ބަންޑާރަނައިބު އުޝާމްގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ އަށް ބީލަމަކާ ނުލައި، 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލު ކުރިކަމުގެ ތުހުމަތު
21 ނޮވެމްބަރު 2026 | ހޮނިހިރު 17:05ބަންޑާރަ ނައިބު ދެއްވާ ގާނޫނީ ލަފާތަކުގެ ސަބަބުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާތީ، އެފަދަ ނިންމުންތައް ނިންމަވާ ބޭފުޅުން ޒާތީގޮތުން ޒިންމާދާރުކޮށް ތަހުގީގު ހިންގަންޖެހޭ ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭނަމަ ޖިނާއީ ދައުވާ އުފުލައި، ގެއްލުންވާ ފައިސާ އަނބުރާ ހޯދޭނެ ނިޒާމެއް ގާއިމުކުރަން އޭނާ ގޮވާލެއްވި


ބަންޑާރަ ނައިބު އަހްމަދު އުޝާމް
މި ސަރުކާރުގެ ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ އިރުޝާދުގެ ދަށުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާއަށް ގެނައި އިސްލާހުތަކާއެކު، އެ ބޭފުޅާގެ އާއިލީ މަސްލަހަތު އޮންނަ އާރްސީސީ ކުންފުންޏަށް، އާންމުކޮށް ބީލަމަށް ހުޅުވާލުމަކާ ނުލައި، ކައުންސިލް އިމާރާތްތައް އެޅުމުގެ 631 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކޮށްފައިވާ ކަމަށް، މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޒަރިޔަންދު ވިދާޅުވީ ރަސްމާލެ އާއި އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ގާނޫނީ ލަފާ ދެއްވި ކަމަށް އުޝާމް ކަށަވަރުކޮށްދެއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ އެއްބަސްވުމާ ގުޅޭ މައްސަލަތައް އުފެދި، ބައިނަލްއަގްވާމީ އާބިޓްރޭޝަނަށް ދާންޖެހި، ގައުމުގެ ބިމުގެ މައްޗަށް ދައުލަތަށް އޮންނަ ދިގު މުއްދަތުގެ ބާރު ގެއްލިގެން ދިޔުމުގެ ނުރައްކާ އޮތުމާއެކު، ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި ދައުލަތުގެ ބޮލުގައި އެޅުމުގެ ބިރު ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން އެއަރޕޯޓު އަނބުރާ ހޯދުމުގައި މާލިއްޔަތަށް އެންމެ ލުއިވާނެ ގާނޫނީ ހައްލެއް ނުހޯއްދަވައި، އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ޖީއެމްއާރު އެއްބަސްވުން ބާތިލުކުރުމަށް ދެއްވި ލަފައާއި، މިދިޔަ ދައުރުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އެކި ފަރާތްތަކަށް ބަދަލުދިނުމަށް ދެއްވި ލަފާތަކަށް ބިނާކޮށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ދޫކޮށްފައިވާ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.
ބަންޑާރަ ނައިބުންގެ މިފަދަ ލަފާތަކުގެ ސަބަބުން ގައުމުގެ މާލިއްޔަތަށް ލިބެމުންދާ ގެއްލުމަކީ، ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިމެނޭ ކަމެއްތޯ ދެނެގަތުމަށްޓަކައި، މި ކަންކަމުގައި ޝާމިލުވާ ފަރާތްތަކުން ދައުލަތަށް ލިބެން އޮތް ފައިދާއަކުން ދައުލަތް މަހުރޫމް ކޮށްފައިވޭތޯ އާއި އަމިއްލަ ފައިދާއެއް ހޯދުމަށް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ނިޔަތުގައި ދައުލަތުގެ މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ބެލުމަށް ތަހުގީގު ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒަރިޔަންދު ވިދާޅުވީ އިހުމާލުވެފައިވާކަން ނުވަތަ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ސާބިތުވާ ބަންޑާރަ ނައިބުންނާއި ނިންމުންތައް ނިންމާ އެހެން ފަރާތްތައް ޒާތީ ގޮތުން ޒިންމާދާރުކުރުވައި، ޖިނާއީ ދައުވާ އުފުލައި، ގެއްލުންތައް ގާނޫނީ އިމުގެ ތެރެއިން އަނބުރާ ހޯދޭނެ ހުކޫމަތެއް މިއަދު ބޭނުންވާ ކަމަށެވެ. އަދި ދައުލަތުގެ މަގާމުތަކަކީ އިމްތިޔާޒުތަކެއް ލިބޭ ތަނެއްގެ ބަދަލުގައި ޖަވާބުދާރީވާން ޖެހޭ މަގާމުތަކަކަށް ވާންޖެހޭ ކަމަށާއި ދައުލަތް ހިމާޔަތްކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތަކުން ނިންމާ ނިންމުންތަކުގެ ނަތީޖާގެ އަގު ދައްކަންޖެހޭ ބަޔަކަށް ރައްޔިތުން ވެގެން ނުވާނެ ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ.











