މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި
25 ނޮވެމްބަރު 2026 | ބުދަ 12:20މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް ހުއްޓާލަން ނިންމީ ޕާކިސްތާނުގެ ސައުތު އެއަރއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމާއި މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން. މި ނިންމުމާއެކު އޭޓީއާރު ފްލީޓްގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، މިއީ ވިޔަފާރި އިތުރަށް ކުރިއަށް ނުގެންދެވޭނެތީ ގެއްލުން ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނޭ. މަންޓާގެ އޮޕަރޭޝަންތައް ހުއްޓާލުމުން ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކަށް ދަތުރުކުރާ ހަމައެކަނި އެއަރލައިނަކަށް ދެން ވާނީ ގައުމީ އެއަރލައިން މޯލްޑިވިއަން


މަންޓާ އެއާގެ ބޯޓެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި | މަންޓާ އެއާ
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަ އަމިއްލަ އެއަރލައިން، މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް އެއްކޮށް ހުއްޓާލައި ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި މެމޯގައި ބުނީ، ވަޒީފާއާ ބެހޭ ގާނޫނާއި ރިޑަންޑަންސީ ގަވާއިދުގެ ދަށުން އޭޓީއާރު ފްލީޓްގެ ހުރިހާ ފަޅުވެރިން ވަނީ މިދިޔަ ހަފުތާއިން ފެށިގެން އޮޕަރޭޝަނަލް ޚިދުމަތުން ވީއްލައިފައިވާ ކަމަށެވެ.
މި ފިޔަވަޅު އަޅަން ޖެހުނީ ޕާކިސްތާނުގެ ސައުތު އެއާއެކު ހަދާފައިވާ ވެޓް-ލީސް އެއްބަސްވުން ނިމުމަކަށް އައުމުންކަން ފާހަގަކޮށްފައިވާއިރު، މަތިންދާބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ހުރެ އެ ވިޔަފާރި އިތުރަށް ދެމެހެއްޓެން ނެތް ކަމަށް ވެސް މެމޯގައި ބުނެފައިވެ އެވެ.
މީގެ އިތުރުން މުވައްޒަފުން ވަކިކޮށްފައިވަނީ މަންޓާ އެއަރގެ އެތެރޭގެ އުދުހުންތައް އެއްކޮށް ހުއްޓާލުމާ ގުޅިގެންނެވެ. އަދި ގެއްލުން ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލައަށް އިސްތިއުފާ ދިނުމުގެ ފުރުސަތު ހުރިހާ މުވައްޒަފުންނަށް ދީފައިވާއިރު، އެގޮތަށް ވަކިވި މުވައްޒަފުންނަށް ނޯޓިސް މުއްދަތަށް ހަމަޖެހިފައިވާ ފައިސާ ދިނުމަށް ވެސް އެކުންފުނިން ވަނީ ނިންމާފަ އެވެ.
މި ނިންމުމުގެ ސަބަބުން މުވައްޒަފުންނާއި، އެމުވައްޒަފުންގެ އާއިލާތަކަށް ކުރި އަސަރު ކުންފުނިން ބަލައިގަންނަ ކަމަށް ވެސް މެމޯގައި ބުނެފައިވެ އެވެ. އަދި މިއީ މަސައްކަތުގެ ފެންވަރާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، ދަތި ދަނޑިވަޅުގައި އެ ފަރާތްތަކުން ކޮށްދިން ޚިދުމަތަށް މެނޭޖުމަންޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މަންޓާ އެއަރއިން އެތެރޭގެ އުދުހުންތައް ހުއްޓާލަން ނިންމި މައިގަނޑު ސަބަބަކީ އެ އެއަރލައިނަށް ފައިދާވާނެ ގޮތަކަށް އޮޕަރޭޝަންތައް ފުޅާކުރެވެން ނެތުމުންނެވެ.
މަންޓާ އެއަރއަކީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ކުރު މުއްދަތެއްގެ ތެރޭގައި އާންމުންގެ ބޮޑު އިތުބާރެއް ހޯދާފައިވާ އެއަރލައިނެކެވެ. އެހެންކަމުން އެ އެއަރލައިންގެ ޑޮމެސްޓިކް ދަތުރުތައް ހުއްޓާލުމަކީ ދަތުރުފަތުރުގެ ނިޒާމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މަންޓާ އެއަރ އިން އެތެރޭގެ އުދުހުންތައް ހުއްޓާލުމުން، ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތައް ކުރާނީ މޯލްޑިވިއަން އަދި ވިލާ އެއަރ (ފްލައިމީ) އެކަންޏެވެ. ވިލާ އެއަރ އިން ހަމައެކަނި އދ. މާމިގިއްޔަށާއި ދަރަވަންދޫއަށް ދަތުރުކުރާތީ، މުޅި ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަކަށް ވެގެންދާނީ ގައުމީ އެއަރލައިން، މޯލްޑިވިއަން އެވެ.







