ދައުލަތުން ދައްކަންޖެހި ނުދެއްކި ހުރި 7 ބިލިއަން ރުފިޔާ ދައްކާނެ ގޮތެއް ވެސް ހުށަހެޅިފައިވާ ބަޖެޓުން އެނގޭކަށް ނެތް: ނިޔާޒީ
11 ނޮވެމްބަރު 2026 | ބުދަ 06:02ދައުލަތުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ބަޖެޓުގައި ހިމަނާފައި ނުވާތީ، އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި މާލީ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެ. މީގެ އިތުރުން ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 22 ބިލިއަން ރުފިޔާ ނުލިބިވާތީ، އެ ފައިސާ ހޯދުމަށާއި ދަރަނި އަދާކުރާނެ ސާފު ޕްލޭނެއް އެކުލަވައިލުން މުހިއްމުކަމަށް ވިދާޅުވި


އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ | ރައްޔިތުންގެ މަޖިލިސް
ދައުލަތުން ދައްކަންޖެހި ނުދެއްކި ހުރި 7 ބިލިއަން ރުފިޔާ އެބަހުރިކަމަށާއި، އެ ފައިސާ ދައްކާނެ ގޮތެއްވެސް ބަޖެޓުން އެނގޭކަށް ނެތްކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ނިޔާޒީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވީ، ދައުލަތުން ދައްކަންޖެހި ހުރި މި ފައިސާގެ ތެރޭގައި ސަރުކާރުގެ އެކި ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ އަމިއްލަ ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ވެސް ހިމެނޭ ކަމަށެވެ.
މި ފައިސާ ދެއްކުމަށް ބަޖެޓުގައި އިންތިޒާމެއް ހިމެނިފައެއް ނުވާކަން ފާހަގަކުރައްވައި އޮޑިޓަރ ޖެނެރަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެހެންކަމުން މި ފައިސާ ދައްކާނެ ސާފު ޕްލޭނެއް އޮތްތޯ މަޖިލީހުން ކަމާބެހޭ އިދާރާތަކުން އޮޅުންފިލުވައި ސާފުކުރަން ޖެހޭކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ، އެ ފައިސާ ދައްކާނެ ގޮތްތަކެއް ފިނޭންސް މިނިސްޓްރީން ހޯދުން ވަރަށް މުހިއްމު ކަމަށެވެ.
މީގެ އިތުރުން، ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިންވެސް ގާތްގަނޑަކަށް 22 ބިލިއަން ރުފިޔާ ނުލިބި އެބައޮތްކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ. ޓެކްސް ނުދެއްކުން އިތުރުވާ އެއް ސަބަބަކީވެސް ސަރުކާރުން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުންކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރެއްވި އެވެ.
ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަން ވިޔަފާރިވެރިން ކުރިން ވަނީ ފާހަގަކޮށްފަ އެވެ. މިކަމުގެ ސަބަބުން ވިޔަފާރިތަކުގެ މާލީ ހާލަތަށް ބޮޑެތި ގެއްލުންތައް ވަމުންދާކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
ދައުލަތުގެ ބަޖެޓުގައި ހިމެނޭ ހަރަދުތަކާއި އާމްދަނީގެ ތަފާތު ބޮޑުވަމުންދާ ދަނޑިވަޅެއްގައި، ދައުލަތުން ދައްކަންޖެހޭ ފައިސާތައް ދެއްކުމުގައި ހުރި ދަތިތައް އިތުރަށް ފާހަގަވެގެން ދިއުމަކީ ވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ.
ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ދައްކަންޖެހޭ ފައިސާ ދެއްކުމަށް ބަޖެޓުގައި ހިމަނައި، ޓެކްސް ނުދައްކާ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކަށަވަރުކުރުން ހިމެނެ އެވެ.










