކެއް ބޭއްވުމަށް ރަޝިޔާ ސަރުކާރާ އިދިކޮޅު އެކްޓިވިސްޓަކު ގޮވާލައިފި

ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަނާއި ދެކޮޅު ހަދާ ހަނގުރާމައާ ދެކޮޅު ހަދާކަން ދެއްކުމުގެ ގޮތުން ރަޝިޔާގެ ސިޓީތަކުގައި މުޒާހަރާތައް ކުރިޔަށް ގެންދިޔުމަށް ރަޝިޔާ ސަރުކާރާ އިދިކޮޅު އެކްޓިވިސްޓަކު ގޮވާލައިފިއެވެ. އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ މިކަމުން އަރައިގަތުމަށް އެތައް އަހަރުތަކެއް ނަގާނެކަމަށެވެ. އެތައް ޖީލަކަށް މިކަމުގެ ގެއްލުންވާނެކަމަށް ބުނެފައިވެއެވެ.

ފެންނަމުންދަނީ އެތައް އަހަރަކަށް ދެމިގެންދާނެ ކެކުޅުންތަކަކާއި މީހުން މަރުވާތަންކަމަށް ބުނެފައިވެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 14:00
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާއިން ޔޫކްރެއިންއަށް ދޭ ހަމަލާތަކުގައި ބެލަރޫސް އިން ބައިވެރިނުވާކަމަށް ބުނެފި

ރަޝިޔާއިން މިހާރު ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގައި ބެލަރޫސްގެ ސިފައިން ބައިވެރިނުވާކަމަށް އެގައުމުގެ ރައީސް އަލެކްސެންޑަރ ލުކަޝެންކޯ ވިދާޅުވެއްޖެއެވެ.

އެގައުމުގެ ސްޓޭޓް ނިއުސް އެޖެންސީ ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިޔާގެ އަސްކަރިއްޔާއިން ކުރިޔަށްގެންދާ އޮޕަރޭޝަންގައި ބެލަރޫސްއިން ބައިވެރިނުވާކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

އަލެކްސެންޑަރ އަކީ ޕުޓިން އާ ގާތްގުޅުމެއް ބާއްވަމުން ގެންދަވާ ބޭފުޅެކެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 13:56
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާގެ ހަމަލާތަކާއެކު ހިއްސާ ބާޒާރަށް ލޮޅުންތަކެއް އަރައިފި

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކު ޔޫރަޕްގެ ހިއްސާގެ ބާޒާރަށް ލޮޅުންތަކެއް އަރައިފިއެވެ.

އެގޮތުން ހިއްސާގެ ބާޒާރުގައި ފްރެންޗް ގެ ސީއޭސީ އިންޑެކްސް 4 އިންސައްތަ ވަނީ ދަށަށްގޮސްފައެވެ. އަދި ޖަރމަނީގެ ޑެކްސް އިންޑެކްސް 4 އިންސައްތަ ދަށަށްގޮސްފައިވެއެވެ.

އޭޝިޔާގެ ހިއްސާގެ ބާޒާރަށްވެސް ވަނީ ލޮޅުންތަކެއް އަރާފައެވެ. ހޮންގކޮންގ ގެ ހެންގް ސެންގް އިންޑެކްސް 3 އިންސައްތަ ދަށަށްގޮސްފައިވާއިރު ކޮރެއާގެ ކޮސްޕީ ވަނީ 2.6 އިންސައްތަ ދަށަށްގޮސްފައެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 13:51
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާއިން ޔޫކްރެއިންގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލުމަށް މެކްރޮން ގޮވާލައްވައިފި

ރަޝިޔާއިން ޔޫކްރެއިންގައި މިހާރު ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން މިހާރުން މިހާރަށް ހުއްޓާލުމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން ގޮވާލައްވައިފިއެވެ.

މެކްރޮން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔޫކްރެއިން އަށް ރަޝިޔާއިން ދެމުންދާ ހަމަލާތައް ކުށްވެރިކުރާކަމަށެވެ. އަދި ފްރާންސް ވަނީ ޔޫކްރެއިން އާއި ޔޫކްރެއިންގެ ރައްޔިތުންނާ އެކުގައި ކަމަށްވެސް މެކްރޮން ވިދާޅުވިއެވެ.

މެކްރޮން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާ ފޯނުން ގުޅުއްވާ ފްރާންސަށް ޔޫކްރެއިންއަށް އެހީތެރިވެދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ޒެލެންސްކީ ވަނީ މިމައްސަލައިގައި ޔޫރަޕުން އެކައްޗެއް ކިޔުމަށް އެދިވަޑައިގަންނަވާފައެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 13:28
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާއިން ޔޫކްރެއިންނަށް ވައިގެ މަގުންނާއި، އެއްގަމު މަގުން ދަނީ ހަމަލާ ދެމުން: އޮފިޝަލުން
ރަޝިޔާގެ މިސައިލްތަކެއް ކަމަށް ބުނެ ޓްވިޓަރގައި ދައުރުވަމުންދާ ފޮޓޯތައް

ރަޝިޔާއިން ޔޫކްރެއިންގައި ހަނގުރާމަ އިއުލާންކޮށްފައިވާއިރު، ޔޫކްރެއިންގެ އަސްކަރީ ބާރުދަށް ކޮށްލުމަށް ރަޝިޔާއިން ދަނީ ގިނަ އުކުޅުތައް ބޭނުން ކުރަމުންނެވެ. އެގޮތުން އެއްގަމު މަގުންނާއި ވައިގެ މަގުން އެކި ސަރަހައްދުތަކަށް ދަނީ ހަމަލާ ދެމުންނެވެ. އަދި ރަޝިޔާގެ ސިފައިން ހަނގުރާމަ މަތީ ހުރިހާ ވަސީލަތެއް ބޭނުން ކުރާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 13:25
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާތައް އަމާޒުކުރަނީ އާންމު ރައްޔިތުންނާއި ސިޓީތަކަކަށް ނޫން: ރަޝިޔާ ޑިފެންސް މިނިސްޓްރީ

ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކަކީ އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދޭ ހަމަލާތަކެއް ނޫންކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ އާންމު ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.

ޔޫކްރެއިން އިން ކުރިން ބުނެފައިވަނީ ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި އަށް މީހަކު މަރުވެ ނުވަ މީހަކު ޒަޚަމްވެފައިވާކަމަށެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 13:16
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް މިއަދު ހާމަކުރާނަން: އީޔޫގެ ރައީސް

ރަޝިޔާ ސިފައިން ވަނީ މިނިވަން ގައުމަކަށް އަރާފައިކަމަށާއި މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް ވިދާޅުވެއްޖެއެވެ.

އަދި މިއަދު ފަހުގެ ވަގުތެއްގައި ރަޝިޔާ އާ ދެކޮޅަށް ޓާގެޓްކޮށްގެން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ހާމަކުރާނެކަމަށް ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 13:10
Writer Profile Picture
އާއިޝަތު ޝިއުރާ
ޕުޓިން ދޭ ހަމަލާތަކަށް ޔޫކްރެއިން އިން އަންނަނީ ރައްދުދެމުން: ޔޫކްރެއިންގެ ފޮރިން މިނިސްޓަރ

ޕުޓިން ހަމަލާދިނުމުން ހަމަލާއަށް ބިރުން ޔޫކްރެއިންގެ އަސްކަރިއްޔާ ނުފިލާކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ. ފޮރިން މިނިސްޓަރ އެހެން ގައުމުތަކުގައި ދިރިއުޅެމުން އަންނަ ޔޫކްރެއިންގެ ރައްޔިތުންނަށް މެސެޖެއްދެއްވާ ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ އަސްކަރިއްޔާ އާއި ހުރިހާ އެންމެން ރަޝިޔާ އާއި ދެކޮޅަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ޔޫކްރެއިން އަށް މިކަމުން ކާމިޔާބު ލިބޭނެކަމަށެވެ.

އަދި އެހެން ގައުމުތަކުގައި ތިބި ރައްޔިތުން ޕުޓިންގެ މިހަމަލާތަކުގެ ހަގީގަތް އެގައުމުތަކަށް ހާމަކޮށްދީ ސަރުކާރުތަކުން ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގޮވާލުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 13:04
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގެ ވައިގެ މަގުން ސިވިލިއަން ފްލައިޓްތައް ދަތުރުކުރުން ހުއްޓުވައިފި
ޔޫކްރެއިންގެ ވައިގެ މަގުން ދަތުރުކުރާ ފްލައިޓްތައް
24 ފެބްރުއަރީ 2022 | ބުރާސްފަތި 12:59
Writer Profile Picture
އާއިޝަތު ޝިއުރާ
ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ގައި ދިރިއުޅޭ ރައްޔިތުން ކިޔެވްއިން ނިކުތުމަށް މަސައްކަތްކުރަނީ

ބުރާސްފަތި ދުވަހު ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކު ކިޔެވް ގައި ދިރިއުޅޭ ރައްޔިތުން އެސިޓީ ދޫކޮށްދާން ފަށައިފިއެވެ. ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެނދުނު ބާރުގަދަ ގޮވުންތައް ގޮވި ސަރަހައްދާ ދުރަށް ހުޅަނގު ސަރަހައްދަށް ދިޔުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެކަމުގެ ސަބަބުން ކިޔެވްގެ މަގުތަކުގައި ޓްރެފިކް ވަނީ ވަރަށް ބޮޑަށް ބާރުވެފައެވެ. ބާރުގަދަ ގޮވުންތަކުގެ އަޑުތައް އިވިފައިވަނީ އިތުމަތީ ސަރަހައްދުންނެވެ.

ގޮވުންތަކުގެ އަޑުވަނީ ޔޫކްރެއިންގެ ޚާރްކީވް އާއި އޮޑެސާ ސަރަހައްދުންވެސް އިވިފައިކަމަށް ސީއެންއެން އިން ވަނީ ރިޕޯޓްކޮށްފައެވެ.

ކިޔެވްގެ މަގުތައް - ސީ.އެން.އެން
24 ފެބްރުއަރީ 2022 | ބުރާސްފަތި 12:57
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ޔޫކްރެއިންގެ 7 މީހުން މަރުވެއްޖެ

ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ހަތް މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި ގިނަ ބަޔަކު ވަނީ ޒަހަމްވެފައެވެ. ނަމަވެސް ބައެއް އާއްމުން ދަނީ ހިމާޔަތް ހޯދުމަށް އެކި ސަރަހައްދުތަކަށް ދަތުރުކުރަމުންނެވެ. އަދި ބިމު އަޑީގައި ހުންނަ މެޓްރޯ ސްޓޭޝަންތަކަށް ވެސް ގިނަ ބަޔަކު ޖަމާވަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 12:25
Writer Profile Picture
އަމްނާ އިމާދު
ހަމަލާތަކާއި ގުޅިގެން ޔޫކްރެއިންގެ ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށް އޮފިޝަލުން ބުނެފި
ހަމަލާގައި ޔޫކްރެއިންގެ އާއްމުންގެ މީހެއް މަރުވެފައި
ޔޫކްރެއިންގެ ސިފައިން ދަނީ ރަޝިޔާއާ ދެކޮޅަށް ހަމަލާ ދެމުން
ޔޫކްރެއިންގެ ގިނަ ބަޔަކު ދަނީ ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަމުން
ހަމަލާތަކާއި ގުޅިގެން ޔޫކްރެއިންގެ އާއްމު ރައްޔިތުން ތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި
24 ފެބްރުއަރީ 2022 | ބުރާސްފަތި 12:20
Writer Profile Picture
އަމްނާ އިމާދު
ޔޫކްރެއިންގެ ކީވް އެއާޕޯޓު ކައިރިއަށް ހަމަލާ ދީފި

ޔޫކްރެއިންގެ ކީވް އެއާޕޯޓު ކައިރިއަށް ހަމަލާ ދީފިއެވެ. ރިޕޯޓުތައް ބުނާ ގޮތުން ހަމަލާ ދިނުމާއި ގުޅިގެން މިހާރު ވަނީ ފްލައިޓްތައް ކެންސަލްކޮށްފައެވެ. ހަމަލާތައް ވަރުގަދަ ކުރަމުންދާތީ، އާއްމުން ދަނީ ހުޅަނގުފަރާތަށް ދަތުރު ކުރަމުންނެވެ. އެއީ ހަމަލާތައް ދެމުންދަނީ އިރުމަތިން ކަމަށްވާތީ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މިހާރު މަގުތައް ވަރަށް ބޮޑަށް ޓްރެފިކް ވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 12:10