އައިއެމްއެފް: 2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ
30 ޖުލައި 2026 | ބުރާސްފަތި 05:04މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން 2026 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން މަޑުޖެހި، އިންފްލޭޝަން މަތިވާނެ ކަމަށް އައިއެމްއެފްގެ ރިޕޯޓުން ދައްކައިފި. ނަމަވެސް އޭއައި ޓެކްނޮލޮޖީގެ ސަބަބުން ބައެއް ގައުމުތަކަށް ކުރިއެރުން ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނުމުގެ އިތުރުން، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ފަންޑުން ވަނީ ގައުމުތަކަށް އިލްތިމާސްކޮށްފައި

ވޯލްޑް ބޭންކް ގްރޫޕާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ 2024 ވަނަ އަހަރުގެ އަހަރީ ބައްދަލުވުންތަކުގެ ތެރެއިން، އިންޓަރނޭޝަނަލް މަނިޓަރީ އެންޑް ފައިނޭންޝަލް ކޮމިޓީ (އައިއެމްއެފްސީ) ގެ 50 ވަނަ ބައްދަލުވުމުގެ ސެޝަން އެއް ކުރިއަށް ދަނީ | ބްރިޓަންވުޑްސްޕްރޮޖެކްޓްސް.ކޮމް
2026 ވަނަ އަހަރު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ. އައިއެމްއެފް އިން ބުނީ އޭގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބެލެވެނީ ހަކަތައިގެ އަގުތައް އުފުލުމާއި، ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވުމުގެ އިތުރުން ބޭރު ގައުމުތަކުން ފޮނުވާ ފައިސާ ނުވަތަ ރެމިޓެންސް މަދުވުމުގެ ސަބަބުންނެވެ.
އައިއެމްއެފް އިން ޖުލައި 2026 ގައި ނެރުނު "ވޯލްޑް އިކޮނޮމިކް އައުޓްލުކް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ޓެކްނޮލޮޖީގެ އައު އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި ރިޕޯޓުގައި ބުނެފައިވާ ގޮތުން 2026 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ބެލެވެނީ 3.0 އިންސައްތައިގަ އެވެ. އަދި 2027 ވަނަ އަހަރު މި އަދަދު 3.4 އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިއީ 2024 އާއި 2025 ވަނަ އަހަރުގެ އެވްރެޖް ކުރިއެރުން ކަމަށްވާ 3.5 އިންސައްތައާ އަޅާބަލާއިރު ދަށް އަދަދެކެވެ. އިގްތިސާދީ ކުރިއެރުން މަޑުޖެހެން މެދުވެރިވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް އައި ބަދަލުތައް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ދުނިޔޭގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް އުފުލޭ މިންވަރު 2025 ވަނަ އަހަރު ހުރި 4.1 އިންސައްތައިން، 2026 ވަނަ އަހަރު 4.7 އިންސައްތައަށް މަތިވާނެ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް 2027 ވަނަ އަހަރު އިންފްލޭޝަން 3.9 އިންސައްތައަށް ތިރިވާނެ ކަމަށް ބެލެވެ އެވެ. ހަކަތައިގެ އަގުތައް މިހާރު ހުރީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށްވުރެ ގާތްގަނޑަކަށް 25 އިންސައްތަ މަތީގަ އެވެ. 2026 ވަނަ އަހަރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އެވްރެޖް އަގު ހުންނާނެ ކަމަށް މިހާރު ލަފާކުރަނީ 78 ޑޮލަރުގަ އެވެ. މީގެ އިތުރުން ގުދުރަތީ ގޭހުގެ އަގު އޭޝިއާގައި 50 އިންސައްތަ އަދި ޔޫރަޕްގައި 25 އިންސައްތަ އުފުލިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޓެކްނޮލޮޖީގެ ދާއިރާއަށް ބަލާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް އޭއައި ހާޑްވެއާ އެކްސްޕޯޓްކުރާ ގައުމުތައް ކަމަށްވާ ދެކުނު ކޮރެއާ، ތައިވާން، ތައިލެންޑް އަދި މެލޭޝިއާގެ އިގްތިސާދަށް މީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިފައިވެ އެވެ. މިސާލެއްގެ ގޮތުން ދެކުނު ކޮރެއާގެ އިގްތިސާދު 7.5 އިންސައްތައިގައި ކުރިއަރާފައިވާއިރު، މިއީ ކުރިން ލަފާކުރި 1.8 އިންސައްތައަށްވުރެ މާ މަތީ އަދަދެކެވެ. އަދި ޗައިނާގެ އިގްތިސާދުވެސް ވަނީ އުންމީދުކުރި ވަރަށްވުރެ އަވަހަށް، 8.1 އިންސައްތައިގައި ކުރިއަރާފަ އެވެ.
ގައުމުތަކުގެ ވަކިވަކި ކުރިއެރުމަށް ބަލާއިރު، އެމެރިކާގެ އިގްތިސާދު 2026 ގައި 2.3 އިންސައްތައިގައި އަދި 2027 ގައި 2.2 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ. ޔޫރޯ ސަރަހައްދުގެ ކުރިއެރުން 2026 ގައި ހުންނާނީ 0.9 އިންސައްތައިގަ އެވެ. އިނގިރޭސިވިލާތުގެ އިގްތިސާދު 2026 ގައި 1.0 އިންސައްތައަށް ދަށްވި ނަމަވެސް 2027 ގައި 1.3 އިންސައްތައަށް ކުރިއަރާނެ ކަމަށް ބެލެވެ އެވެ. އިންޑިއާގެ އިގްތިސާދު 6.4 އިންސައްތައިގައި ކުރިއަރަމުންދާއިރު، އެ ގައުމަކީ ދުނިޔޭގެ އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ބޮޑު އިގްތިސާދުގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ރިޕޯޓުގައިވެ އެވެ.
މެދުއިރުމަތީގެ ހާލަތަށް ބަލާއިރު، ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގެ އިގްތިސާދަށް ބޮޑު ލޮޅުމެއް ވަނީ އަރާފަ އެވެ. މިގޮތުން އިރާގު، ކުވެއިތު އަދި ގަތަރު ފަދަ ގައުމުތަކުގެ އިގްތިސާދު 2026 ވަނަ އަހަރު ބޮޑުތަނުން ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ރިޕޯޓުގައި ބުނެފައިވަނީ 2027 ވަނަ އަހަރު މި ގައުމުތަކުގެ އިގްތިސާދު އަލުން ކުރިއަރަން ފަށާނެ ކަމަށް ބެލެވެ އެވެ. ސައުދީ އަރަބިއްޔާގެ އިގްތިސާދު 2026 ގައި 1.7 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރާއިރު، އީރާނުގެ އިގްތިސާދު 5.4 އިންސައްތަ ދަށަށްދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އައިއެމްއެފް އިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި އިގްތިސާދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވުމެވެ. މީގެ ސަބަބުން ތަކެތީގެ އަގުތައް އަނެއްކާވެސް އުފުލި، ސަޕްލައި ޗެއިންތަކަށް ބުރޫއަރާފާނެ އެވެ. އަދި އޭއައި ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓްތަކުން އުންމީދުކުރާ ފައިދާ ނުލިބިއްޖެނަމަ، މާލީ ބާޒާރުތަކަށް ނުރައްކާވެދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ. އެހެންކަމުން، ގައުމުތަކުން މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންފްލޭޝަން ކޮންޓްރޯލްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އައިއެމްއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.









