މިހާރު ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް: ބޮންޑާ
6 ނޮވެމްބަރު 2026 | ހުކުރު 11:15ޕާޓީތަކުގެ މެންބަރުން ވަގަށް ޕީއެންސީއަށް ވައްދާ މައްސަލައިގައި އިދިކޮޅު ލީޑަރޝިޕުން ހަނދާން ނައްތާލައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާތީ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ފާޑުވިދާޅުވެއްޖެ. މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ނުބައި މެސެޖެއް ލިބޭކަން ފާހަގަކުރައްވައި، ގައުމުގެ ކަންކަން މިހާރު ދާގޮތުން ދިވެހީންނަށް ނޭނގި ބޭރުގެ ގިނަ ބަޔަކު ރާއްޖޭގައި ވަޒަންވެރި ކުރުވާނެ ކަމަށް އޭނާ ވިދާޅުވި


މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) | ރާއްޖެ އެމްވީ
މިހާރު ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގުމުގައި ލީޑަރޝިޕްގައި ކޮލިޓީއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ބޮންޑާ ވިދާޅުވީ އެންމެ ފުރަތަަމަ އެމްޑީޕީ ފެށިގެން އައިއިރު އޮތް އެމްޑީޕީ މިހާރު ނެތް ކަމަށެވެ. އެގޮތުން ޕާޓީތަކުން މީހުން ވަގަށް ނަގައިގެން ވެރިކަން ކުރާ ޕީއެންސީއަށް ވައްދާ މައްސަލައަށް އަލިއަޅުއްވާލައްވާ ބޮންޑާ ވިދާޅުވީ ކުރީގައި ނަމަ ބަލަން ނުތިބޭނެ ކަމަށެވެ.
ނަމަވެސް މިހާރު ޕީއެންސީއަށް މެންބަރުން ވަގަށް ވައްދާފައިވާކަން ހަނދާން ނައްތާލާފައިވާ ކަމަށާއި އެމްޑީޕީ ލީޑަރޝިޕްގައި ތިއްބަވާ ބޭފުޅުން ޕީއެންސީގެ ވެރިންނާއިއެކު ޖެހިގެން އިންނަ ގޮނޑީގައި އެއްކޮށް އިށީނދެ އިންނަ ކަމަށް ވިދާޅުވެ ބޮންޑާ ވަނީ އެމްޑީޕީގެ ލީޑަޝިޕްއަށް ފާޑުކިޔުން އަމާޒުކުރައްވާފަ އެވެ.
އެމްޑީޕީގެ އެތަށް ބަޔަކު ވަގަށް ނެގިކަން އެނގިގެން ޝަކުވާ ވެސް ހުށަހެޅި އަދި ޑިމޮކްރަޓްސްއިން އަޅުގަނޑުމެން ވެސް ހުށަހެޅިން އެކަމަކު ވަކި ހިސާބަކުން ހަނދާނެއް ނެތް ހަމަ އެމީހުންނާއި ގޮސް އެއްބައިވެގެން އެމީހުން ކައިރި އެބަ އިށީނދޭ އެހެންވީމާ އެބަ އެނގޭ މިއީ ހަނދާން ނެތޭ ބައެއް ކަން ތިމަންނަމެން ކިތައްމެ ބޮޑު ކުށެއް ކުރިއަސް ގާނޫނީ ކުށެއް ކުރިއަސް އިނދިކޮޅަށް ހުންނަ ޕާޓީގެ ލީޑަޝިޕުން މީތި ވަކި ހިސާބަކުން ހަނދާން ނެތޭކަން، މިއީ ވަރަށް ބޮޑު މައްސަލައެއް. އެގޮތަށް ބައިވެރިވީމަ އާންމު ރައްޔިތުންނަށް ހީވަނީ އެއްވެސް ކަމެއް ނުވަނީއޭ މިސަރުކާރުން ހިނގަނީ ރަނގަޅަށޭއިބްރާހީމް ރަޝީދު (ބޮންޑާ)
މިބާވާތުގެ ކަންކަން ކުރާކަމުގައި ވާނަމަ ރައްޔިތުންނަށް އެދެވެނީ ވަރަށް ނުބައި މެސެޖްއެެއް ކަމަށާއި އަދި މިހާރު މިއޮތީ އެހެން ވެފައި ކަމަށް ބޮންޑާ ވިދާޅުވި އެވެ.
ހަމައެއާއެކު، ރާއްޖެ މިގޮތަށް ދާކަމުގައި ވާނަމަ ދިވެހީންނަށް ނޭނގި އެތަށް ބައިވަރު ބަޔަކު ވަޒަންވެރި ވެސް ކުރުވާނެ ކަމަށް ބޮންޑާ ވަނީ ވިދާޅުވެފަ އެވެ.











