ރާއްޖެ އަށް ގިނަ ރޮނގުތަކުން އެހީވެދެއްވި އަދި ރާއްޖެ އަށް ޒިޔާރަތްކުރެއްވި ފުރަތަމަ ޗައިނާގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ އަވަހާރަވެއްޖެ
12 އޯގަސްޓު 2026 | ބުދަ 12:40ޗައިނާގެ އިގްތިސާދު ބަދަލުކޮށްލުމުގެ މޭސްތިރިޔާ ޒޫ ރޮންގްޖީއަކީ އެ ގައުމު ދުނިޔޭގެ ވިޔަފާރި ޖަމިއްޔާގައި ބައިވެރިކުރުވުމާއި މާކެޓް އިގްތިސާދެއް ބިނާކުރުމުގައި މުހިންމު އިސްލާހުތަކެއް ގެންނެވި ބޭފުޅެއް. އެމަނިކުފާނު 2001 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެ ގައުމުގެ ސިޔާސީ ގުޅުން ބަދަހިވެ، އުމްރާނީ ތަރައްގީގެ އެހީތެރިކަން އިތުރުވުމަށް މަގުފަހިވެގެންދިޔަ ތާރީޚީ ދަތުރުފުޅެއް

ޗައިނާގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ (ވ) ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، 2001 މެއި 16 ގައި ހުޅުލޭ އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާ މަރުހަބާ ވިދާޅުވަނީ | ގެޓީ އިމޭޖަސް
ޗައިނާގެ އިގްތިސާދަށް އައި އާދަޔާޚިލާފު ކުރިއެރުމުގެ މޭސްތިރިޔާ، އަދި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ، އުމުރުފުޅުން 97 އަހަރުގައި ބުދަ ދުވަހު އަވަހާރަވެއްޖެ އެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާ، ޒިންންހުއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސިޔާސީ މަތީ އިދާރާތަކުން ނެރުނު ތައުޒިޔާގެ ބަޔާނުގައި ޒޫ ސިފަކުރައްވާފައިވަނީ "ފަޚުރުވެރި ޚިދުމަތްތަކެއް" ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.
ޒިންހުއާ އިން ބުނި ގޮތުގައި ޒޫ އަވަހާރަވީ ބަލިވެއުޅުއްވުމަށްފަހު، ބެއިޖިންގްގައި ފަރުވާ ދެމުން ދަނިކޮށް، ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
"ކޮމްރޭޑް ޒޫ ރޮންގްޖީގެ ހަޔާތްޕުޅަކީ އިންގިލާބީ، މަސައްކަތްތެރި، އަދި ފަޚުރުވެރި ހަޔާތްޕުޅެއް،" ޒިންހުއާ އިން ރިޕޯޓުކޮށްފައިވެ އެވެ.
އަދި އެއީ މުޅި އުމުރު ދުވަހު އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމާއި، ކޮމިއުނިސްޓް ފިކުރު ކުރިއެރުވުމުގައި ހޭދަކުރެއްވި ހަޔާތެއް ކަމަށާއި، އޭނާ ވަކިވެދިއުމަކީ ކޮމިއުނިސްޓް ޕާޓީއަށާއި މުޅި ގައުމަށް ލިބުނު ބޮޑު އުނިކަމެއްގެ ގޮތުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ޒޫ ޗައިނާގެ ބޮޑުވަޒީރުކަމާ 1998 ވަނަ އަހަރު ހަވާލުވެވަޑައިގަތުމަށްފަހު، މިނިވަން މާކެޓް އިގްތިސާދެއް ބިނާކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، އެ ދާއިރާއިން ބޮޑު މަގުބޫލުކަމެއް ހޯއްދެވި އެވެ.
އޭނާ ގެންނެވި އެންމެ ފާހަގަކޮށްލެވޭ އިސްލާހުތަކުގެ ތެރޭގައި، ފައިދާނުވާ ދައުލަތުގެ ކުންފުނިތައް އަމިއްލަ ފަރާތްތަކަށް ވިއްކާލުމުގެ ބޮޑު މަޝްރޫއަކާއި، ސިޓީތަކުގެ ބޯހިޔާވަހިކަން އަމިއްލަކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުން ހިމެނެ އެވެ.
މި އިސްލާހުތަކުގެ ސަބަބުން ޗައިނާގެ ރިއަލް އެސްޓޭޓް އަދި އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، 2020 ވަނަ އަހަރު ދަރަނީގެ މައްސަލަތައް ކުރިމަތިވުމާ ހަމައަށް އެ ދާއިރާ ވަނީ ޗައިނާގެ އިގްތިސާދުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކޮށްފަ އެވެ.
މީގެ އިތުރުން، 1997 ވަނަ އަހަރު އޭޝިއާއަށް ކުރިމަތިވި މާލީ ކާރިސާގެ ނޭދެވޭ އަސަރުތަކުން ޗައިނާ ސަލާމަތްކޮށްދިނުމުގައި ޒޫގެ ހަރުދަނާ ލީޑަޝިޕް ބޮޑު ދައުރެއް އަދާކުރި ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އަދި 2001 ވަނަ އަހަރު ޗައިނާ އިން ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއު.ޓީ.އޯ) ގެ މެންބަރަކަށް ވުމަށް ކުރި މަޝްވަރާތަކުގައި އޭނާ އިސްކޮށް އުޅުއްވި އެވެ. މިއީ މާއޯ ޒެޑޮންގްގެ ވެރިކަމުގައި އެކަހެރިވެފައި އޮތް ޗައިނާގެ އިގްތިސާދު، "ދުނިޔޭގެ ބާޒާރަށް" ބަދަލުކޮށްލުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ.
ރާއްޖެ ވަޑައިގަތުން

ޗައިނާގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ފެއްޓެވުމުގެ ގޮތުން، 16 މެއި 2001 ގައި މޯލްޑިވްސް ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެން.އެސް.އެސް) ގެ ޝަރަފުގެ ގާޑެއް ބައްލަވާލައްވަނީ | ގެޓީ އިމޭޖަސް
ޗައިނާގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ 2001 ވަނަ އަހަރުގެ މެއި މަހުގެ 16 އިން 17 އަށް ދިވެހިރާއްޖެއަށް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއް ވަނީ ކުރައްވާފަ އެވެ. މިއީ ޕާކިސްތާން، ނޭޕާލް، ސްރީލަންކާ އަދި ތައިލެންޑަށް އެމަނިކުފާނު ކުރެއްވި ދެކުނު އޭޝިއާގެ ދަތުރުފުޅުގެ ބައެކެވެ. މިއީ ޗައިނާ ސަރުކާރުގެ އެންމެ އިސްވެރިއަކު ރާއްޖެއަށް ކުރެއްވި އެންމެ ފުރަތަމަ މަތީ ފަންތީގެ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން އިތުރަށް ބަދަހިވެ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް މަގުފަހިވެގެން ދިޔަ އެވެ.
މި ދަތުރުފުޅުގެ މުހިންމު ބައިތަކާއި އެޖެންޑާ
މި ދަތުރުފުޅުގައި ދުނިޔެ ހޫނުވުމާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޗައިނާގެ ފުރިހަމަ ތާއީދު އޮތްކަން ބޮޑުވަޒީރު ޒޫ ހާމަކުރެއްވި އެވެ. ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ބޭއްވެވި ރަސްމީ ޖާފަތެއްގައި ވާހަކަފުޅު ދައްކަވަމުން، ކަނޑުގެ ލޮނގުގަނޑު އުފުލުމުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ގައުމަކަށް އޮތް ނުރައްކަލާ މެދު ޗައިނާއިން ކަންބޮޑުވާކަން ޒޫ ފާހަގަކުރެއްވި އެވެ. އަދި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވި އެވެ.
އެ ދަތުރުފުޅުގައި ބޮޑުވަޒީރު ޒޫ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ހަމީދާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، ތަރައްގީވަމުން އަންނަ ގައުމުތަކާއެކު އޮންނަ އެއްބައިވަންތަކަމާއި އެއްބާރުލުން ވަރުގަދަކުރުމަކީ ޗައިނާގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަސާސްކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވި އެވެ.
މި ދަތުރުފުޅަށްފަހު، ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ތަރައްގީގެ އެހީތެރިކަން ބޮޑުތަނުން އިތުރުވެގެން ދިޔަ އެވެ. މީގެ ތެރޭގައި ހައުސިންގް މަޝްރޫއެއް އިފްތިތާހު ކުރުމާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތާއި ގައުމީ ދާރުލްއާސާރު ބިނާކުރުމަށް ފަންޑު ދިނުމުގެ އިތުރުން، ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ބައެއް ދަރަނިތައް މާފުކޮށްދިނުން ހިމެނެ އެވެ.

ޗައިނާގެ ޓްރޭޑް މިނިސްޓަރު ޝީ ގުއާންގްޝެންގް (ވައަތްފަރާތުން އިށީނދެވަޑައިގެން) އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް (ކަނާތްފަރާތުން)، 16 މޭ 2001 ގައި މާލޭގައި އިގްތިސާދީ އެއްބާރުލުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރައްވަނީ. މި ރަސްމިއްޔާތުގައި ޗައިނާގެ ފޮރިން މިނިސްޓަރު ޓޭންގް ޖިއާޝުއާން (ވައަތްފަރާތުން ފަހަތުގައި ކޮޅަށް)، ޗައިނާގެ ބޮޑުވަޒީރު ޒޫ ރޮންގްޖީ (ވައަތްފަރާތުން ދެވަނައަށް ކޮޅަށް) އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް (ކަނާތްފަރާތުން ދެވަނައަށް ފަހަތުގައި) ބައިވެރިވެވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް
ޒޫ ގެ މި ދަތުރުފުޅާ ގުޅިގެން ސަރަހައްދީ މީޑިއާތަކުގައި ޖިއޯޕޮލިޓިކަލް ގޮތުން ތަފާތު ވާހަކަތަކެއް ފެތުރުނެވެ. އެގޮތުން، ރާއްޖޭގައި ޗައިނާގެ ކަނޑުގެ ސިފައިންގެ ނުވަތަ ސަބްމެރިން މޮނިޓަރ ކުރާ މަރުކަޒެއް ގާއިމުކުރުމަށް ސިއްރު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރި އެވެ. ނަމަވެސް، ރައީސް މައުމޫންގެ ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށް، އެއީ އެއްވެސް ހަގީގަތެއް ނެތް އަޑުތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ޒޫ އަވަހާރަވި ޚަބަރު އިއުލާންކުރިތާ ގަޑިއެއްހާއިރު ތެރޭގައި، ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ވޭބޯ" ގައި މި ޚަބަރު ބެލި މީހުންގެ އަދަދު 100 މިލިއަނަށްވުރެ މައްޗަށް އަރައި، އެންމެ ގިނައިން ދެކެވޭ ވާހަކައަށް ވަނީ ވެފައެވެ.











