ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ
5 އޯގަސްޓު 2026 | ބުދަ 11:00ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓުގެ ބައެއް ބާރުމިނުގައި ދަތުރުކޮށް ހަނދުގެ ސަތަހައަށް ވެއްޓުމާ ގުޅިގެން، އެ ސަރަހައްދު ދިރާސާކުރުމުގެ މަސައްކަތް ނާސާއިން ފަށައިފި. މި ހާދިސާ ހިނގަން މެދުވެރިވީ އިރުގެ ހަރަކާތްތަކާއި ދަމާބާރުގެ ސަބަބުން ރޮކެޓުގެ މިސްރާބަށް އައި ބަދަލަކުން ކަމަށްވާއިރު، މިއީ އޮޅުމަކުން ރޮކެޓެއްގެ ބައެއް ހަނދަށް ވެއްޓުނު ދެވަނަ ފަހަރު

ފްލޮރިޑާގެ ކޭޕް ކެނެވެރަލްގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުގެ ޕެޑް 39އޭ އިން، ހަނދަށް ފޮނުވާ ދެ އުޅަނދަކާއެކު ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓެއް ޖައްވަށް އުދުއްސާލަނީ | އޭޕީ
ސްޕޭސް އެކްސްގެ ރޮކެޓަކުން ވަކިވި، ސްކޫލް ބަހެއްގެ ބޮޑުމިން ހުރި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދަށް ވެއްޓިފައިވާ ކަމަށް ޓްރެކިންގް ޑޭޓާތަކުން ދައްކައިފި އެވެ.
މި ހާދިސާގެ ސަބަބުން ހަނދުގެ ސަތަހައިގައި އާ ވަޅުގަނޑެއް އުފެދިފައިވާއިރު، މިއީ ވަރަށް ބާރުމިނުގައި ކައުނުގެ ތެރޭގައި ހިނގާ މިފަދަ ހާދިސާތައް ދިރާސާކުރުމަށް ސައިންސްވެރިންނަށް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެކެވެ.
މި އެތިގަނޑަކީ 2025 ވަނަ އަހަރުގެ ކުރީކޮޅު އުދުއްސާލި ފެލްކަން 9 ރޮކެޓުގެ ދެވަނަ ސްޓޭޖްގައި ހިމެނޭ ބައެވެ. މިނިވަން ފަލަކީ މާހިރުން ކުރަހާފައިވާ އޯބިޓަލް ޓްރެޖެކްޓަރީތަކުންނާއި ޖައްވީ ކަންކަން ބަލަހައްޓާ އިދާރާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މި އެތިގަނޑު ބުދަ ދުވަހުގެ ކުރީކޮޅު ހަނދުގެ "އައިންސްޓައިން ކްރޭޓަރ" ކައިރިއަށް ވެއްޓިފައިވަނީ ގަޑިއަކު ގާތްގަނޑަކަށް 8,700 ކިލޯމީޓަރު (5,400 މޭލު) ބާރުމިނުގައި ދަތުރުކުރަމުން ގޮހެވެ. މި އެތިގަނޑު ހަނދުގެ ސަތަހައިގައި ޖެހުނީ ގާތްގަނޑަކަށް ތިން ޓަނުގެ ޓީ.އެން.ޓީ ގޮއްވާލުމުން އުފެދޭނެ ފަދަ ބާރުގަދަ ފޯސްއަކާއެކުގަ އެވެ.
އާންމުގޮތެއްގައި މިފަދަ ރޮކެޓްތަކުގެ ބައިތައް، އޭގެ މަސައްކަތް ނިންމުމަށްފަހު ދުނިޔޭގެ ޖައްވަށް އަލުން ވަދެ އަނދައިގެންދަނީ އެވެ. ނުވަތަ މީހުން ދިރިނޫޅޭ ހިސާބުގެ ކަނޑުގެ ސަރަހައްދުތަކަށް ވެއްޓެނީ އެވެ.
ނަމަވެސް، ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި އިރު، ދުނިޔެ އަދި ހަނދުގެ ދަމާބާރުގެ ސަބަބުން މި އެތިގަނޑު ދަތުރުކުރަމުންދިޔަ މިސްރާބަށް މަޑުމަޑުން ބަދަލު އައިސް، ހަނދުގައި ޖެހުން ނޫން ގޮތެއް ނެތް ހާލަތަކަށް ކަންކަން ދިޔައީ އެވެ. ސްޕޭސް އެކްސް އިން ބުނި ގޮތުގައި މި އެތިގަނޑު ހަނދަށް ވެއްޓުމަކީ ގަސްދުގައި ކުރި ކަމެއް ނޫން ނަމަވެސް، އޭގައި ހުރި ތެލުގެ މިންވަރަށް ބަލާއިރު އެކަން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ސްޕޭސް އެކްސްގެ ނާސާ ސައިންސް އެންޑް ޑްރެގަން ޕްރޮގްރާމްތަކުގެ ޑައިރެކްޓަރު ޖޫލިއާނާ ޝައިމަން ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިކަން ހިނގަން މެދުވެރިވީ އިރުގެ ހަރަކާތްތަކާއި ދަމާބާރުގެ ސަބަބުން އެ އެތިގަނޑު ހަނދާ ދިމާލަށް ދަތުރުކުރާ މަގަށް ބަދަލުވުމުން ކަމަށެވެ.
މި ކުރިމަތިލުން ހިނގި ސަރަހައްދު ދިރާސާކުރުމަށްޓަކައި ނާސާގެ "ލޫނާ ރިކޮނައިސަންސް އޯބިޓަރ" (އެލް.އާރު.އޯ) އާއި ދެކުނު ކޮރެއާގެ "ޑަނޫރީ" އޯބިޓަރުގެ ސެންސަރުތައް މިހާރު ވަނީ އެ ސަރަހައްދަށް އަމާޒުކޮށްފަ އެވެ. އެ އެތިގަނޑު ޖެހުނު ވަގުތު އުފެދުނު އަލިގަދަ ފްލޭޝް، ހަނދުގެ އެ ސަރަހައްދަށް އިރުގެ އަލި އެޅިފައި ހުރުމުގެ ސަބަބުން ސާފުކޮށް ނުފެނުނު ނަމަވެސް، އޯބިޓަރުތަކުން އެ ސަރަހައްދުން ބޭރުވި ހިރަފުސްތައް ދިރާސާކޮށް، އާ ވަޅުގަނޑު އުފެދުމުގެ ކުރިންނާއި ފަހުން ހުރި ގޮތުގެ ފެންވަރު ރަނގަޅު ފޮޓޯތައް ނަގާނެ އެވެ.
ޖައްވީ ކަންކަން ޓްރެކްކުރާ މާހިރެއް ކަމަށްވާ ބިލް ގްރޭ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ބުނި ގޮތުގައި، މި ހާދިސާގެ ސަބަބުން ވަގުތުން ކުރިމަތިވާނެ ނުރައްކަލެއް ނެތެވެ. ނަމަވެސް، މިއީ ބޭނުންކޮށްފައި ބާކީވާ ޖައްވީ އާލާތްތައް ނައްތާލުމުގައި ހުރި ފަރުވާކުޑަކަން ހާމަކޮށްދޭ ކަމެއް ކަމަށާއި، ޖައްވުގެ ތެރޭގައި މިފަދަ ތަކެތި މިހާރު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އޭނާ ފާހަގަކުރި އެވެ.
ބުދަ ދުވަހުގެ މި ހާދިސާއަކީ ރޮކެޓެއްގެ ބައެއް ގަސްދުގައި ނޫންގޮތަކަށް ހަނދަށް ވެއްޓުނުކަން އެނގިފައިވާ ދެވަނަ ފަހަރެވެ. މިފަދަ ފުރަތަމަ ހާދިސާ ހިނގީ 2022 ވަނަ އަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހު އެވެ. އެ ފަހަރު ވެއްޓުނީ 2014 ވަނަ އަހަރު ޗައިނާއިން އުދުއްސާލި "ލޯންގް މާޗް 3ސީ" ރޮކެޓުގެ ބައެކެވެ. އެ އެތިގަނޑު ހަނދުގެ ފުރަގަހަށް ވެއްޓުމުގެ ސަބަބުން އާދަޔާ ހިލާފު "ޑަބަލް ކްރޭޓަރ" ނުވަތަ ގުޅިފައިވާ ދެ ވަޅުގަނޑު އުފެދުނެވެ.
މަސްދަރު: ރޮއިޓާސް، އޭޕީ





