ލަންކާއިން ޔުގީތު މިނިވަންވެ، ނޭޕާލުން ހައްޔަރަށް: މިވީ ކިހިނެއް، މިކަމުގައި އިހުމާލުވީ ކޮން އިދާރާއަކުން؟
29 ނޮވެމްބަރު 2026 | އާދީއްތަ 09:41ލަންކާގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މަރުގެ ހުކުމް އިއްވި ދިވެއްސަކު މިނިވަންވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުން ހައްޔަރުކުރުމުން، ރާއްޖޭގެ އިންޓެލިޖެންސް ނިޒާމުގެ ހަރުދަނާކަމާ މެދު ސުވާލު އުފެދޭ. މި ހާދިސާއާ ގުޅިގެން އޭނާގެ ޕާސްޕޯޓު އާކުރި ގޮތާއި ދަތުރުފަތުރުތައް މޮނިޓަރުކުރުމުގައި ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާކަމުގެ ތުހުމަތުތައް ވަނީ ބޮޑުވެފައި


ސްރީލަންކާގެ މަރުގެ ހުކުމުން ސަލާމަތްވެ ނޭޕާލުން ޔުގީތު ހައްޔަރު ކުރުން | ރާއްޖެއެމްވީ އޭއައި
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ސްރީލަންކާގެ ކޯޓަކުން މަރުގެ ހުކުމް އިއްވާފައިވަނިކޮށް، އެ ޤައުމުގެ އެޕީލް ކޯޓުން އެ ހުކުމް ބާތިލުކޮށް މިނިވަންކުރި ދިވެއްސެއް ކަމަށްވާ ޔުގީތު އިބްރާހީމް، މިނިވަންވިތާ ތިން މަސް ނުވަނީސް ނޭޕާލުން ހައްޔަރުކުރުމާ ގުޅިގެން، ރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޒިންމާދާރުކަމާއި، ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރާ ގޮތާމެދު މި ވަނީ ސީރިއަސް ސުވާލުތަކެއް އުފެދިފަ އެވެ.
ސްރީލަންކާގެ ޖަލުގައި ގާތްގަނޑަކަށް އަށް އަހަރު ދުވަސް ހޭދަކުރުމަށްފަހު މިނިވަންވި ޔުގީތު، ސީރިއަސް މައްސަލައެއްގެ ތަހުގީގަށް ދެކުނު އޭޝިއާގެ އެހެން ގައުމަކުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ޔުގީތު އިބްރާހިމް އަކީ ކާކު؟
ގއ. ވިލިނގިއްޔަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ޔުގީތު އިބްރާހީމް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަސްތުވާތަކެތީގެ ކުށްތަކުގައި ފާހަގަކޮށްލެވޭ މީހަކަށްވީ 22 މެއި 2018 ގައި ސްރީލަންކާގެ ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކުރެވުނު ހިސާބުންނެވެ. ސްރީލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއިން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ ލަގެޖުން 1.296 ކިލޯގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ މަސްތުވާތަކެތި ގެންގުޅުމާއި، ވިޔަފާރިކުރުމުގެ އިތުރުން އެތެރެކުރުމުގެ ދައުވާ އެވެ. ނެގޮމްބޯ ހައިކޯޓުން މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުމުގެ ކުށުން އޭނާ ބަރީއަކުރި ނަމަވެސް، މަސްތުވާތަކެތި ގެންގުޅުނުކަމުގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ވަނީ މަރުގެ އަދަބު ކަނޑައަޅައިފަ އެވެ.
ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގެ ތަމެލްގައި ހުންނަ ހޮޓަލަކުން، އެ ޤައުމުގެ ރައްޔިތަކާއެކު ޔުގީތު އަލުން ހައްޔަރުކޮށްފައިވަނީ 25 ނޮވެމްބަރު 2026 ގަ އެވެ. އޭނާ ހައްޔަރުކުރި ވަގުތު، އެ ތަނުން ފަސް މިލިއަނަށްވުރެ ގިނަ ނޭޕާލް ރުޕީސްއާއި، 4،215 އުމާނީ ރިޔާލުގެ އިތުރުން 55 ޔޫއޭއީ ދިރުހަމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. މިއީ ޖުމްލަ ގާތްގަނޑަކަށް 700،000 (ހަތްލައްކަ) ދިވެހި ރުފިޔާ އެވެ. ނޭޕާލުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރު ގެންދަނީ މި ފައިސާ ހޯދި ގޮތާއި، މިއީ މަނީ ލޯންޑްރިންގއާ ގުޅުންހުރި ކަމެއްތޯ ބެލުމަށް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސްރީލަންކާގެ ޖަލުން ޔުގީތު ދޫކުރީ ކިހިނެއް؟
ސްރީލަންކާގެ އެޕީލް ކޯޓުގެ ނަންބަރު CA/HCC/0248/2025 ޤަޟިއްޔާގައި، ޔުގީތުގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމާއި ކުށް ސާބިތުވި ކަމަށް ނިންމި ނިންމުން 31 އޮގަސްޓު 2026 ގައި ބާތިލުކޮށް، އޭނާ ވަގުތުން މިނިވަންކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.
އިސްތިއުނާފީ ކޯޓުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މައްސަލައިގެ ތަހުގީގާއި ދައުވާ ކުރިއަށްގެންދިއުމުގައި ހުރި ބޮޑެތި އިޖުރާއީ އަދި މައުޟޫއީ އުނިކަންކަން ހިމެނެ އެވެ. އެގޮތުން، ހެކިންގެ ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމާއި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ތަފާތުތަކެއް ހުރުމުގެ އިތުރުން، ހެކި ހޯދުމުން ފެށިގެން ޝަރީއަތަށް ހުށަހެޅުމާ ދެމެދު ހެކީގެ ރައްކާތެރިކަން (ޗެއިން އޮފް ކަސްޓަޑީ) ދެމެހެއްޓުމުގައި އިހުމާލުވެފައިވުމާއި، މުހިންމު ހެކިތަކެއް ޝަރީއަތަށް ހާމަކޮށްފައިނުވާކަން ކޯޓުން ފާހަގަކުރެއްވި އެވެ.
ކުށުގެ ނިޔަތް ޤާނޫނުގައި ކަނޑައެޅިފައިވާ މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި ހެކިތަކުގައި ހުރި އުނިކަންކަމަށާއި، އޭނާ މިހާރުވެސް ޖަލުގައި އަށް އަހަރު ހޭދަކޮށްފައިވާ ކަމަށް ރިއާޔަތްކޮށް، އަލުން ޝަރީއަތް ހިންގުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށްވެސް ކޯޓުން ނިންމެވި އެވެ
ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލުކުރުމަށް ނިންމި ނިންމުމަށް އިހުތިރާމުކުރި ނަމަވެސް، ބައިނަލްއަގުވާމީ ކުށުގެ ވިއުގަތަކާ އޭނާއާ ގުޅުން އޮތް ކަމުގެ އިތުބާރުހުރި ޖާސޫސީ މައުލޫމާތު ލިބިފައިވާނަމަ، އެފަދަ މައުލޫމާތުތަކަށް ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ދީފައިވާ ސަމާލުކަމާ މެދު މި ހާދިސާގެ ސަބަބުން ސުވާލު އުފެދޭ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެ އެވެ.
ނޭޕާލަށް ދިއުމުގެ ކުރިން ޔުގީތު ދިވެހިރާއްޖެއަށް އައި ހެއްޔެވެ؟
މި މައްސަލައިގައި އަދިވެސް ސާފު ޖަވާބެއް ލިބިފައިނުވާ އެންމެ މުހިންމު އެއް ކަމަކީ، ސްރީލަންކާގެ ޖަލުން މިނިވަންވުމަށްފަހު ޔުގީތު ރާއްޖެއަށް އައިސްފައިވޭތޯ ނުވަތަ ރާއްޖެއަށް ނައިސް ސީދާ ނޭޕާލަށް ދިޔައީތޯ ކުރެވޭ ސުވާލެވެ. މި ރިޕޯޓް ޝާއިއުކުރުމާ ހަމައަށްވެސް، ކަމާބެހޭ އެއްވެސް މުއައްސަސާއަކުން މިކަމާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
ނަމަވެސް، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުކުމް ތަންފީޒުކޮށް ނިމުމަށްފަހުވެސް އޭނާ ދިރިއުޅެމުން ދިޔައީ ލަންކާގަ އެވެ. ރާއްޖެއާއި ލަންކާއާ ދެމެދު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކުށުގެ ރެކޯޑް އޮންނަ ދިވެހިންނާއި، ލަންކާގެ ނުރައްކާތެރި ކުށްކުރާ ގޭންގުތަކާ ޔުގީތާ ދެމެދު ގާތް ގުޅުމެއް އޮންނަކަން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ކުރިންވެސް ވަނީ ހާމަކޮށްފަ އެވެ.
ސްރީލަންކާގެ ކޯޓުން އޭނާ މިނިވަންކުރި ތާރީޚުން ފެށިގެން، ނޭޕާލުން އޭނާ ހައްޔަރުކުރުމާ ދެމެދު ގާތްގަނޑަކަށް 86 ދުވަސް ވޭތުވެފައިވެ އެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ދަތުރުފަތުރުކުރި ގޮތުގެ ރަސްމީ ތަފުސީލެއް އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާ ނޭޕާލަށް ގޮސްފައިވަނީ ލަންކާ މަގުންނެވެ.
ޔުގީތު ބަންދުން ދޫކޮށްލިކަން ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ދިވެހިރާއްޖެއަށް އަންގާފައިވޭތޯ އާއި، އޭނާ ފޮނުވައިލީ ރާއްޖެއަށްތޯ ނުވަތަ އެހެން ޤައުމަކަށް ދަތުރުކުރުމުގެ ހުއްދަ ދިނީތޯ ސުވާލު އުފެދެ އެވެ. އަދި އޭގެ ފަހުން އޭނާ ކުރި ދަތުރުތައް ރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން މޮނިޓަރ ކޮށްފައިވޭތޯ ސާފުކުރުމަށް މަސައްކަތްކުރި ނަމަވެސް، މިކަމާ ގުޅޭގޮތުން ޒިންމާދާރު އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
މި ސުވާލުތަކުގެ ހައްލު ހޯދުމަކީ، ސަރަހައްދީ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމުގެ އިތުރުން، ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލެވިފައިވާ ނިޒާމުގެ އިތުބާރާއި ހަރުދަނާކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އަށް އަހަރު ޖަލުގައި ހުރި ޔުގީތު ޕާސްޕޯޓު އާކުރީ ކިހިނެއް؟
ޖަލުން މިނިވަންވުމަށްފަހު، ޔުގީތު ދަތުރުކުރުމަށް ބޭނުންކުރި ޕާސްޕޯޓާ ގުޅޭގޮތުން ވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އާންމު އުސޫލުން ދިވެހި ޕާސްޕޯޓެއްގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށްވާއިރު، މެއި 2018ން ފެށިގެން އޮގަސްޓު 2026 އާ ހަމައަށް އޭނާ ހުރީ ސްރީލަންކާގެ ޖަލުގަ އެވެ. އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި ޕާސްޕޯޓު އާކޮށްފައި ނުވާނަމަ، އެ ލިޔުމުގެ މުއްދަތު ހަމަވެފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މެއި 2018 ގައި އޭނާ ހައްޔަރުކުރުމުގެ އެންމެ ފަހު ވަގުތާ ހަމައަށް ބެލިކަމުގައި ވިޔަސް، އާންމު ހަމައިން އެ ޕާސްޕޯޓުގެ މުއްދަތު މެއި 2023 ގެ ނިޔަލަށް ހަމަވާނެ އެވެ.
އޭނާގެ ޕާސްޕޯޓު އާކުރެވުނު ތާރީޚާއި، ދޫކުރި ޤައުމުގެ އިތުރުން، އައިޑެންޓިޓީ ކަށަވަރުކުރުމުގެ މަރުހަލާތައް ފުރިހަމަކޮށްފައިވޭތޯ ބެލުމަކީ މުހިންމު ކަމެކެވެ. އަދި އޭނާއަކީ ނުރައްކާތެރި ކުށްވެރިއަކަށް ވުމުން، ޤާނޫނީ ގޮތުން ދަތުރުފަތުރުކުރުން މަނާކުރެވިފައިވޭތޯ އާއި، އެކަމާ ގުޅޭގޮތުން ޤާނޫނުން ހުއްދަކުރާ މިންވަރަށް މޯލްޑިވްސް އިމިގްރޭޝަނުން ބަލައި ކަށަވަރުކޮށްފައިވޭތޯ ސާފުކުރުންވެސް އިންތިހާއަށް މުހިންމެވެ. ނަމަވެސް، މި މައުލޫމާތުތަކަކީ ތިންވަނަ ފަރާތަކާ ގުޅުންހުރި ޒާތީ މައުލޫމާތުތަކެއް ކަމަށްވާތީ، އެ ސުވާލުތަކަށް ޖަވާބުދެވެން ނެތްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފަ އެވެ.
ނަމަވެސް، މި ނޫހަށް ލިބިފައިވާ މައުލޫމާތުތަކުން ކަށަވަރުވާ ގޮތުގައި، ނޭޕާލަށް ދަތުރުކުރުމަށް ޔުގީތު ބޭނުންކޮށްފައިވަނީ ދާދި ފަހުން ދޫކޮށްފައިވާ އައު ޕާސްޕޯޓެކެވެ.
ދިވެހިރާއްޖޭގެ ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުގެ ޒިންމާއަކީ ކޮބައި؟
ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސްއޫލިއްޔަތަކީ ހަމައެކަނި ރާއްޖޭގެ ސަރަހައްދުގައި ހިނގާ ކުށްތައް ހުއްޓުވައި، އެފަދަ ކަންކަމަށް ފިޔަވަޅު އެޅުމެއް ނޫނެވެ. ދުނިޔެއަކީ އެއްވިއުގައަކުން ގުޅިލާމެހިފައިވާ ތަނަކަށް ވެފައިވާ މި ޒަމާނުގައި، ހަރުދަނާ ފުލުހުންގެ ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި ޖާސޫސީ މައުލޫމާތު ބަދަލުކުރުމާއި، ކުރިމަތިވެދާނެ ނުރައްކާތައް ކުރިއާލައި ދެނެގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ދާއިރާގެ ތަޖްރިބާކާރުން ހާމަކުރެ އެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، ނާކޮޓިކްސް އިންވެސްޓިގޭޝަނާއި، އިންޓަޕޯލްގެ ނޭޝަނަލް ސެންޓްރަލް ބިއުރޯ ގުޅިގެން، ބައިނަލްއަޤުވާމީ ފެންވަރުގައި މައުލޫމާތު ބަދަލުކުރުމުގެ ހަރުދަނާ ނިޒާމެއް ވަނީ ޤާއިމުކުރެވިފަ އެވެ.
ޔުގީތުގެ މައްޗަށް މީގެކުރިން ސާބިތުވެފައިވާ މަސްތުވާތަކެތީގެ މައްސަލައިގެ ނުރައްކާތެރިކަމާއި ބޮޑުމިނަށް ބަލާއިރު، އޭނާ ބަންދުން ދޫކޮށްލުމަށްފަހު، ޤާނޫނީ އިމުގެ ތެރެއިން އިންޓެލިޖެންސް އެސެސްމަންޓެއް އެކުލަވައިލަންޖެހެ އެވެ. އަދި ކުށްކުރާ ނެޓްވޯކްތަކާ އޭނާއާ ދެމެދު އޮތް ގުޅުމާއި، ހިންގާފައިވާ މާލީ މުއާމަލާތްތަކުގެ އިތުރުން، ބައިނަލްއަޤުވާމީ ކުށްތަކާ ގުޅުންހުރި އިތުބާރުހުރި މައުލޫމާތެއް ލިބިފައިވާނަމަ، އެކަމާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގުމާއެކު ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަންވާނެ އެވެ.
މިއީ ވަރަށް ބޮޑު އިންޓެލިޖެންސް ފެއިލިއަރއެއް!
ދިވެހި ރައްޔިތަކު ބޭރުގެ ދެ ޤައުމަކުން ސީރިއަސް ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރުކުރެވުމަކީ، ރާއްޖޭގެ އިންޓެލިޖެންސްގެ މައްޗަށް ބިނާވެފައިވާ ފުލުހުންގެ ޚިދުމަތުގެ ނިޒާމާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެކެވެ. ޔުގީތު ޖަލުން ދޫކޮށްލި ގޮތާއި، އޭނާގެ ޕާސްޕޯޓު އާކުރެވުނު ގޮތުގެ އިތުރުން، ސްރީލަންކާއިން ބޭރުވުމާ ގުޅޭ މައުލޫމާތު ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކަށް ލިބިފައި ނުވާނަމަ، އެއީ ބައިނަލްއަޤުވާމީ ލެވެލްގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި އެއްބާރުލުމުގައި ބޮޑެތި އުނިކަންތައްތަކެއް ހުރިކަން ހާމަކޮށްދޭ ސާފު ހެއްކެކެވެ.
ޤައުމީ ސަލާމަތީ ނިޒާމުގެ ކާމިޔާބީ ވަޒަންކުރަންވާނީ ހަމައެކަނި ޤައުމުގެ އެތެރޭގައި ހައްޔަރުކުރެވޭ މީހުންގެ އަދަދަކުން ނޫނެވެ. އޭގެ އިތުރުން، ކުށުގެ ނުރައްކާތައް ދުރާލާ ދެނެގަތުމަށާއި، ޣައިރުޤާނޫނީ މާލީ މުއާމަލާތްތައް ތަހުގީގުކުރުމަށާއި، ބައިނަލްއަޤުވާމީ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމަށް އެ މުއައްސަސާތަކުގައި ހުރި ގާބިލުކަމަކީވެސް އެ ނިޒާމުގެ ކާމިޔާބީ މިންއަޅަންޖެހޭ މުހިންމު އަސާސެކެވެ.
ޔުގީތުގެ އަތުން އެކި ޤައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ނޭޕާލުން ފެނިފައިވުމާއި، މީގެ ކުރިން އޭނާގެ މައްޗަށް މަސްތުވާތަކެތީގެ ބޮޑު ދައުވާއެއް އުފުލިފައިވުމަކީ، ބައިނަލްއަޤުވާމީ ޖަރީމާ ހިންގާ ނެޓްވޯކުތަކާ އޭނާއާ ދެމެދު ގުޅުމެއް އޮތްކަމަށް ބާރުދޭ ކަމެކެވެ. އެހެންކަމުން، ނޭޕާލުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، އޭނާގެ އަތުން ފެނުނު ފައިސާ އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި، މަނީ ލޯންޑަރިންގ އަދި ރާއްޖެއާއި ދެކުނު އޭޝިއާ ސަރަހައްދުގައި ހަރަކާތްތެރިވާ ކުށްކުރާ ނެޓްވޯކުތަކާ ދެމެދު އެއްވެސް ގުޅުމެއް ވޭތޯ ދިވެހިރާއްޖޭގެ ކަމާގުޅުންހުރި މުއައްސަސާތަކުން ފުރިހަމަ ތަހުގީގެއް ހިންގުމަކީ ނުހަނު މުހިންމު ކަމެކެވެ.









