ގްރެޖުއޭޝަނަށް ބޮޑު ހޭދައެއް ކުރުވުމަށްފަހު، ބޯދިގު ކަމަށް ބުނެ ރެހެންދި ސްކޫލުގެ ގިނަ ދަރިވަރުންތަކެއް ގެއަށް ފޮނުވާލައިފި
19 ނޮވެމްބަރު 2026 | ބުރާސްފަތި 05:51ރެހެންދި ސްކޫލުގެ ބައެއް ދަރިވަރުން ބޯދިގު ކަމަށް ބުނެ ގްރެޖުއޭޝަން ރަސްމިއްޔާތަށް ނުވައްދައި ފޮނުވާލި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ވަނީ ގެނެސްފައި. މި ރަސްމިއްޔާތަށް ދަރިވަރުންގެ އަތުން ބޮޑު އަދަދަކުން ފައިސާ ނަގާފައިވާއިރު، ވަކި ދަރިވަރުންތަކަކަށް ތަފާތުކުރުން ގެންގުޅޭ ކަމުގެ ތުހުމަތު ބެލެނިވެރިން ވަނީ ކޮށްފައި. މިކަމާ ގުޅިގެން ސްކޫލުގެ ބަހެއް އަދި ލިބިފައެއް ނުވޭ


ރެހެންދި ސްކޫލުގެ ދަރިވަރުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ބައްދަލުކުރައްވަނީ | އެޑިޔުކޭޝަން މިނިސްޓްރީ
ރެހެންދި ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް ދިޔަ ގިނަ އަދަދެއްގެ ފިރިހެން ދަރިވަރުން ބޯދިގު ކަމަށް ބުނެ، ހޯލަށް ނުވައްދައި އަނބުރާ ފޮނުވާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބެލެނިވެރިއަކު ބުނި ގޮތުގައި، އޭނާގެ ދަރިފުޅު ބޯދިގު ކަމަށް ބުނެ ރަސްމިއްޔާތަށް ނުވައްދައި ފޮނުވާލިއިރު، ބުދަ ދުވަހު ސްކޫލަށް ދިއުމުން ބޯކޮށާފައިވާ މިންވަރު ރަނގަޅު ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ނާޒިމް ވިދާޅުވެފައިވެ އެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ގްރެޖުއޭޝަން ރަސްމިއްޔާތަށް ދިއުމުން ހޯލަށް ނުވައްދައި ގެއަށް ފޮނުވާލީ ކަމަށް އޭނާ ބުންޏެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދަރިވަރެއްގެ ބޮލާއި ތުނބުޅި ދިގު ނަމަވެސް، އެ ދަރިވަރަށް ރަސްމިއްޔާތަށް ވަދެވުނު ކަމަށް ވެސް އެ ބެލެނިވެރިޔާ ތުހުމަތުކުރި އެވެ.
މީގެ އިތުރުން ގްރެޖުއޭޝަން ރަސްމިއްޔާތާ ގުޅުވައިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ 249 ދަރިވަރުންގެ އަތުން ކުއްޖަކަށް 400 ރުފިޔާ ނަގާފައިވާ ކަމަށާއި، ބައެއް ބެލެނިވެރިން އެއަށްވުރެ އިތުރަށް ވެސް ފައިސާ ހަދިޔާކޮށްފައިވާ ކަމަށް ބެލެނިވެރިޔާ ފާހަގަކުރި އެވެ.
އެގޮތުން ދަރިވަރުންގެ އަތުން 300,000 އަށް ވުރެ ގިނަ ރުފިޔާ ސްކޫލަށް ލިބިފައިވާ ކަމަށާއި، މި ފައިސާއިން ބުރާސްފަތި ދުވަހުގެ ރޭ ޑިނަރ ނައިޓެއް ބާއްވާއިރު، އެ އިވެންޓުގެ ޑެކަރޭޝަނަށް އެކަނިވެސް 45,000 އަށް ވުރެ ގިނަ ރުފިޔާ ހޭދަކުރާ ކަމަށް އޭނާ ބުންޏެވެ.
މިއީ ބޮޑު ކަންބޮޑުވުމެއް ކަމަށް ފާހަގަކޮށް އެ ބެލެނިވެރިޔާ ބުނީ، މި މައްސަލަ މިހާރު އެޑިޔުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށާއި، ނަމަވެސް ފާއިތުވި ދެ އަހަރު ވެސް ރެހެންދި ސްކޫލުން އަމަލުކޮށްފައިވަނީ މި އުސޫލުން ކަމަށް އޭނާ ތުހުމަތު ކުރި އެވެ.
މި މައްސަލައާ ގުޅިގެން ރެހެންދި ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ނާޒިމްގެ ބަހެއް ހޯދުމަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ ސްކޫލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.











