ސައީދުގެ "މޮޅު ޓިކްޓޮކް". ބޮޑު ފްލޮޕަކަށް
6 އޯގަސްޓު 2026 | ބުރާސްފަތި 09:03އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދަށް އަމާޒުވާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ގޯސްވަމުންދާއިރު، ހަގީގަތާ ހިލާފު ވާހަކަތައް ދައްކަވައިގެން ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.


އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު. | ރައީސް އޮފީސް
ސައީދަށް
ފިނިފެންމަލުގެ ގުލްދަސްތާތަކުން ވެދުން ކުރަމެވެ.
ސަޢީދޫއެވެ. އަހަރެންނަކީ ސައީދު ގަބޫލުކުރިއަސް ނުކުރިއަސް ސައީދަށް އެންމެ ހެޔޮ އެދޭ އެކަކީމެވެ. އަހަރެމެންގެ ބައިގެ ތެރެއަކުވެސް، މިބުނީ މިޕާޓީގެ ތެރެއަކުވެސް އަހރެންފަދަ ދެވަނަ މީހަކު ހުންނާނެއެކޭ އަހަރެންގެ ހިތެއް ނުބުނެއެވެ. އަހަރެން ސައީދުއަށް މި ސިޓީ މިފޮނުވަނީ އެހެންވެއެވެ.
ސައީދޫއެވެ. އަހަރެން ލޮލުން ބޮލުން ސައީދުގެ ތިޔަ މަސައްކަތް ގަބޫލު ކުރަމެވެ. ރައީސް ވިދާޅުވީމާ ވިދާޅުވި ގޮތަކަށް ކަންކުރެވޭތޯ މީހަކަށް ވިއްޔާ ބެލޭނީ ތިޔަހާ ވަރަށެވެ. ކަށިން ހިތްވަރު ނެރެގެން ތިޔަ ކުރަނީ އެކަމެވެ. ސާބަހެވެ. އައްސަރިބަހުން ސާބަހެވެ. އެކަމަކުވެސް ހިސާބަކަށް ކަންކަމާމެދު ވިސްނާލަން ވާނެ ކަމަށް މަށަށް ހަމަ ފެންނަނީއެވެ. ބެދޭމަޅި ސައީދަށް ނުފެނިދާނެއެވެ. އެކަމަކު ދުރުގައިހުރި އަހަންނަށް ފެންނަވަރުން ހަމަ ކެތް ނުވަނީއެވެ.
ސައީދޫއެވެ. މީހުން ބުނެ އުޅެއެވެ. ބަހެއް ބުނީމާ އެބަހުގެ އަޅަކަށް ވަނީ އެމީހެކެވެ. އެކަމަކުން އެމީހަކަށް ނުނެއްޓެވޭނެއެވެ. ސަޢީދަށްވެސް ވެފައި ތިޔަހުރީ އެކަހަލަ ގޮތެކެވެ. ވެރިކަމަށް އަންނަން އިގްތިސޯދުގެ ވާހަކަ އެންމެ ބޮޑަށް ދެއްކުވީ ސައީދު ލައްވައެވެ. ނަގާ ކޮޅަށް ޖަހާނީކީ ނޫނެވެ. އެހުރި ގޮތައް ވެއްޓުނަ ނުދީ ހަތަރު ފަރާތުން ލަމްރާން ޖަހައިގެންވެސް ހިފަހައްޓާނަމޭވެސް ބުނާ ބީދައަކަށް ބަސްވިދާޅުވިއެވެ. އިބުރާހީމުމެން ކޮންމެ ގޮތަކަށް ކަންކޮށް މުޅި އިގުތިސޯދު ފުނޑާލާފައި އޮތަސް ވަރިހަމައޭ ބުނީ ސައީދުއާ ސައީދުގެ މުއިއްޒެވެ.
ސައީދޫއެވެ. އެވާހަކަތަކަށް ވެރިކަން ދިނީމަ ދެން ބުނި ވާހަކައެއްވެސް އަޑަށް ބާރުލާފައި އެބުނި އެއްޗެއް ބުނީ ދެވަނަ ދެމީހެއް ނޫނެވެ. ހަމަ ސައީދެވެ. މަޖިލީހުގެ މެޖޯރިޓީ ދިނިއްޔާ ޑޮލަރު ހަމަ އަގަށް ތިރިކޮށްލާނެ ވާހަކައެވެ. އެވާހަކަ އަހާފައި މީހުން އަތްޖެހިވަރު އެންމެ ރަނގަޅަށް އެނގޭނީ މަށަށްތާއެވެ. އެކަންވެސް ރައްޔިތުން ކޮށްފިއެވެ.
އެކަމަކު ވީގޮތް މިއޮތީ ފެންނާށެވެ. ރޮކެޓް ސްޕީޑުގައި އެދިޔައީ ދިމާ މައްޗަށެވެ. ނޫނެކެވެ. ސައީދު ބުނާ ގޮތައް މުއިއްޒު ސްޕީޑުގައެވެ. މީން ދުވަހަކު ނުދާ ވަރަށެވެ. އަދިއެއިން އެއްޗެއް ތިރިއަކަށް ނުފޭބިއެވެ.
ޗައިނާއަށް ފޮނުވީވެސް ސައީދެވެ. އިގްތިސޯދީ މާހިރެއްކަމަށް ހީކޮށްގެންނެވެ. އައިސް ތިޔަދިން ފެހި ސިގްނަލްތަކުން ރައީސް މުއިއްޒުގެ ހައްޓަކު ހެޔެއް ނެތެވެ. ވަށިވަށިން އެދެއްވީ އަވައްޓެރި އިންޑިޔާއަށެވެ.
ސައީދޫއެވެ. އެއިން ސިގުނަލެއް ހަޤީގަތަކަށް ނުވިއެވެ. ނުވިތާކަށް ވެރިކަމަށް އަންނަންށާއި ވެރިކަމަށް އާދެވުނީމާ ދެއްކިހާ ވާހަކައެއް އާޚިރުގައި މިވަނީ ސައީދާއި މުއިއްޒުގެ އަނގަޔަށެވެ. މިހާތަނަށް ޖެހި އެންމެ ބޮޑު އެއް އުނބަށް ޖަހަން މަޖްބޫރުވީއެވެ. ލަދުވެތިކަން އެއް ފަރާތްކޮށްފައި އެރެން މިޖެހުނީ އިންޑިޔާ އުނގަށެވެ. ސިޔާމު އެބުނާހެން އަރަން ޖެހުނީ ސޭމް ބެޑަށެވެ.
ސަޢީދޫއެވެ. މަހީކުރީ ލިބުނު އެ ލަގާތަކުން ހިސާބަކަށް ހަނުހިމޭން ވެލާނެ ކަމަށެވެ. އެކަމަކު ފެނުނީ ދިމާ އިދިކޮޅެވެ. ގަޔަށް ބާރުލާފައި ދެންވެސް ތިޔަ ބިނީ ފެންނެތް ބޮޑެތި ކާށިތަކެވެ. ހަތަރު ސަތޭކަ ބިލިއަން ލިބޭނޭ ބަންކަރިންގ އެވެ. މުޅި އިގްތިސާދު ސިންދަފާތު ކޮށްލާނޭ ޑިވެލޮޕްމަންޓް ބޭންކެވެ. ސައޫދީ ޕްރިންސް ލައްވާ ގެނައި މަލްޓި މިލިއަން ޑޮލަރުގެ ޕްރޮޖެކްޓާ، މޮނޮރެއިލްއަކުން ފުނަދޫއާ ގުޅާލި ގުޅާލުމެވެ.
ސައީދޫއެވެ. ނޫނޭވާ މޮޅެވެ. ސައީދުގެ އަނގައިން ނަމަ އަހަރެމެން މިތާ މިހާރު ތިބޭންޖެހޭ އެއްވެސް ހާލަތެއް ނެތެވެ. އާރިފް އެބުނާހެން ގަރުދިޔަޔާ ބަތްވެސް މިހާރު ލޮލު ބޭހަކަށްވެސް ނުފެންނާނެއެވެ. ސައީދު ތިޔަ ބުނާ ސިންގަޕޫރުވެސް އޮންނާނީ ތިޔަހާ މައްޗަކަށް ތިޔަ ޖެހިލީ ކިހިނެއްހޭ އަހާލަ އަހާލައެވެ.
ސައީދޫއެވެ. އެކަމަކު ކަންވީކީ އެހެނެއް ނޫން ދޯއެވެ. ފިނިކޮޓަރީގައި އިނދެ ޓަރކީ ކާލައި، އާސިޔާނު ގައުމުތަކުން ސައީދު މެނަށް ނިޔަފަތި ކަނޑާލެވުނަސް ރައްޔިތު މީހާ އެއުޅެނީ އަނގަޔާ އަތާ ދިމާ ނުވެގެންނެވެ. މޮޅު ލިސްޓް ހަދާފައި ދެއިރު ދެދަޅައަށް ތިޔަ ނެރޭ ވީޑިއޯތައް ބެލި ވަރަކަށް މީހުން އެއަންނަނީކީ އަމަށަކު ރުޅިއެއް ނޫނެވެ. ނާފަހެ ސައީދު ބުންޏަސް އެމީހުން ފިހާރަތަކަށް ވަނީމާ ގަންނަން ލިބޭ އަގު އެނގޭނި އެމީހުނަށްތާއެވެ. އަމުދުން އޭގެ ފިހާރައަކަށް ވަންނަން ނުޖެހޭ ސައީދަކަށް އޭގެ ދޮންކަޅުވެސް އެނގޭނެ ގޮތެއް ނޯންނާނެތާއެވެ.
ސައީދޫއެވެ. މާ ބޮޑަށް ދިގުވެއްޖެ ދެއްތޯއެވެ. ކުރުކޮށްލާނަމެވެ. ހުއްޓާލާށެވެ. ކިތަންމެ ވަރަކަށް ތިޔަކުޅޭ ޓިކްޓޮކްޓޮކެއް ކުޅުނަކަސް ތިޔައެއް މިހާރަކު ވަޔަކު ނުހިފާނެއެވެ. ކުރީ ސަރުކާރޭ، އެމްޑީޕީއޭ، ފައިސާ ޗާޕް ކުރީއޭ، ޅަފަޅޮލޭ ގޮވިވަރަކަށް ވެއްޓޭނީ ހަމަ ސައީދުގެ އަގެވެ. ތެޅުނު ވަރަކަށް ހުޅުނބުދާ ބީދައިންނެވެ. ތިއިން ކަމަކުން ރައްޔިތަކު ގަބޫލު ކުރާނެ ވާހަކައެއް ނެތެވެ. އަހަރެމެން އިބުރާހީމް މެން ބާލާފައި އަރާ މިތިބީ އެވާހަކަ ދެއްކެން ނެތް ގޮތަށެވެ. ދެން ސައީދުމެން ތިޔަ ވާހަކަ ދެއްކި ވަރަކަށް ރައްޔިތުންގެ ލޭ ކެކުން ނޫން ގޮތެއް ނޯންނާނެއެވެ. އަމުދަކުން ތިޔަ ގެނައި ވިޔަފާރި ވެރިންވެސް އެދިނީ ބޮޑުތަނުން ދޯކާއެވެ. އެމީހުންވެސް ތަކެތީގެ އަގުތައް މައްޗަށް ނުދާ ވާހަކައެއް ނުބުނެއެވެ. ސައީދު ގެނައިމާ އެވެރިންވެސް އެބެލީ އެމީހުން ސަލާމަތްވޭތޯއެވެ. ހާލަތަށް ބަލާފައި އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓޭތޯ ބަލާ ވާހަކަ އެބުނީ ސައީދު ލައްވާ ދެއްކި ވީޑިއޯގައެވެ.
ސައީދޫއެވެ. މަދެން މި ނިންމާލީއެވެ. ނިންމާލަމުންވެސް ބުނާނަމެވެ. އަދިވެސް ސައީދު ތިޔައުޅެނީ މޮޅު ވާހަކައެއް ދައްކައިގެން ބޯދަމައިގަނެވޭތޯއެވެ. އެކަމަކު މިއީ އެޒަމާނެއް ނޫނެވެ. މުއިއްޒުގާތު ސައީދުމެންހެން ރައްޔިތުންނަކީ ގަމާރުންނެއް ނޫނެވެ. ދެއިރު ދެދަޅައަށް މުޅި ސޯޝަލް މީޑިޔާ ބަންޑުންވާ ވަރަށް ޓިކްޓޮކް ހެދިއަސް ތިޔަ ބުނެވުނު އެއްޗެއްގެ އަޅުވެތިކަމަކުން ދެނެއް ރެކެވޭނެ ގޮތެއް ނޯންނާނެއެވެ. މަވާ ސަލާމެވެ.








