ސަރުކާރުން ބަޖެޓު ޑެފިސިޓްކޮށް، ޓީބިލް މެދުވެރިކޮށް ވެސް ކުރަނީ ވައްކަން: ބޮންޑާ
28 ނޮވެމްބަރު 2026 | ހޮނިހިރު 07:18ސަރުކާރުން ފާސްކޮށްފައިވާ ބަޖެޓަކީ ރައްޔިތުން ދަރުވާލުމަށް ހަދާފައިވާ ބަޖެޓެއް ކަމަށް ތުހުމަތުކުރައްވައި، ޓީބިލާއި ބޮންޑު ވިއްކުމުގެ ނަމުގައި ހިންގަނީ ބޮޑު ވައްކަމެއް ކަމަށް ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި. މީގެ އިތުރުން ޕެންޝަން ފަންޑާއި އެމްއެމްއޭގެ ރިޒާވަށް އަތްބާނައި، ރާއްޖޭގެ މާލީ ނިޒާމަށް އޮތް އިތުބާރު ގެއްލުވާލާފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި


"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ކަވަރޭޖެއްގައި މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ ދަރަނި ބޮޑުވެ، ރަންވޭއާއި އެއާޕޯޓު ވެސް ވިއްކާލާފައިވާ ކަމަށާއި، މިހާރު ފާސްކުރާ ބަޖެޓުތަކަކީ ރައްޔިތުން އިތުރަށް ދަރުވާލުމަށްޓަކައި ފާސްކުރާ ޑެފިސިޓް ބަޖެޓުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖުގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ، ސަރުކާރުން މިހާރު ފާސްކޮށްފައިވާ ގާތްގަނޑަކަށް 59 ބިލިއަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުން ދަރުވާލަން ހަދާފައިވާ ބަޖެޓެއް ކަމަށެވެ. އަދި ޓްރެޝަރީ ބިލް (ޓީބިލް) އާއި ބޮންޑު ވިއްކުމުގެ ނަމުގައި، ކުރަނީ ވައްކަން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ގާތްގަނޑަކަށް 28 ދުވަސް ތެރޭގައި 14 މިލިއަން ޕޮކެޓަށް ލަނީ. މި ހަދާ ވައްކަމެއް މި ކުރަނީ. ބޮޑު ވައްކަމެއް ޓީބިލަކީ. އެއީ ހަމަ ސީދާ ބޮޑު ވައްކަމެއްއިބްރާހީމް ރަޝީދު
ބޮންޑާ ވިދާޅުވީ، ސަރުކާރުން ޓީބިލް ވިއްކަން އިއުލާނު ކުރުމުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ފަދަ ބޭންކުތަކުން %3 ގެ އިންޓްރެސްޓުގައި ލޯނު ނަގައިގެން، އެ ފައިސާ އަނބުރާ ސަރުކާރަށް 28 ދުވަހުގެ މުއްދަތަށް މާ މަތީ އިންޓްރެސްޓެއްގައި ދޫކުރާ ކަމަށެވެ.
އެގޮތުން 200 މިލިއަން ރުފިޔާގެ ޓީބިލަކުން ގާތްގަނޑަކަށް %7 ގެ ފައިދާއެއް ނެރެ، އެންމެ 28 ދުވަހުގެ ތެރޭގައި 14 ވަރަކަށް މިލިއަން ރުފިޔާ ބައެއް ފަރާތްތަކުގެ ޖީބަށް ވަންނަ ގޮތަށް ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބޮންޑާ ވިދާޅުވީ، ރާއްޖޭގެ ޕެންޝަން ފަންޑުގައި ހުރި 25 އާއި 30 ބިލިއަނެއްހާ ރުފިޔާގެ ރިޒާވަށް ވެސް އަތްބާނަން މަސައްކަތްކުރަމުންދާ ކަމަށާއި، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތެރެއަށް ވަދެ އެތަން ވެސް ދަރުވާލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ އެއްވެސް ބޭންކެއްގައި ފައިސާ ބަހައްޓަން ޖެހިލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.











