އޭއައި، އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ 'ސިންގިއުލަރިޓީ' އަށް ވަދެފައިވާ ކަމަށް ސޭމް އޯލްޓްމަން އިއުލާނުކުރުން މިއީ ކިހާވެއްގެ ނުރައްކަލެއް؟
28 ޖުލައި 2026 | އަންގާރަ 07:21އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައިދާ "ސިންގިއުލަރިޓީ" އަށް މިހާރު ވާސިލްވެފައިވާ ކަމަށް އޯޕަން އޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން އިޢުލާން ކުރައްވައިފި. މިއީ ދުނިޔެއަށް ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި ނަމަވެސް، އޭއައި ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރު އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގިނަ މާހިރުންނާއި ކުންފުނިތަކުން ދަނީ ގޮވާލަމުން. އެގޮތުން އޭއައިގެ ނުރައްކާ ބޮޑުވާ ހާލަތްތަކުގައި އެ ނިއްވާލެވޭނެ "ކިލް ސްވިޗް" އެއް ހިމެނުމަށް އެމެރިކާގެ ކޮންގްރެސްއަށް މިހާރު ވަނީ ބިލެއް ވެސް ހުށަހަޅާފައި

އޯޕަން އޭއައިގެ ކޯ-ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ސޭމް އޯލްޓްމަން | ގެޓީ އިމޭޖަސް
2014 ވަނަ އަހަރު ނެރުނު އެމެރިކާގެ ފިލްމު "ޓްރާންސެންޑެންސް" އިން ފެންނަނީ މަރުވަމުންދާ ސައިންސްވެރިއަކު އޭނާގެ ސިކުނޑި ސުޕަ ކޮމްޕިއުޓަރަކަށް އަޕްލޯޑްކޮށް، އިންތިހާއަށް ބާރުގަދަ ފަންނީ ވިސްނުމަކަށް އެ ކޮމްޕިއުޓަރ ބަދަލުވާ މަންޒަރެވެ. އޭގެ އަހަރެއް ފަހުން ނެރުނު "އެކްސް މެޝީނާ" ފިލްމުގައި ކިޔައިދެނީ، އިންސާނުންނަށްވުރެ ބުއްދިވެރިވެ، އޭނާ ބަލަހައްޓާ މީހުންނަށް އޮޅުވާލުމަށްފަހު ދުނިޔެއަށް ފިލައިގެންދާ ރޮބޮޓެއްގެ ވާހަކަ އެވެ.
ސައިންސް ފިކްޝަން ނުވަތަ ޚިޔާލީ ފިލްމުތަކުގައި ދައްކާ މިފަދަ ވާހަކަތަކުގައި "ސިންގިއުލަރިޓީ" އަށް އިޝާރާތް ކުރެ އެވެ. މިއީ ޓެކްނޮލޮޖީ، ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައި، އެ ކޮންޓްރޯލް ކުރުމަކީ އިންސާނުންނަށް އުނދަގޫ ކަމަކަށް ވެގެންދާ ވަގުތެވެ. ނިމިދިޔަ ހޮނިހިރު ދުވަހު، އޯޕަން އޭއައިގެ ވެރިޔާ ސޭމް އޯލްޓްމަން ވަނީ އެ ވަގުތު މިހާރު އަތުވެއްޖެ ކަމަށް އިޢުލާން ކުރައްވާފަ އެވެ. އޭއައި މިހާރު "ސިންގިއުލަރިޓީ" އަށް ވާސިލްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސިންގިއުލަރިޓީއަކީ ދުނިޔެއަށް ރަނގަޅު ކަމެއް ކަމަށް އޯލްޓްމަން ވިދާޅުވި ނަމަވެސް، އޭނާގެ މި ވާހަކަތަކާއެކު ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.
އޯލްޓްމަން ވިދާޅުވަނީ އޭއައި މިހާރު "ސިންގިއުލޭރިޓީ" އަށް ވަދެފައިވާކަމަށް
މިއީ އޯލްޓްމަން ދެއްކެވި ވާހަކަތަކުގެ ތަފްސީލާއި، މީގެ ސަބަބުން މަސައްކަތްތައް ފަސޭހަވެގެންދާނީތޯ ނުވަތަ މިއީ ދުނިޔެއަށް ކުރިމަތިވެދާނެ ބޮޑު ނުރައްކަލެއްގެ ފެށުންތޯ ބަލާލުމެކެވެ.
ސިންގިއުލަރިޓީ އަކީ ކޮބާ؟
ސިންގިއުލަރިޓީ އަކީ އޭއައި ފަދަ ޓެކްނޮލޮޖީއެއް އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރައި، އަމިއްލައަށް އޭގެ ގާބިލްކަން އިތުރުކުރުމުގެ ބާރު ލިބިގެންދާނެ ކަމަށް ބެލެވޭ މުސްތަގުބަލުގެ ވަގުތެކެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި، މިއީ އިންސާނުންނަށް އެ ޓެކްނޮލޮޖީ ކޮންޓްރޯލް ކުރުމަށް ނުވަތަ އޭގެ ބާރު ކަނޑުވާލުމަށް އުނދަގޫވާނެ ހިސާބެވެ. އަދި މީގެ ސަބަބުން އިންސާނީ ތަމައްދުނަށް ލަފާކުރަން ނޭނގޭ ފަދަ އަސަރުތަކެއް ކޮށްފާނެ އެވެ.
މި ނަޒަރިއްޔާ ބުނާގޮތުން، އޭއައި އަމިއްލައަށް ތަރައްގީވާން ފެށުމުން، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތައް އިންސާނުންނަށް ފައިހަމަނުކުރެވޭހާ ބާރުމިނުގައި ހިނގާނެ އެވެ. ނަތީޖާއެއްގެ ގޮތުން، އިންސާނުންގެ ކޮންޓްރޯލުން ނެއްޓި، އޭއައި އަމިއްލައަށް ކުރިއަރަމުންދާނެ އެވެ.
މިއީ ހަމައެކަނި ނަޒަރިއްޔާއަކަށް ވާތީ، މީގެ ސަބަބުން ކުރާނެ އަސަރުތައް ބުނަން ދައްޗެވެ. ބައެއް މާހިރުން އިންޒާރު ދޭ ގޮތުގައި ސިންގިއުލަރިޓީގެ ސަބަބުން އިންސާނިއްޔަތަށް ބޮޑު ހަލާކެއް ކުރިމަތިވެދާނެ އެވެ. ނަމަވެސް އަނެއްބައި މާހިރުން ދެކޭގޮތުގައި މިއީ އިންސާނުންނަށް ފައިދާހުރި ކަމަކަށް ވެސް ވެދާނެ އެވެ.
މިހާތަނަށް ސިންގިއުލަރިޓީ ފެނިފައިވަނީ ހަމައެކަނި ސައިންސް ފިކްޝަން ފިލްމުތަކުންނެވެ. މީގެ އެންމެ މަޝްހޫރު އެއް މިސާލަކީ "ދަ މެޓްރިކްސް" (1999-2003) ފިލްމުތަކެވެ. އެ ފިލްމުތަކުން ފެންނަނީ މެޝިންތަކުން އިންސާނުންގެ މައްޗަށް ވެރިކަންކުރާ ބިރުވެރި މުސްތަގުބަލެކެވެ. އަދި 2017 ވަނަ އަހަރުގެ ފިލްމު "ސިންގިއުލަރިޓީ" ގައި ފެންނަނީ، ހަނގުރާމަތައް ހުއްޓުވުމަށް އުފެއްދި ސުޕަ ކޮމްޕިއުޓަރަކަށް، އިންސާނުންނަކީ ދުނިޔެއަށް އޮތް ނުރައްކަލެއްކަން ވިސްނި، އިންސާނުން ނައްތާލުމަށް ހަމަލާދޭ މަންޒަރެވެ.
ސިންގިއުލަރިޓީއާ ގުޅޭގޮތުން އޯލްޓްމަން ވިދާޅުވީ ކީކޭ؟
އޯލްޓްމަން އަކީ ހަފްތާއަކު 900 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ އަދި 50 މިލިއަން ސަބްސްކްރައިބަރުން ތިބި "ޗެޓްޖީޕީޓީ" އުފެއްދި އޯޕަން އޭއައިގެ ސީއީއޯ އެވެ.
ނިމިދިޔަ އަހަރު އޭނާ ލަފާކުރެއްވި ގޮތުގައި 2030 ވަނަ އަހަރު އަންނަންވާއިރަށް، ހުރިހާ ދާއިރާއަކުން ވެސް އޭއައި އިންސާނުންގެ ބުއްދިއަށްވުރެ ކުރިއަރާނެ އެވެ.
ނަމަވެސް، ހޮނިހިރު ދުވަހު "ރިލެންޓްލެސް" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން އޯލްޓްމަން ވިދާޅުވީ، "އަހަރެމެން މިހާރު މިތިބީ ސިންގިއުލަރިޓީގެ ތެރޭގައި" ކަމަށެވެ.
އޭނާ ތަފްސީލުކޮށްދެއްވި ގޮތުގައި، ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކަށް ބަލާއިރު، އަހަރެމެން މަޑުމަޑުން ސިންގިއުލަރިޓީގެ ތެރެއަށް ވަންނަމުންދާ ކަމަށާއި، މިއީ ދުނިޔެއަށް ރަނގަޅު ބަދަލަކަށް ވާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، "ކުރިން އަހަރެމެން ކާން ތިބެގެން ސަމާސާއަކަށް ދެއްކި ވާހަކަތަކުގެ ވަގުތު މިހާރު މިއޮތީ އައިސްފައި" ކަމަށެވެ.
"އަހަރެން މުޅި އުމުރުގައި އިންތިޒާރުކުރީ މި ވަގުތަށް. އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ދުނިޔެއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް، އަދި ވަރަށް އުފާވެރި ކަމެއް،" އޯލްޓްމަން ވިދާޅުވި އެވެ.
މި ޕޮޑްކާސްޓްގައި އޯލްޓްމަން ވަނީ އޭއައި އަކީ ނުރައްކާތެރި އެއްޗެއް ކަމަށް ބުނެ އިންޒާރުދޭ އެހެން ކުންފުނިތަކުގެ ވެރިންނަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވަކި ނަމެއް ވިދާޅުނުވި ނަމަވެސް، އޯޕަން އޭއައިއާ ވާދަވެރި "އެންތްރޮޕިކް" ކުންފުނީގެ ސީއީއޯ ޑޭރިއޯ އެމޯޑީ އަކީ މިފަދަ އިންޒާރުތައް ދިނުމަށް މަޝްހޫރު ބޭފުޅެކެވެ.
"އެހެން ކުންފުނިތަކުން ދައްކާ ބައެއް ބިރުވެރި މަންޒަރުތަކަކީ އަޅުގަނޑު ގަބޫލުކުރާ ކަންކަމެއް ނޫން. އެފަދަ ކަންކަން ހިނގިޔަ ނުދިނުމަށް އަހަރެން މަސައްކަތް ކުރާނަން،" އޯލްޓްމަން ވިދާޅުވި އެވެ.
ނިމިދިޔަ މަހު، "ކްލޯޑް" ޗެޓްބޮޓް އުފެއްދި އެންތްރޮޕިކް ކުންފުނިން ވަނީ، އޭއައި ޓެކްނޮލޮޖީ އިންތިހާއަށް ބާރުމިނުގައި ކުރިއަރަމުންދާތީ، އިންސާނުންގެ ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ. އެހެންކަމުން، އެންމެ ކުރިއަރާފައިވާ އޭއައި ސިސްޓަމްތައް ތަރައްގީކުރުން ވަގުތީގޮތުން ހުއްޓާލެވޭނެ ގޮތެއް އެއްބަސްވުމަށް އެ ކުންފުނިން ވަނީ ގޮވާލާފަ އެވެ.
ޖޫން މަހުގެ 4 ވަނަ ދުވަހު ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި، ރައްކާތެރިކަމަށް އިސްކަންދޭ އެންތްރޮޕިކް އިން ލިޔެފައިވަނީ، އޭއައި އިތުރަށް ކުރިއަރަމުންދާއިރު، އޭގެ ތަރައްގީ މަޑުޖައްސާލުމުގެ ނުވަތަ ވަގުތީގޮތުން ހުއްޓާލުމުގެ އިޚްތިޔާރު ދުނިޔެއަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އޭއައިގެ ނުރައްކަލާ މެދު އެހެން މީހުން އިންޒާރު ދެނީ ކީއްވެ؟
ޖުލައި މަހުގެ 23 ވަނަ ދުވަހު، އެމެރިކާގެ ކޮންގްރެސްގެ ދެ މެންބަރަކު ވަނީ "އޭއައި ކިލް ސްވިޗް އެކްޓް" ގެ ނަމުގައި ބިލެއް ހުށަހަޅުއްވާފަ އެވެ. މި ބިލުގެ މަގްސަދަކީ، އޭއައި މޮޑެލްތަކުން ބޮޑު ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައި، އިންސާނުންނަށް އެ ސިސްޓަމްތައް މަޑުޖައްސާލުމަށް ނުވަތަ ނިއްވާލުމަށް ބޭނުންކުރެވޭނެ "ކިލް ސްވިޗް" އެއް ހުރިހާ އޭއައި ޕްރޮގްރާމްތަކެއްގައި ހިމެނުމަށް ލާޒިމްކުރުމެވެ.
މި ބިލު ހުށަހެޅީ، އޯޕަން އޭއައިގެ އެންމެ ކުރިއަރާފައިވާ ދެ މޮޑެލްއެއް ޓެސްޓްކުރާ މާހައުލުން ބޭރުވެ، "ހަގިން ފޭސް" ނަމަކަށް ކިޔާ ޕްލެޓްފޯމެއް ހެކްކުރި ހާދިސާއެއް ހިނގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އޯޕަން އޭއައި އިން މި ހާދިސާ ސިފަކޮށްފައިވަނީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައިނުވާ ފަދަ ސައިބަރ ހާދިސާއެއްގެ ގޮތުގަ އެވެ.
ޖުލައި 13 ވަނަ ދުވަހު، ސްޓެންފޯޑް ޔުނިވަރސިޓީގެ ޑިޖިޓަލް އިކޮނޮމީ ލެބުން އިސްނަގައިގެން ތައްޔާރުކުރި ސިޓީއެއްގައި ސަތޭކައަށްވުރެ ގިނަ މާހިރުން ވަނީ ސޮއިކޮށްފަ އެވެ. އެ ސިޓީގައި ގޮވާލާފައިވަނީ އޭއައިގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުތަކަށް ތައްޔާރުވުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން "މިހާރުން މިހާރަށް" ފިޔަވަޅު އެޅުމަށެވެ.
އެ ސިޓީގައި އިންޒާރު ދީފައިވާ ގޮތުގައި، ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި އޭއައިގެ ގާބިލްކަން އިންތިހާއަށް އިތުރުވެ، ސިނާއީ އިންގިލާބަށްވުރެ ބޮޑު، ނަމަވެސް މާ ކުރު މުއްދަތެއްގެ ތެރޭގައި އަންނަ ބަދަލެއް ފެނިގެންދާނެ އެވެ.
"މީގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލުން ފަދަ ނުރައްކާތަކާއި، ދިރިއުޅުމުގެ ފެންވަރު މަތިވުން ފަދަ ފުރުސަތުތައް ވެސް ކުރިމަތިވެދާނެ،" އެ ސިޓީގައި ބުނެފައިވެ އެވެ.
ޖޫން މަހު، ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ދިރާސާވެރިން ވަނީ އޭއައި ބޭނުންކޮށްގެން އާ ބާވަތެއްގެ "ވޯމް" ނުވަތަ ވައިރަހެއް އުފެއްދިދާނެކަން ދައްކާފަ އެވެ. މިއީ އެއް ޑިވައިސްއިން އަނެއް ޑިވައިސްއަށް ފެތުރި، މުޅި ކޮމްޕިއުޓަރ ނެޓްވޯކްތައް އަތްދަށަށް ގެނައުމަށްޓަކައި އޭގެ ހެކްކުރުމުގެ އުސޫލުތައް އަމިއްލައަށް ބަދަލުކުރާ އެއްޗެކެވެ.
"މިއީ ހަމައެކަނި އެންމެ ބާރުގަދަ އޭއައި މޮޑެލްތަކުން އޮތް ނުރައްކަލެއް ނޫންކަން މީހުންނަށް އެނގުން ވަރަށް މުހިންމު،" އިސް ދިރާސާވެރިޔާ ނިކޮލަސް ޕަޕަރނޮޓް ވިދާޅުވި އެވެ.
ފާއިތުވި އަހަރުތަކުގައި، އެންތްރޮޕިކް އިން އެދުނު ފަދައިން އޭއައި ތަރައްގީކުރުން މަޑުޖައްސާލުމަށް ގިނަ ދިރާސާވެރިން ވަނީ އެދިފަ އެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެ އެވެ.
2023 ވަނަ އަހަރު، އޭއައިގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި ހަ މަސް ދުވަހަށް އޭއައި ތަރައްގީކުރުން ހުއްޓާލުމަށް "ފިއުޗަރ އޮފް ލައިފް އިންސްޓިޓިއުޓް" އިން ކުރި މަސައްކަތުގައި، އެކްސް އޭއައި (xAI) ގެ ވެރިޔާ އީލޮން މަސްކް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މަސްދަރު: އަލް ޖަޒީރާ









