ރައީސް މުއިއްޒުގެ ސަރުކާރު ދަނީ ހަމަމަގަކުން ނޫން ކަމަށް ވިދާޅުވެ ނަޝީދުގެ ބަހުގެ ހަމަލާތަކެއް!
21 ނޮވެމްބަރު 2026 | ހޮނިހިރު 06:50ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު އެމަނިކުފާނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ނަޝީދު ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. އަދި ސަރުކާރުގެ ނާގާބިލުކަމުން ދަރަނި ރީސްޓްރަކްޗާ ނުކުރެވި، ބޭރު ފައިސާ ހުސްވެ ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި


ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދަނީ އެއްގޮތަކަށް ވެސް ހަމަމަގުން ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.
ހޮނިހިރު ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި އަބުރު ރައްކާތެރިކުރުމާއި އިހުތިރާމް ދިނުމުގެ ނަމުގައި ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
ނަޝީދު ވިދާޅުވީ އަމިއްލަ އަބުރު ރައްކާތެރިކުރަން ޖެހޭނީ އަމިއްލައަށް ކަމަށާއި، ރައީސް އޮފީހުގައި އެމަނިކުފާނު އުޅުއްވި އިރު ވެސް އެފަދަ ވާހަކަތަކެއް ނުދެކެވޭ ކަމަށެވެ. އަދި މިފަދަ ވާހަކަތައް ދެކެވެނީ ކޮންމެވެސް ވަރެއްގެ ތެދެއް އޭގައި ހިމެނޭތީ ކަމަށާއި، އެ ކަންކަން ފޮރުވުމަށް އެތައް ހުއްޖަތުތަކެއް ދައްކައިގެން ބޮޑެތި ޖަލްސާތައް ބޭއްވިޔަސް އެއީ ރައްޔިތުން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މިސަރުކާރުން ކުރިއަށްގެންދާ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއަށް ވެސް ނަޝީދު ވަނީ ފާޑު ވިދާޅުވެފަ އެވެ.
ދާދި ފަހުން އަޅުގަނޑު ނެރުނީ ކުރު ވާހަކައެއް. އޭގައި އޮންނާނެ ގައުމީ މަޝްރޫއެއްގެ ވާހަކަ. އަޅުގަނޑު ނެރުނު ފަހުން އަޅުގަނޑަށް މި އަންނަނީ ކާޑެއް، އިހުތިރާމު އިތުރުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލުމުގެ ވާހަކަ. އަޅުގަނޑު ދަންނަވާނީ މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ. މި ސަރުކާރު އެއްގޮތަކަށް ވެސް މި ދަނީ ހަމަމަގެއްގައެއް ނޫންމުހައްމަދު ނަޝީދު
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، އަމިއްލަ ބާރުގައި ނުވަތަ ރައްޔިތުންގެ ތާއީދާއެކު ނޫން ކަމަށާއި، ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުސް ގޮނޑި ދައްކަވައިގެން ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ނަމަވެސް، ވެރިކަން ލިބިވަޑައިގަތުމަށް ފަހު ރައީސް ޔާމީން އެއްކައިރިކޮށްލައްވައި، ކެބިނެޓުން ވެސް ޕާޓީގެ އެންމެ ތަޖުރިބާކާރު އަދި ފުންނާބުއުސް އެތައް ބޭފުޅުންނެއް ވަކިކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ކަންކަން ތަންފީޒުކުރަން ތިއްބެވި ގާބިލު ބޭފުޅުން ވަކިކުރުމުގެ ސަބަބުން ސަރުކާރަށް ގައުމުގެ ދަރަނި އަލުން އަނބުރާ ރީސްޓްރަކްޗަރ ކުރެވިފައިނުވާ ކަމަށެވެ. އަދި ދަރަނި ދެއްކުމަށްޓަކައި ރާއްޖޭގައި ހުރި ހުރިހާ ބޭރު ފައިސާއެއް ހުސްކޮށްލާފައިވާ ކަމަށާއި، އޭގެ ސަބަބުން ގައުމުގައި ޑޮލަރު ނެތި، ރައްޔިތުން ބޭނުންކުރާ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިސަރުކާރުގައި ރައްޔިތުންނަށް އިންތިހާއަށް ދަތިވެފައިވާ ކަމަށާއި، މިއީ އެއްގޮތަކަށް ވެސް ހަމަމަގުން ކުރިއަށްދާ ސަރުކާރެއް ނޫން ކަމަށެވެ.











