ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ

  • ކިޔެވްގެ ބޭރު ސަރަހައްދަށް ވަދެގަތުމަށް ރަޝިޔާ އަސްކަރިއްޔާއިން މަސައްކަތްކުރަނީ
  • މޯދީ ޕުޓިންއާ ފޯނުން ގުޅުއްވާ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފި
  • ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުންގެ ފަހުގެ އަޕްޑޭޓް
 
Writer Profile Picture
އާއިޝަތު ޝިއުރާ
ކިޔެވްގެ ބޭރު ސަރަހައްދަށް ވަދެގަތުމަށް ރަޝިޔާ އަސްކަރިއްޔާއިން މަސައްކަތްކުރަނީ

ރަޝިޔާގެ އަސްކަރިއްޔާއިން ކިޔެވްގެ ބޭރުގައި އޮންނަ ސަރަހައްދަށް ވަދެގަތުމަށް މަސައްކަތްކުރަމުންދާ ކަމަށް ޔޫކްރެއިންގެ ސީނިއަރ ޑިފެންސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އަދި ކިޔެވް އަށް އަމާޒުކޮށް ޓޭންކުން ހަމަލާދޭނެކަަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ.

ރަޝިޔާ ޔޫކްރެއިން ހަމަނުޖެހުން - އަލްޖަޒީރާ
25 ފެބްރުއަރީ 2022 | ހުކުރު 11:52
Writer Profile Picture
އާއިޝަތު ޝިއުރާ
މޯދީ ޕުޓިންއާ ފޯނުން ގުޅުއްވާ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއާ ފޯނުން ގުޅުއްވާ ހަނގުރާމަ ހުއްޓާލުމަށް އެދިވަޑައިގެންފިއެވެ.

އިންޑިޔާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރަޝިޔާ އާއި ނޭޓޯއާ ދެމެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ނައްތާލެވޭނީ ތެދުވެރިކަމާއެކު ކުރިޔަށްގެންދާ ވާހަކަތަކުން ކަމަށް މޯދީ ވިދާޅުވިކަމަށެވެ. އަދި ވަގުތުން ހަމަލާބަދަލުކުރުން ހުއްޓާލާ ސުލްހައިގެ ވާހަކަތައް ފެށުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

އިންޑިޔާއިން ރަޝިޔާއިން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައިނުވާއިރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވެސް ކުށްވެރިކޮށްފައިނުވެއެވެ.

ރަޝިޔާ އާއި އިންޑިޔާ އާ ދެމެދު ސޯވިއެޓް ޔޫނިއަންގެ ޒަމާނުއްސުރެ ގާތްގުޅުމެއް އޮވެއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 11:29
Writer Profile Picture
ޙުސައިން މަޚްތޫމް
ޔޫކްރޭންގައި ތިބި ދިވެހި ދަރިވަރުންގެ ފަހުގެ އަޕްޑޭޓް

- ޔޫކްރެއިންގެ ހުޅަނގުގައި އޮންނަ އިވަނޯ ގައި ތިބި 15 ދިވެހިން ހަންގޭރީ އަށް އެއްގަމު މަގުން ގެންގޮސް، ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

- ދަރިވަރުން މިހާރު ދަތުރުކުރަމުން ދަނީ ޔޫކްރެއިން-ހަންގޭރީ ސަރަހައްދީ ރޮނގު ކައިރިއަށް.

- ރެއިން ފެށިގެން ފޮރިން މިނިސްޓްރީއާއި ބަރލިންގައި ހުންނަ ދިވެހި އެމްބަސީއިން ދަނީ ހަންގޭރީ ސަރުކާރާއެކު، ދިވެހިން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް މަސައްކަތްކުރަމުން.

- ހަރްކީވްގައި ތިބި ދިވެހިންނާއި، ނިޕްރޯގައި ހުރި ދަރިވަރުވެސް މިމަގުން ގެނެވޭތޯ ދަނީ މަސައްކަތް ކުރަމުން.

- ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު.

25 ފެބްރުއަރީ 2022 | ހުކުރު 11:26
Writer Profile Picture
އާއިޝަތު ޝިއުރާ
މިހުރީ ކިޔެވްގައި، ކިޔެވް ދޫކޮށް ދިޔުމުގެ ވިސްނުމެއްނެތް:ޔޫކްރެއިންގެ ރައީސް

ޔޫކްރެއިންގެ ވެރިރަށް ކިޔެވް ދޫކޮށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށާއި މިހާރުވެސް ހުންނެވީ ކިޔެވްގައި ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޒެލެންސްކީ ވިދާޅުވީ އެމަނިކުފާނަކީ ރަޝިޔާގެ އެއްވަނަ ޓާގެޓްކަމަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި ވީއެންމެ އަވަހަކަށް ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ފެށުމަށް ރަޝިޔާއަށް ގޮވާލެއްވިއެވެ.

ޒެލެންސްކީ ވިދާޅުވީ ރަޝިޔާއިން އަންނަނީ އަސްކަރީ ތަންތަނުގެ އިތުރުން އާންމުން ދިރިއުޅެމުން އަންނަ ތަންތަނަށްވެސް ހަމަލާތައް ދެމުންނެވެ.

25 ފެބްރުއަރީ 2022 | ހުކުރު 10:47
Writer Profile Picture
އާއިޝަތު ޝިއުރާ
ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް ފްރާންސްގެ ރައީސް މެކްރޮން

ރަޝިޔާ އާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ތައްޔާރަށް ހުންނެވިކަމަށް ފްރާންސްގެ ރައީސް މެނުއަލް މެކްރޮން ވިދާޅުވެއްޖެއެވެ.

މެކްރޮން އަކީ މިމައްސަލައިގައި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާ ވާހަކަދެއްކެވި ހުޅަނގުގެ ފުރަތަމަ ރައީސްވެސްމެއެވެ. އަދި އެންމެ ގިނަ ފަހަރު މިހާތަނަށް ޕުޓިންއާ ވާހަކަދައްކަވާފައިވަނީވެސް މެކްރޮންއެވެ.

މެކްރޮން ވަނީ ނޭޓޯގެ ލީޑަރުންގެ ސަމިޓްގެ ކުރިން ޕުޓިންއާ ފޯނުން ގުޅުއްވާ ވާހަކަދައްކަވާފައެވެ. ނަމަވެސް އެފޯނު ކޯލުން އެދެވޭ ނަތީޖާއެއް ނުނިކުންނަކަމަށް އެއްބަސްވެވަޑައިގެންނެވިއެވެ. ނަމަވެސް އަދިވެސް ސުލްހައިގެ ވާހަކަތަކަށް މަގުއެބައޮތްކަމަށް ޕުޓިން ވިދާޅުވިއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 10:35
Writer Profile Picture
އާއިޝަތު ޝިއުރާ
ހަނގުރާމައިގެ ދެވަނަ ދުވަސް: ކިޔެވް އަށް ވަރުގަދަ ހަމަލާތަކެއް

ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދެމުންދާކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިޔެވް އަށް އެންމެ ފަހުން މިފަދަ ހަމަލާތަކެއް ތަޖުރިބާކުރަން ޖެހުނީ 1941 ވަނަ އަހަރު ޖަރުމަނުގެ ނާޒީން ހަމަލާތައް ދިން އިރުކަމަށެވެ. ޔޫކްރެއިން އިން އެފަހަރު ނާޒީން ބަލިކުރިކަމަށާއި މިފަހަރު ރަޝިޔާވެސް ބަލިކުރާނެ ކަމަށް ވިދާޅުވިއެވެ. ޕުޓިން ހުއްޓުވާ، ރަޝިޔާ އެކަހެރިކޮށް ރަޝިޔާ ބާކީ ކުރުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

25 ފެބްރުއަރީ 2022 | ހުކުރު 10:30
Writer Profile Picture
އާއިޝަތު ޝިއުރާ
ޕުޓިން މަސައްކަތްކުރައްވަނީ ޔޫކްރެއިންގައި އޮތް ސަރުކާރު ވައްޓާލުމަށް: ބްލިންކެން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން މަސައްކަތްކުރައްވަނީ ޔޫކްރެއިންގައި މިހާރު އޮތް ސަރުކާރު ވައްޓާލުމަށްކަމަށް އެމެރިކާގެ ސެކެރެޓްރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކެން ވިދާޅުވެއްޖެއެވެ.

ބްލިންޖެން ވިދާޅުވީ ޔޫކްރެއިންގެ ވެރިރަށް ކިޔެވް އާއި މައި ސިޓީތަކަށް ދެމުންދާ ހަމަލާތަކަކީ ސަރުކާރު ބަދަލުކޮށްލުމުގެ ޕްލޭންގެ ތެރެއިން ދެމުންދާ ހަމަލާތަކެއްކަމަށެވެ.

25 ފެބްރުއަރީ 2022 | ހުކުރު 10:27
Writer Profile Picture
ޙުސައިން މަޚްތޫމް
އަޒޯވް ކަނޑުގައި ކޮމާޝަލް އުޅަނދުތައް ދުއްވުން މަނާކޮށްފި

ރަޝިއާ އިން އެގައުމުގެ އަޒޯވް ކަނޑުގައި ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ކޮމާޝަލް އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ. މިކަން ނިންމާފައިވަނީ ރަޝިއާގެ އަސްކަރިއްޔާއިންނެވެ. ނަމަވެސް ބްލެކް ސީ ހުޅުވާލެވިފައިވާ ކަމަށް އެގައުމުން ބުނެއެވެ.

އަޒޯވް ކަނޑުގައި އުޅަނދު ދުއްވުން ރަޝިއާއިން ވަނީ މަނާކޮށްފައި - ރޮއިޓަރސް
25 ފެބްރުއަރީ 2022 | ހުކުރު 09:23
Writer Profile Picture
ޙުސައިން މަޚްތޫމް
ކީވްއަށް ދިން ބެލެސްޓިކް މިސައިލް ހަމަލާ - ގެއްލުން ދެނެނުގަނެވޭ

ހުކުރު ދުވަހުގެ ފަތިހި ރަޝިއާއިން ޔޫކްރޭންގެ ވެރިރަށް ކީވްއަށް ދިން ބެލެސްޓިކް މިސައިލް ހަމަލާގައި ބޮޑެތި ގެއްލުން ވެފައިވީ ނަމަވެސް ސީދާ ލިބުނު ގެއްލުމެއް ކަށަވަރު ވެފައި ނުވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސީއެންއެންގެ ނޫސްވެރިންނާއި ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ ކީވްގެ ތެރެއިން ބާރުގަދަ 2 ގޮވުމެއް ގޮވާފައިވާ ކަމަށާއި، ރަށުގެ ދުރު ހިސާބަކުން އިތުރު ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށެވެ.

25 ފެބްރުއަރީ 2022 | ހުކުރު 09:08
Writer Profile Picture
ޙުސައިން މަޚްތޫމް
ޔޫކްރޭންގެ ވެރިރަށަށް ބެލެސްޓިކް މިސައިލް ހަމަލާއެއް ދީފި

ޔޫކްރޭންގެ ވެރިރަށް ކީވް އަށް ބެލެސްޓިކް މިސައިލް ހަމަލާ ދީފައިވާކަން އެގައުމުގެ އޮފިޝަލަކު ވަނީ ބީބީސީއަށް ކަށަަވަރުކޮށްދެއްވާފައެވެ. ރަޝިއާ އިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އެގައުމުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މަރުވެފައެވެ.

ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ރޮއިޓަރސް
25 ފެބްރުއަރީ 2022 | ހުކުރު 09:05
Writer Profile Picture
ޙުސައިން މަޚްތޫމް
ރަޝިއާގެ ގައުމީ އެއަރލައިނަށް ދޫކޮށްފައިވާ ހުއްދަ ޔޫކޭއިން ބާތިލްކޮށްފި

ރަޝިއާގެ ގައުމީ އެއަރލައިން އެއޮރޯފްލޮޓަށް ދީފައިވާ ހުއްދަ އިނގިރޭސީވިލަތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހިފަހައްޓައިފިއެވެ. މިކަން ޔޫކޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން - ރޮއިޓަރސް
25 ފެބްރުއަރީ 2022 | ހުކުރު 09:01
Writer Profile Picture
މުހައްމަދު ޔާސިރު މޫސާ
ހަނގުރާމަ ކުރާ ސަރަހައްދުން ފްލައިޓުތައް ދަތުރުކުރުން މަނާކޮށްފި

ޔޫކްރޭން، ބެލަރުސް އަދި ރަޝިޔާގެ ދެކުނުގައި ހިމެނޭ ސަރަހައްދުތަކުގެ މަތިން އެމެރިކާގެ އެއަރލައިންތައް ވައިގެ ދަތުރުކުރުން ހުއްޓާލުމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން އަންގައިފިއެވެ.

ރަޝިޔާ - ޔޫކްރޭން ގުޅޭ ބޯޑަރު ސަރަހައްދު - އިންޑިޔާ ޓުޑޭ
25 ފެބްރުއަރީ 2022 | ހުކުރު 02:04
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާއިން ދިން ހަމަލާތަކުގައި ޔޫކްރެއިންގެ 57 މީހުން މަރުވެ 169 މީހުން ޒަޚަމްވެއްޖެ

ޔޫކްރެއިންއަށް ރަޝިޔާ އިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 57 މީހުން މަރުވެ 169 މީހުން ޒަޚަމްވެފައިވާކަމަށް ޔޫކްރެއިންގެ ހެލްތު ކެއަރ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އޭގެތެރޭގައި ހަނގުރާމަ މަތީ މީހުންނާއި އެނޫން މީހުންވެސް ހިމެނޭކަމަށެވެ.

ޔޫކްރެއިންގެ ހާލަތު - އޭޕީ
25 ފެބްރުއަރީ 2022 | ހުކުރު 01:01
Writer Profile Picture
ޙުސައިން މަޚްތޫމް
އިންސާނީ ހައްގުތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ޔޫކްރޭނުން އެދިއްޖެ

ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން އިންސާނީ ހައްގުތަކުގެ ކުއްލި ބައްދަލުވުމެއް ބާއްވައިދިނުމަށް ޔޫކްރޭނުން އެދިފައިވާ ކަމަށް އދ އިން ބުނެފިއެވެ.

ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ރޮއިޓަރސް
25 ފެބްރުއަރީ 2022 | ހުކުރު 01:01
Writer Profile Picture
އާއިޝަތު ޝިއުރާ
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ބެލަރޫސް އާ ދެކޮޅަށްވެސް

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ބެލަރޫސްގެ 24 މީހަކާ ދެކޮޅަށް އަޅާފައިވާނެކަމަށް އެމެރިކާއިން ބުނެފިއެވެ. އަދި ސަރުކާރުގެ ދެ ބޭންކަކާއި ދެކޮޅަށްވެސް ފިޔަވަޅު އަޅާފައިވާނެކަމަށް އެމެރިކާއިން ބުނެއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 00:57
Writer Profile Picture
އާއިޝަތު ޝިއުރާ
މިއީ ޕުޓިން ފެއްޓެވި ހަނގުރާމައެއް: ބައިޑަން

ޔޫކްރެއިން އާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަކީ ޕުޓިން އަމިއްލަފުޅަށް ފެއްޓެވި ހަނގުރާމައެއް ކަމަށާއި އެހެންކަމުން އޭގެ ހުރިހާ ޒިންމާއެއް ނަންގަވަންޖެހޭނީ ޕުޓިންކަމަށް އެމެރިކާގެ ރައީސް ބައިޑަން ވިދާޅުވެއްޖެއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 00:51
Writer Profile Picture
އާއިޝަތު ޝިއުރާ
އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް ބައިޑަން އިއުލާންކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ މަޝްރަހާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ރަޝިޔާއާ ދެކޮޅަށް އަޅުއްވާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކުރައްވައިފިއެވެ.

ބައިޑަން ވިދާޅުވީ މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިޞާދަށް މިހާރުން މިހާރަށް ގެއްލުންތަކެއް ލިބުމުގެ އިތުރުން ދިގު މުއްދަތަކަށްވެސް ގެއްލުން ލިބިގެންދާނެކަމަށެވެ. އަދި ދިގު މުއްދަތަކަށް ރަޝިޔާގެ އިގްތިޞާދަށް އަސަރުކުރާނެ ފަދަ ގޮތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް ބައްޓަންކޮށްފައިވާ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ބައްޓަންކޮށްފައިވާނީ އޭގެ ގެއްލުން ވީހާވެސް ބޮޑަށް އެމެރިކާ އަށް ކުޑަވާނެގޮތަކަށް ކަމަށް ބައިޑަން ވިދާޅުވިއެވެ.

އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެމެރިކާ އެކަނި ނޫންކަމަށާއި އެމެރިކާ އާއެކު އީޔޫގެ 27 ގައުމާއި ޖީ7 ގެ ގައުމުތަކުންވެސް ބައިވެރިވާކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން ރަޝިޔާ އާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ:

- ޑޮލަރުންނާއ، ޔޫރޯއިންނާއި، ޕައުންޑުން އަދި ޔެން ބޭނުންކޮށްގެން ރަޝިޔާއަށް ވިޔަފާރި ކުރެވޭނެ މަގުތައް ހަނިކުރުން

- ރަޝިޔާގެ އަސްކަރިއްޔާއަށް ފައިނޭންސްކޮށް އަސްކަރިއްޔާ ތަރައްގީކުރެވޭނެ ގޮތްތައް ހުއްޓުވާލުން

- ރަޝިޔާގެ ބޭންކުތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އެއް ޓްރިލިއަން އެސެޓް ހިފެހެއްޓުން

- ހައިޓެކް އިކޮނޮމީގައި ރަޝިޔާއަށް ވާދަކުރެވޭ ގޮތްތައް ބަންދުކޮށް އެމަގުތަކުގެ ބާރު ދުއްވާލުން

ބައިޑަން ވިދާޅުވީ މައި ހަތަރު ބޭންކެއް އެއްކޮށް ބްލޮކްކުރާނެ ކަމަށެވެ. މާނައަކީ އެމެރިކާގައި ހުރި އެބޭންކުތަކުގެ ހުރިހާ އެސެޓެއް ފްރީޒްވާނެއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 00:43
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާދިނުމުން ޕުޓިން އާ ވާހަކަދެއްކުމުގެ ވިސްނުމެއް ނެތް: ބައިޑަން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިން އަށް ހަމަލާދެމުންދާތީ ޕުޓިންއާ ވާހަކަދެއްކެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން ވިދާޅުވީ ޕުޓިންގެ މިއަމަލުތަކުގެ އަގު ވަރަށް ބޮޑުތަނުން ދައްކަންޖެހޭނެކަމަށެވެ. އަދި ރަޝިޔާ ފަދަ ބޮޑު ބާރަކުން އެފަދަ ކަމެއް ކުރުމަކީ އެއް ގޮތަކުންވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި މިކަމުގެ ސަބަބުން ރަޝިޔާގެ ބާރުދަށްވާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ.

25 ފެބްރުއަރީ 2022 | ހުކުރު 00:23
Writer Profile Picture
އާއިޝަތު ޝިއުރާ
ޕުޓިން ބޭނުންފުޅުވަނީ އަލުން ސޯވިއެޓް ޔޫނިއަން ގެންނަން: ބައިޑަން

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ހުންނެވީ މުޅި ދުނިޔެއާ ގުޅުން ކެނޑިފައިކަމަށާއި ޕުޓިން ބޭނުންވަނީ ސޯވިއެޓް ޔޫނިއަން އަލުން ގެނައުމަށްކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ޕުޓިންގެ މަގްސަދަކީ ޔޫކްރެއިންނޫންކަމަށާއި އެއަށްވުރެ ބޮޑު ކަމެއްކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން - ސީ.އެން.އެން
25 ފެބްރުއަރީ 2022 | ހުކުރު 00:19
Writer Profile Picture
ޙުސައިން މަޚްތޫމް
ޗޭނަބަލް ނިއުކްލިއަރ ޕަވަރޕްލާންޓް ހިފައިފި
ރަޝިއާ އާއި ޔޫކްރޭން ކުރަމުންދާ ހަނގުރާމަ - ޗޭނަބަލް ޕަވަރޕްލާންޓް ހިފައިފި - ރޮއިޓަރސް

ޔޫކްރޭންގެ ޗޭނަބަލް ނިއުކްލިއަރ ޕަވަރ ޕޮއިންޓް ރަޝިއާއިން ހިފާފައިވާ ކަމަށް ޔޫކްރޭންގެ ސަރުކާރުން ބުނެފިއެވެ. ނަމަވެސް ހަމަލާ ބަދަލުކުރުމާއި ގުޅިގެން އެ ޕަރަވޕްލާންޓުގެ ހާލަތެއް ނޭނގޭ ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުނެއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 23:53
Writer Profile Picture
ޙުސައިން މަޚްތޫމް
ޔޫކްރޭންގައި ތާށިވި 21 ދަރިވަރުންނަށް މާލީ އެހީތެރިކަން ދީފި

ޔޫކްރޭންގައި ތާށިވެފައި ތިބި 21 ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ބޭރު ފައިސާއިން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ކުރެވޭ މުއާލަމާތް އިތުރުކޮށްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބޭރު ފައިސާގެ ލިމިޓް އިތުރުކޮށްފައިވަނީ މާޗް މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 23:12
Writer Profile Picture
ޙުސައިން މަޚްތޫމް
ޔޫކްރެއިންގައި ހިންގަމުންދާ ކަންކަން ހުއްޓާލުމަށް މޯދީ ގޮވާލައްވައިފި

ރަޝިއާއިން ޔޫކްރޭންގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފިއެވެ.

މޯދީ މިކަމަށް ގޮވާލެއްވި ކަން ހާމަކުރައްވާފައިވަނީ އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ މޯދީ ފޯނުން ޕުޓިންއަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މޯދީ ވަނީ ވަގުތުން ވަގުތަށް ހަމަނެޖުހުން ހުއްޓާލުމަށް ގޮވާލައްވާފައެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ޑިޕްލޮމެޓިކް ގޮތެއްގައި ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް ވެސް ވަނީ އެދިވަޑައިގަންނަވާފައެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 23:06
Writer Profile Picture
ޙުސައިން މަޚްތޫމް
ޔޫކްރެއިން ނުހިފާ ރަޝިއާއަށް ސަލާމަތެއް ނެތް - ޕުޓިން

ރަޝިއާގެ ސަލާމަތަށްޓަކައި ޔޫކްރޭން ހިފުން ނޫން ގޮތެއް ނެތް ކަމަށް ރަޝިއާގެ ރައީސް ވުލަޑީމިއަރ ޕުޓިން ވިދާޅުވެއްޖެ

24 ފެބްރުއަރީ 2022 | ބުރާސްފަތި 23:01
Writer Profile Picture
އާއިޝަތު ޝިއުރާ
ހަނގުރާމަ ކުރުމާ ދެކޮޅަށް ރަޝިޔާގައި މުޒާހަރާކުރަމުންދިޔަ 100ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދިނުމާއި ދެކޮޅަށް ރަޝިޔާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރަމުންދިޔަ 167 މީހުން ހައްޔަރުކޮށްފައިވާކަމަށް ރަޝިޔާގެ ފުލުހުން ބުނެފިއެެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯ ހިމެނޭހެން 24 ހިސާބެއްގައި އަންނަނީ މުޒާހަރާތައް ކުރަމުންނެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 22:21
Writer Profile Picture
އާއިޝަތު ޝިއުރާ
އިނގިރޭސިވިލާތުން ރަޝިޔާއާ ދެކޮޅަށް އިގްތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ރަޝިޔާ އާ ދެކޮޅަށް އަޅުއްވާނެ އިގްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ހާމަކުރައްވައިފިއެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ބޭންކުތަކުގައި ރަޝިޔާގެ ބޭންކުތަކަށް ޑިޕޮސިޓްކުރެވޭ މިންވަރު ލިމިޓްކޮށް 100 މީހުންގެ އެސެޓްތައް ފްރީޒްކުރައްވާނެކަމަށް ވިދާޅުވިއެވެ.

އަދި އެކްސްޕޯޓް ކުރުމުގައި ކޮންޓްރޯލްތަކެއް ގެންގުޅޭނެކަމަށް ވިދާޅުވިއެވެ.

އަދި އަންނަ ހަފްތާގައި އިނގިރޭސިވިލާތުގެ މާކެޓްތަކުގައި ރަޝީޔާގެ ކުންފުނިތަކަށް ފައިނޭންސް ނުކުރެވޭގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެކަމަށްވެސް ބޮރިސް ވިދާޅުވިއެވެ.

24 ފެބްރުއަރީ 2022 | ބުރާސްފަތި 22:19