ޗައިނާއިން ހަނދަށް ފޮނުވަން ތައްޔާރުވާ އައު މިޝަންގައި ހަނދުގެ ފިނި ހިސާބުތަކުގައި ހުރި ގަނޑުފެނުގެ ސިއްރުތައް ހާމަވެގެން ހިނގައިދާނެ
22 އޯގަސްޓު 2026 | ހޮނިހިރު 11:10ޗައިނާގެ "ޗާންގް-އާ-7" މިޝަންގެ މައިގަނޑު އަމާޒަކީ ހަނދުގެ ދެކުނު ތަނޑީގައިވާ އަނދިރި ވަޅުގަނޑުތަކުގައި ގަނޑުފެން ހުރި މިންވަރާއި އެތަކެތި އިންސާނުންނަށް ބޭނުންކުރެވިދާނެތޯ ދެނެގަތުން. މި މިޝަންގައި ހިމެނޭ ހޮޕަރުގެ އެހީގައި ފުރަތަމަ ފަހަރަށް ހަނދުގެ ފުން ވަޅުގަނޑުތަކުގެ އެތެރެ ދިރާސާކުރާއިރު، މީގެ ސަބަބުން ކުރިމަގުގައި ހަނދަށް ކުރާ ދަތުރުތަކަށް ބޭނުންވާ ފެނާއި އޮކްސިޖަން އަދި އުޅަނދުތަކުގެ ތެޔޮ އުފެއްދުމަށް މަގުފަހިވާނެ ކަމަށް ބެލެވޭ

ހަނދުގެ ބޭރު ފަށަލައިގައި ނުވަތަ ސަތަހައިގައި ހުރި ކުދި އަދި ބޮޑެތި ވަޅުގަނޑުތަކުގެ (ކްރޭޓާސް) ތަފްސީލު ފެންނަ މަންޒަރެއް | އެލަމީ
ޗައިނާއިން ހަނދަށް ކުރާ އާ ދަތުރުގައި، ހަނދުގެ ފިނި ހިސާބުތަކުގައި ހުރި ގަނޑުފެނުގެ ސިއްރުތައް ހާމަވެގެން ހިނގައިދާނެ ކަމަށް ބެލެވެ އެވެ. ހަނދުގެ ދެކުނު ތަނޑީގައި އަބަދުވެސް އަނދިރިކޮށް ހުންނަ ވަޅުގަނޑުތަކުގައި ފެން ނުވަތަ ގަނޑުފެން ހުރިތޯ ބެލުމަށްޓަކައި، ޗައިނާއިން "ޗާންގް-އާ -7" ގެ ނަމުގައި އިންސާނަކާ ނުލައި ކުރިއަށްގެންދާ ރޮބޮޓިކް ޖައްވީ މިޝަން، އަންނަ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފޮނުވާލުމަށް ވަނީ ތައްޔާރުވެފަ އެވެ.
މިއީ ޗައިނާއިން ހަނދަށް ފޮނުވާ ހަތްވަނަ އަދި މިހާތަނަށް ކުރިއަށްގެންދާ އެންމެ ވަރުގަދަ މިޝަނެވެ.
މި މިޝަނާ ގުޅޭގޮތުން މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކަކީ ކޮބާ؟

ޗައިނާގެ ޝަންހާއީގެ ޝަންހާއީ ނިއު އިންޓަނޭޝަނަލް އެކްސްޕޯ ސެންޓަރުގައި 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވި "ޗައިނާ އިންޓަނޭޝަނަލް އިންޑަސްޓްރީ ފެއާ 2013" ގެ ތެރެއިން، އެ ގައުމުގެ ހަނދަށް ދަތުރުކުރާ އުޅަނދު "ޗާންގް-އާ 3" ލޫނާ ރޯވަަރުގެ މޮޑެލްއެއް ދައްކާލުމަށް ބަހައްޓާފައި | ގެޓީ އިމޭޖަސް
"ޗާންގް-އާ-7" މިޝަން ފޮނުވާލުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އޮގަސްޓް 24 ވާ ހޯމަ ދުވަހުން ފެށިގެން އޮގަސްޓް 31 ވާ ހޯމަ ދުވަހުގެ ނިޔަލަށް ކަމަށް މިކަން ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކުވެސް މި އުޅަނދު ފޮނުވާލުމުގެ ފުރުސަތު އެބައޮތެވެ.
މި މިޝަންގައި މައިގަނޑު ހަތަރު ބައެއް ހިމެނެ އެވެ. އެއީ އޯބިޓަރެއްގެ އިތުރުން، ލޭންޑަރަކާއި، ރޯވަރެއް އަދި ހޮޕަރެކެވެ.
އޯބިޓަރަކީ ހަނދުގެ އޯބިޓްގައި މަޑުކޮށްގެން އޮވެ، ހަނދުގެ ސަތަހަ މެޕްކޮށް ފޮޓޯ ނެގުމުގެ މަސައްކަތް ކުރާނެ މައި އުޅަނދެވެ. މީގެ އިތުރުން، މިޝަންގެ އެހެން ބައިތަކާއި ދުނިޔެއާ ދެމެދު މައުލޫމާތާއި މުއާސަލާތީ ގުޅުން ބަދަލުކުރުމުގެ މަސައްކަތްވެސް ކުރާނީ މި އުޅަނދުންނެވެ.
ލޭންޑަރަކީ ހަނދުގެ ސަތަހައަށް ތިރިކުރާ އުޅަނދެވެ. މީގައި ހަނދު ދިރާސާކުރުމަށް ބޭނުންވާ ސައިންޓިފިކް ސާމާނު ހުންނާނެ އެވެ. މި އުޅަނދު ތިރިކުރުމަށް ހަމަޖެހިފައިވަނީ ހަނދުގެ ދެކުނު ތަނޑީގައިވާ 21 ކިލޯމީޓަރު (13 މޭލު) ފުޅާ "ޝެކްލެޓަން ކްރޭޓަރ" ނަމަކަށް ކިޔާ ވަޅުގަނޑުގެ ކައިރިއަށެވެ. މީގެ ކުރިން ހަނދަށް ފޮނުވި އެއްވެސް މިޝަނެއް ހަނދުގެ ތަނޑިއާ މިހާ ގާތަށް ގޮސްފައެއް ނުވެ އެވެ.
ރޯވަރަކީ ލޭންޑަރު ތިރިކުރާ ސަރަހައްދުގައި ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ ކުޑަ ރޮބޮޓިކް އުޅަނދެކެވެ. މީގައި ހަނދުގެ ހިލައާއި ފަސްގަނޑު ފަދަ ތަކެތި ތަހުލީލުކުރާނެ ސާމާނު ހުންނާނެ އެވެ.
ހޮޕަރަކީ އިރުގެ ހަކަތައިން މަސައްކަތްކުރާ، ހަނދުގެ ސަތަހައިން ކުޑަ ދުރުމިނަކަށް އުދުހިފައި ގޮސް އަލުން ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ކުޑަ ރޮބޮޓިކް އުޅަނދެކެވެ. މީގެ ބޭނުމަކީ "ޝެކްލެޓަން ކްރޭޓަރ" ވަޅުގަނޑުގެ އެތެރެ ދިރާސާކުރުމެވެ.
ހަނދުގައި ފެން ހުރިކަން އެނގެނީ ކިހިނެއް؟
ވޭތުވެދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި ޖައްވަށް ފޮނުވި އެކި މިޝަންތަކުން ވަނީ ހަނދުގައި ފެން ހުރިކަން ކަށަވަރުކޮށްދީފަ އެވެ. 1960 ގެ އަހަރުތަކުން ފެށިގެން، އެންމެ ފުރަތަމަ 1969 ވަނަ އަހަރު އެޕޯލޯ މިޝަން ހަނދަށް ތިރިކުރުމުގެ ކުރިންވެސް، ސައިންސްވެރިން ދިޔައީ ހަނދުގައި ފެން ހުރެދާނެ ކަމަށް ލަފާކުރަމުންނެވެ. ނަމަވެސް، 1960 ގެ ފަހުކޮޅާއި 1970 ގެ ކުރީކޮޅު އެޕޯލޯގެ އެސްޓްރޮނޯޓުން ޓެސްޓުކުރުމަށް ގެނައި ސާމްޕަލްތަކުން ފެނުނީ އެތަކެތި ހިކިފައި ހުރި ތަނެވެ.
އެންމެ ފަހުން 2009 ވަނަ އަހަރު، ނާސާއިން ވަނީ ގަސްދުގައި ރޮކެޓް ބައެއް ހަނދުގެ އަނދިރި ވަޅުގަނޑަކަށް ވައްޓާލައި، އޭގެ ސަބަބުން އަރައިގެން ދިޔަ ހިރަފުސްތައް ތަހުލީލުކޮށްފަ އެވެ. މިއީ ހަނދުގައި ގިނަ އަދަދަކަށް ގަނޑުފެން ހުރިކަން ސީދާގޮތުން ކަށަވަރުވި އެންމެ ސާފު އެއް ހެއްކެވެ. މީގެ ކުރިންވެސް އެކި އުޅަނދުތަކުން ވަނީ ހަނދުގައި ފެނާއި ހައިޑްރޯޖަން ހުރިކަމުގެ ނިޝާންތައް ހޯދާފަ އެވެ.
2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، ނާސާގެ ސައިންސްވެރިން ވަނީ ކުރިން ހީކުރި ވަރަށްވުރެ ބޮޑަށް ހަނދުގައި ފެން ފެތުރިފައިވާކަން އިއުލާންކޮށްފަ އެވެ. އެ ފަރާތްތަކުން ބުނި ގޮތުގައި ހަނދުގެ ސަތަހައިގައި ހުރި ކުދި މައުދަނީ އެތިކޮޅުތަކުގެ ތެރޭގައި ފެނުގެ މޮލިކިއުލްތައް ހުރިކަން ވަނީ ފެނިފަ އެވެ. އަދި އަބަދުވެސް އަނދިރިކޮށް ހުންނަ ގަނޑުފެންގަނޑުތަކުގެ ތެރޭގައި އިތުރު ފެން ފޮރުވިފައި ހުރެދާނެ ކަމަށްވެސް އެ ފަރާތްތަކުން ލަފާކުރެ އެވެ.
ނާސާއިން ސިފަކުރާ ގޮތުގައި، މި އަނދިރި ސަރަހައްދުތަކަކީ ހަނދުގެ އުތުރު އަދި ދެކުނު ތަނޑީގައި ހުންނަ ފުން ވަޅުގަނޑުތަކުގެ ތެރެއިން، އެތައް މިލިއަން ނުވަތަ ބިލިއަން އަހަރުތަކެއް ވަންދެން އިރުގެ އަލި އެއްގޮތަކަށްވެސް ފޯރާފައި ނުވާ ތަންތަނެވެ. 2020 ވަނަ އަހަރު މިކަން ކަށަވަރުވުމުގެ ކުރިން، 2018 ވަނަ އަހަރުވެސް ނާސާއިން ވަނީ މެޕްތަކުގެ އެހީގައި ހަނދުގެ އަނދިރި ހިސާބުތަކުގައި ގަނޑުފެން ހުރިކަން ދެނެގަނެފަ އެވެ.
ހަނދުގައި ހުރި ފެނާ ބެހޭ އިތުރު މައުލޫމާތު ހޯދުމަކީ މުހިންމު ކަމަކަށް ވަނީ ކީއްވެ؟
ހަނދުގައި ހުރި ފެނާ ބެހޭ މައުލޫމާތު އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ހަނދުގެ ތަނޑިތަކުގައި ހުރި ގަދީމީ ގަނޑުފެންތަކުގައި، ހަނދުގެ އަލިފާން ފަރުބަދަތަކުގެ ހަރަކާތްތަކާއި، ދުނިޔެއާއި ހަނދުގެ ނިޒާމަށް ކޮމެޓްތަކާއި އެސްޓްރޮއިޑްތަކުގެ ޒަރީއާއިން ފެން އައި ގޮތުގެ ރެކޯޑުތައް ރައްކާކުރެވިފައި ހުރެދާނެތީ އެވެ. މިއީ ދުނިޔޭގެ ކަނޑުތައް އުފެދުނު ގޮތާ ބެހޭ މައުލޫމާތު ހޯދުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ.
މީގެ އިތުރުން، އިންސާނުންނަށް ބޭނުންކުރެވޭ ފަދަ ގޮތަކަށް އެކަށީގެންވާ މިންވަރަކަށް ހަނދުން ފެން ލިބެން ހުރިނަމަ، ހަނދަށް ކުރާ އިންސާނުން ހިމެނޭ މިޝަންތަކުގައި ބޯފެނުގެ ގޮތުގައި އެ ފެން ބޭނުންކުރެވިދާނެ އެވެ. އަދި މެޝިނަރީތައް ފިނިކުރުމަށްވެސް އެ ފެން ބޭނުންކުރެވިދާނެ އެވެ.
ހަމައެހެންމެ، ހަނދުން ފެންނަ ފެނުން ހައިޑްރޯޖަން ވަކިކޮށްގެން އުޅަނދުތަކަށް ބޭނުންވާ ފިއުލް ނުވަތަ ތެޔޮ އުފެއްދިދާނެ އެވެ. އަދި އޮކްސިޖަން ވަކިކޮށްގެން ނޭވާލުމަށް ބޭނުންކުރެވޭނެ އެވެ. މިއީ މާސްއަށް ކުރާ ދަތުރުތަކަށާއި ހަނދުގައި މައުދަން ނެގުމުގެ މަސައްކަތްތަކަށް ލިބޭނެ ބޮޑު އެހީއެކެވެ.
ހަނދުގައި ހުރި ފެނުގެ "މިލްކުވެރިކަން" އެއްވެސް ފަރާތަކަށް ހޯދިދާނެތަ؟
1967 ވަނަ އަހަރުގެ އދ. ގެ އައުޓަރ ސްޕޭސް ޓްރީޓީ (ޖައްވީ މުއާހަދާ) ބުނާގޮތުން، އެއްވެސް ގައުމަކަށް ހަނދުގެ މައްޗަށް އަމިއްލަ ބާރު ހިންގުމެއް ނުވަތަ އެއީ އެ ގައުމެއްގެ މިލްކެއް ކަމަށް ދައުވާއެއް ނުކުރެވޭނެ އެވެ. މި މުއާހަދާގައި ވިޔަފާރީގެ ބޭނުމަށް ކުރާ މަސައްކަތްތައް ސީދާ މަނާކޮށްފައެއް ނުވެ އެވެ. ނަމަވެސް، އަމިއްލަ ފަރާތްތަކުން ޖައްވުގައި ކުރާ ކަންކަމަކީ ދައުލަތްތަކުގެ ހުއްދައާއި ބެލުމުގެ ދަށުން ކުރަންޖެހޭ ކަންކަން ކަމަށް ބުނެފައިވެ އެވެ. އަދި ހަނދުން ލިބޭ ވަސީލަތްތަކުގެ މިލްކުވެރިކަމާ ބެހޭ މުހިންމު ސުވާލުތަކަށް މި މުއާހަދާގައި އަދިވެސް ސާފު ޖަވާބެއް ނެތެވެ.
ފަހަކަށް އައިސް ހަނދުގެ ގަނޑުފެން ހޯދުމަށް ކުރިއަށްގެންދިޔައީ ކޮން މިޝަންތަކެއް؟
2023 ވަނަ އަހަރު ރަޝިޔާއިން ވަނީ ހަނދުގެ ދެކުނު ތަނޑީގައި ގަނޑުފެން ހުރިތޯ ބެލުމަށް "ލޫނާ-25" ގެ ނަމުގައި އުޅަނދެއް ފޮނުވާލާފަ އެވެ. ނަމަވެސް، އެ އުޅަނދުގެ ކޮންޓްރޯލް ގެއްލި، ހަނދުގެ ސަތަހައަށް ވެއްޓި ވަނީ ފުނޑުފުނޑުވެފަ އެވެ. މީގެ ސަބަބުން އެއްވެސް ސައިންޓިފިކް މައުލޫމާތެއް ނުވަތަ ފެނާ ބެހޭ ހޯދުމެއް ހޯދޭގޮތެއް ނުވި އެވެ.
ރަޝިޔާގެ "ލޫނާ-25" އާ ވާދައަށް އިންޑިއާއިން ފޮނުވާލި "ޗަންދުރަޔާން-3" ގެ މަގްސަދަކީވެސް ހަނދުގެ ގަނޑުފެނާ ބެހޭ މައުލޫމާތު ހޯދުމެވެ. 2023 ވަނަ އަހަރުގެ އޮގަސްޓް މަހު "ޗަންދުރަޔާން-3" ކާމިޔާބުކަމާއެކު ހަނދަށް ތިރިކުރި އެވެ. އަދި އެ އުޅަނދުން ހަނދުގެ ފަސްގަނޑުގެ ހޫނުމިން ބަލައިގެން ކުރި ދިރާސާތަކުން، ހަނދުގެ ދެކުނު ތަނޑީގެ ސަތަހައިގައި ފެން ހުރިކަމުގެ މުހިންމު އާ ހެކިތަކެއް ވަނީ ހޯދާފަ އެވެ.
ހަނދުގެ ދެކުނު ތަނޑި ދިރާސާކުރުމަކީ ގޮންޖެހުމަކަށް ވަނީ ކީއްވެ؟
މީގެ ކުރިން ހަނދުގެ ދެކުނު ތަނޑިއަށް އުޅަނދުތައް ތިރިކުރަން ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވަނީ އެ ސަރަހައްދުގެ ބިންގަނޑު އޮންނަ ގޮތުންނެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ވަޅުގަނޑުތަކާއި ފުން ޓްރެންޗްތައް ހިމެނޭ، އުޅަނދުތައް ތިރިކުރަން އުނދަގޫ ސަރަހައްދެކެވެ.
ހަނދުގެ ދެކުނު ތަނޑިއަކީ، މީގެ ކުރިން އިންސާނުންނާއެކު ދިޔަ އެޕޯލޯ މިޝަންތައް ތިރިކުރި ހަނދުގެ މެދުތެރޭގެ (އިކުއެޓޯރިއަލް) ސަރަހައްދާ ވަރަށް ދުރުގައި އޮންނަ ތަނެކެވެ.
"ޗާންގް-އާ-7" މިޝަންގެ ތަފާތަކީ ކޮބާ؟
ކުރިއަށް އޮތް "ޗާންގް-އާ-7" މިޝަންގެ އަމާޒަކީ ހަނދުގެ ވަޅުގަނޑުތަކުގައި ފެން ހުރީ ސީދާ ކޮން ތަނެއްގައިކަމާއި، އެ ފެން ހުރީ ކިހާ ފުންމިނެއްގައިކަމާއި، އެއީ ކޮން ކަހަލަ ފެނެއްކަން ދެނެގަތުމެވެ. އަދި އެ ފެން އިންސާނުންނަށް ބޭނުންކުރެވިދާނެތޯ ބެލުމަކީވެސް މި މިޝަންގެ މަގްސަދެކެވެ.
"ޗާންގް-އާ-7" ގައި ހިމެނޭ ހަ ފައި ހުންނަ "ހޮޕަރު" ފަރުމާކޮށްފައިވަނީ އާދައިގެ ރޯވަރުތަކަށް ނުދެވޭ ފަދަ، ދެކުނު ތަނޑީގެ ފުން އަދި އަނދިރި ވަޅުގަނޑުތަކުގެ ތެރެއަށް ފުންމައިގެން ގޮސް، އެތަނުން ފެނާއި އެހެނިހެން ވަސީލަތްތައް ހޯދޭ ގޮތަށެވެ.
މީގެ ކުރިން ޖައްވަށް ފޮނުވި އެއްވެސް މިޝަންއެއްގައި، ހަނދުގެ ވަޅުގަނޑުތަކުގެ އެތެރެއާއި ބޭރަށް ފުންމައިގެން ދަތުރުކުރާ މިފަދަ ހޮޕަރެއް ބޭނުންކޮށްފައެއް ނުވެ އެވެ.









