ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު ތޫފާން "ނޯލް" ބާރުދެރަވެ ޓްރޮޕިކަލް ސްޓޯމަކަށް ބަދަލުވެއްޖެ
27 ޖުލައި 2026 | ހޯމަ 05:46ޗައިނާއަށް އެރި ބާރުގަދަ ތޫފާން "ނޯލް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަށްލައްކައަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައި. މި ކާރިސާގައި ހޮންގްކޮންގުން 21 މީހަކަށް އަނިޔާވެފައިވާއިރު، ގެއްލުން ލިބުނު ސަރަހައްދުތަކަށް އެހީތެރިވުމަށް ޗައިނާ ސަރުކާރުން ވަނީ 100 މިލިއަން ޔުއާން ކަނޑައަޅާފައި.
ބާރުގަދަ ތޫފާން "ނޯލް" ޗައިނާއަށް އަރައި، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފައި. މި ބާރުގަދަ ތޫފާނާއެކު ޗައިނާގެ ބޮޑު ސަރަހައްދަކަށް ވަނީ ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވެފައި | ސޯޝަލް މީޑިއާ
ޗައިނާގެ ދެކުނު އައްސޭރިފަށަށް އަރައި، ބާރުގަދަ ވައިގެ ސަބަބުންނާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު، އެއްގަމަށް ދަތުރުކުރަމުންދިޔަ ތޫފާން "ނޯލް" އާދީއްތަ ދުވަހު ވަނީ ބާރުދެރަވެ ޓްރޮޕިކަލް ސްޓޯމަކަށް ބަދަލުވެފަ އެވެ.
ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި، ގުއަންގްޑޮންގް ޕްރޮވިންސްގެ ދެކުނު ސަރަހައްދުތަކަށާއި ފޫޖިއަން ޕްރޮވިންސްގެ އިރުދެކުނު ސަރަހައްދުތަކަށް އަދިވެސް ބޯކޮށް ވާރޭވެހޭނެ އެވެ.
ތޫފާން ނޯލް ގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި
ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ "ޒިންހުއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގުއަންގްޑޮންގް ޕްރޮވިންސުން 801،000 އަށްވުރެ ގިނަ މީހުން ވަނީ އާދީއްތަ ދުވަހާ ހަމައަށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.
އިގްތިސާދީ މަރުކަޒެއް ކަމަށްވާ ހޮންގްކޮންގްގެ އެއާޕޯޓް އޮތޯރިޓީން ބުނި ގޮތުގައި، މި ތޫފާނާ ގުޅިގެން އާދީއްތަ ދުވަހު 350 އެއްހާ ފްލައިޓް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ގާތްގަނޑަކަށް 2،000 ފަސިންޖަރުން ވަނީ އެއާޕޯޓުގައި ތާށިވެފަ އެވެ.
ހޮންގްކޮންގްގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތުދޭ ގޮތުގައި، ތޫފާން އެރި ވަގުތު އެ ސިޓީގެ އެކި ސަރަހައްދުތަކުން މަދުވެގެން 21 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
ފަރުބަދަމަތީ ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، ޗައިނާގެ މިނިސްޓްރީ އޮފް ވޯޓާ ރިސޯސަސްއިން ވަނީ ގުއަންގްޑޮންގް ޕްރޮވިންސް ހިމެނޭހެން ފެންބޮޑުވުމުގެ ކުއްލި ހާލަތުގެ ދަރަޖަ މަތިކޮށްފައިވާ ކަމަށް ޒިންހުއާ އިން ރިޕޯޓްކޮށްފަ އެވެ.
ޗައިނާގެ ނޭޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަނުން ބުނި ގޮތުގައި، ތޫފާން ނޯލްގެ ސަބަބުން ގެއްލުން ލިބުނު ގުއަންގްޑޮންގް ޕްރޮވިންސްގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން 100 މިލިއަން ޔުއާން (14.8 މިލިއަން އެމެރިކާ ޑޮލަރު) ވަނީ ކަނޑައަޅާފަ އެވެ.
ތޫފާން "ބާވީ" އާއި "މޭސަކް" އަށްފަހު، ނޯލް އަކީ އެއް މަސްދުވަހުގެ ތެރޭގައި ޗައިނާއަށް އަރައި އެއްގަމަށް ދަތުރުކުރި ތިންވަނަ ތޫފާނެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ބުނާ ގޮތުގައި، ތޫފާން ނޯލް އަކީ މިހާތަނަށް މިއަހަރުގެ ތެރޭގައި ޗައިނާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.
މީގެކުރިން ފިލިޕީންސަށް މި ތޫފާން އެރި ވަގުތު، ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން ތިން މީހުން މަރުވެ، ގިނަ ބައެއްގެ ގެދޮރު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނެފައިވެ އެވެ.
ތޫފާން ނޯލް ތައިވާނުގެ ދެކުނުން ދަތުރުކުރިއިރު، އެ ގައުމުގެ އެއްގަމަށް ނޭރި ނަމަވެސް ބައެއް ސަރަހައްދުތަކަށް ވަނީ ބޯކޮށް ވާރޭވެހިފަ އެވެ.
ޗައިނާ ނިއުސް ސާވިސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގުއަންގްޑޮންގް ޕްރޮވިންސްގައި އާދީއްތަ ދުވަހު ދަތުރުކުރަން އޮތް ރޭލު ހިދުމަތްތައް ވަނީ މެދުކަނޑާލާފަ އެވެ.
ޗައިނާގެ ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ލަފާކޮށްފައިވާ ގޮތުގައި، މި ހަފުތާ ބަންދުގައި ގުއަންގްޑޮންގްގެ ދެކުނަށާއި ފޫޖިއަންގެ އިރުދެކުނު ސަރަހައްދުތަކަށް ބާރުގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ އެވެ.
ތައިވާނުގެ ސެންޓްރަލް ވެދާ އެޑްމިނިސްޓްރޭޝަނުން ބުނީ، ތޫފާން ނޯލްގެ ސަބަބުން ތައިވާނުގެ ދެކުނާއި އިރުމަތީގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހެމުންދާ ކަމަށެވެ. މި ތޫފާން ހޮނިހިރު ދުވަހު ދަތުރުކުރަމުން ދިޔައީ ތައިވާނުގެ ދެކުނު ކަނޑުގެ ސަރަހައްދުން އެ ގައުމާ ދުރަށެވެ.
މި މަހުގެ ކުރީކޮޅު، ޖުލައި 11 ވަނަ ދުވަހު ޗައިނާގެ އިރުމަތީ ސަރަހައްދުތަކަށް އެރި ތޫފާން "ބާވީ" އާ ގުޅިގެން ދެ މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.
މީގެ އިތުރުން، ޖުލައި 3 ވަނަ ދުވަހު "މޭސަކް" ނަމަކަށް ކިޔާ އެހެން ތޫފާނެއް ވެސް ވަނީ ޗައިނާގެ ދެކުނު ސަރަހައްދުތަކަށް އަރާފަ އެވެ.










