ދެ އަބްދުﷲގެ ގަޑުބަޑު...
23 ނޮވެމްބަރު 2026 | ހޯމަ 11:10ރަސްމާލެ މަޝްރޫއާ ގުޅޭ މައުލޫމާތު ހޯދުމަށް ހުށަހެޅި އާރްޓީއައިއަކަށް، އެ މަޝްރޫއުގެ އެއްވެސް މައުލޫމާތެއް މިނިސްޓްރީގައި ނެތް ކަމަށް ހައުސިންގ މިނިސްޓްރީން ބުނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައި. މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަމަލީގޮތުން އެ މަޝްރޫއުގައި ބައިވެރިވެވަޑައިގަންނަވާއިރު، ރަސްމީ އިދާރާގައި އެއްބަސްވުންތަކާއި ރެކޯޑުތައް ނެތުމަކީ ސުވާލު އުފެދޭ ކަމެއް. އެހެންކަމުން، މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރާ މެދު އާންމުންގެ މެދުގައި މިހާރު ވަނީ ބޮޑު ބަހުސެއް އުފެދިފައި


ދެ އަބްދުﷲގެ ގަޑުބަޑު... | ރާއްޖެ އެމްވީ
ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރުއާއެކު ރަސްމާލޭގެ ކަންކަމުގައި އެ އުޅުއްވާ ޑރ. އަބްދުﷲ އަކީ ދެބޭފުޅުންކަން މިހާރު އަޅުގަނޑަށް ޔަޤީންވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން (އާރްޓީއައި) ހުށަހެޅި ހުށަހެޅުމަކަށް މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ދާދި ފަހުން ދީފައިވާ ޖަވާބަށް ބަލާއިރު، މިއީ މިކަން އޮތް ގޮތް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.
ރަސްމާލެ މަޝްރޫއުގައި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ މަންޒަރު ފެންނަން އޮތް ނަމަވެސް، އެ މަޝްރޫއާ ގުޅޭގޮތުން އެދިފައިވާ މައުލޫމާތު އެ މިނިސްޓްރީގައި ނެތް ކަމަށް އެ އިދާރާއިން ވަނީ ރަސްމީކޮށް ބުނެފަ އެވެ.
މި ޖަވާބާއެކު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި މަޝްރޫއުގެ ތެރެއަށް މިވަނީ އިތުރު ބަހުސެއް އުފެދިފަ އެވެ. ރަސްމާލޭ މަޝްރޫއުގެ މައުލޫމާތު މިނިސްޓްރީގައި ނެތްނަމަ، އެ މަޝްރޫއާ ގުޅޭގޮތުން ވެފައިވާ ކޮމަރޝަލް އެއްބަސްވުން އޮތީ ދައުލަތުގެ ކޮން އިދާރާއެއްގައިތޯ އެވެ؟
އެ އެއްބަސްވުމުގައި ހައުސިންގ މިނިސްޓަރު އެ ސޮއިކުރެއްވީ ކީއްވެތޯ އެވެ؟ އެ މަޝްރޫއާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުންތަކާއި، އެންމެ ކުޑަމިނުން ރަސްމާލޭ ހިއްކާ ސަރަހައްދަށް ވަޑައިގަންނަ ވަފުދުގެ އިސް ސަފަށް ބަލާލިޔަސް އެ ސަފުގެ ކުރީކޮޅުންވެސް ހައުސިންގ މިނިސްޓަރ މި ފެންނަނީ ކީއްވެތޯ އެވެ؟
ފަހަރުގައި އެއްބަސްވުމުގައި ސޮއިކުރެއްވި ބްރަދަރ އަބްދުﷲ އަކީ މިނިސްޓްރީއާ ގުޅުމެއް ނެތް، އަމިއްލަ ގޮތުން މަސައްކަތް ކުރައްވާ ބޭފުޅަކަށް ވެދާނެ އެވެ. އެހެންވެއްޖެނަމަ، ބްރަދަރ އަބްދުﷲ ސޮއިކުރައްވާ އެއްބަސްވުމެއްގެ މައުލޫމާތު ހައުސިންގ މިނިސްޓްރީގައި ހުންނާކަށް ނުޖެހޭނެތާ އެވެ.
މިކަމަށް އިތުރު ސާފު ހެއްކެއް ލިބެންދެން، ރާއްޖޭގައި ދެ ޑރ. އަބްދުﷲ މުއްތަލިބުން އުޅުއްވާ ކަމަށް ގަބޫލުކުރަން އާންމުންނަށް މަޖުބޫރުވެ އެވެ. އެއީ ރަސްމާލެ މަޝްރޫއުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކާއި، އެ މަޝްރޫއުގެ މައުލޫމާތު ނެތް މިނިސްޓްރީއެއް ހިންގަވާ ބޭފުޅެކެވެ.
ކޮންމެއަކަސް، މި މަޝްރޫއާ ގުޅޭ އެއްވެސް ރެކޯޑެއް މިނިސްޓްރީގައި ނެތް ކަމަށް ބުނާތީ، މި މުޅި އޮޅުންބޮޅުންގަނޑު ނުވަތަ ގަޑުބަޑު ސާފު ކުރުމަށް އަޅުގަނޑަށް ފެންނަ އޮތީ ހަމަ އެންމެ ހައްލެކެވެ. އެއީ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރުއާއެކު ރަސްމާލޭގެ ކަންކަމުގައި އެ އުޅުއްވާ ޑރ. އަބްދުﷲ އަކީ ދެބޭފުޅުންކަމަށް ނިންމުމެވެ.








