ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި
21 އޯގަސްޓު 2026 | ހުކުރު 09:27ޖަޕާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ގުޅޭގޮތުން ކުރާ ބަހުސްތަކަކީ ސަރަހައްދީ ހަމަޖެހުން ގެއްލި، ހަތިޔާރުގެ ވާދަވެރިކަމެއް އުފެދިދާނެ ނުރައްކާތެރި ކަމެއް ކަމަށް ބުނެ ޗައިނާ އާއި ރަޝިޔާއިން ކަންބޮޑުވުން ފާޅުކޮށްފި. ޖަޕާނުގެ މި ސިޔާސަތުތަކާ ދެކޮޅަށް ސާބިތުކަމާއެކު ތިބުމަށް ދެ ގައުމުން އެއްބަސްވެފައިވާއިރު، އެ ގައުމުގައި ހުރި ޕްލޫޓޯނިއަމްގެ މިންވަރަށް ބަލާއިރު ނިއުކްލިއާ ބާރަކަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ޗައިނާގެ ސަފީރު ވަނީ ތުހުމަތުކުރައްވާފައި. އެހެންކަމުން ޖަޕާނުން ޒަމާނުއްސުރެ ގެންގުޅޭ ނިއުކްލިއާ ނޫން ސިޔާސަތު ބަދަލުކުރުމަކީ މުޅި އޭޝިއާގެ ސަލާމަތަށް އޮތް ގޮންޖެހުމެއް ކަމަށް ރަޝިޔާއިން ވެސް ވަނީ އިންޒާރުދީފަ

މޮސްކޯގެ ކްރެމްލިންގައި، 2025 ނޮވެމްބަރު 18 ވީ އަންގާރަ ދުވަހު ރަޝިޔާގެ ރައީސާއި ޗައިނާގެ ބޮޑުވަޒީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރަޝިޔާގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ހަންހުއީ ބައިވެރިވެވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް
ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް، ޗައިނާއިން އެ ގައުމަށް ވަރުގަދަ އިންޒާރެއް ދީފިއެވެ. ރަޝިޔާ އާއި ޗައިނާއިން ވެސް ޖަޕާނުގެ އަސްކަރީ ބާރުގަދަކުރުމާއި، ނިއުކްލިއާ ހަތިޔާރު ހޯދުމާ ގުޅޭގޮތުން އެ ގައުމުގައި ކުރެވެމުންދާ ބަހުސްތަކާ ދެކޮޅު ކަމަށް ރަޝިޔާގެ މޮސްކޯގައި ހުންނަވާ ޗައިނާގެ ސަފީރު ޖަންގް ހަންހުއީ ވަނީ ވިދާޅުވެފަ އެވެ. އަދި ޓޯކިޔޯގެ މި ސިޔާސަތުތަކުގެ ސަބަބުން ސަރަހައްދުގައި ހަތިޔާރުގެ އާ ވާދަވެރިކަމެއް އުފެދިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
ރަޝިޔާގެ ނޫސް އެޖެންސީ "ޓާސް" ގައި ބުރާސްފަތި ދުވަހު ޝާއިއުކުރި ލިޔުމެއްގައި ޖަންގް ވިދާޅުވީ، ޖަޕާނާ ގުޅޭގޮތުން މޮސްކޯ އާއި ބެއިޖިންގް އިން ވަނީ ވަރަށް މަތީ ދަރަޖައަކަށް އެއްބަސްވުމަކަށް އައިސްފަ އެވެ. ޖަޕާނުން ހަލުވިކަމާއެކު އަސްކަރީ ބާރުވެރިކަން އިތުރުކުރުމާއި ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރާ މަސައްކަތްތަކާ މެދު ސަމާލުވެ، އެކަމާ ދެކޮޅަށް ސާބިތުކަމާއެކު ތިބުމަކީ މޮސްކޯ އާއި ބެއިޖިންގް އިން ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެ ގައުމުން ވެސް ދެކޭ ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
ސަފީރު އިންޒާރު ދެއްވި ގޮތުގައި، ޓޯކިޔޯއިން އަމިއްލަ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ނިންމައިފިނަމަ، އިރުއުތުރު އޭޝިއާގެ އިސްތިރާޖީ ހަމަޖެހުން މުޅިން ގެއްލި، ކޮންމެ ވަގުތެއްގައި ވެސް ސަރަހައްދުގައި ނިއުކްލިއާ ހަތިޔާރުގެ ވާދަވެރިކަމެއް ފެށިދާނެ އެވެ. މީގެ އިތުރުން، ޖަޕާނުގެ ކަނާތު ފިޔައިގެ ބާރުތަކުން ނިއުކްލިއާ ސިޔާސަތާ މެދު "އަލިފާނާ ކުޅުން" ކުރިއަށް ގެންދާނަމަ، އެ ގައުމުގެ ރައްޔިތުންނަށް އަނެއްކާވެސް ތާރީޚީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ޖަންގް ވިދާޅުވި އެވެ.
މި އިންޒާރު ދީފައިވަނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީގެ ސަލާމަތީ ސިޔާސަތު އެކުލަވައިލުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު، އެމެރިކާގެ ނިއުކްލިއާ ހިމާޔަތަށް (nuclear umbrella) އިތުބާރު ކުޑަވަމުންދާތީ ޖަޕާނުން އަމިއްލަ ނިއުކްލިއާ ހަތިޔާރު ހޯދުމާ މެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވި ކަމަށް ރިޕޯޓްތައް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. އެ އޮފިޝަލާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެންމެ ފަހު ވަގުތު ޖަޕާނަށް ބަރޯސާވެވޭނީ ހަމައެކަނި އަމިއްލަ ބާރަށެވެ.
އާންމު މަސްރަހުގައި ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވަމުން ގެންދަވަނީ، ޖަޕާނުން އަދިވެސް ނިއުކްލިއާ ހަތިޔާރާ ގުޅޭ ތިން އުސޫލަކަށް ތަބާވާ ކަމަށެވެ. އެއީ ނިއުކްލިއާ ހަތިޔާރު ނުގެންގުޅުމާއި، ނުއުފެއްދުމާއި، އަދި އެހެން ގައުމެއްގެ އެފަދަ ހަތިޔާރެއް ޖަޕާނަށް ވެއްދުމަށް ހުއްދަ ނުދިނުމުގެ ޒަމާންވީ ސިޔާސަތެވެ.
އެހެންނަމަވެސް، ޓަކައިޗީ ވަނީ އެންމެ ފަހުން ބުނެވުނު އުސޫލާ މެދު ސުވާލު އުފައްދަވާފަ އެވެ. ހަމައެއާއެކު، ޖަޕާނުގެ ދިފާއީ ވަޒީރު ޝިންޖީރޯ ކޮއިޒޫމީ ވިދާޅުވެފައިވަނީ ނިއުކްލިއާ ހަތިޔާރަކީ ދުރުގައި ބޭއްވޭނެ މައުޟޫއެއް ނޫން ކަމަށާއި، އެއްވެސް ފަސްޖެހުމެއް ނެތި އެކަމާ މެދު ބަހުސް ކުރަންޖެހޭ ކަމަށެވެ.
މިކަމާ ގުޅިގެން ސަފީރު ޖަންގް ވަނީ ޖަޕާނުގެ ލީޑަޝިޕުން ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ނިޔަތް ފޮރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ދުނިޔޭގެ ބޮޑު ހަނގުރާމައެއްގައި ނިއުކްލިއާ ބޮމުގެ ހަމަލާއެއް ތަހައްމަލު ކުރި ހަމައެކަނި ގައުމުގެ ލަގަބު ބޭނުންކޮށްގެން، ޖަޕާނުން ދަނީ އަސްކަރީ ރޫހު އާލާކޮށް ނިއުކްލިއާ ސިޔާސަތުގައި "ނުރައްކާތެރި ތަޖުރިބާތަކެއް" ކުރަމުން ކަމަށެވެ.
ޖަޕާނުގެ ނިއުކްލިއާ ގާބިލުކަމަށް އިޝާރާތް ކުރައްވަމުން ސަފީރު ވިދާޅުވީ، މަދަނީ ބޭނުންތަކަށް ވަކިކޮށްފައި ހުރި 44.4 ޓަނުގެ ޕްލޫޓޯނިއަމް އެ ގައުމުގައި އެބަހުރި ކަމަށެވެ. މިއީ ގާތްގަނޑަކަށް 5,500 ނިއުކްލިއާ ވޯހެޑް އުފެއްދުމަށް ފުދޭ މިންވަރެއް ކަމަށާއި، ޖަޕާނުގެ ޝައުގުވެރިކަމާއި ގާބިލުކަމަށް ބަލާއިރު އެ ގައުމަކީ ނިއުކްލިއާ ބާރަކަށް ވުމަކީ މިހާރު ހަމައެކަނި ޚިޔާލީ ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާއިން ވެސް ވަނީ މިކަމާ މެދު މިފަދަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވީ ޖަޕާނުގެ ނިއުކްލިއާ ނޫން ސިޔާސަތު މުރާޖައާ ކުރުމަށް ކުރެވޭ ބަހުސްތަކަކީ "ސީރިއަސް ސިގްނަލެއް" ކަމަށެވެ. އަދި ރަޝިޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަންޑްރޭ ރުޑެންކޯ އިންޒާރު ދެއްވި ގޮތުގައި، އެ ސިޔާސަތު ދޫކޮށްލުމަކީ އިރުއުތުރު އޭޝިއާގެ ސަލާމަތީ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމެކެވެ.










