ޣައްޒާގައި ގެދޮރު ގެއްލިފައިވާ 950،000 މީހުން ނުރައްކަލުގެ ތެރޭގައި، އދ.ގެ ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި
15 ނޮވެމްބަރު 2026 | އާދީއްތަ 08:58ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުގައި ފެންބޮޑުވެ އިންސާނީ ހާލަތު ގޯސްވަމުންދާތީ، އެހީގެ ސާމާނު ވެއްދުމަށް ހުރި ހުރަސްތައް ނައްތާލައި ޔަހޫދީ އިސްރާއީލުން ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމަށް ޙަމާސްއިން ގޮވާލައިފި. ފިނިމޫސުމުގެ ސަބަބުން ލައްކައަކަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާއިރު، މި ކާރިސާއިން ސަލާމަތްވުމަށް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެ ޖަމާޢަތުން ވަނީ އިލްތިމާސްކޮށްފައި


ޣައްޒާގެ ދައިރް އަލް-ބަލަޙުގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގައި ހުރި ފޭލިގަތެއްގެ ތެރޭގައި ކުޑަ ދެ ކުދިން މަޑުކޮށްލައިގެން | އދ
ފިނިމޫސުމުގެ ބޯ ވާރޭގައި ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކުގައި ފެންބޮޑުވެ، އެ ސަރަހައްދުގައި ހުރި ވަގުތީ ހިޔާތަކުގެ ތެރެއިން އެތައް ހާސް ތަނަކަށް ގެއްލުން ލިބުމާ ގުޅިގެން، ފަލަސްޠީނުގެ ރައްޔިތުންނަށް ކުއްލި ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ ކުއްލި އެހީގެ ކެންޕޭނެއް ފެށުމަށް ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ އިސް ވެރިޔާ ޚަލީލް އަލް-ޙައްޔާ ގޮވާލައްވައިފި އެވެ.
ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ސަރުކާރުތަކަށް ރަސްމީކޮށް ފޮނުއްވި ސިޓީތަކެއްގައި އަލް-ޙައްޔާ އެދިވަޑައިގެންނެވީ، ފިނިމޫސުމަށް ޚާއްސަ ޓެންޓުތަކާއި، ގޭތެރެ ހޫނުކުރާނެ އާލާތްތަކާއި، ތެލުގެ އިތުރުން ހަލާކުވެފައިވާ ނަރުދަމާ އަދި ވާރޭފެން ހިންދާ ނިޒާމުތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ވަގުތުން ޣައްޒާއަށް ވެއްދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކަމަށް ޙަމާސްއިން ބުންޏެވެ.
އިންސާނީ ހާލަތު މިހާ ބޮޑަށް ގޯސްވެގެން ދިޔައީ އެހީގެ ސާމާނާއި އަލުން އާރާސްތުކުރުމަށް ބޭނުންވާ ތަކެތި ޣައްޒާއަށް ވެއްދުމަށް ޔަހޫދީ އިސްރާއީލުން ކުރިމަތިކުރަމުންދާ ހުރަސްތަކުގެ ސަބަބުން ކަމަށާއި، އާންމުން ދިރިއުޅޭ ގެދޮރާއި ސަރުކާރުގެ އަސާސީ ޚިދުމަތްދޭ އިމާރާތްތައް ސުންނާފަތިކޮށްފައިވުމުން އެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށް އަލް-ޙައްޔާ ވިދާޅުވި އެވެ. ހަމަމިއާއެކު، ޣައްޒާގެ ހާލަތަކީ ވަގުތީ އެހީގެ ކާރިސާއެއްގެ ގޮތުގައި ނުވަތަ ޤަތުލުޢާންމުގެ ސަބަބުން ކޮންމެހެން ކުރިމަތިވާންޖެހޭ ނަތީޖާއެއްގެ ގޮތުގައި ދެން ބެލެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރުމަށް ޑިމާންޑުކުރުން
ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ޔަހޫދީ އިސްރާއީލަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގުޅިގެން ޕްރެޝަރު ކުރުމަށް ޙަމާސްގެ ލީޑަރު ޑިމާންޑު ކުރެއްވި އެވެ. މި ގޮތުން، ޣައްޒާއިން ޔަހޫދީ ސިފައިން އެއްކޮށް ފޭބުމާއި، ޝަރުމުއްޝައިޚްގައި ސޮއިކޮށްފައިވާ އިންސާނީ އެހީތެރިކަމުގެ ޕްރޮޓޮކޯލުތަކަށް ފުރިހަމައަށް އަމަލުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ ޚަލީލް އަލް-ޙައްޔާ މީޑިއާއަކަށް ބަސްދީގަތުމެއް ދެއްވަނީ | އޭޕީ
މިއާއެކު، އެކުވެރި ދައުލަތްތަކުގެ (އދ) އިދާރާތަކަށާއި އިންސާނީ އެހީދޭ މިޝަންތަކަށް އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް ވަދެވޭނެ ގޮތް ހެދުމަށާއި، އެ ސަރަހައްދު ހިންގުމަށް އައްޔަންކޮށްފައިވާ ފަލަސްޠީނުގެ ޤައުމީ ކޮމިޓީއަށް ޣައްޒާއަށް އެތެރެވުމުގެ ހުއްދަ ދިނުމަށް އަލް-ޙައްޔާ ގޮވާލެއްވި އެވެ. ރައްކާތެރި ހިޔާވަހިކަން ހޯދައިދިނުމަށާއި، އަސާސީ އުމްރާނީ ވަސީލަތްތައް އަލުން ބިނާކުރުމުގެ އިތުރުން ދިގު މުއްދަތުގެ އާރާސްތުކުރުމުގެ މަސައްކަތްތަކަށް ސީދާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އޭނާގެ އިލްތިމާސްގައި އެދިވަޑައިގެންނެވި އެވެ.
ބޮއްސުންލަމުންދާ މި އިންސާނީ ކާރިސާއަށް ހައްލެއް ހޯދުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި އާންމު ޖަލްސާއެއް ބޭއްވުމަށް ވެސް އަލް-ޙައްޔާ ގޮވާލެއްވި އެވެ. އަދި، ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ޑިމާންޑުކުރުމުގެ ގޮތުން، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މެދުވެރިންނާ ގުޅުއްވާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އދ. އާއި ޑަބްލިއުއެޗްއޯގެ ކަންބޮޑުވުން
ޣައްޒާގެ އެކި ކަންކޮޅުތަކުގައި ހުރި ވަގުތީ ކޭންޕްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ޕްލާސްޓިކް ޝީޓާއި ރަޖާ ފަދަ ރައްކާތެރިކަމުގެ އަސާސީ ސާމާނު ނުލިބި، ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ހާސް ޢާއިލާއެއް ވަނީ ފިނިމޫސުމުގެ ގަދަ ފިންޏަށް ހުށަހެޅިފަ އެވެ.
އދ.ގެ އިންސާނީ އެހީތެރިކަން ވިލަރެސްކުރާ އިދާރާއިން (އޯސީއެޗްއޭ) ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނީ، ފެންބޮޑުވުމުގެ ސަބަބުން 200،000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުންނަށް އަސަރުކޮށް، 40،000 އަށްވުރެ ގިނަ ޢާއިލާ ދިރިއުޅޭ ވަގުތީ ހިޔާތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ހަމަމިއާއެކު، ދުނިޔޭގެ ސިއްހަތު ޖަމުޢިއްޔާއިން (ޑަބްލިއުއެޗްއޯ) ދިން ހަރުކަށި އިންޒާރެއްގައި ބުނީ، ގެދޮރު ގެއްލިފައިވާ 950،000 މީހުން ދިރިއުޅެމުންދަނީ ފެންބޮޑުވުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކުގައި ކަމަށާއި، އޭގެ ތެރޭގައި 400،000 އަށްވުރެ ގިނަ މީހުން ތިބީ ނުރައްކާތެރި މިންވަރަކަށް ފެންބޮޑުވެދާނެ ފަދަ އެންމެ ނާޒުކު ސަރަހައްދުތަކުގައި ކަމަށެވެ.
މަސްދަރު: ޓީއާރްޓީ ވަރލްޑް











