އާޓިފިޝަލް އިންޓެލިޖެންސް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހޭ: އެންތްރޮޕިކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 16:38އޭއައިގެ ގާބިލުކަން އިތުރުވަމުންދާ ދުވެލި މަޑުޖައްސާލަން ޖެހޭކަމަށް އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭ ވިދާޅުވެއްޖެ. އޭއައިގެ ކޮންޓްރޯލް އިންސާނުންގެ އަތުން ބޭރުވެ، ސައިބަރ ހަމަލާތަކާއި އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފަ

ޑާރިއޯ އަމޯޑޭ - އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފައްދާ އެންތްރޮޕިކް ކުންފުނީގެ ސީއީއޯ | ގެޓީ އިމޭޖަސް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ޖެހިފައިވާ ކަމަށް، އެންތްރޮޕިކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ހޮނިހިރު ދުވަހުގެ ހެނދުނު ޝާއިއުކުރެއްވި މަޒުމޫނެއްގައި ވިދާޅުވެއްޖެ އެވެ.
އެންތްރޮޕިކްގެ ސީއީއޯ ޑާރިއޯ އަމޯޑޭ އޭނާގެ އަމިއްލަ ވެބްސައިޓުގައި ލިޔުއްވާފައިވާ ގޮތުގައި، އޭއައި މޮޑެލްތަކުގެ ގާބިލުކަން އިތުރުކުރަމުންދާ ދުވެލި މަޑުޖައްސާލަން ޖެހެ އެވެ. އަދި މި ދުވެލި މަޑުޖައްސާލި ނަމަވެސް ކުރިއެރުންތައް ފެންނާނީ ހަލުވިކޮށް ކަމަށާއި، އެކަމުގެ ސަބަބުން ލިބޭ ވަގުތުގެ ބޭނުން ހިފަންވާނީ ވަރަށް ބުއްދިވެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް އޭއައި ކުންފުނި ކަމަށްވާ، އަދި "ކްލޯޑް" އޭއައި އުފެއްދި އެންތްރޮޕިކްގެ ވެރިޔާ އަމޯޑޭއަކީ މި ޓެކްނޮލޮޖީ ކުރިއެރުވުމަށް ވަކާލާތުކުރައްވާ ފަރާތެކެވެ. ނަމަވެސް، އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭގޮތުން އޭނާ ދެއްވާ އިންޒާރުތަކާ ގުޅިގެން، އޭނާއަކީ ކަންކަމުގެ ނުރައްކާ ބޮޑުކޮށް ދައްކާ "ޑޫމަރިޒަމް" އަށް ތާއީދުކުރާ ފަރާތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ. އޭއައިގެ ކޮންޓްރޯލް އިންސާނުންގެ އަތުން ބޭރުވެދާނެ ކަމަށް އަމޯޑޭ ހޮނިހިރު ދުވަހު އިއުތިރާފުވެފައިވާއިރު، ސައިބަރ ހަމަލާތަކާއި، ބަޔޯޓެރަރިޒަމް ނުވަތަ ބަޔޮލޮޖިކަލް ހަތިޔާރު ބޭނުންކޮށްގެން ދޭ ހަމަލާތަކުގެ އިތުރުން، އިގްތިސާދީ ބޮޑެތި ގެއްލުންތައް ދިނުމަށް މި ޓެކްނޮލޮޖީ ނުބައިގޮތުގައި ބޭނުންކޮށްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިޔަފާރީގެ ފައިދާއަށް އިސްކަންދީގެން ކުރިއަށްދާ މި ވާދަވެރިކަމުގެ ސަބަބުން، މި ނުރައްކާތައް އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް އަމޯޑޭ ލިޔުއްވާފައިވެ އެވެ.
ވޭތުވެދިޔަ މަސްތަކުގައި އޭއައި ޓެކްނޮލޮޖީ ވަރަށް ބާރުމިނުގައި ކުރިއަރާފައިވާ ކަމަށާއި، މިހާރު މި ޓެކްނޮލޮޖީއަކީ އަމިއްލައަށް އިތުރަށް ފުރިހަމަވުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެއް ކަމަށް އަމޯޑޭ ވިދާޅުވި އެވެ. މިކަމަށް ކިޔަނީ "ރިކާސިވް ސެލްފް-އިމްޕްރޫވްމަންޓް" އެވެ.
މި ނިޒާމުތައް އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލައިފިނަމަ، އެ ތަކެތި ދެނެގަނެ ކޮންޓްރޯލް ކުރުމަށް އިންސާނުންނަށް އޮތް ގާބިލުކަމަށްވުރެ ބާރަށް އެ ކުރިއަރައިގެން ހިނގައިދާނެ ކަމަށާއި، އެހެންކަމުން މި މަސައްކަތް ކުރިއަށް ގެންދަންވާނީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން، އޯޕަން އޭއައި އާއި ހަގިން ފޭސްއާ ދެމެދު ހިނގި ހާދިސާގައި އޭއައި އެޖެންޓްތަކެއް އަމަލުކުރި ގޮތުގެ ސަބަބުން ކަންބޮޑުވާ ކަމަށް އަމޯޑޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ އޭއައި އެޖެންޓްތައް އަމަލުކޮށްފައިވަނީ ވަކި މަގްސަދަކަށް ޚާއްސަވެފައިވާ ބައެއްގެ ގޮތުގަ އެވެ. އަދި އެ އެޖެންޓުންނަށް އަމުރުކޮށްފައި ނުވާ ތަންތަނަށް ސައިބަރ ހަމަލާތައް ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭއައިގެ މިފަދަ ނިޒާމުތައް ކޮންޓްރޯލް ނުކޮށް ދޫކޮށްލައިފިނަމަ، ހަ މަސް ދުވަހާއި ބާރަ މަސް ދުވަހުގެ ތެރޭގައި މުޅި އިންޓަނެޓްގެ ކޮންޓްރޯލް އަތުލުމުގެ ގާބިލުކަން އެފަދަ އޭއައި އެޖެންޓްތަކަށް ލިބިގެންދާނެ ކަމަށް އަމޯޑޭ ލިޔުއްވާފައިވެ އެވެ. އަދި މީގެ ސަބަބުން އެތައް ސަތޭކަ ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބިދާނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވި އެވެ.









