އެއްބަސްވުމަށް ބެލުމެއް ނެތި ޔަހޫދީ ސިފައިން ޣައްޒާއަށް އަނެއްކާ ވެސް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
22 ނޮވެމްބަރު 2026 | އާދީއްތަ 06:39ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ އިސްރާއީލުގެ ސިފައިން ދެމުންދާ ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެ ޒަޚަމުވަމުންދާއިރު، ޚާން ޔޫނިސްގެ އިރުމަތީގައި ހުރި އިމާރާތްތައް ގޮއްވާލައި ބިމާ ހަމަކުރުމުގެ އޮޕަރޭޝަނެއް ވެސް ވަނީ ހިންގާފައި. މި ހަމަލާތަކަކީ ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކެއް ކަމަށްވާއިރު، 2023 އޮކްޓޫބަރުން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމުގައި ޝަހީދުކޮށްލާފައިވާ ފަލަސްޠީނު ރައްޔިތުންގެ އަދަދު މިހާރު ވަނީ 74,000 އަށްވުރެ މައްޗަށް އަރާފައި


ޣައްޒާގައި ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުރި ފޭލިގެތަކަކަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލުގެ ސިފައިން ވައިގެ ހަމަލާއެއް ދިން ވަގުތު އެ ސަރަހައްދު ގޮވާ މަންޒަރު | އަނަދޮލު އޭޖެންސީ
ހޮނިހިރު ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ އިސްރާއީލުން ދިން ނިރުބަވެރި ހަމަލާތަކުގައި ފަލަސްޠީނުގެ ހަތަރު މީހުން ޝަހީދުކޮށްލައި، ކުޑަކުއްޖަކާއި އަންހެނަކު ހިމެނޭހެން އިތުރު 14 މީހުން ޒަޚަމުކޮށްލާފައިވާ ކަމަށް ސިއްހީ މަސްދަރުތަކުން ބުނެފި އެވެ.
މި ހަމަލާތައް ދީފައިވަނީ 2025 އޮކްޓޫބަރު މަހުން ފެށިގެން އަމަލުކުރަމުންދާ ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލްގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ޚިލާފުވަމުންދާ ދަނޑިވަޅެއްގަ އެވެ. އެންމެ ފަހުގެ ހާދިސާތަކަށް ބަލާއިރު، ޣައްޒާ ސިޓީގެ ހުޅަނގުދެކުނުގައި އޮންނަ ތަލް އަލް-ހަވާ އަވަށުގައި ދުއްވާފައި ދިޔަ އުޅަނދަކަށް ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި ފަލަސްޠީނުގެ ތިން މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމުވެފައިވާ ކަމަށް އަލް-ޝިފާ ހަސްފަތާލުގެ ސިއްހީ މަސްދަރަކުން ބުންޏެވެ.
އުތުރު ޣައްޒާގެ ޖަބާލިޔާގެ އިރުމަތީގައި ހުންނަ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ހަލާވާ ކޭމްޕަށް ޔަހޫދީ ސިފައިން ދިން ބަޑީގެ ހަމަލާތަކުގައި އަޙްމަދު އަބޫ ޖަބަލް ނަމަކަށް ކިޔާ މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ. ހަމަމިއާއެކު، ޖަބާލިޔާގައި ޔަހޫދީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ޒަޚަމުތަކެއް ލިބުނު ފަލަސްޠީނުގެ ދެ މީހަކަށް ފަރުވާ ދިނުމަށް ހަސްފަތާލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ސިއްހީ އެހެން މަސްދަރަކުން ބުނެފައިވެ އެވެ.
ޖަބާލިޔާގެ އިރުމަތީގައި އޮންނަ ހަލާވާ ކޭމްޕުގައި ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދާ ފޭލިގެތަކަށް އަމާޒުކޮށް އިސްރާއީލްގެ އަސްކަރީ އުޅަނދުތަކާއި ކްއަޑްކޮޕްޓަރު ޑްރޯންތަކުން ބަޑިޖަހާފައިވާ ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން ރިޕޯޓުކުރި އެވެ. މިއާއެކު، ހުކުރު ދުވަހުގެ ރެއިން ފެށިގެން ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ޣައްޒާގެ އެކި ސަރަހައްދުތަކަށް ޔަހޫދީ އަސްކަރިއްޔާއިން ބަރު ހަތިޔާރުން ނުރައްކާތެރި ބަޑީގެ ހަމަލާތައް ދީފައިވެ އެވެ. މި ގޮތުން ޖަބާލިޔާ އަދި ބައިތު ލާހިޔާގެ އިރުމަތީ ސަރަހައްދުތަކަށް އާޓިލަރީ ބަޑީގެ ހަމަލާތަކާއެކު އެތައް ފަހަރު ހަމަލާދީފައިވާ ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން ބުންޏެވެ.
ދެކުނާއި މެދުތެރޭ ޣައްޒާއަށް ދިން ޑްރޯން އަދި އާޓިލަރީ ބަޑީގެ ހަމަލާތައް
ދެކުނު ޣައްޒާއަށް ބަލާއިރު، ޔަހޫދީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަޔަށް ޒަޚަމުތަކެއް ލިބުނު ކުޑަކުއްޖަކާއި އަންހެނަކު ނާޞިރު ހަސްފާތާލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އެ ހަސްފަތާލުގެ ސިއްހީ މަސްދަރަކުން ހާމަކުރި އެވެ. އިސްރާއީލްގެ އަސްކަރީ އުޅަނދުތަކުން އެ ހަމަލާތައް ދީފައި ވަނީ ޚާން ޔޫނިސްގެ ހުޅަނގުދެކުނުގައި އޮންނަ އަލް-ކަނީސާ ސަރަހައްދުގައި ކަމަށް އެ މަސްދަރުން ބުންޏެވެ.
ދެކުނު ޚާން ޔޫނިސްގެ އަލް-މަސްލަޚް ސަރަހައްދު ކައިރިއަށް ޔަހޫދީ ސިފައިން ދިން ޑްރޯން ހަމަލާއެއްގައި ޒަޚަމުވި ފަލަސްޠީނުގެ ރައްޔިތުންގެ އަދަދު އަށަކަށް އަރާފައިވާ ކަމަށް ނާޞިރު ހަސްފަތާލުގެ ސިއްހީ މަސްދަރަކުން ބުންޏެވެ. ހަމަމިއާއެކު، ޚާން ޔޫނިސްގެ ދެކުނުގައާއި ރަފަޙްގެ އުތުރުގައި ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ފޭލިގެތަކަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް މަންޒަރު ފެނުނު މީހުން ބުންޏެވެ. މިއާއެކު، ޚާން ޔޫނިސްގެ ހުޅަނގުގައި އޮންނަ އަލް-މަވާސީގައި ބަޔަކު އެއްވެ ތިބި ތަނަކަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި އިތުރު ދެ މީހަކަށް ސީރިއަސް ޒަޚަމުތަކެއް ލިބިފައިވާ ކަމަށް ސިއްހީ މަސްދަރުން ބުންޏެވެ.
މެދުތެރޭ ޣައްޒާއަށް ބަލާއިރު، ބުރައިޖް ރެފިއުޖީ ކޭމްޕްގެ އުތުރުގައިވާ ސަރަހައްދުތަކަށް އިސްރާއީލްގެ އަސްކަރިއްޔާއިން އާޓިލަރީ ބަޑީގެ ހަމަލާތަކެއް ދީފައިވާ ކަމަށް އެ ސަރަހައްދުގެ މަސްދަރުތަކުން ރިޕޯޓުކުރި އެވެ. ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް ޒަޚަމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެ އެވެ.
ޚާން ޔޫނިސްގެ އިރުމަތީގައި އިމާރާތްތައް ގޮއްވާލުން
ހޮނިހިރު ދުވަހުގެ ހަމަލާތައް ދީފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ޚާން ޔޫނިސްގެ އިރުމަތީ ސަރަހައްދުގައި އިސްރާއީލްގެ އަސްކަރިއްޔާއިން އިމާރާތްތައް ބިމާ ހަމަކުރުމަށް ހިންގި ބޮޑު އޮޕަރޭޝަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮއްވާލާފައި ވަނިކޮށެވެ. އެ ގޮވުންތަކުގެ އަޑު އުތުރު ޣައްޒާއާ ހަމައަށް ވެސް އިވުނެވެ.
ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ހުރި ފަލަސްޠީނުގެ އިމާރާތްތަކާއި ވަސީލަތްތަކަށް ޑްރޯން މެދުވެރިކޮށް ގޮވާތަކެތި ވައްޓާލުމުގެ ސަބަބުން ގާތްގަނޑަކަށް 10 ވަރުގަދަ ގޮވުން ގޮވާފައިވާ ކަމަށް އެ ސަރަހައްދުން ރިޕޯޓުކުރަމުންދާ މުރާސިލަކު ރިޕޯޓުކުރި އެވެ. އެ ގޮވުންތަކުގެ ސަބަބުން އުފެދުނު ބޯ ދުންގަނޑު ކައިރީގައި ހުރި މީހުން ދިރިއުޅޭ އަވަށްތަކަށް ފެތުރިގެން ދިޔަ އެވެ.
މި އިމާރާތްތައް ގޮއްވާލާފައިވަނީ 'ޔެލޯ ލައިން' ނުވަތަ ޔަހޫދީ ސިފައިން އަތްގަދަކޮށްފައިވާ ސަރަހައްދު ފާހަގަކުރާ ސަރަހައްދުގެ އެތެރޭގަ އެވެ. އެއީ، އިސްރާއީލްގެ އަސްކަރީ މަރުކަޒުތަކާއި ފަލަސްޠީނުގެ ރައްޔިތުންނަށް ހަރަކާތްތެރިވުމުގެ ހުއްދަ އޮންނަ ސަރަހައްދުތައް ވަކިކޮށްދޭ އިމެވެ. މި އިމަކީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން ޔަހޫދީ ސިފައިން ފަހަތަށް ޖެހުމަށް ކަނޑައަޅާފައިވާ ހިސާބުތައް ފާހަގަކޮށްދޭ އިމެކެވެ.
ޝަހީދުކޮށްލާފައިވާ މީހުންނާއި ޒަޚަމުކޮށްލާފައިވާ މީހުންގެ ތަފާސްހިސާބުތައް
ޣައްޒާގެ ސިއްހީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޤަތުލުޢާންމު ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވެ ދިން ހަމަލާތަކުގައި ބުރާސްފަތި ދުވަހާ ހަމައަށް ފަލަސްޠީނުގެ 1،662 މީހުން ޝަހީދުކޮށްލައި، އިތުރު 6،007 މީހުން ވަނީ ޒަޚަމުކޮށްލާފަ އެވެ. އަދި 2023 އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލްގެ އަސްކަރިއްޔާއިން ހިންގަމުންދާ ޤަތުލުޢާންމުގައި ފަލަސްޠީނުގެ 74،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، 175،000 އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











