ޔޫކްރެއިންގައި މިވަގުތު ރަޝިޔާއިން ދިފާއުވުމުގެ އަސްކަރީ ގާބިލްކަމެއް ނެތްކަމަށް އިނގިރޭސިވިލާތުގައި ހުންނަވާ ޔޫކްރެއިންގެ ސަފީރު ވިދާޅުވެއްޖެއެވެ.
މީހުން އެބަތިބިކަމަށާއި ނަމަވެސް ހަނގުރާމައިގައި ބޭނުންކުރާނެ ހަތިޔާރު ނެތްކަމަށް ވިދާޅުވިއެވެ. އަދި އެއްގަމު މަގުން ރަޝިޔާ އާ ދެކޮޅަށް ހަނގުރާމަކުރުމުގެ ގާބިލްކަން ޔޫކްރެއިންގެ އެބައޮތްކަމަށް ވިދާޅުވިއެވެ.
ޔޫކްރެއިންގެ ވައިގެ ސަރަހައްދާއި ރަޝިޔާގެ ބޯޑަރު ސަރަހައްދު ފެންނަނީ އެއްކޮށް ހުސްކޮށެވެ. ފްލައިޓް ޓްރެކިންގ ވެބްސައިޓްތަކުން މިސަރަހައްދު އެއްކޮށް ހުސްކޮށް ފެންނަމުންދަނީ ޔޫކްރެއިން އަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކާއި ގުޅިގެންކަމަށް ބެލެވެއެވެ.
ޔޫކްރެއިންގެ ވައިގެ ސަރަހައްދު ވަނީ އާންމު ފްލައިޓްތަކަށް ބަންދުކޮށްފައެވެ.
ޔޫކްރެއިންގެ ހުޅަނގު ބޯޑަރު ސަރަހައްދު ފެންނަނީ އަމާންކޮށް ކަމަށް ޔޫކްރެއިންގެ އިންޓަރނަލް އެފެއަރޒް މިނިސްޓްރީން ބުނެފިއެވެ. ނަމަވެސް އެސަރަހައްދުގައި ޓްރެފިކް ބާރު ބޮޑުކަމަށް ވަނީ ބުނެފައެވެ.
ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ކާފިއު އިއުލާނުކުރާނެކަމަށް އެސިޓީގެ މޭޔަރ ވިދާޅުވެއްޖެއެވެ.
އެގޮތުން ރޭގަނޑު 10ން ހެނދުނު 7ށް ކާފިއު އިއުލާންކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިގަޑިތަކުގައި ޕަބްލިކް ޓްރާންސްޕޯޓެއް ނޯންނާނެއެވެ. ނަމަވެސް މެޓްރޯ ސްޓޭޝަންތަކުން ބޯހިޔާވަހިކަން ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ލިބޭނެކަމަށް މޭޔަރ ވިދާޅުވިއެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އެގައުމުގެ ރައްޔިތުންނާ މުޚާތަބުތުކުރައްވާ މިރޭ ވާހަކަދައްކަވާނެއެވެ.
އަދި މިވާހަކަފުޅުގައި އެމެރިކާއިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާނެކަމަށް ބެލެވެއެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދެމުންދާތީ އެކަމާއި ދެކޮޅަށް ރަޝިޔާގެ އެކިކަންކޮޅުތަކުގައި މުޒާހަރާކުރުމަށް ގޮވާލި ގޮވާލުންތަކަށް އިޖާބަދީ މުޒާހަރާކުރާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ރަޝިޔާގެ އިންވެސްޓިގޭޓިވް ކޮމިޓީން ދީފިއެވެ.
އެކަމާއި ގުޅިގެން އިންވެސްޓިގޭޓިވް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނެކަމަށެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާ އާ ގުޅުންހުރި 74 ތަނެއް މިހާތަނަށް އައިއިރު ހަލާކުކޮށްލާފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
މީގެތެރޭގައި ވައިގެ ހަމަލާތައް ދިނުމަށް ބޭނުންކުރާ 11 ތަނެއްވެސް ހިމެނޭކަމަށް ރަޝިޔާ އަސްކަރިއްޔާއިން ބުނެއެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކަކީ މުޅި ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކެއް ކަމަށް ޔޫކްރެއިންގެ ފުލުހުން ބުނެފިއެވެ.
މިހާތަނަށް 203 ހަމަލާއެއް މިއަދު ރިކޯޑް ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގައި ބެލަރޫސް އިން ބައިވެރިނުވުމަށް އީޔޫން އެދެފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ އީޔޫގެ ޗީފް މައިކަލް ވިދާޅުވީ ރަޝިޔާއިން ހިންގަމުންދާ ކަންކަމުގައި ބައިވެރިނުވުމުގެ ބާރު ބެލަރޫސްއަށް ލިބިގެންވާކަމަށެވެ.
ބެލަރޫސް އިން އަންނަނީ މިމައްސަލައިގައި ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
- ޔޫކްރެއިންގައި ބާކީ ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެސަރަހައްދުގެ އެހެން ޤައުމުތަކުގެ ސަރުކާރާއެކު ފޮރިން މިނިސްޓްރީ އިން ދަނީ މަޝްވަރާކުރަމުން.
- ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް ރަހުމަތްތެރި އެހެން ބައެއް ޤައުމުތަކާއެކުވެސް ދަނީ މަޝްވަރާކުރެވެމުން
- ހުރިހާ ދަރިވަރުންގެ ހާލުވެސް ރަނގަޅު.
- ޔޫކްރެއިންގައި ތިބި ދަރިވަރުންގެ އިތުރުން އެސަރަހައްދުގެ އެހެން ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލަތުވެސް ފޮރިން މިނިސްޓްރީއިން ދަނީ ބަލަމުން.
ރަޝިޔާއިން މިހާރު ދެމުންގެންދާ ހަމަލާތަކަކީ ޔޫރަޕްގައި ހަނގުރާމަ ކުރުންކަމަށާއި މިކަމާމެދު ހުޅަނގުން މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅަންޖެހޭކަމަށް ޔޫކްރެއިން ރައީސްގެ އެޑްވައިޒަރ ވިދާޅުވެއްޖެއެވެ.
ރަޝިޔާގެ ފައުޖުތަކުން އުތުރާއި ދެކުނާއި އިރުމަތިން ހަމަލާތައް ދެމުންދާކަމަށް ވިދާޅުވިއެވެ. އަދި ޔޫކްރެއިންގެ އެންމެ ބޮޑު މަގްސަދަކީ ޔޫކްރެއިން ދިފާއުކޮށް ރައްޔިތުން ދިފާއުކުރުންކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރުމަށް ޔޫކްރެއިންއަށް އިތުރު އެހީ ބޭނުންވާކަމަށް ވިދާޅުވިއެވެ. އެއީ އަަސްކަރީ ގޮތުންނާއި، ފައިސާގެ ގޮތުންކަމަށް ވިދާޅުވިއެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.
ރަޝިޔާގެ އަސްކަރީ ފައުޖުތަކުން މަސައްކަތްކުރަމުން އަންނަނީ ޔޫކްރެއިންގެ ވެރިރަށް ކިޔެވް ގެ ތެރެއަށް ވަދެގަތުމަށްކަމަށް ޔޫކްރެއިންގެ ބޯޑަރ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ރަޝިޔާއިން އަންނަނީ ގްރެޑް ރޮކެޓް ސިސްޓަމް ބޭނުންކޮށްގެން ހަމަލާތައް ދެމުންނެވެ. އަދި ކިޔެވްގެ ކައިރީގައި އޮންނަ އަސްކަރީ އެއަރޕޯޓަކަށްވެސް ރަޝިޔާގެ ހެލިކޮޕްޓަރުތަކުން ހަަމަލާދީފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.
ޔޫކްރެއިންގެ މަޝްރަހު ބަދަލުވަމުންދަނީ ވަރަށް އަވަހަށް ކަމަށާއި އަވަށްޓެރި ގައުމުތަކުން ޔޫކްރެއިންގެ ރެފިޔުޖީންނަށް އެހީތެރިވުމަށް އދ ގެ ރެފިޔުޖީންނާ ބެހޭ ކޮމިޝަނަރ އެދިވަޑައިގަންނަވައިފިއެވެ.
އދގެ ރެފިޔުޖީންނާ ބެހޭ އެޖެންސީން މިހާރުވެސް ޔޫކްރެއިންއާ ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
ނޭޓޯގެ ސިފައިންގެ އެއްވެސް މީހަކު ޔޫކްރެއިންގައި ހަރަކާތްތެރިވަމުން ނުދާކަމަށާއި އަދި ކުރިޔަށް އޮތްތަނުގައިވެސް ފޮނުވުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށް ނޭޓޯއިން ބުނެފިއެވެ.
ނަމަވެސް އިރުމަތީ ސަރަހައްދުގައި ނޭޓޯގެ ސަރަހައްދުގެ ތެރޭގައި ނޭޓޯގެ އަސްކަރީ ފައުޖުތައް އިތުރުކުރާނެކަމަށް ނޭޓޯއިން ބުނެއެވެ.
ޔޫކްރެއިންގެ ވެރިރަށް ކިޔެވް އޮންނަ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ރަޝިޔާ އަސްކަރިއްޔާގެ ތިން ހެލިކޮޕްޓަރު ވައްޓާލާފައިވާކަމަށް ޔޫކްރެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނެފިއެވެ.
މީގެކުރިން ރަޝިޔާގެ 6 ބޯޓެއް ވައްޓާލާފައިވާކަމަށްވެސް ޔޫކްރެއިން އިން ބުނެފައެވެ. ނަމަވެސް ރަޝިޔާގެ އަސްކަރިއްޔާއިން ވަނީ އެރިޕޯޓް ދޮގުކޮށްފައެވެ.
ޔޫކްރެއިންގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން ލިތުއޭނިޔާގެ ރައީސް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައިފިއެވެ.
ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުން ވަނީ ބޯޑަރު ސަރަހައްދު ދިފާއުކުރުމުގެ ގޮތުން އަސްކަރިއްޔާ ފައުޖުތައް ފޮނުވުމަށް ނިންމާފައެވެ. އަދި ޔޫކްރެއިންއަށް ވެދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެކަމަށް އެގައުމުން ވަނީ ބުނެފައެވެ.
ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރެއްވުމަށް ދެކޮޅު ހަދާ ހުރިހާ ފަރާތްތަކުންވެސް ސުލްހައަށް އިސްކަން ދިނުމަށް ޗައިނާއިން ގޮވާލައިފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ވަނީ އެމެރިކާއިން މަސްރަހު ހޫނުކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ޗައިނާއިން ރަޝިޔާއަތުން ގޮދަން އިމްޕޯޓްކުރާނެ ކަމަށް ވިދާޅުވިއެވެ.
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ އެންމެ ބޮޑު ވާދަވެރިޔާ އަދި އިދިކޮޅު ލީޑަރ އެލެކްސީ ނަވަލްނީ ރަޝިޔާއިން މިހާރު ޔޫކްރެއިންގައި ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ވާހަކަދައްކަވައިފިއެވެ.
ނަވަލްނީ ތުހުމަތުކުރެއްވީ މިއީ ރަޝިޔާ ސަރުކާރުން ކުރަމުންދާ ކަންކަން ފޮރުވާ ރަޝިޔާ ރައްޔިތުންގެ ވިސްނުން އެހެން ދިމާލަށް އަނބުރާލުމަށް ކުރަމުންގެންދާ ކަމެއްގެ ގޮތުގައެވެ. ނަވްލީން ވިދާޅުވީ މިހަނގުރާމައާ ދެކޮޅު ކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި އިރުމަތީ ސަރަހައްދަށް ނޫންކަމަށާއި މުޅި ޔޫކްރެއިން އަށް ކަމަށް ޔޫކްރެއިންގެ ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ހަމަލާތައް ދެމުން އަންނަނީ އެކި ދިމަދިމާލުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޔޫކްރެއިންގައި މިހާރު ރަޝިޔާއިން ހިންގަމުންދާ ކަންކަމަކީ އަސްކަރީ ޚާއްސަ އޮޕަރޭޝަނެއްކަމަށް ވިދާޅުވެ މިކަމުގެ އިތުރު ތަފްސީލުދެއްވުމަށް ކްރެމްލިންގެ ސްޕޯކްސްމަން ދެކޮޅު ހައްދަވައިފިއެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ މި އޮޕަރޭޝަންގައި ކުރިޔަށްދާ އަސްކަރީ، ޓެކްނޮލޮޖީ އަދި އެހެން ކަންކަމާއި ގުޅޭ ތަފްސީލެއް ނުދެވޭނެކަމަށެވެ.
ޔޫކްރެއިންގެ ވެރިރަށް ކިޔެވްގައި ހުންނަ ޑިފެންސް އިންޓެލިޖެންސް ހެޑްކުއަރޓާސް މަތިން ދުންތަކެއް އަރާ މަންޒަރު ފެނިފައިވާކަމަށް މަންޒަރު ދުށް މީހަކާއި ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފިއެވެ.
ޔޫކްރެއިން ބުނެފައިވަނީ އެގައުމުގެ އަސްކަރީ ބައެއް ތަންތަނަށް ރަޝިޔާއިން މިސައިލް ހަމަލާތައް އަމާޒުކޮށްފައިވާކަމަށެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދިނުމަށް ނިންމި މައިގަނޑު ސަބަބަކީ ނޭޓޯގެ ގައުމުތަކުން ރަޝިޔާ ރުޅިއެރުވުންކަމަށް އިރާނުގެ ފޮރިން މިނިސްޓަރ ހުސައިން އާމިރުއަބްދުﷲހިއަން ވިދާޅުވެއްޖެއެވެ.
ނަމަވެސް މައްސަލައަށް ހައްލެއް އަންނާނީ ހަނގުރާމަކޮށްގެން ނޫންކަމަށާއި ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލެއް ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ކިޔެވްގައި ތިބި އިރާނުގެ ރައްޔިތުން ނެރޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށްވެސް ވިދާޅުވިއެވެ.
ޔޫކްރެއިން ރައީސް ވޮލޮޑިމިރް ޒެލެންސްކީ ގަތަރުގެ އަމީރު ޝެއިޚް ތަމީމު ބިން ހަމަދު އަލް ޘާނީ އާ ފޯނުން ގުޅުއްވާ މަޝްރަހާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދެއްވައިފިއެވެ.
ޝެއިޚް ތަމީމު ވަނީ ހުރިހާ ފަރާތްތަކުންވެސް މައްސަލަ ޑިޕްލޮމެޓިކް ގޮތަކަށް ހައްލުކުރުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ރައްޔިތުން ސަލާމަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.
ޔޫކްރެއިންއަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި ތަންތަނަށާއި މީހުންނަށް އެކިވަރުގެ އަނިޔާތައް އަންނަނީ ލިބެމުންނެވެ. އަދި މިހަމަލާތަކުގައި ބައެއް މީހުން މަރުވެފައިވާކަމަށް ޔޫކްރެއިންގެ ސަރުކާރުން ބުނެފައިވެއެވެ.