"ފަލަސްޠީނުގައި ވެރިކަން ކުރާނީ ފަލަސްޠީނުގެ ރައްޔިތުން": މެދުއިރުމަތީގެ ހަމަޖެހުމަށް ދެ ދައުލަތުގެ ހައްލު ކޮންމެހެން ބޭނުންވާ ކަމަށް ރައީސް ޝީ ވިދާޅުވެއްޖެ
24 ނޮވެމްބަރު 2026 | އަންގާރަ 10:00ފަލަސްޠީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ދެ ދައުލަތުގެ ސިޔާސަތު ނެގެހެއްޓުމަށާއި، ޣައްޒާގައި ހިންގާ ގަތުލުއާންމު ހުއްޓާލައި އާންމުން ހިމާޔަތްކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވައިފި. ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމާ ދެކޮޅުކަން ހާމަކުރައްވަމުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިންސާފުވެރި ހައްލެއް ހޯދުމަށް ޗައިނާއިން އަބަދުވެސް ތާއީދުކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައި

![2023 ޖޫންގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/132c9f22-c325-4725-a6bb-b20c17ed1084.webp)
2023 ޖޫންގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ޗައިނާއަށް ކުރެއްވި ދަތުރުފުޅެއްގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވަނީ [ފައިލް] | ރޮއިޓަރސް
ފަލަސްޠީނުގެ ބިންތައް ފޭރުމާއި ފަލަސްޠީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކާ ދެކޮޅު ހައްދަވައި، އަދި ޣައްޒާގައި ދާއިމަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށާއި އާންމު ރައްޔިތުން ހިމާޔަތްކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގޮވާލައްވައިފި އެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއެކު ބައިނަލްއަގުވާމީ ގޮތުން އެއްބައިވަންތަކަން ފާޅުކުރުމުގެ ދުވަސް ފާހަގަކުރުމަށް އެކުވެރި ދައުލަތްތަކުން (އދ) ހޯމަ ދުވަހު ބޭއްވި ހާއްސަ ބައްދަލުވުމަކަށް ފޮނުއްވި މެސެޖެއްގައި ޝީ ވިދާޅުވީ، މެދުއިރުމަތީގެ މައްސަލައިގެ އެންމެ މުހިންމު އަސާސަކީ ފަލަސްޠީނުގެ މައްސަލަ ކަމަށެވެ. ސަރަހައްދުގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ބައިނަލްއަގުވާމީ މުޖުތަމައު ސަމާލުކަން ފަލަސްޠީނުގެ މައްސަލައިން އެއްފަރާތްކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަލަސްޠީނުގެ މައްސަލަ ހައްލުކުރުމުގެ ތަޅުދަނޑިއަކީ ދެ ދައުލަތުގެ ހައްލު ނެގެހެއްޓުމާއި، ފަލަސްޠީނާއި ޔަހޫދީ އިސްރާއީލާ ދެމެދު ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށް މަގުފަހިކުރުން ކަން ޗައިނާގެ ރައީސް ފާހަގަކުރެއްވި އެވެ.
"ފަލަސްޠީނުގައި ވެރިކަން ކުރާނީ ފަލަސްޠީނުގެ ރައްޔިތުން" މި އުސޫލާ އެއްގޮތަށް، ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ވެރިކަމުގެ ކަންކަމާއި ޤަތުލުޢާންމަށްފަހު ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށް ޝީ ވިދާޅުވި އެވެ. ހަމަމިއާއެކު، ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ބިންތައް ފޭރުމުގެ ޖަރީމާތަކާއި ހައްގުތަކަށް އަރައިގަތުމުގެ އެއްވެސް ކަމަކާ ދެކޮޅު ހައްދަވާ ކަން އޭނާ ހާމަކުރެއްވި އެވެ.
ފަލަސްޠީނަށް ތާއީދުކުރުމުގެ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް އަމަލީ ސިފައަކަށް ގެނައުމަށް ވެސް ޝީ އިލްތިމާސްކުރެއްވި އެވެ. މި ގޮތުން ޣައްޒާގައި ދާއިމީ ގޮތެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މަސައްކަތްކުރުމަށާއި، އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އޭނާ ގޮވައިލެއްވި އެވެ.
"އިންސާފު ގާއިމުވާނެ. އަދި، އިންސާފު ގެއްލިގެން ވެސް ނުވާނެ،" ޝީ ވިދާޅުވި އެވެ. ފަލަސްޠީނުގެ ރައްޔިތުންގެ ޝަރުއީ ގައުމީ ހައްގުތަކަށް ޗައިނާއިން އަބަދުވެސް ތާއީދުކުރާކަން އޭނާ އަލުން ކަށަވަރުކޮށްދެއްވި އެވެ. މިއާއެކު، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ފަލަސްޠީނުގެ މައްސަލައަށް ފުރިހަމަ، އިންސާފުވެރި އަދި ދާއިމީ ހައްލެއް ހޯދުމަށް އެހެން ގައުމުތަކާއެކު ބެއިޖިންގއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔަހޫދީ އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް 2023 އޮކްޓޫބަރު މަހުން ފެށިގެން ޔަހޫދީ ސިފައިންނާއި ޔަހޫދީ ނިރުބަވެރި ވަޒަންވެރިން ދެމުންދާ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.
އެ މުއްދަތުގެ ތެރޭގައި ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިންނާއި ނިރުބަވެރި ވަޒަންވެރިން ދިން ހަމަލާތަކުގައި ފަލަސްޠީނުގެ 1,220 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައި، ގާތްގަނޑަކަށް 13,750 މީހުން ޒަޚަމުކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި، ހަމަ އެ މުއްދަތުގައި 26,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ހައްޔަރުކޮށްފައިވާ ކަން ވެސް އެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











