ހަކަތައިގެ ލޮޅުންތަކާއި ހަނގުރާމަތައް: ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވީ ކިހާ މިންވަރެއްގެ ހީނަރުކަމެއް؟
23 ސެޕްޓެމްބަރު 2026 | ބުދަ 09:37އެމެރިކާއިން ކަނޑައެޅި އާ ޓެރިފްތަކާއި އިންފްލޭޝަން މަތިވުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، އޭއައި އިންވެސްޓްމަންޓްތަކާއެކު 2027 ވަނަ އަހަރު ދުނިޔޭގެ ޖީޑީޕީ %3 އަށް ކުރިއަރާނެ ކަމަށް އޯއީސީޑީން ލަފާކުރޭ. މި ދުވަސްވަރު އިންޑިޔާގެ އިގްތިސާދު ވަރުގަދަ ކުރިއެރުމެއް ހޯދަމުންދާއިރު، މޫސުމީ ބަދަލުތަކާއި ދަރަނި އިތުރުވުމުގެ ސަބަބުން ގައުމުތަކުގެ މާލީ ހާލަތަށް ވަނީ ނުރައްކާވެފައި


ހިއްސާގެ ބާޒާރެއްގައި މަސައްކަތްކުރާ މުވައްޒަފަކު ކޮމްޕިޔުޓަރތަކެއްގެ ކައިރީގައި މަސައްކަތް ކުރަނީ | އަނަދޮލު އޭޖެންސީ
ހަކަތައިގެ ބާޒާރަށް ކުރިމަތިވި ލޮޅުންތަކާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނުރައްކާތަކާ ކުރިމަތިވެފައިވާ ކަމަށާއި، ނަމަވެސް އާޓިފިޝަލް އިންޓެލިޖެންސްއަށް (އޭއައި) ކުރާ އިންވެސްޓްމަންޓްތަކުގެ އެހީގައި ވިޔަފާރި ކުރިއަރަމުންދާ ކަމަށް އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯ-އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓްއިން (އޯއީސީޑީ) ހާމަކޮށްފި އެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސީދާ އަސަރު ފޯރި ގައުމުތަކުގެ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން، 2025 ވަނަ އަހަރުގެ ފަހު ހަ މަސްދުވަހު %3.6 ގައި ހުރި ދުނިޔޭގެ އިގްތިސާދީ ކުރިއެރުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވަނީ %2.6 އަށް ދަށްވެފަ އެވެ.
ގަލްފުގެ އިގްތިސާދުތަކުން ތެލާއި ގޭސް އެކްސްޕޯޓުކުރާ މިންވަރު ކުއްލިއަކަށް ދަށްވުމުގެ ސަބަބުން މުޅި ދުނިޔޭގައި ވެސް މުދަލާއި ޚިދުމަތުގެ އަގުތައް އުފުލިގެން ދިޔަ އެވެ. މިއާއެކު، ހަކަތަ އެތެރެކުރާ މިންވަރާއި ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، ހަކަތައިގެ ބާޒާރު ހަމަހަމަކަންމަތީ ހިފެހެއްޓުމަށް ޗައިނާއިން ވަނީ އެހީތެރިވެދީފަ އެވެ. ދަތުރުފަތުރުގެ ޚަރަދުތައް އުފުލުނު ނަމަވެސް، ދުނިޔޭގެ މުދަލުގެ ވިޔަފާރި އަންނަނީ މަޑުމަޑުން އަލުން ރަނގަޅުވަމުންނެވެ. މި ގޮތުން، އާޓިފިޝަލް އިންޓެލިޖެންސާ ގުޅުންހުރި މުދާ އެކްސްޕޯޓުކުރި މިންވަރު އިތުރުވުމަކީ އޭޝިއާގެ ގައުމުތަކުގެ ވިޔަފާރި ކުރިއެރުމަށް ބޮޑު ބާރަކަށް ވެގެންދިޔަ އެވެ. މިއާއެކު، ވިލާތުގެ އިއްތިހާދުގެ (އީޔޫ) ގުދުރަތީ ގޭހުގެ ރިޒާވް ވަނީ، އަހަރުގެ މި ދުވަސްވަރަށް ބަލާއިރު ވޭތުވެދިޔަ 15 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތެރޭގައި އެންމެ ދަށް މިންވަރަކަށް ވެއްޓިފަ އެވެ.
އެމެރިކާގެ ސަރުކާރުން ޖުލައި މަހުގެ ތެރޭގައި އެކި ގައުމުތަކަށް އަމާޒުކޮށް އާ ބައިލެޓަރަލް ޓެރިފް ރޭޓްތަކެއް ނުވަތަ އިމްޕޯޓުޑިޔުޓީތަކެއް ކަނޑައަޅައި، ތަންފީޒުކުރަން ފެށި އެވެ. ޖީ20 ގެ ގިނަ ގައުމުތަކުގައި ޖޫން އަދި ޖުލައި މަހު ހެޑްލައިން އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، އޮގަސްޓް މަހު އެ އަދަދުތައް ވަނީ އުފުލިފަ އެވެ. އަސާސީ އިންފްލޭޝަންގެ ބާރު ކުޑަކޮށް ހިފެހެއްޓުމަށް ޓަކައި ގިނަ ގައުމުތަކެއްގެ މަރުކަޒީ ބޭންކުތަކުން ވަނީ ޕޮލިސީ އިންޓްރެސްޓް ރޭޓްތައް މަތިކޮށްފަ އެވެ. މި ފިޔަވަޅުތަކާއެކު، ކުރިއަރާފައިވާ މައިގަނޑު ގިނަ ގައުމުތަކުގައި ދިގު މުއްދަތުގެ ސޮވެރިން ބޮންޑް ޔީލްޑްތައް ވަނީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި އެންމެ މަތީ މިންވަރަކަށް އުފުލިފަ އެވެ.
އޯއީސީޑީން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު ދުނިޔޭގެ ޖީޑީޕީ ކުރިއަރާނީ %2.9 ގަ އެވެ. އަދި، 2027 ވަނަ އަހަރު އެ ކުރިއެރުން %3 އަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އާޓިފިޝަލް އިންޓެލިޖެންސަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ލިބި، އެމެރިކާގެ އިގްތިސާދު ހަލުވި ދުވެއްޔެއްގައި ފުޅާވަމުން އަންނާތީ، 2026 ވަނަ އަހަރު އެ ގައުމުގެ އިގްތިސާދު %2.2 އިން ކުރިއަރާނެ ކަމަށް އޯއީސީޑީން ވަނީ ލަފާކޮށްފަ އެވެ. ޔޫރޯ ފައިސާ ބޭނުންކުރާ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުން 2026 އަދި 2027 ވަނަ އަހަރު ވެސް ހުންނާނީ %1 ގައި ކަމަށް އެ އިދާރާއިން އަންދާޒާކުރެ އެވެ.
ޗައިނާ ސަރުކާރުގެ އެންޓި-އިންވޮލޫޝަން ސިޔާސަތުތަކާ ގުޅިގެން، 2026 ވަނަ އަހަރު އެ ގައުމުގެ ކުރިއެރުން ވަނީ %4.5 އަށް މަޑުޖެހިފަ އެވެ. ނަމަވެސް، ހިނގަމުން މިދާ މާލީ އަހަރު އިންޑިޔާއިން ވަނީ ވަރުގަދަ ކުރިއެރުމެއް ދައްކުވައިދީފަ އެވެ. އެ ގައުމުގެ އިގްތިސާދު %7.1 އިން ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މުދަލާއި ޚިދުމަތުގެ އަގު ނުވަތަ އިންފްލޭޝަންގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ތުރުކީވިލާތުގެ އިގްތިސާދު 2026 ވަނަ އަހަރު %2.7 އިން ކުރިއަރާނެ ކަމަށް އޯއީސީޑީގެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ. މީގެއިތުރުން، އެލް ނީނިޔޯ ފަދަ މޫސުމީ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކާ މެދު ކަންބޮޑުވުންތައް ވަނީ އުފެދިފަ އެވެ. އަދި، ދަރަނި އިތުރުވުމާއި ދިފާއީ ޚަރަދުތައް ބޮޑުވުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











