''ދިވެހީންގެ ބިން ދިވެހީންނަށް'' ހަރަކާތުގެ ބައިވެރިންނާއި ޕީއެންސީގެ މަޖިލިސް ބައެއް މެންބަރުންނާ ދެމެދު ކުރިމަތިލުންތަކެއް!
29 ނޮވެމްބަރު 2026 | އާދީއްތަ 17:58ރަސްމާލެ މަޝްރޫއާ ދެކޮޅަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނާއި ޕީއެންސީގެ މެންބަރުންނާ ދެމެދު ހޮނިހިރު ދުވަހުގެ ރޭ ހަމަނުޖެހުންތަކެއް ވަނީ ހިނގާފައި. މި އެއްވުމުގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުން އުފެއްދީ ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުންތަކެއް


ދިވެހީންގެ ބިން ދިވެހީންނަށް ނަމުގައި ކުރިއަށްގެންދިޔަ ކުއްލި ހަރަކާތުގައި އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ރާއްޖެއެމްވީ
''ދިވެހީންގެ ބިން ދިވެހީންނަށް'' ނަމުގައި ކުރިއަށް ގެންދިޔަ ކުއްލި ހަރަކާތުގެ ބައިވެރިންނާއި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ބައެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި އެވެ.
މި ހަމަނުޖެހުން ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ މި ހަރަކާތް ކުރިއަށް ދަނިކޮށެވެ.
މި ހަރަކާތް ހިނގަމުން ދިޔަ ވަގުތު، އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ޕީއެންސީގެ މައި ޖަގަހައަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެ ޕާޓީގެ ރައްޔިތުންގެ މަޖިލިސް ބައެއް މެންބަރުންނާއި އިސް ބޭފުޅުން ވަޑައިގެންފައިވެ އެވެ. އަދި އެ ވަގުތު ކުއްލި ހަރަކާތުގެ ބައިވެރިން ދިޔައީ ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށް ދޭ ކަމަށް ބުނެ، އެ މަޝްރޫއުގެ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށާއި ރިއަލް އެސްޓޭޓް ބިލު ބޭރުކޮށްލުމަށް ގޮވާލައި އަޑުއުފުލަމުންނެވެ.
މި ހަރަކާތުގެ ތެރެއިން އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައިފަ އެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެ ވަގުތު އެ ސަރަހައްދުގެ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހިގެން ދިޔަ އެވެ. ނަމަވެސް ޝާމީން ރަސްމީކޮށް ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެ އެވެ.

ދިވެހީންގެ ބިން ދިވެހީންނަށް ނަމުގައި ކުރިއަށްގެންދިޔަ ކުއްލި ހަރަކާތުގައި އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ރާއްޖެއެމްވީ
ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅޭގޮތުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ތޫބާ ރަޝީދު ވިދާޅުވީ، ކުއްލި ހަރަކާތް ވަރަށް ސުލްހަވެރިކޮށް ކުރިއަށް ދަނިކޮށް ޕީއެންސީގެ މެންބަރުންތަކެއް އައިސް ވަށްބަހުން ވާހަކަދައްކައި، ރުޅިއަރުވައި އަދި އަތުން ހަޑިހުތުރު މަންޒަރުތައް ދައްކައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާ މެންބަރު މުހައްމަދު އިސްމާއީލް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ތޫބާ ވިދާޅުވީ، ކިތަންމެ ވަރަކަށް ހުރަސްއެޅި ނަމަވެސް ރަސްމާލޭގެ ބިމުގެ ދިފާއުގައި އަބަދުވެސް ވަކާލާތު ކުރާނެ ކަމަށާއި، ފަހަތަށް ޖެހުމެއް ނެތި ސާބިތުކަމާއެކު މި މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ.
ދިވެހީންގެ ބިން ދިވެހީންނަށް ނަމުގައި ކުރިއަށް ގެންދިޔަ ކުއްލި ހަރަކާތަކީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކޮންމެ ރެއަކު ވެސް ކުރިއަށް ގެންދާ ޚާއްސަ ހަރަކާތެކެވެ.











