ރަސްމާލެ މަޝްރޫއުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް، ސަރުކާރު ބޮޑު ޕްރެޝަރަކަށް ވައްޓާލައިފި!
23 ނޮވެމްބަރު 2026 | ހޯމަ 10:23ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ލަސްވާތީ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން، އެކަމުގެ ހިތްހަމަނުޖެހުން ރައީސް މުއިއްޒު ކަމާބެހޭ ވަޒީރުންނަށް އަމާޒުކުރައްވައިފި. މި މަޝްރޫއުގެ ދަށުން 99 އަހަރަށް ބިން ދޫކުރާތީ އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވާއިރު، މީޑިއާތަކުން މިކަން ޕްރޮމޯޓް ނުކުރާތީވެސް ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އެހެންކަމުން މި މަޝްރޫއު ކުރިއަށްގެންދިއުމުގައި ސަރުކާރަށް މިހާރު ވަނީ ސިޔާސީ އަދި އިގުތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައި


ރައީސް ޑރ. މުހައްމަދު މުއިއްޒު، އޭޖީ އަހުމަދު އުޝާމް، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އަދި އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު | ރާއްޖެއެމްވީ ގްރެފިކްސް
ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއުގެ މަސައްކަތްތައް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގޮސް ލަސްވަމުންދާތީ، އެ މަޝްރޫއު ކުރިއަށްގެންދާ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕްރެޝަރުކޮށްފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މަޝްރޫއުގެ އެއްބަސްވުމުގެ ކަންކަން ލަސްވަމުންދާ މައްސަލައިގައި އީގަލް ހިލްސް ކުންފުނިން ވަނީ އެކަމުގެ ކަންބޮޑުވުންތައް ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާ ހިއްސާކޮށްފަ އެވެ. އަދި މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި ހައުސިންގ މިނިސްޓަރު އަބްދުﷲ މުއްތަލިބް އާއި ބައްދަލުކުރައްވައި އެވާހަކަތައް ހިއްސާކޮށް، އެކަމުގެ ހިތްހަމަނުޖެހުން އެ ވަޒީރުންނަށް އަމާޒުކުރައްވާފައިވެ އެވެ.
މީގެއިތުރުން، އެ ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭގޮތުން މީޑިއާތަކުގައި ޕޮޒިޓިވް ޚަބަރުތައް ގެނެސްދެވޭ މިންވަރު މަދުކަމަށް ބުނެ، ރައީސް ވަނީ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މުޙައްމަދު ހުސެއިން ޝަރީފް (މުންދު) އާ ވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އަދި ފައިސާ ދީގެން ހިންގާ މީޑިއާތަކުން ވެސް މި މަޝްރޫއަށް ފައިދާވާ ގޮތަށް ކަންކަން ރިޕޯޓް ނުކުރާ ކަމުގެ ޝަކުވާ ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި، އެކަމާ ގުޅިގެން ރައީސް ހުންނެވީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިގެންނެވެ.
ރަސްމާލެ މަޝްރޫއާ ގުޅިގެން މިފަދަ ޚަބަރުތަކެއް ފެންމަތިވެފައި މިވަނީ، ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަކަށް ދޭން ނިންމާފައިވާ މައްސަލައިގައި އާންމު ރައްޔިތުންނާއި ދާއިރާގެ ތަޖުރިބާކާރުންގެ ފާޑުކިޔުންތަކާއި ނުރުހުން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ނިންމުމާ ދެކޮޅަށް ރައްޔިތުން އެކި ސިފަސިފައިގައި ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންދާއިރު، މިކަމުގެ ސަބަބުން ސަރުކާރުން ބޭނުންވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް މި ނޫހަށް އެނގިފައިވެ އެވެ.
ރަސްމާލެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދެވެ. ރައްޔިތުންގެ ޓެކްސް ފައިސާ ހޭދަކޮށްގެން ހިއްކަމުންދާ މި ބިން، އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ދައުލަތަށް ވަގުތުން ފައިސާ ލިބޭ އުސޫލަކުން ނޫނެވެ. މިއީ ސަރުކާރުގެ މައިގަނޑު އެއް ވައުދަށް ވީއިރު، އެއްބަސްވުމުގެ ދަށުން ދިގު މުއްދަތަކަށް ބިން ދޫކުރުމުގެ މާއްދާތަކާއި، މަޝްރޫއު ކުރިއަށްދާ ދުވެއްޔާ މެދު އުފެދިފައިވާ ސުވާލުތަކުގެ ސަބަބުން، ސަރުކާރަށް މިހާރު ވަނީ ސިޔާސީ އަދި އިގުތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.











