ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި
19 ނޮވެމްބަރު 2026 | ބުރާސްފަތި 07:14ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ފަޅަށް ވެމްކޯއިން ގިނަ އަދަދެއްގެ ގާކުނޑި އާއި ކުނި އަޅަމުންދާ މައްސަލަ އީއާރްއޭއަށް ވަނީ ހުށަހަޅާފައި. އަދި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުންވެ، ދަތުރުފަތުރު ކުރާ އުޅަނދުތަކަށް ނުރައްކާވަމުންދާއިރު، ކަމާބެހޭ އިދާރާތަކުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވޭ


ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި ފަޅު ކުނިގޮނޑަކަށް ވަނީ ހަދާފައި | ރާއްޖެއެމްވީ
ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ކައިރި ފަޅަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅައި އެ ފަޅު ކުނިގޮނޑަކަށް ހަދައިފި އެވެ.
އިތުބާރުހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ބުނީ، ހިމާޔަތްކޮށްފައިވާ ކ. ރަސްފަރި ސަރަހައްދާ ވަރަށް ކައިރީގައި އޮތް ފަރަކަށް ގިނަ އަދަދެއްގެ ގާކުނޑި އަޅާފައިވާ ކަމަށާއި، އެފަޅު މިހާރު ކުނިގޮނޑަކަށް ހަދާފައިވާ ކަމަށެވެ. އަދި ބޮޑެތި ގައުތަކާއި ލަކުނޑިތައް އެޅުމުގެ ސަބަބުން އެސަރަހައްދު ދުއްވާ އުޅަނދުތަކަށް ވެސް ބިރު ބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިފަޅަށް ކުނި އަޅަމުންދަނީ ވެމްކޯއިން ކަމަށާއި، މިމައްސަލަ އެންވަޔަރަންމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އަށް ހުށަޅާފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލައާ ގުޅިގެން އެ އޮތޯރިޓީން ވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
މިމައްސަލައާ ގުޅޭގޮތުން ވެމްކޯ އަދި އީއާރްއޭގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކ. ރަސްފަރި ސަރަހައްދަކީ 1995 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ދިވެހި ސަރުކާރުން ހިމާޔަތްކޮށްފައިވާ ގުދުރަތީ މުހިންމު ސަރަހައްދެކެވެ. މާލެ އަތޮޅު އުތުރުބުރީގައި އޮންނަ މި ސަރަހައްދުގައި ރަސްފަރި ރަށާއި، އެ ރަށުގެ ފަޅާއި، ވަށައިގެންވާ ފަރު ހިމެނެ އެވެ.
މި ސަރަހައްދު އޮންނަނީ މާލެ އަތޮޅު އުތުރުބުރީގެ ހުޅަނގު ފަރާތުގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގާތްގަނޑަކަށް 29 ކިލޯމީޓަރު ދުރުގައި އޮންނަ މި ސަރަހައްދުގެ ޖުމްލަ ބޮޑުމިނަކީ 2,424 ހެކްޓަރެވެ.











