ފިނޭންސް މިނިސްޓްރީން ހުށަހެޅި ގޮތަށް، 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި
19 ނޮވެމްބަރު 2026 | ބުރާސްފަތި 08:00ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފި. މި ބަޖެޓުގައި ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން އަދި ތަރައްޤީގެ މަޝްރޫއުތަކަށް 9.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައި


ބަޖެޓު ދިރާސާކުރާ ކޮމިޓީ | ރައްޔިތުންގެ މަޖިލިސް
ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީން ސަރުކާރުން ހުށަހެޅި ގޮތަށް މި ބަޖެޓު ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހު އޮތް ކުރު ކޮމިޓީ ބައްދަލުވުމުގަ އެވެ. އެގޮތުން ކޮމިޓީގައި ހޭދަވީ ގާތްގަނޑަކަށް 5 މިނެޓެވެ.
މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރުު ހަސަން ޒަރީރު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް، ހަތްސަތޭކަ ނުވަދިހަ ފަސް ) ރުފިޔާގެ ބަޖެޓެއް ކަމަށެވެ.
މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދު ކަމަށާއި، އަދި ތަރައްޤީގެ މަޝްރޫއުތަކާ އިންވެސްޓްމަންޓު ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ކެޕިޓަލް ޚަރަދުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނޭކަމަށް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި އެވެ.
އަންނަ އަހަރު އާމްދަނީއާ ހިލޭއެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ސަރުކާރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި ދައުލަތުގެ ހިދުމަތްތައް ދެމެހެއްޓުމަށް ބޭނުންވާ ފައިސާގެ އަދަދު ހިމެނޭ ބަޖެޓެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.











