ސްޕޭސް އެކްސް ރޮކެޓުގެ ބައެއް ޖެހުމުގެ ސަބަބުން ހަނދަށް ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތައް އާންމުކޮށްފި
19 އޯގަސްޓު 2026 | ބުދަ 16:05ސްޕޭސް އެކްސްގެ ރޮކެޓް ބައެއް ހަނދުގެ ސަތަހައިގައި ޖެހި އުފެދުނު ވަޅުގަނޑުގެ ފޮޓޯތައް ނާސާއިން އާންމުކޮށްފައިވާއިރު، މި ހާދިސާގައި ގާތްގަނޑަކަށް 18 މީޓަރު ފުޅާ ވަޅުގަނޑެއް ވަނީ އުފެދިފައި. މިފަދަ ކޮންޓްރޯލެއް ނެތް އުޅަނދުތައް ހަނދަށް ވެއްޓުމަކީ ކުރިމަތީގައި އޮތް ބޮޑު ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުން
ނާސާގެ ލޫނާ ރިކޮނައިސަންސް އޯބިޓަރ (އެލް.އާރް.އޯ) އިން ހަނދުގެ ސަތަހައިގައި އަލަށް އުފެދިފައިވާ ވަޅުގަނޑެއްގެ ފޮޓޯތައް ވަނީ ނަގާފައި. މި ވަޅުގަނޑު އުފެދިފައިވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހު، ސްޕޭސް އެކްސް ކުންފުނީގެ ފެލްކަން 9 ރޮކެޓުގެ މަތީ ބައި (އަޕަރ ސްޓޭޖް) ހަނދުގެ ސަތަހައިގައި ޖެހި ބާރުގަދަ އެކްސިޑެންޓެއް ހިނގުމާ ގުޅިގެން | ނާސާ ސޯލަރ ސިސްޓަމް
މި މަހުގެ ކުރީކޮޅު ގަޑިއަކު 5،400 މޭލު (8،700 ކިލޯމީޓަރު) ގެ ބާރުމިނުގައި ދަތުރުކޮށް، ހަނދުގެ ސަތަހައިގައި ޖެހުނު ސްޕޭސް އެކްސް ފެލްކަން 9 ރޮކެޓުގެ ބައެއްގެ ސަބަބުން ހަނދަށް ލިބިފައިވާ ގެއްލުންތައް ދައްކައިދޭ ފޮޓޯތަކެއް ނާސާއިން އާންމުކޮށްފި އެވެ.
އެމެރިކާގެ ފަޒާގެ އިދާރާ، ނާސާއިން އަންގާރަ ދުވަހު އާންމުކުރި އެނިމޭޓެޑް ފޮޓޯތަކަކީ އެ އިދާރާގެ ލޫނާ ރިކޮނައިސަންސް އޯބިޓާ (އެލް.އާރު.އޯ) ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތަކެކެވެ. މި ފޮޓޯތަކުން ފެންނަނީ ރޮކެޓް ބައި ޖެހުމުގެ ކުރިން ހަނދުގެ ސަތަހަ އޮތް ގޮތާއި، އެ ހާދިސާއަށްފަހު އަލަށް އުފެދުނު ކަޅު ކުލައިގެ ވަޅުގަނޑެވެ.
ނާސާއިން ބުނި ގޮތުގައި މި ހާދިސާގައި އުފެދުނު ވަޅުގަނޑުގެ ފުޅާމިނުގައި ގާތްގަނޑަކަށް 18 މީޓަރު (60 ފޫޓު) ހުރިއިރު، ފުންމިނުގައި ހުރީ 3 މީޓަރު (10 ފޫޓު) އަށްވުރެ ކުޑަ މިންވަރެކެވެ.
މި ފޮޓޯތަކުން ފެންނަ ގޮތުގައި ވަޅުގަނޑުގެ ވަށައިގެން އަލިގަދަ އަދި ކަޅު ކުލައިގެ ރޮނގުތަކެއް ބޭރަށް ފެތުރިފައިވެ އެވެ. ނާސާއިން ހާމަކުރި ގޮތުގައި، މި އަނދިރި ރޮނގުތަކަކީ ރޮކެޓް ޖެހުނު ބާރުގައި ހަނދުގެ ސަތަހައިގެ މަތީ ފަށަލައިން (0.46 މީޓަރު ނުވަތަ 1.5 ފޫޓުގެ ފުންމިނުން) ބޭރަށް ބުރައިގެން ގޮސްފައިވާ ހިރަފުހާއި ހިލަ އެވެ. މި ތަކެއްޗަކީ އިރުގެ ވައި (ސޯލާ ވިންޑް) އާއި ކޮސްމިކް ދޯދިތަކުގެ ސަބަބުން ޒަމާންތަކެއް ވަންދެން ބަދަލުތަކެއް އައިސްފައިވާ ތަކެއްޗެވެ. އަދި ވަޅުގަނޑުގެ ކައިރިފަށުން ފެންނަ އަލިގަދަ ތަކެއްޗަކީ ހަނދުގެ އަޑީގެ ފަށަލަތަކުން ބޭރަށް ނުކުމެފައިވާ ތަކެއްޗެވެ.
އެއް އަހަރަށްވުރެ ގިނަ ދުވަހު ފަޒާގައި އޮތުމަށްފަހު، 4 ޓަނުގެ ބަރުދަން ހުރި މި ރޮކެޓް ބައި ހަނދުގެ ސަތަހައިގައި ޖެހިފައިވަނީ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެވެ. ފެލްކަން 9 ރޮކެޓަކީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ 'ބްލޫ ގޯސްޓް' އަދި ޖަޕާނުގެ 'ރެޒިލިއަންސް' ލޫނާ ލޭންޑަރުތައް ހިފައިގެން އުދުއްސާލި ރޮކެޓެކެވެ. މި ރޮކެޓުގެ ފުރަތަމަ ބައި (ބޫސްޓަރު) އަނބުރާ ބިމަށް ޖެއްސި ނަމަވެސް، ދެވަނަ ބައި އޮތީ ފަޒާގެ ތެރެއަށް ދޫވެފަ އެވެ.
ސްޕޭސް އެކްސް އިން ބުނި ގޮތުގައި، މި ރޮކެޓް ބައި ފުރަތަމަ ދޫކޮށްލީ މިހާރު އަމަލުކުރާ ގަވާއިދުތަކުގެ ދަށުން ރައްކާތެރި މިސްރާބެއްގަ އެވެ. ނަމަވެސް އިރުގެ ހަރަކާތްތަކާއި ދުނިޔެއަށް ދަމާބާރުގެ (ގްރެވިޓޭޝަނަލް ފޯސް) ސަބަބުން އޭގެ މިސްރާބު ބަދަލުވެ، ހަނދާ ދިމާލަށް ދަތުރުކުރީ އެވެ.
ހަނދުގެ ސަތަހައިގައި ގުދުރަތީ ގޮތުން ގުރަހަތަކުގެ ބައިތައް (މީޓިއޮރޮއިޑްސް) ޖެހުމަކީ އާންމު ކަމެއް ނަމަވެސް، އިންސާނުން އުފައްދާފައިވާ ތަކެތި މިގޮތަށް ޖެހުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މީގެ ކުރިން އެޕޯލޯ މިޝަންތަކުގެ ދުވަސްވަރު، ހަނދަށް އަންނަ ލޮޅުންތައް ބެލުމަށްޓަކައި ނާސާއިން ގަސްދުގައި ރޮކެޓް ބައިތައް ހަނދުގެ ސަތަހައަށް ވައްޓާލާފައިވެ އެވެ.
ހަނދާއި ހަނދުގެ ވަށައިގެންވާ ސަރަހައްދުގައި އިންސާނުންގެ ހަރަކާތްތައް އިތުރުވަމުންދާއިރު، މިފަދަ ރޭވުމެއް ނެތް އެކްސިޑެންޓްތަކަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ތަޖުރިބާކާރުން އަންނަނީ އިންޒާރު ދެމުންނެވެ. އިނގިރޭސިވިލާތުގެ އެއިރޯސްޕޭސް އިންޖިނިއަރެއް ކަމަށްވާ ޑީން ސްލޭޑަން މިދިޔަ ހަފުތާގައި 'ސްޕޭސް.ކޮމް' އަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، އެކި ގައުމުތަކުގެ ފަޒާގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުން ހަނދުގައި ދާއިމީ ވަސީލަތްތައް ގާއިމުކުރަމުންދާއިރު، ކޮންޓްރޯލެއް ނެތި ދަތުރުކުރާ މިފަދަ ރޮކެޓް ބައިތަކަކީ އޮޕަރޭޝަނަލް ގޮތުން ކުރިމަތިވެދާނެ ބޮޑު ނުރައްކަލެކެވެ.


