ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށް 3.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލުމާ ގުޅިގެން މެންބަރު އައްބާސް ފާޑުވިދާޅުވެއްޖެ
15 ނޮވެމްބަރު 2026 | އާދީއްތަ 16:20ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށް 3.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލުމާ ގުޅިގެން، ދައުލަތުގެ މާލިއްޔަތުން ބޮޑެތި އިސްރާފުކޮށް ޤައުމު ދަރުވާލަމުންދާ ކަމަށް ވިދާޅުވެ މެންބަރު މުހައްމަދު އައްބާސް ފާޑުވިދާޅުވެއްޖެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތައް ނަގައި ވައުދުތައް ނުފުއްދޭއިރު، މިހާރަށްވުރެ ކޮވިޑްގެ ދަތި ދުވަސްވަރު ވެސް ރައްޔިތުން އުޅުނީ މާ ފުދިގެން ކަމަށް


ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް | ރައްޔިތުންގެ މަޖިލިސް
ސަރުކާރުގެ ޚަރަދުތައް ފޫބެއްދުމަށް 3.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލުމާ ގުޅިގެން، ދައުލަތުގެ މާލިއްޔަތުން ބޮޑެތި އިސްރާފުކޮށް ޤައުމު ދަރުވާލަމުންދާ ކަމަށް ވިދާޅުވެ މެންބަރު މުހައްމަދު އައްބާސް ފާޑުވިދާޅުވެއްޖެ އެވެ.
އައްބާސް މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ހަރަދު ފޫނުބެއްދި ސަރުކާރުގެ ބޭނުމަށް 3.2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން އާދިއްތަ ދުވަހު ހުޅުވާލުމާއި ގުޅިގެންނެވެ.
އެގޮތުން އައްބާސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ފެނިގެން ދަނީ ސަރުކާރުގެ ވެރިންނާއި އަމިއްލަ އެދުމުގައި ސަރުކާރަށް ތާއިދުކޮށްގެން ތިބި މީހުން ދަރަނި ދައްކާފީމޭ ގޮވަމުންދާއިރު ރައްޔިތުންގެ އިމާރާތްތަށް ރަހުނުކޮށްގެން ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނުތަށް ނަގައި ވައުދުތަށް ނުފުއްދި، ރައްޔިތުންގެ މާލިއްޔަތުން ބޮޑެތި އިސްރާފުތަށްކޮށް، ޤައުމު ބޮޑުތަނުން ދަރުވާލާ މަންޒަރު ކަމަށެވެ.
މީގެ އިތުރުން، މުޅި ޤައުމުގެ އިޤްތިސާދީ މައިދޮރުއަށި ބަންދުކޮށް ކޮވިޑް އާލަމީ ވަބާގައި ދެއަހަރު ދުވަހު ދިވެހި ރައްޔިތުން އުޅެމުން ދިޔައީ މިއަށްވުރެ ފުދިގެން، ހިތްހަމަޖެހިގެން، އަދި އަރާމުގައި ކަމަށް އައްބާސް ވިދާޅުވި އެވެ.










