ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭ ކަންކަމުގައި އޭއައިގެ އެހީ ހޯދާ "ޕީޖީއޯ 2.0" ޕްރޮގްރާމަށް 12 މިލިއަން ރުފިޔާ!
19 އޯގަސްޓު 2026 | ބުދަ 03:51ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޑިޖިޓަލައިޒްކޮށް، އޭއައި ވަސީލަތްތަކާއެކު ޚިދުމަތްތައް އަވަސްކުރުމަށް "ޕީޖީއޯ 2.0" ޕްރޮގްރާމް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ އަމާޒު ހިފާފައި. މި މަޝްރޫއުގެ ސަބަބުން ބޮޑެތި މައްސަލަތައް 48 ގަޑިއިރު ތެރޭގައި ކޯޓަށް ހުށަހެޅޭނެ މަގު ފަހިވެގެންދާއިރު، އޭއައި ބޭނުންކުރި ނަމަވެސް ދައުވާކުރުމުގެ އެންމެހާ ނިންމުންތައް ނިންމާނީ ޕްރޮސެކިއުޓަރުން


ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛް އައްބާސް ޝަރީފް | މަޖިލިސް
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް އިސްތިރާޖީ ޕްރޮގްރާމް، "ޕީޖީއޯ 2.0" އަށް 12 މިލިއަން ރުފިޔާ ޚަރަދުވާކަމަށް އެ އޮފީހުން ބުނެފި އެވެ.
ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަސައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަކީ، އިންސާނީ ހައްޤުތައް ކޮންމެ މަރުހަލާއެއްގައި ވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރުލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާއެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުން ކަމަށް އެ އޮފީހުން މައުލޫމާތުދެ އެވެ.
ދައުލަތުގެ މީޑިއާގައި މި ޕްރޮގްރާމްގެ ތަފްސީލު ހިއްސާ ކުރައްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، މަޝްރޫއުގެ ޖުމުލަ އަގަކީ 12 މިލިއަން ރުފިޔާ ކަމަށާއި، މަޝްރޫއު އެއްކޮށް ނިމުމުން އަދުލު އިންސާފު ގާއިމުކުރުމަށް ހޭދަވާ މުއްދަތު އަވަސްކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، ބޮޑެތި މައްސަލަތައް ވެސް ގިނަވެގެން 48 ގަޑިއިރު ތެރޭގައި ކޯޓަށް ފޮނުވޭ ވަރަށް މަސައްކަތް ހަލުވިވެގެން ދާނެ ކަމަށެވެ.
މީގެ އިތުރުން، ކޯޓުތަކަށް މައްސަލަ ހުށަހަޅާއިރު މިހާރަށްވުރެ ފުރިހަމައަށް މައްސަލައަކާއި މެދު ދިރާސާ ކުރެވި ކޯޓުތަކުން ވެސް މައްސަލަ ދިރާސާ ކުރުމަށް ހޭދަވާ ވަގުތު މަދުކުރެވޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
މި ޕްރޮގްރާމުގެ ދަށުން ޕީޖީ އޮފީހުގައި މިހާރު ބޭނުންކުރަމުން އަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އިތުރަށް ފުރިހަމަކޮށް، އޭއައިގެ ޤާބިލުކަން އެ ސިސްޓަމާ ގުޅުވާލެވޭނެކަމަށް ވެސް ޕީޖީ އޮފީހުން ފާހަގަ ކުރެ އެވެ. މީގެތެރޭގައި ޤާނޫނީ ލިޔެކިޔުންތައް ދިރާސާކުރުމާއި ދައުވާ ފޯމުތަކުގެ ޚުލާސާ އެކުލަވާލުމާއި އައިޑެންޓިޓީ ޗެކްކުރުމާއި ހެކިބަހާއި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މައުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ "ސިޓިޒަން އޭޖެންޓް" ހިމެނެ އެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މައްސަލަތަކުގެ މައުލޫމާތާއި ސިސްޓަމްތައް ބެލެހެއްޓޭނީ ދިވެހިރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީޖީ އޮފީހުގެ އަމިއްލަ ބިނާރުގަ އެވެ.
އޭއައި ވަސީލަތްތައް ބޭނުންކުރި ކަމުގައިވީނަމަވެސް، ކުށުގެ ދައުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުން ނިންމާނީ އޭއައި ނޫންކަމަށާއި، އެ ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި މަސްއޫލިއްޔަތު އޮންނާނީ ޤާނޫނީގޮތުން އައްޔަންކުރެވިފައިވާ ޕްރޮސެކިއުޓަރުންގެ އަތްމަތީގައިކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
މި ނިޒާމަކަށް އަމިއްލައަށް ދައުވާ އުފުލުމެއް ނުވަތަ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަން ކަނޑައެޅުމެއް ފަދަ ކަންކަމެއް ނުކުރެވޭނެކަން ވެސް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި ޕްރޮސިކިއުޓަރުންނަށް ލިބިދީފައިވާ ގާނޫނީ އިޚްތިޔާރުތަކުގެ ބަދަލުގައި މި ނިޒާމު ބޭނުން ނުކުރެވޭނެކަމަށާއި ބޭރުގެ އެއްވެސް އޭއައި ފޯރުކޮށްދޭ ފަރާތަކަށް ޕްރޮސިކިއުޝަންގެ ނިންމުންތައް ކޮންޓްރޯލް ކުރުމުގެ ފުރުސަތެއް ނޯންނާނެކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި ޕްރޮސިކިއުޝަނާ ގުޅޭ އެންމެހާ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބަލަހައްޓާނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ ބާރު ހިނގާ އިންފްރާސްޓްރަކްޗަރގެ ތެރޭގަ އެވެ.
ޕީޖީއޯ 2.0 މަޝްރޫޢުއަކީ ޖުމްލަ 12 މިލިޔަން ރުފިޔާ ބަޖެޓެއް ކަނޑައެޅިގެން ސަރުކާރުގެ ޚަރަދުގައި 2 އަހަރުގެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މަސައްކަތެކެވެ.











