ޔަހޫދީ ސިފައިން ގަސްދުގައި އެމްއެސްއެފްގެ ކްލިނިކަކަށް ނިރުބަވެރި ހަމަލާއެއްދީ ދެ މުވައްޒަފުން ޝަހީދުކޮށްލައިފި
28 ނޮވެމްބަރު 2026 | ހޮނިހިރު 05:55ޣައްޒާގައި ހުންނަ އެމްއެސްއެފްގެ ކްލިނިކަކަށް ޔަހޫދީ ސިފައިން ދިން ނިރުބަވެރި ހަމަލާއެއްގައި އެ ޖަމުއިއްޔާގެ ދެ މުވައްޒަފުން ޝަހީދުކޮށްލުމާ ގުޅިގެން، އެހީދޭ ޖަމުއިއްޔާތަކާއި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ހަމަލާއަކީ އިންސާނީ އެހީތެރިންނަށް އަމާޒުކޮށް ރާވައިގެން ދެމުންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށްވާއިރު، މި ފަދަ އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަނީ ގޮވާލާފައި


ޣައްޒާ ސިޓީއަށް ޔަހޫދީ ސިފައިން ދިން ވައިގެ ހަމަލާއެއް އަމާޒުކޮށްފައިވާ އެއްގަމު އުޅަނދެއްގައި ރޯވި އަލިފާންގަނޑު ނިއްވައިލަން ޣައްޒާގެ މަދަނީ ސަމާލަމާބެހޭ އިދާރާގެ ހިދުމަތްތެރިއަކު މަސައްކަތް ކުރަނީ | އޭއެފްޕީ
ޣައްޒާ ސިޓީގައި ހުންނަ ބައިނަލްއަގުވާމީ އިންސާނީ އެހީދޭ ޖަމުއިއްޔާ، ޑޮކްޓަރސް ވިތައުޓް ބޯޑަރސްގެ (އެމްއެސްއެފް) ކްލިނިކަކަށް ޔަހޫދީ ސިފައިން ދިން ނިރުބަވެރި ހަމަލާއެއްގައި އެ ޖަމުއިއްޔާގެ ދެ މުވައްޒަފުން ޝަހީދުކޮށްލައިފި އެވެ.
"ޣައްޒާގައި ހުންނަ އަޅުގަނޑުމެންގެ ކްލިނިކަކަށް މިރޭ އިސްރާއީލުން ދިން ހަމަލާއެއްގައި، ފާރަވެރިންގެ ގޮތުގައި މަސައްކަތްކުރި އަޅުގަނޑުމެންގެ ދެ އެކުވެރިން ޝަހީދުކޮށްލުމުން އިންތިހާއަށް ހިތާމަކޮށް ރުޅިގަދަވެއްޖެ،" އެމްއެސްއެފުން ހުކުރު ދުވަހު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ. މިއީ، އެ ޖަމުއިއްޔާއަށް އަމާޒުކޮށް ދިން "ސީދާ ހަމަލާއެއް" ކަމަށް ސިފަކުރަމުން، މި ހާދިސާއާއެކު ޣައްޒާގައި ޝަހީދުވި އެމްއެސްއެފްގެ މުވައްޒަފުންގެ އަދަދު 17 އަށް އަރާފައިވާ ކަން އެ ޖަމުއިއްޔާއިން ހާމަކުރި އެވެ.
އެ ޖަމުއިއްޔާގެ އިމާރާތްތަކަކީ "އެމްއެސްއެފްގެ ނިޝާންތައް ސާފުކޮށް ޖަހާފައިވާ، އަދި އެ ތަންތަން ހުރި ސަރަހައްދުތައް އިސްރާއީލް އަސްކަރިއްޔާއަށް ކުރިން އަންގައި އެނގިފައިވާ ތަންތަން،" ކަމަށް އެމްއެސްއެފްއިން ފާހަގަކުރި އެވެ. އަދި، މި ހަމަލާގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފަ އެވެ.
ޝަހީދުކޮށްލާފައިވާ ދެ މުވައްޒަފުންނަކީ ޙަމާސް ޖަމާއަތުގެ މެންބަރުން ކަމަށް، މި ހަމަލާއަށްފަހު ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި އެއްވެސް ހެއްކެއް ދެއްކުމަކާ ނުލައި ތުހުމަތުކުރި އެވެ. ޙަމާސަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތެކެވެ.
މި ހަމަލާއަކީ "އިންތިހާއަށް ރުޅިވެރިކަން އުފެދޭ، ބަލައިގަނެވޭނެ ކަމެއް ނޫން،" މި ކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ (ޑަބްލިއުއެޗްއޯ)ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޮސް ވިދާޅުވި އެވެ. "އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން މަސައްކަތްކުރާ މީހުންނަށް ޖެހޭނީ ރައްކާތެރިކަން ދޭން، ހަމަލާ ދޭކަށް ނޫން،" މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވި އެވެ.
ހަމަމިއާއެކު، "އެމްއެސްއެފްގެ ނިޝާންތައް ސާފުކޮށް ފެންނަން ހުރި ކްލިނިކަކަށް ދިން ހަމަލާ" ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓަރުން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި، ޔަހޫދީ ސިފައިން ގެންދަނީ "ރާވައިގެން އިންސާނީ އެހީތެރިންނާއި އެ ފަދަ ތަންތަނަށް އަމާޒުކޮށް ހަމަލާދެމުން،" ކަމަށް އެ ޖަމުއިއްޔާއިން ތުހުމަތުކުރި އެވެ.
އިންސާނީ އެހީތެރިންނަށް އަމާޒުވާ ހަމަލާތަކުގެ ސިލްސިލާ
ޖަނަވަރީ މަހާ ހަމައަށް އައިއިރު، ޔަހޫދީ ސިފައިން ވަނީ ޣައްޒާގައި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1,700 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ. މީގެ ތެރޭގައި އެމްއެސްއެފްގެ 15 މުވައްޒަފުން ހިމެނެ އެވެ. މި އަހަރު ފެށުނީއްސުރެ ޔަހޫދީ ސިފައިން އެ ޖަމުއިއްޔާގެ ސާމާނު ޣައްޒާއަށް ވެއްދުން ހުއްޓުވައި، ބައިނަލްއަގުވާމީ ހުރިހާ މުވައްޒަފުން އެ ސަރަހައްދަށް ވަނުން މަނާކޮށްފައިވާ ކަމަށް ޖަނަވަރީ މަހު އެމްއެސްއެފްއިން ބުންޏެވެ.
އެހީދޭ ޖަމުއިއްޔާތަކާއި ޙަމާސްއާ ގުޅުން އޮންނަ ކަމަށް ޔަހޫދީ ދައުލަތުގެ އޮފިޝަލުން އެއްވެސް ހެއްކެއް ނެތި ތުހުމަތުކުރަމުންދާއިރު، އެ ފަދަ ތުހުމަތުތަކުގެ ސަބަބުން އިންސާނީ އެހީތެރިންނަށް ހަމަލާދިނުމަކީ އާންމު ކަމަކަށް ހެދުމަށް މަގުފަހިވެފައިވާ ކަމަށް އެހީދޭ ޖަމުއިއްޔާތަކުން ބުނެ އެވެ.
މި ގޮތުން، މި ހަފުތާގެ ކުރީކޮޅު ޔަހޫދީ ސިފައިން ޣައްޒާއަށް ދިން ހަމަލާއެއްގައި، ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އެކުވެރި ދައުލަތްތަކުގެ (އދ) ގެ އިދާރާ (އަންރުވާ) ގައި 35 އަހަރު ވަންދެން ހިދުމަތްކޮށްފައިވާ ޢާދިލް އަލްޙުލްވު ވަނީ ޝަހީދުކޮށްލާފަ އެވެ. އަލްޙުލްވަށް ހަމަލާ އަމާޒުވީ އުތުރު ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށާއި، އެ ހަމަލާގައި އިތުރު ތިން މީހަކު ޒަހަމުވި ކަމަށް އަންރުވާއާއި ސިއްހީ ހިދުމަތްތެރިން ބުންޏެވެ.
މި ހަމަލާތައް ދީފައިވަނީ 2025 އޮކްޓޫބަރު މަހު އަމަލުކުރަން ފެށި ގަތުލުއާންމު ހުއްޓައިލުމުގެ އެއްބަސްވުމާ ޔަހޫދީ ސިފައިން ތަކުރާރުކޮށް ހިލާފުވަމުންދާ ދަނޑިވަޅެއްގަ އެވެ.
މަސްދަރު: އަލް ޖަޒީރާ











