އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ނާކާމިޔާބުވަމުންދާކަން ދިރާސާއަކުން ދައްކައިފި: މީގެ މާނައަކީ ކޮބާ؟
4 އޯގަސްޓު 2026 | އަންގާރަ 09:41އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ނަމަވެސް، އުމުރު ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއް ނެތުމުން ގިނަ ކުދިން އަދިވެސް އެ މަންސަތައް ބޭނުންކުރާކަން ދިރާސާއަކުން ވަނީ ހާމަވެފަ. ކުންފުނިތަކުން މިލިއަނުން އެކައުންޓްތައް ބަންދުކުރި ނަމަވެސް، ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އެޅި މި ފިޔަވަޅު ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވޭ

ފުރާވަރުގެ ކުދިންތަކެއް އެކުދިންގެ ފޯނުތަކުން ތަފާތު ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބަލަނީ | ގެޓީ އިމޭޖަސް
އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރުން ހެދި އާ ދިރާސާއަކުން ހާމަވި ގޮތުގައި، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފައި އޮތް ނަމަވެސް، އެ އުމުރުފުރާގެ ކުދިންގެ ތެރެއިން ކޮންމެ 10 ކުއްޖަކުން 8 ކުއްޖަކު އަދިވެސް ދަނީ ސޯޝަލް މީޑިއާގެ އެކި މަންސަތައް ބޭނުންކުރަމުންނެވެ.
މި މަނާކުރުން އަމަލީ ގޮތުން ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މި ނިންމުމަށް މިހާރު ވެފައިވާ ގޮތުގެ ތަފުސީލުތައް ތިރީގައި އެވަނީއެވެ.
އެންމެ ފަހުގެ ރިޕޯޓުން ހާމަވީ ކޮން ކަންތައްތަކެއް؟
އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރު، އީ-ސޭފްޓީ (eSafety) އިން ބުނި ގޮތުގައި، ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކޮށްފައި އޮތް ނަމަވެސް، 16 އަހަރުން ދަށުގެ 80 އިންސައްތައަށްވުރެ ގިނަ ކުދިން އަދިވެސް އެ ޚިދުމަތްތައް ބޭނުންކުރެ އެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި، އުމުރުން 10 އަހަރާއި 15 އަހަރާ ދެމެދުގެ ގިނަ ކުދިން، މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގައި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ސޯޝަލް މީޑިއާ ބޭނުންކުރި މިންވަރަށް، މިއަހަރުގެ މާޗް މަހާ ހަމައަށް ވެސް އެ މަންސަތައް ބޭނުންކުރަމުން ގޮސްފައިވެ އެވެ.
"މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ސޯޝަލް މީޑިއާ އެކައުންޓް ގެންގުޅުނު 16 އަހަރުން ދަށުގެ ގިނަ ކުދިންނަށް، ތިން މަސް ފާއިތުވީއިރުވެސް އެ އެކައުންޓްތައް ބޭނުންކުރެވެމުންދޭ ނުވަތަ އާ އެކައުންޓްތައް ހެދުމުގެ ފުރުސަތު ލިބިފައިވޭ. މީގެ މައިގަނޑު ސަބަބަކީ ސޯޝަލް މީޑިއާ މަންސަތަކުން އުމުރު ކަށަވަރުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައި ނެތުން،" އީ-ސޭފްޓީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެކައުންޓްތައް ނުހުއްޓި ކުރިއަށްގެންދާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން ބުނި ގޮތުގައި، އެ މަންސަތަކުން އެކުދިންގެ އުމުރު ޗެކްކޮށްފައެއް ނުވެ އެވެ. މިއީ އެކުދިންނަށް އެ ޚިދުމަތުގައި ދެމިތިބެވުނު އެންމެ ބޮޑު ސަބަބެވެ. އަދި ބައެއް ކުދިން ބުނި ގޮތުގައި އެކުދިންގެ އެކައުންޓްތަކުގައި އުމުރަކީ 16 އަހަރު ނުވަތަ އެއަށްވުރެ މަތީ އުމުރެއް ކަމަށް ޖަހާފައިވާއިރު، އަނެއްބައި ކުދިން ބުނީ އުމުރު ޗެކްކުރާ ނިޒާމުތަކަށް އޮޅިގެން އެކުދިންނަކީ ބޮޑެތި މީހުން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މި މަނާކުރުން އައުމުގެ ކުރިން، ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން ގާތްގަނޑަކަށް 86 އިންސައްތަ ކުދިން އުމުރުގެ ހުރަސްތައް ހުންނަ މަދުވެގެން އެއް މަންސަ ބޭނުންކުރާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ތިން މަސް ފަހުން ވެސް އެ އަދަދު ހުރީ 81 އިންސައްތައަށްވުރެ މަތީގައި ކަމަށް އީ-ސޭފްޓީގެ ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން، 58 އިންސައްތަ ކުދިން ކޮންމެ ދުވަހަކު ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށް ބުނެފައިވާއިރު، މަނާކުރުމުގެ ކުރިން މި އަދަދު ހުރީ 60 އިންސައްތައިގަ އެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި، ކުޅިވަރާއި ހަށިހެޔޮކަމުގެ ހަރަކާތްތަކާއި، ކުރެހުމާއި މިއުޒިކް، އަދި އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމާއި އިޖުތިމާއީ ހަރަކާތްތަކުގައި ބައިވެރިވާ މިންވަރަށް އައިސްފައިވަނީ ވަރަށް ކުޑަ ބަދަލެކެވެ.
މި އާ ގަވާއިދު ތައާރަފުކުރި ދުވަސްވަރު، މިއީ ތަންފީޒުކުރަން އިންތިހާއަށް އުނދަގޫވާނެ ކަމެއް ކަމަށް މާހިރުން ވަނީ އިންޒާރު ދީފަ އެވެ.
ޑިޖިޓަލް ދުނިޔޭގައި ދަރިން ތަރުބިއްޔަތުކުރާނެ ގޮތުގެ މައްޗަށް ފޮތް ލިޔުއްވާފައިވާ، ޑިޖިޓަލް ދުނިޔޭގެ ދުުޅަހެޔޮކަމާ ބެހޭ ދިރާސާވެރިޔާ ޖޮއާނާ އޯލަންޑޯ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަލްޖަޒީރާއަށް ބުނެފައިވަނީ، ޓެކްނޮލޮޖީއަށް އަހުލުވެރި ކުދިން ވީޕީއެން (VPN) ބޭނުންކޮށްގެން ނުވަތަ އުމުރު އޮޅުވާލައިގެން ފަސޭހަކަމާއެކު މި ހުރަސްތައް ގިރާކުރާނެ ކަމަށެވެ. އަދި މި ގަވާއިދުގެ ދަށުން ނުހިމެނޭ ވީޑިއޯ ގޭމް ފަދަ މަންސަތަކަށް އެކުދިން ބަދަލުވާނެ ކަމަށާއި، އެހެންކަމުން މިއީ ތަންފީޒުކުރަން ދަތި ކަމެއްކަން ކުރިންވެސް އެނގޭ ކަމަށް އޭނާ ފާހަގަކުރި އެވެ.
އޮސްޓްރޭލިއާގެ 16 އަހަރުން ދަށުގެ ސޯޝަލް މީޑިއާ މަނާކުރުން
2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޮސްޓްރޭލިއާ ވެގެން ގޮސްފައިވަނީ، 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރި ދުނިޔޭގެ ފުރަތަމަ ގައުމަށެވެ. ނަމަވެސް ވީޑިއޯ ގޭމް ކުޅޭ މަންސަތައް މި މަނާކުރުމުގެ ތެރެއަކު ނުހިމެނެ އެވެ.
ސަރުކާރުން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ސައިބަރ ބުލީންގް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ގަނާކުރުމާއި، ޖިންސީ ފުރައްސާރައާއި، އަމިއްލަ ނަފްސަށް ގެއްލުންދިނުމަށް ހިތްވަރުދޭ ކަންކަމުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން އިތުރުވުމާ ގުޅިގެންނެވެ.
2023 ވަނަ އަހަރު އޮސްޓްރޭލިއާ ސަރުކާރުން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، އުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކޮންމެ ފަސް ކުއްޖަކުން ހަތަރު ކުއްޖަކު ސޯޝަލް މީޑިއާ ބޭނުންކުރެ އެވެ. އަދި ގިނަ ކުދިން މިކަން ފަށަނީ އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދުގަ އެވެ. ނޭޝަނަލް އޮސްޓްރޭލިއާ ބޭންކުގެ ކުރީގެ ސީއީއޯ އެންޑްރޫ ތޯބާން އިސްކޮށް ހުންނަވައި ތައްޔާރުކުރި އެ ރިޕޯޓުގައި ވަނީ އުމުރުގެ ހުރަސްތައް ކަނޑައެޅުމަށް ލަފާދީފަ އެވެ.
މި ގާނޫނުގެ ދަށުން، އޮސްޓްރޭލިއާގައި އުޅޭ 16 އަހަރުން ދަށުގެ ކުދިން އެ މަންސަތަކަށް ވަނުން ހުއްޓުވުމަށް "އެކަށީގެންވާ ފިޔަވަޅުތައް" ނާޅާނަމަ، އެންމެ ބޮޑު 10 ސޯޝަލް މީޑިއާ ކުންފުންޏެއް 33 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެވޭނެ އެވެ. މީގެ ތެރޭގައި އުމުރު ކަށަވަރުކުރާ ވަސީލަތްތައް ބޭނުންކުރުން ހިމެނެ އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި، ޖެނުއަރީ 16 އާ ހަމައަށް ސޯޝަލް މީޑިއާ ކުންފުނިތަކުން ވަނީ އޮސްޓްރޭލިއާގެ ކުޑަކުދިންގެ އެކައުންޓްތައް ކަމަށް ބެލެވޭ 4.7 މިލިއަން އެކައުންޓެއް ބަންދުކޮށްފަ އެވެ.
"މިއީ ނުކުރެވޭނެ ކަމެއް ކަމަށް ބުނި އެންމެންނާއި، ދުނިޔޭގެ އެންމެ ބާރުގަދަ އަދި މުއްސަނދި ކުންފުނިތަކާ އަޅުގަނޑުމެން ކުރިމަތިލައި ކާމިޔާބު ހޯދައިފިން،" އޮސްޓްރޭލިއާގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އަނީކާ ވެލްސް ޖެނުއަރީ މަހު ނޫސްވެރިންނަށް ވިދާޅުވެފައިވެ އެވެ.
ނަމަވެސް، އޭގެ މަސްތަކެއް ފަހުން މިހާރު ފެންނަމުންދަނީ ކުޑަކުދިން ވަރަށް ފަސޭހަކަމާއެކު އާ އެކައުންޓްތައް ހުޅުވަމުންދާ މަންޒަރެވެ.
އޮސްޓްރޭލިއާގެ މި މަނާކުރުން އަމަލީ ގޮތުން ހިނގަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، މި ގާނޫނަށް އަމަލުކުރަން ޖެހޭ 10 މަންސައިގެ ތެރޭގައި ހިމެނޭ ރެޑިޓް (Reddit) އިން ވަނީ މި ނިންމުން ހައިކޯޓުގައި ގޮންޖަހާފަ އެވެ. އެހެންނަމަވެސް އެ ކުންފުނިން ދަނީ ވަގުތީ ގޮތުން ގާނޫނަށް އަމަލުކުރަމުންނެވެ. މި މައްސަލަ އަދިވެސް ކޯޓުގައި ދަނީ ކުރިއަށެވެ.
އެންމެ ފަހުގެ ހޯދުންތަކާ ގުޅިގެން އޮސްޓްރޭލިއާ ސަރުކާރުން ބުނީ ކީކޭ؟
ހޮނިހިރު ދުވަހު، އޮސްޓްރޭލިއާގެ އެސިސްޓަންޓް މިނިސްޓަރު އެންޑްރޫ ލީ ވަނީ މި އާ ގާނޫނު ދިފާއުކުރައްވައި ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ސޯޝަލް މީޑިއާ މަނާކުރުމުގެ ސަބަބުން، ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުމާ މެދު ގައުމީ ފެންވަރުގައި ކުރެވޭ ބަހުސްތަކަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ލީ ވިދާޅުވީ، މި މަނާކުރުމަކީ ބެލެނިވެރިންގެ މެދުގައި ދެކެވޭ ވާހަކަތަކަށް އައި ވަރަށް މުހިންމު ބަދަލެއް ކަމަށެވެ.
"އަޅުގަނޑުމެން މިލިއަނުން އެކައުންޓްތައް ބަންދުކޮށްފިން،" އޭނާ ވިދާޅުވި އެވެ.
"މިކަން ސައްތަ އިންސައްތަ ތަންފީޒުވާނެ ކަމަކަށް އަޅުގަނޑުމެން ދުވަހަކުވެސް އުންމީދެއް ނުކުރަން. ބޮޑެތި މީހުން ބޯ އެއްޗެހި ބުއިމުގެ އެންމެ ދަށް އުމުރު ކަނޑައަޅާފައި އޮންނަ ގާނޫނަށްވެސް އެންމެން އަމަލެއް ނުކުރޭ، އެކަމަކު އެފަދަ ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް."
ސޯޝަލް މީޑިއާއަކީ ކުޑަކުދިންނަށް ގެއްލުން ހުރި އެއްޗެއްތަ؟
ސޯޝަލް މީޑިއާއަކީ އެއްވެސް ކޮންޓްރޯލެއް ނެތް ގެއްލުންދެނިވި މައުލޫމާތާއި، ދޮގު ޚަބަރާއި، ނަފުރަތު އުފައްދާ ވާހަކަތައް ފެތުރުމުގެ މަގަކަށް ވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އާޓިފިޝަލް އިންޓެލިޖެންސް (AI) މެދުވެރިކޮށް އުފައްދާ ތަކެތި އިތުރުވުމުން ކުޑަކުދިންނަށް އޮތް ނުރައްކާ ބޮޑުވެފައިވާ ކަމަށް މާހިރުން ބުނެ އެވެ.
އެމެރިކަން ފިސިކޮލޮޖިކަލް އެސޯސިއޭޝަނުން މިދިޔަ އަހަރު ނެރުނު އިންޒާރެއްގައި ބުނެފައިވަނީ، އޭއައި (AI) ނިޒާމުތަކުގެ ސަބަބުން އަނިޔާވެރިކަމާއި ޖިންސީ ކަންކަން ހިމެނޭ ވީޑިއޯތައް ފަދަ ގެއްލުންދެނިވި ތަކެތި އިތުރަށް ފެތުރިގެންދާ ކަމަށެވެ.
އަދި ބޮޑެތި މީހުންނާ އަޅާބަލާއިރު، ފުރާވަރުގެ ކުދިން އޭއައި މެދުވެރިކޮށް އުފައްދާ މައުލޫމާތުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ކުޑަ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. "އޭއައި ނިޒާމަކުން ދޭ ނަސޭހަތެއްގެ ފަހަތުގައި އޮވެދާނެ ވަކި އަތަކަށް ޖެހިފައިވާ ވިސްނުމެއް ނުވަތަ ކަމެއް ގަބޫލުކުރުވުމުގެ މަގުސަދު އެކުދިންނަށް ނޭނގިދާނެ،" އެ ބަޔާނުގައިވެ އެވެ.
އެމެރިކާގެ ނަސްލީ ތަފާތުކުރުމާ ދެކޮޅު ހަރަކާތެއް ކަމަށްވާ 'ބްލެކް ލައިވްސް މެޓާ' ގެ އެއް ބާނީ އަޔޯ ޓޮމެޓީ ބުނި ގޮތުގައި، އޭއައިގެ ސަބަބުން މުޖުތަމައުގައި ކުރިންވެސް ހުރި ތަފާތުކުރުންތައް އިތުރަށް ގޯސްވެގެންދެ އެވެ.
ޔުނިސެފުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އާންމުކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އިންޓަނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ކުރާ ޖިންސީ ފުރައްސާރައާއި 'ޑީޕް ފޭކް' (deepfakes) އުފެއްދުމަށް އޭއައި ނިޒާމުތައް ނުބައި ގޮތުގައި ބޭނުންކޮށްފާނެތީ މުޅި ދުނިޔޭގެ ކުޑަކުދިންވެސް ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ.
މިފަދަ ފިޔަވަޅުތައް އަޅަމުންދާ އެހެން ގައުމުތަކަކީ ކޮބާ؟
އޮސްޓްރޭލިއާއިން ތައާރަފުކުރި މި ތާރީޚީ ގާނޫނާ ގުޅިގެން، އެހެން ބައެއް ގައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް ދަނީ ވިސްނަމުންނެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން އިއުލާންކޮށްފައިވާ ގޮތުގައި، 2027 ވަނަ އަހަރުގެ ބަހާރު މޫސުމުން ފެށިގެން ޓިކްޓޮކް، ސްނެޕްޗެޓް އަދި އިންސްޓަގްރާމް ފަދަ މަންސަތައް ކުޑަކުދިންނަށް ބޭނުންނުކުރެވޭ ގޮތަށް މަނާކުރުމަށް ވަނީ ރާވާފަ އެވެ.
ނަމަވެސް، މެސެޖު ކުރަން ބޭނުންކުރާ ވަޓްސްއަޕް އަދި ސިގްނަލް ފަދަ އެޕްތަކާއި، ތައުލީމީ ވަސީލަތްތަކާއި، އޮންލައިން ވިޔަފާރި އަދި މިއުޒިކް ސްޓްރީމް ކުރާ ޚިދުމަތްތައް މީގެ ތެރެއަކު ނުހިމެނޭނެއެވެ.
އިނގިރޭސި ސަރުކާރުން މި އާ ގަވާއިދުތައް މިއަހަރު ނިމުމުގެ ކުރިން އިއުލާންކުރާނެ އެވެ.
2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޑެންމާކް ސަރުކާރުން ވެސް ވަނީ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އަދި މިކަމަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ލިބިފައިވާ ކަމަށާއި، މިއަހަރުގެ ފަހުކޮޅު މި މަނާކުރުން އަމަލީ ގޮތުން ފަށާނެ ކަމަށް ބުނެފައިވެ އެވެ.
ހަމަ އެ ދުވަސްވަރު މެލޭޝިއާއިން ވެސް ވަނީ މިއަހަރުން ފެށިގެން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ އެކައުންޓް ގެންގުޅުން މަނާކުރާނެ ކަމަށް ބުނެފަ އެވެ.
މީގެ އިތުރުން، ގްރީސްގެ ބޮޑުވަޒީރު ކިރިއާކޯސް މިޓްސޮޓާކިސް އޭޕްރިލް މަހު ވަނީ، 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ޕްލޭން ރަސްމީކޮށް އިއުލާންކުރައްވާފަ އެވެ.









