އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި
26 ނޮވެމްބަރު 2026 | ބުރާސްފަތި 06:17ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިލްޔާސް އިބްރާހީމްގެ ސިއްހީ ހާލަތާ ގުޅިގެން، އިންސާނިއްޔަތުކަމުގެ ޚާއްސަ އެހީއެއް ދިނުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައި. މާލިއްޔަތު ގާނޫނުގެ ދަށުން ދޭ މި އެހީއަކީ އެމަނިކުފާނު ކުރައްވާފައިވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ އިނާޔަތެއް


ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މ. އަލިވާގޭ އިލްޔާސް އިބްރާހީމް | ސަން އޮންލައިން
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މ. އަލިވާގޭ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް ޚަރަދުވާ 150,000 (އެއްލައްކަ ފަންސާސް ހާސް) ސިންގަޕޫރު ޑޮލަރު، ދައުލަތުގެ ފަރާތުން ޚާއްސަ އެހީއެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ، މި ފައިސާ ހަމަޖައްސަވައި ދެއްވުމަށް ނިންމެވީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން، އިންސާނިއްޔަތުކަމުގެ ގޮތުން ދެއްވާ ޚާއްސަ އިނާޔަތެއްގެ ގޮތުގައި ކަމަށެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، އިލްޔާސް އިބްރާހީމަކީ ދައުލަތަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި، ވަރަށް މަތީ މަގާމުތަކެއް ފުރުއްވައި، އަގުނުކުރެވޭފަދަ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި މި އެހީ ހަމަޖައްސަވައިދެއްވީ އެމަނިކުފާނަށް ސީރިއަސް ސިއްހީ ހާލަތެއް މެދުވެރިވެ، އެހީތެރިކަމަށް އެދިވަޑައިގެންފައިވާތީ ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މި އެހީ ހަމަޖައްސައިދިނުމަށް އެދި ރައީސް އޮފީހުން 19 ނޮވެންބަރު 2026 ގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް ފޮނުވި ސިޓީގައި ސޮއި ކުރައްވާފައިވަނީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސަރވިސަސް ހުސައިން އާމިރު އެވެ.











