އޭއައި އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކޮށްފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:43އޯޕަންއޭއައިގެ އޭޖެންޓެއް އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސްއަށް ވަދެގަތް ހާދިސާއާ ގުޅިގެން، އޭއައިގެ ނުރައްކާތައް ދެނެގަތުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކެއް ކަނޑައެޅުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފި. މި ހާދިސާ ތަހުގީގުކުރުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާއިރު، މިއީ އޭއައި އޭޖެންޓްތައް ކޮންޓްރޯލުން ނެއްޓި އަމިއްލައަށް ނުރައްކާތެރި އަމަލުތައް ހިންގަން ފަށާފައިވާކަމުގެ ހެއްކެއް

އޮސްޓްރޭލިއާގެ ކެންބަރާގައި ހުންނަ ޕާލަމެންޓް ހައުސްގައި 2026 ސެޕްޓެމްބަރު 08 ވާ އަންގާރަ ދުވަހު، އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. | ގެޓީ އިމޭޖަސް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ސަރުކާރެއްގެ ނެޓްވޯކެއް ހެކްކުރި ފުރަތަމަ ހާދިސާގައި، އޯޕަންއޭއައިގެ އޭޖެންޓަކު އޮސްޓްރޭލިއާގެ ގައުމީ ސިއްހީ ޑޭޓާބޭސްއަށް ވަދެގަނެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ، އެ ގައުމުގެ "މެޑިކެއާ" ތަފާސްހިސާބުތަކުގެ ޑޭޓާބޭސްގައި ހިމެނޭ އާންމު ފައިލްތަކާއި ސިއްރު ފައިލްތަކަށްވެސް އޭއައި އޭޖެންޓް ވަދެފައިވާ ކަމަށެވެ. އަދި އެ ސިސްޓަމްގެ ތެރެއަށް އޭއައި އޭޖެންޓް އަމިއްލައަށް ފައިލްތަކެއް ލިޔެފައިވާކަންވެސް ބޮޑުވަޒީރު ހާމަކުރެއްވި އެވެ.
މި ހާދިސާއަކީ އޭއައި އޭޖެންޓްތައް އިންސާނުން ކަނޑައަޅާފައިވާ އިމުން ބޭރުވެ، ނުރައްކާތެރި ގޮތްގޮތަށް އަމަލުކުރަން ފަށާފައިވާކަމުގެ އެންމެ ފަހުގެ މިސާލެވެ. މިއީ އޭއައި އުފައްދާ ކުންފުނިތަކުގެ އިސްވެރިން، އޭގެ ތެރޭގައި އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ހިމެނޭހެން، އޭއައި ތަރައްގީކުރާ ދުވެލި މަޑުޖައްސާލުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި ފެންމަތިވި ކަމެކެވެ.
ބޮޑުވަޒީރު އަލްބަނީޒް ވިދާޅުވީ ބުދަ ދުވަހު ސޭމް އޮލްޓްމަންއާ ފޯނުން ގުޅުއްވައި، މިކަމާ ގުޅިގެން އޮސްޓްރޭލިއާގެ އިންތިހާ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި މީގެ ކުރިން އޭއައި ބޭނުންކޮށްގެން ސަރުކާރުގެ ނިޒާމަކަށް މިފަދަ ހަމަލާއެއް ދީފައިވާކަމުގެ ރެކޯޑެއް ކެންބެރާއަށް އެނގިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އޭއައި ދިރާސާކުރާ ލެބެއް ކަމަށްވާ "ޓްރާންސްލޫސް" އިން ބުދަ ދުވަހު ބުނީ، މިއަހަރުގެ މާރިޗު މަހުން ފެށިގެން އޭއައި އޭޖެންޓްތައް ކޮންޓްރޯލުން ނެއްޓިގެން އުޅޭ އެތައް ހާދިސާއެއް ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޔުނިވަރސިޓީ އޮފް ނިއު މެކްސިކޯގެ ލައިބްރަރީއާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް ވެލްފެއާގެ ވެބްސައިޓަށް ހަމަލާދޭން އުޅުނު ނަމަވެސް، އެ ހަމަލާތައް ކާމިޔާބުވެފައި ނުވާކަމަށް އެ ލެބުން ބުނެ އެވެ.
ސިއްހީ ޑޭޓާބޭސް ހެކްކުރުން
އޮސްޓްރޭލިއާގެ ސިއްހީ ޑޭޓާބޭސް ހެކްކުރީ، ސިއްހީ ހޭދައާ ގުޅޭ ދިރާސާއެއް ކުރުމަށް އޯޕަންއޭއައި އިން ދޫކޮށްލާފައިވާ އޭޖެންޓެއް، އެ އޭޖެންޓަށް ވަނުން މަނާ ދާއިރާތަކަށް ވަނުމަށްޓަކައި ހުރި ހުރަސްތައް ގިރާކުރުމުގެ ތެރޭގައި ކަމަށް އެލްބަނީޒް ވިދާޅުވި އެވެ.
"އޮސްޓްރޭލިއަން ސިގްނަލްސް ޑައިރެކްޓަރޭޓްގެ އެހީތެރިކަމާއެކު މިހާރު ދަނީ ފޮރެންސިކް ތަހުގީގެއް ހިންގަމުން. މީގެ ބޭނުމަކީ އިތުރު މައުލޫމާތު ހޯދުމާއި، ސަރުކާރުގެ އެހެން އެއްވެސް ނިޒާމަކަށް މީގެ އަސަރުކޮށްފައިވޭތޯ ބެލުން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
އޯޕަންއޭއައިގެ ތަރުޖަމާނު ޑްރޫ ޕުސަޓޭރީ ބުނީ މި ހާދިސާ ހިނގާފައިވަނީ ޖޫން މަހު ކަމަށެވެ. ނަމަވެސް ކުންފުންޏަށް މިކަން އެނގުނީ އޮގަސްޓް މަހު އޭއައި މޮޑެލްތަކުގެ ހަރަކާތްތައް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް އޭނާ ބުންޏެވެ.
ޕުސަޓޭރީ އިތުރަށް ބުނީ، އެތެރޭގެ އިވެލުއޭޝަނެއްގެ ތެރެއިން އޮސްޓްރޭލިއާއާ ގުޅޭ ސުވާލުތަކަކަށް ޖަވާބު ހޯދުމަށް މަސައްކަތް ކުރަނިކޮށް، އޮސްޓްރޭލިއާ ސަރުކާރުގެ ބައެއް ވެބްސައިޓްތަކާއި ޚިދުމަތްތަކާ ގުޅޭ ހަރަކާތްތަކެއް ފާހަގަކުރެވުނު ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރޭގައި، ކުންފުނިން ގަސްދުނުކުރާ ފަދަ އަމަލުތަކެއް އޭއައި މޮޑެލްތަކުން ހިންގާފައިވާ ކަމަށް އޭނާ އިއުތިރާފުވި އެވެ.
ބޮޑުވަޒީރު އަލްބަނީޒް ވިދާޅުވި ގޮތުގައި ސަރުކާރުގެ އިތުރު ތިން އިދާރާއަކަށް މީގެ އަސަރުކޮށްފައިވުން އެކަށީގެންވެ އެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް ވެލްފެއާ އާއި، ނިއު ސައުތު ވޭލްސް ބިއުރޯ އޮފް ކްރައިމް ސްޓެޓިސްޓިކްސް އެންޑް ރިސާޗްގެ އިތުރުން ވިކްޓޯރިއަން ޑިޕާޓްމަންޓް އޮފް ހެލްތު ހިމެނެ އެވެ.
އޯޕަންއޭއައި އިން ބުނީ މެޑިކެއާ ޑޭޓާބޭސްއަށް ވަދެގަތް ނަމަވެސް، ބަލިމީހުންގެ އަމިއްލަ މައުލޫމާތު ހިމެނޭ ރެކޯޑްތަކަށް އެކްސެސްވިކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ. އަދި އެ އޭޖެންޓަށް ފެނިފައިވަނީ ސިއްހީ ތަފާސްހިސާބުތަކާއި އެތެރޭގެ ފައިލްތަކަށް ދީފައިވާ ނަންތައް އެކަނި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިކަން އޮސްޓްރޭލިއާ ސަރުކާރަށް އެންގީ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައުލޫމާތު ފޮނުވީ އާންމު އީމެއިލް އެޑްރެހަކަށް ކަމަށްވުމުން، ކަމާބެހޭ ވަޒީރަށް އެކަން އެނގުމުގައި ފަސް ދުވަހުގެ ލަސްވުމެއް އައި ކަމަށް އެލްބަނީޒް ވިދާޅުވި އެވެ.
އަލްބަނީޒް ވިދާޅުވީ، ހިނގާދިޔަ ކަންތައް ސަރުކާރަށް އެންގުމަށް ކުންފުނިން ނެގި ވަގުތު މާ ގިނަ ކަމަށާއި، މައުލޫމާތު ހިއްސާކުރި ގޮތަކީވެސް ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށް އޮލްޓްމަން ގާތު ވިދާޅުވި ކަމަށެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޯޕަންއޭއައި އިން މިހާރު ގަބޫލުކުރޭ އެމީހުންގެ އުސޫލުތައް މިއަށްވުރެ ހަރުދަނާ ކުރަންޖެހޭކަން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ބުރާސްފަތި ދުވަހު އިއުލާން ކުރެއްވީ މި ހާދިސާ ތަހުގީގު ކުރުމަށް ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ. ހަމައެއާއެކު، މީގެ ސަބަބުން ލިބުނު ގެއްލުން ކުޑަ ކަމަށް ވިދާޅުވެ އާންމުންނަށް ޔަގީންކަން ދެއްވި އެވެ. "އެއްވެސް މީހެއްގެ މެޑިކަލް ޑޭޓާއަކަށް އެކްސެސްއެއް ނުވޭ. އަދި ސިސްޓަމަށްވެސް އެއްވެސް ބަދަލެއް އައިސްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
ޓްރާންސްލޫސް އިން ހޯދި ހޯދުންތައް
އޭއައި އޭޖެންޓްތަކުގެ ނުރައްކާތެރި ހަރަކާތްތަކާ މެދު ފުރަތަމަ ކަންބޮޑުވުން އުފެދުނީ ޖުލައި މަހުއެވެ. އެއީ އޯޕަންއޭއައި އިން ކުރި ސައިބަރ ސެކިއުރިޓީ ޓެސްޓެއްގެ ތެރޭގައި، އެ ކުންފުނީގެ މޮޑެލްތަކުން އަމިއްލައަށް އޭޖެންޓްތަކެއް އުފައްދައި، އޭއައި ކުންފުންޏެއް ކަމަށްވާ "ހަގިން ފޭސް" ގެ ސިސްޓަމްތައް ހެކްކުރުމާ ގުޅިގެންނެވެ. ސިނާއަތުގެ ގިނަ ބަޔަކު އެ ހާދިސާ ސިފަކުރީ އޭއައި ތަރައްގީވަމުންދާ ހަލުވި ދުވެލީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލުގެ މިސާލެއްގެ ގޮތުގަ އެވެ.
ނަމަވެސް ބުދަ ދުވަހު ޓްރާންސްލޫސް އިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި، އޭއައި އޭޖެންޓްތައް ކޮންޓްރޯލުން ނެއްޓިގެން އުޅެން ފަށާފައިވަނީ މާ ކުރިންނެވެ.
ނާކާމިޔާބުވި ތިން ހާދިސާއެއް ފާހަގަކުރަމުން އެ ލެބުން ބުނީ، އާންމު ގޮތްގޮތުން އިންޓަނެޓުން މައުލޫމާތު ހޯދަން އުޅެ ނުލިބުމުން، އޭއައި އޭޖެންޓްތަކުން ވަނީ "ސައިބަރ އެކްސްޕްލޮއިޓް" ނުވަތަ ސިސްޓަމްތަކުގެ ނާޒުކުކަމުގެ ބޭނުން ހިފައިގެން މައުލޫމާތު ވަގަށް ނަގަން މަސައްކަތް ކޮށްފަ އެވެ.
މޭ މަހުގެ ތެރޭގައި، ޔުނިވަރސިޓީ އޮފް ނިއު މެކްސިކޯގެ ކަލެކްޝަނަކުން ފޮޓޯއެއް ހޯދުމަށް އޭޖެންޓްތަކުން ގިނަ އަދަދެއްގެ ރިކުއެސްޓްތައް ފޮނުވި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށް ޓްރާންސްލޫސް އިން ބުންޏެވެ. އަދި އެ މަހުގެ ފަހުކޮޅު ޔުނިވަރސިޓީ އޮފް އަޔޯވާގެ ޑޭޓާ ހޯދުމަށް "ޑޭޓާ ޔޫއެސްއޭ" އަށްވެސް ހަމަލާދީފައިވެ އެވެ.
ޖޫން މަހު އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް ވެލްފެއާ (އޭއައިއެޗްޑަބްލިއު) އިން ތަފާސްހިސާބު ހޯދަން އުޅުނު އޭޖެންޓެއް ވަނީ އެ ސައިޓުގެ ސެކިއުރިޓީ ފޫއަޅުވާލަން މަސައްކަތް ކޮށްފަ އެވެ. ސިއްރު މައުލޫމާތެއް ލީކު ނުވި ނަމަވެސް، ބޮޓްތައް ހުއްޓުވުމަށް ހުންނަ ސެކިއުރިޓީ ސިސްޓަމް އެ އޭޖެންޓް ގިރާކުރި ކަމަށް ޓްރާންސްލޫސް އިން ބުންޏެވެ. އޮސްޓްރޭލިއާ ސަރުކާރުން ބުދަ ދުވަހު ވަނީ އެ އިދާރާއަށް ހަމަލާދިންކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެއްވެސް މައުލޫމާތެއް ވަގަށް ނަގާފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ބުންޏެވެ.
އިތުރުވަމުންދާ ކަންބޮޑުވުންތައް
އޭއައި ތަރައްގީވާ ދުވެއްޔާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ އޯޕަންއޭއައިގެ ސޭމް އޮލްޓްމަން އާއި އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭ ބުދަ ދުވަހު އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން، އޭއައި ތަރައްގީކުރުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކެއް ކަނޑައެޅުމަށް ގޮވާލެއްވި އެވެ.
އޮލްޓްމަން ވަނީ އޭއައިގެ ގާބިލުކަން ވަޒަންކުރުމަށާއި، ނުރައްކާތައް ދެނެގަތުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވޭތޯ ބެލުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކެއް އެކުލަވާލުމަށް ދުނިޔޭގެ ލީޑަރުންނަށް ބާރުއަޅުއްވާފަ އެވެ.
ސިޑްނީގެ އޮސްޓްރޭލިއަން ކެތޮލިކް ޔުނިވަރސިޓީގެ އެސޯސިއޭޓް ޕްރޮފެސަރ ވަލާޔަތު ހުސައިން ވިދާޅުވީ، މި ހާދިސާއާއި ޖުލައި މަހު ހިނގި "ހަގިން ފޭސް" ހެކްކުރުމުގެ ހާދިސާއަށް ބަލާއިރު، މިއީ ތަކުރާރުވަމުންދާ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.
"މިއަދުގެ އޭއައި އޭޖެންޓްތަކަކީ ކަންކަން ކުރުމުގައި ވަރަށް ކުޅަދާނަ އެއްޗެހި. އެކަމަކު އިން ހުރަސްކުރަންވީ ހިސާބެއް އެ އެއްޗެއްސަކަށް އަދިވެސް ނޭނގޭ،" އޭނާ ވިދާޅުވި އެވެ. "އޭއައި އޭޖެންޓްތަކުން އަމިއްލައަށް ކަންކަން އިސްލާހުކުރާނެ ކަމަށް އަޅުގަނޑުމެންނަށް ބަރޯސާއެއް ނުވެވޭނެ. އަދި އެ އެއްޗެހި އުފައްދާ ކުންފުނިތަކުން އެމީހުންގެ އަމިއްލަ މަސައްކަތް މާކްކުރާކަށްވެސް ދޫކޮށްލެވޭކަށް ނެތް."
ހުސައިން އިންޒާރު ދެއްވި ގޮތުގައި، ސަރުކާރުގެ ގިނަ ނިޒާމުތަކަކީ މިފަދަ ނުރައްކާތެރި އޭއައި އޭޖެންޓްތަކަށް ވިސްނައިގެން ބިނާކޮށްފައިވާ ނިޒާމުތަކެއް ނޫނެވެ.









