ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށް ގެންދާ ޔޫރޯ ވޮޝަން 2022ގައި ރަޝިޔާއިން ބައިވެރިނުކުރަން ނިންމައިފިއެވެ. ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އީބީޔޫއިން މިހާރު އެ ނިންމުންތައް ނިންމާ އެކަން އަންގާފައިވާ ކަމަށެވެ.
މިއީ ޔޫރަޕްގެ ގައުމުތަކުގައި ކުރިއަށް ގެންދާ ލަވަ ކިޔުމުގެ މުބާރާތެކެވެ. މިއަހަރުގެ މި މުބާރާތުގައި 40 ގައުމަކުން ބައިވެރިވެއެވެ.
ޑެލްޓާ އެއަރލައިނުން ރަޝިޔާގެ އެއިރޯފްލޮޓް އާއެކު ހަދާފައިވާ ޕާޓްނަރޝިޕް އެއްބަސްވުން ނިމުމަކަށް ގެނެސްފައިވާކަމަށް އެއަރލައިނުން ބުނެފިއެވެ.
ޑެލްޓާއިން ވަނީ ރަޝިޔާގެ ނޭޝަނަލް އެއަރލައިނުގެ ބައެއް ފްލައިޓްތަކަށް ބުކިންގ ހައްދާފައެވެ. ޑެލްޓާއިން ބުނީ ހަދާފައިވާ އެއްބަސްވުންތައް މިހާރުން މިހާރަށް ނިމުމަކަށް ގެންނަ ކަމަށެވެ.
އެއިރޯފްލޮޓް ސްކަޓީމް އެލައަންސް އާއެކު ޕާޓްނަރޝިޕް ހަދާފައިވަނީ 2004 ވަނަ އަހަރުއެވެ. 19 ބައިނަލްއަގްވާމީ އެއަރލައިނަކާއެކު ވަނީ ޕާޓްނަރޝިޕް ހަދާފައެވެ. ޑެލްޓާ އަކީ އޭގެ މެމްބަރެކެވެ.
ރަޝިޔާއިން ހަމަލާދީ ބާރު ފޯރުވަމުން ދިޔަ ނަމަވެސް ޔޫކްރެއިންގައި ހުންނަވާނެ ކަމަށް އެގައުމުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ނުރަސްމީ ހެދުމުގައި ހުންނަވައި އާއްމު ކުރެއްވި ވީޑިއޯގައި ޒެލެންސްކީ ވިދާޅުވީ ސައްހަ ހަމަލާތައް ދިން ނަމަވެސް ގައުމުގައި ހުންނަވާނެ ކަމަށެވެ.
އަހަރެން މިހުރީ ވެރިކަން ކުރާ ރަށުގަ. އަހަރެން މިހުރީ ގައުމުގެ މީހުންނާއެކު. ދުވަސް އެއްކޮށް އަޅުގަނޑު ހޭދަކުރަނީ ބައިނަލްއަގްވާމީ މަޝްވަރާތަކުގައި ވާހަކަ ދެއްކެވުމަށް. މިގައުމު ހަމައަކަށް އެޅުވުމަށް. އަޅުގަނޑުގެ އާއިލާއާ ދަރީން ތިބީ ޔޫކްރެއިންގަ. އެމީހުންނަކީ ޔޫކްރެއިންގެ ރައްޔިތުން. އެކަމަކު އަޅުގަނޑަށް ވެސް ހައްގެއް ނެތް މި ވަގުތު އެމީހުން ތިބީ ކޮންތަނެއްގައި ބުނުމުގެޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ
ރަޝިޔާ ބަހުގެ ސޯޝަލް މީޑިޔާ ޕްލެޓް ފޯމްތަކުގައި "ނޯ ޓު ވަރ" ހޭޝްޓެގް ޓްރެންޑްވާން ފަށައިފިއެވެ.
ރަޝިޔާގެ ގިނަ ބަޔަކު ހޭޝްޓެގް ބޭނުންކުރަމުންދާއިރު އޭގެތެރޭގައި ރަޝިޔާގެ ސެލެބްރިޓީންވެސް ހިމެނެއެވެ. އިންސްޓަރގްރާމްގައި މިހާތަނަށް 208،000 ޕޯސްޓްގައި އެ ހޭޝްޓެގް ބޭނުންކޮށްފައިވެއެވެ.
ކައުންސިލް އޮފް ޔޫރަޕްއިން ސަސްޕެންޑް ކޮށްފައިވާ ކަމަށް އިޓަލީގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ކައުންސިލް އޮފް ޔޫރަޕް އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން މުޅި ޔޫރަޕްގެ އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް އުފައްދާފައިވާ ކައުންސިލެވެ. މިއީ ޔޫރަޕިއަން ޔޫނިއަންއާ ވަކިން އޮންނަ ކައުންސިލެކެވެ.
ކައުންސިލް އޮފް ޔޫރަޕްއިން ސަސްޕެންޑް ކޮށްފައިވާ މައްސަލާގައި އިތުރަށް އިޓަލީގެ ފޮރިން މިނިސްޓަރު ވިދާޅުވެފައިވަނީ މި ނިންމުމަކީ ރަޝިޔާގެ އަސްކަރީ ބާރުން ޔޫކްރެއިންއަށް އަރައި ހަމަލާތައް ދެމުންދާއިރު، މި ވަގުތު އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށެވެ. އަދި މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރަޝިޔާއިން އެ ކުރަނީ ބައިނަލްއަގުވާމީ ގާނޫނާއި ހިލާފު އަމަލުތަކެއް ކަމަށެވެ.
ރަޝިޔާއިން މިހާތަނަށް 200 މިސައިލް ހަމަލާ ޔޫކްރެއިން އަށް އަމާޒުކޮށް ފޮނުވާލާފައިވާކަމަށް އެމެރިކާގެ ސީނިއަރ ޑިފެންސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އޭގެތެރޭގައި ބެލެސްޓިކް މިސައިލް އާއި ކްރޫޒް މިސައިލް ހިމެނެއެވެ.
އދ ގެ ރެފިޔުޖީ އެޖެންސީން ބުނާ ގޮތުގައި ޔޫކްރެއިންގެ ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ރެފިޔުޖީންގެ ގޮތުގައި ކައިރި ގައުމުތަކަށް ގޮސްފައެވެ. އެތައް ހާސް ބަޔަކު ވަނީ ޔޫކްރެއިންއާ ކައިރީގައި އޮންނަ ޔޫރަޕްގެ ގައުމުތަކަށް ހިޖުރަކޮށްފައެވެ.
ކިޔެވް އަށް އެރުމަށް މަސައްކަތްކުރަމުންދާ ރަޝިޔާގެ އަސްކަރީ ފައުޖުތައް އޮތީ ކިޔެވް އާ 50 ކިލޯމީޓަރު ދުރުގައި ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ޔޫކްރެއިންގައި ބާކީތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން އެޤައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިހާޓޯއާއި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.
އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އަޒޯރާޑްގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި.
- އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އަޒޯރާޑްގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި. އެބޭފުޅުންނަށް ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާފައި.
- ފޮރިން މިނިސްޓަރ ޝާހިދު ވަނީ ހަންގޭރީގެ ޚާރިޖީ ވަޒީރާ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުއްވައި، ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި. ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަޤީންކަން އެޤައުމުން ދިން.
- ބުޑަޕެސްޓަށް ދިޔުމަށްފަހު 2 ދުވަހުގެ ތެރޭގައި ދިވެހިން ރާއްޖެ އަންނާނެ
- އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވަރސިޓީއިން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން.
- ހަރްކީވްގައި ބާކީ ތިބި 8 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުން. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން، އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި. ރައްކާތެރިކަމާއެކު ހަރްކީވްގައި ތިބި ދިވެހިން ގެންދިޔުމަށްވެސް މި ދަނީ މަސައްކަތްކުރަމުން.
- ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން 5 ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުން (ވިސާ އައު ކުރުން ފަދަ ކަންކަން). ބާކީ ތިބި 3 މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ.
- ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް ދަނީ މަސައްކަތްކުރަމުން.
- ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން.
ޔޫކްރެއިންގެ ވެރިރަށް ކިޔެވް ދިފާއުކުރުމަށް އަސްކަރިއްޔާއިން މިހާރު ކިޔެވް ތެރެއަށް ވަދެފައިވާކަމަށް ޔޫކްރެއިންގެ އިންޓީރިއަރ މިނިސްޓްރީން ބުނެފިއެވެ.
ހުކުރު ދުވަހު ރަޝިޔާގެ އަސްކަރިއްޔާއިން މަސައްކަތްކުރަމުން އަންނަނީ ކިޔެވް ހިފުމަށެވެ. އެއާއެކު ކިޔެވް ދިފާއުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު މިހާރު ޑިފެންސިވް ފޭސްއަށް ބަދަލުވެފައިވާކަމަށް ކިޔެވްގެ މޭޔަރ ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން އަންނަނީ ކިޔެވް ދިފާއުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ރައްޔިތުންގެ ކިބައިން އެދެމުންނެވެ.
ޔޫކްރެއިންގެ ވެރިކަން ފުރޮޅާލުމަށް ޔޫކްރެއިންގެ އަސްކަރިއްޔާއަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ގޮވާލައްވައިފިއެވެ.
ރަޝިޔާގެ ސެކިޔުރިޓީ ކައުންސިލާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޕުޓިން ވަނީ އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް އަތުލުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އޭރުން އެއްބަސްވުމަކާ ހަމައަށް އައުމަށް ފަސޭހަވާނެކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.
ޔޫރަަޕްގެ 27 ގައުމަކާއި ފޯނުން ގުޅުއްވި އިރުވެސް ނޭޓޯގެ ވާހަކަ ދެއްކުމުން އެކަމާއި އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި، އެމީހުން ތިބީ ބިރުން ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ވިދަޅުވެފައެވެ.
ރަޝިއާގެ ސިފައިން ކީވްއަށް ހަމަލާދޭން ފަށާފައިވާ އިރު އެމީހުންނާއި ދެކޮޅަށް ހަނގުރާމަކުުރުމަށް ކީވްގައި ތިބި 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ބަޑި ދީ އެމީހުން ރަށުން ބޭރަށް ދިއުން މަނާކޮށްފިއެވެ.
ޔޫކްރޭންގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ރަޝިއާގެ ފައުޖުތަކާއި ކުރިމަތިލާން އިތުރު ބަޔަކު އަންނާނެ ކަމަށެވެ. މީގެ ތެރޭގައި ފަހުގެ ހަތިޔާރު ލިބޭނެކަމަށް ވެސް ވަނީ ބުނެފައެވެ.
އެމެރިކާގެ އިންޓެލިޖެންސް އޮފިސަރުން ބުނެފައިވަނީ ރަޝިާގެ އަތްދަށަށް ޔޫކްރޭންގެ ވެރިރަށް ދާން ނަގާނެކަމަށް ބެލެވެނީ 1-4 ދުވަހުގެ ތެރޭގައެވެ.
ރަޝިއާގެ ސިފައިން މިހާރު ތިބީ ކީވް އާއި 20 ވަރަކަށް މޭލު ދުރުގައެވެ.
ރަޝިއާ އާއި ދެކޮޅަށް ޔޫކޭ އިން އަޅާ ފިޔަވަޅުތައް ހާމަކުރެއްވީ ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ. ޔޫކޭއިން ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ބޭންކުތަކާއި، ރައީސް ޕުޓިންގެ އަރިސް ބޭފުޅުންނާއި، ރަޝިއާގެ މުއްސަނދިންނަށް ކަމަށެވެ.
ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ރަޝިއާއިން ހުއްޓާނުލާ ހަމަލާ ދެމުން އަންނަ ކަމަށާއި، ޔޫރަޕްގެ 27 ގައުމެއްގައި، ޔޫކްރޭން ނޭޓޯއަށް ވައްދާނެތޯ ސުވާލު ކުރެވުނު ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ގައުމަކުން ޖަވާބެއް ދީފައި ނުވާ ކަމަށާއި، އެންމެން ތިބީ ހަނު ކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމުން ޔޫކްރެއިން އިން ނިކުތް ހާހަހަށްވުރެ ގިނަ މީހުން ޕޮލެންޑަށް ގޮސްފިއެވެ.
ގިނަ ބަޔަކު ތިބީ ޓްރެއިން ސްޓޭޝަންތަކާއި ކޭމްޕްތަކުގަޔާއި ހޮޓެލްތަކުގައެވެ. ޕޮލެންޑުން ވަނީ ޔޫކްރެއިންގެ ރެފިޔުޖީންނަށް ކާނާ އާއި ބޭހާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެތައް ހާސް ބަޔަކު މިހާރުވެސް ގެންދަނީ ޔޫކްރެއިން އިން ނިކުތުމަށް މަސައްކަތް ކުރަމުންނެވެ.
ހުކުރު ދުވަހުގެ ހެނދުނު ޔޫކްރޭންގެ ރައްޔިތުންނަށް ފޮނުއްވި ވީޑިއޯ މެސެޖްގައި ޒެލެންސްކީ ވިދާޅުވީ ކައިރި ނުވަތަ ދުރު މުސްތަގުބަލެއްގައި ނަމަވެސް، ރަޝިއާއިން ޖެހޭނީ މިލިޓަރީ އޮޕަރޭޝަނާއި، ޔޫކްރޭން ހިފުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާ ވާހަކައިގެ މޭޒުދޮށަށް އަންނަން ކަމަށެވެ. ނޫންނަމަ މިކަމުގައި އޮތީ ރަޝިއާއަށް އޮތް ދެރައެއް ކަމަށެވެ.
ޒެލެންސްކީ ވިދާޅުވީ ޔޫކްރޭންގެ ވެރިރަށް ކީވް އަށް ރަޝިއާގެ އަސްކަރިއްޔާ އިން އެރި ނަމަވެސް، މިއީ ޔޫކްރޭންގެ ބިމެއް ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ. އަދި ޔޫކްރޭން ފޮހެ ނުލެވޭނެ ކަމަށެވެ. އަދި ރަޝިއާގެ ކަލިބަރ މިސައިލްތައް ޔޫކްރޭންގެ މިނިވަންކަމާއި ދޮކޮޅަށް މަސައްކަތް ނުކުރާނެ ކަމަށާއި ރަޝިއާއިން ޔޫކްރެން ހިފަން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ރަޝިއާގެ ރައްޔިތުން މުޒާހިރާކުރަމުންދާތީ އެކަމަށް ވެސް ޒެލްންސްކީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބުރާސްފަތި ދުވަހު ހަނގުރާމައާއި ދެކޮޅަށް ރަޝިއާގެ މަގުތަކުުގައި ވަނީ މުޒާހިރާކޮށްފައެވެ. މުޒާހިރާ ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ އިރު، ބާރުގެ ބޭނުންކޮށްގެން މީހުން ހައްޔަރު ކުރާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
ރަޝިއާގައި ހުއްދަ ނުނަގައި މުޒާހިރާ ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެކަނި ހުރެގެން އަޑު އުފުލުމުގެ ހުއްދަ އެގައުމުގައި އޮވެއެވެ. ބުރާސްފަތި ދުވަހުގެ ރެއާއި ހަމައަށް ރަޝިއާގެ ވެރިރަށް މޮސްކޯގައި މުޒާހިރާއާއި ގުޅިގެން 1500 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އެހެނިހެން ސިޓީތަކުން މަދުވެގެން 2500 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.