Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލުގެ ބަރުލަމާނީ އިންތިޚާބު

ސިޔާސީ ބޮޑު ކޯޅުމަކަށް ފަހު ނަތަންޔާހޫ އެއްފަރާތްކޮށް، ސަރުކާރު އެކުލަވައިލުމުގެ ދައުވަތު އައިޒެންކޮޓަށް!

8 ނޮވެމްބަރު 2026 | އާދީއްތަ 07:54

އިސްރާއީލުގެ އާންމު އިންތިޚާބަށްފަހު ސަރުކާރު އެކުލަވައިލުމުގެ ފުރުސަތު 67 މެންބަރުންގެ ތާއީދާއެކު އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓަށް ދިނުމަށް ރައީސް ނިންމައިފި. ނަމަވެސް، ޕާޓީތަކުގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތުގައި އަޣުލަބިއްޔަތު އޮތް އިއްތިހާދެއް އުފެއްދުމަށް އޭނާއަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 8 ނޮވެމްބަރު 2026 | އާދީއްތަ 07:54
ޔަހޫދީ އިސްރާއީލުގެ އިދިކޮޅު ޔަޝާރު ޕާޓީގެ ވެރިޔާ އަދި ޔަހޫދީ ސިފައިންގެ ކުރީގެ އިސް ޖެނެރަލް، ގާދީ އައިޒެންކޮޓު ކެންޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަނީ

ޔަހޫދީ އިސްރާއީލުގެ އިދިކޮޅު ޔަޝާރު ޕާޓީގެ ވެރިޔާ އަދި ޔަހޫދީ ސިފައިންގެ ކުރީގެ އިސް ޖެނެރަލް، ގާދީ އައިޒެންކޮޓު ކެންޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަނީ | އަނަދޮލު އޭޖެންސީ

އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވައިލުމުގެ މަސްއޫލިއްޔަތު، އެ ޤައުމުގެ އިދިކޮޅު 'ޔަޝާރް' ޕާޓީގެ ލީޑަރު ގާދީ އައިޒެންކޮޓްއާ ހަވާލުކުރަން ނިންމާފައިވާ ކަން އިސްރާއީލުގެ ރައީސް ޔިޓްޒްހާކް ހެރްޓްޒޯގްގެ ތަރުޖަމާނު ހޮނިހިރު ދުވަހު ހާމަކޮށްފި އެވެ.

ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރު އެކުލަވައިލުމުގެ މަސައްކަތް ހަވާލުކުރަން ގަސްދުކުރާ ކަން ހެރްޓްޒޯގް މިހާރު ވަނީ އައިޒެންކޮޓަށް އަންގާފައި ކަމަށެވެ. މިއާއެކު، އާދީއްތަ ދުވަހުގެ ހަވީރު އިސްރާއީލުގެ ގަޑިން 17:00 ގައި ރައީސްގެ ރަސްމީ ގެކޮޅަށް ދިޔުމަށް ހެރްޓްޒޯގް ވަނީ އައިޒެންކޮޓަށް ދައުވަތު ދީފަ އެވެ. ސަރުކާރު އެކުލަވައިލުމުގެ ރަސްމީ މެންޑޭޓް އޭނާއާ ހަވާލުކުރާނީ އެ ބައްދަލުވުމުގަ އެވެ.

Advertisement - worldAdvertisement

ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލަފަޔާއި އިއްތިހާދެއްގެ މަންޒަރު

ސަރުކާރު އެކުލަވައިލުމާ ގުޅޭ ގޮތުން ބޭއްވި މަޝްވަރާތަކުގައި، އިސްރާއީލުގެ ޤާނޫނުހަދާ މަޖިލިސް ކަމަށްވާ 'ކްނެސެޓް' ގެ 67 މެންބަރުން ތަމްސީލުކުރާ ޕާލިމަންޓަރީ ފެކްޝަންތަކުން ވަނީ އެ މެންޑޭޓް އައިޒެންކޮޓަށް ދިނުމަށް ހެރްޓްޒޯގަށް ލަފާދީފަ އެވެ. އަނެއްކޮޅުން، 46 މެންބަރުން ތަމްސީލުކުރާ ފެކްޝަންތަކުން ލަފާދިނީ 'ލިކޫދް' ޕާޓީގެ ލީޑަރު އަދި ކްނެސެޓްގެ މެންބަރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެ ޒިންމާ ހަވާލުކުރުމަށެވެ. ހަތް މެންބަރުން ހިމެނޭ އެއް ފެކްޝަނުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށް ލަފާދީފައެއް ނުވެ އެވެ.

ރައީސްގެ ތަރުޖަމާނު ބުނީ، ނަތަންޔާހޫއާއި އައިޒެންކޮޓް ވެސް ހިމެނޭހެން، ސިޔާސީ މައިދާނުގެ އެކި ފަރާތްތަކާއެކު ފާއިތުވި ދުވަސްތަކުގައި ހެރްޓްޒޯގް  ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބޭއްވި ކަމަށެވެ.

ޔަހޫދީ ދައުލަތުގެ ޤާނޫނު ބުނާ ގޮތުން، ރައީސް ސަރުކާރު އެކުލަވައިލުމުގެ މެންޑޭޓް ހަވާލުކުރުމުން، އިއްތިހާދެއް ހެދުމަށް އެ މެންބަރަކަށް 28 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އިތުރު ވަގުތު ބޭނުންވެއްޖެ ހާލަތެއްގައި، ގިނަވެގެން 14 ދުވަހުގެ މުއްދަތެއް އިތުރުކޮށްދިނުމުގެ އިޚުތިޔާރު ވެސް ރައީސަށް ލިބިގެންވެ އެވެ.

ބުރާސްފަތި ދުވަހު ޕާލިމަންޓް ފެކްޝަންތަކާއެކު ބޭއްވި މަޝްވަރާތައް ނިންމައިލުމަށް ފަހު ހެރްޓްޒޯގް ބުނީ، ވަކި ގޮތެއް ނިންމުމުގެ ކުރިން އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. ކެބިނެޓް މަޤާމުތަކާ ގުޅޭ ގޮތުން ޕާޓީތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއި ވާދަވެރި ޑިމާންޑުތަކަށް ބަލާއިރު، ސަރުކާރެއް އެކުލަވައިލުމުގެ ގާބިލުކަން ހުރި ފަރާތެއް ކަނޑައެޅުމުގައި ހަމައެކަނި ލިބުނު ލަފާތަކުގެ އަދަދަށް ބަރޯސާނުވެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންތިޚާބުގެ ނަތީޖާއާއި ކުރިމަތިވެފައިވާ ގޮންޖެހުންތައް

އިސްރާއީލުގައި އޮކްޓޫބަރު 27 ގައި ބޭއްވި އާންމު އިންތިޚާބުގައި، 120 ގޮނޑި ހިމެނޭ ކްނެސެޓްގެ އަޣުލަބިއްޔަތު ކަމަށްވާ 61 ގޮނޑި ހޯދުމަށް މައިގަނޑު ދެ ބްލޮކުން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ. މި އިންތިޚާބުގައި ނަތަންޔާހޫގެ ލިކޫދް ޕާޓީން 27 ގޮނޑި ކާމިޔާބުކުރިއިރު، އައިޒެންކޮޓްގެ ޔަޝާރް ޕާޓީން ކާމިޔާބުކުރީ 21 ގޮނޑި އެވެ. ބާކީ ގޮނޑިތައް ހޯދީ އެހެން ޕާޓީތަކުންނެވެ.

އިންތިޚާބުގެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން، ނަތަންޔާހޫގެ ބްލޮކަށް ލިބުނީ 53 ގޮނޑި އެވެ. އޭނާއާ އިދިކޮޅު އިސްރާއީލުގެ ޕާޓީތަކަށް 48 ގޮނޑި ލިބުނުއިރު، ޢަރަބި ދެ ޕާޓީ ކަމަށްވާ 'އަލް-ޤާއިމަތު އަލް-މުޝްތަރަކާ' އަދި 'ރަޢާމް' އިން ޖުމުލަ 19 ގޮނޑި ހޯދި އެވެ. ނަތަންޔާހޫއާ އިދިކޮޅު ހުރިހާ ޕާޓީތައް އެއްކޮށްލުމުން ލިބުނު 67 ގޮނޑީގެ އަޣުލަބިއްޔަތުން އެ ފަރާތްތަކުން ލަފާދިނީ ސަރުކާރު އެކުލަވައިލުމުގެ މެންޑޭޓް އައިޒެންކޮޓަށް ދިނުމަށެވެ.

ހަމަމިއާއެކު، އައިޒެންކޮޓްގެ ކޭމްޕުގައި ހިމެނޭ މައިގަނޑު ބައެއް ޕާޓީތަކުން ޢަރަބި ޕާޓީތައް ހިމަނައިގެން ސަރުކާރެއް އުފެއްދުމާ ސީދާ ދެކޮޅު ހަދަ އެވެ. އެހެންކަމުން، އައިޒެންކޮޓަށް ޖެހޭނީ ޤާނޫނުހަދާ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތެއް ހޯދުމަށް މަގެއް ހޯދަން ނުވަތަ ބޭރުގެ ތާއީދަށް ބަރޯސާވާ މައިނޯރިޓީ ސަރުކާރެއް އެކުލަވައިލާށެވެ.

ނަތަންޔާހޫގެ ބްލޮކުގައި ހިމެނޭ ހަރުކަށި ދީނީ ޕާޓީއެއް ކަމަށްވާ 'ޔަހަދޫތު ހަތޯރާ' ގެ ހަތް މެންބަރުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމީ، ދީނީ ކަންކަމުގައި ޝާމިލުވާ ޔަހޫދީން އަސްކަރީ ޚިދުމަތުން އިސްތިސްނާކުރުމާ މެދު އިއްތިހާދުގެ ބައިވެރިންނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.

މި ހާލަތުގައި، ނަތަންޔާހޫއާ އިދިކޮޅު ފަރާތްތަކުގެ މެދުގައި ހުރި ތަފާތުތައް ފިލުވައިލުމަކީ އައިޒެންކޮޓަށް މަޖުބޫރު ކަމެކެވެ. ކްނެސެޓްގައި އަދިވެސް އެންމެ ބޮޑު ވަކިވަކި ޕާޓީއަކީ ލިކޫދް ޕާޓީ އެވެ. އެ ޕާޓީގެ ބާރުގެ ދަށުގައި އަޣުލަބިއްޔަތަށް ބޭނުންވާ 61 ގޮނޑީގެ ތެރެއިން 27 ގޮނޑި އެބައޮތެވެ.

ރައީސް ދޭ ފުރަތަމަ 28 ދުވަހާއި އިތުރުކޮށްދޭ މުއްދަތުގެ ތެރޭގައި ސަރުކާރެއް އެކުލަވައިލަން އައިޒެންކޮޓް ނުކުޅެދިއްޖެ ނަމަ، އިސްރާއީލަށް އަނެއްކާ ވެސް ޖެހޭނީ އައު ސިޔާސީ މަޝްވަރާތަކެއްގެ ތެރެއަށް ވަންނާށެވެ. އަދި، އައު ސަރުކާރެއް އުފެދެންދެން ވަގުތީ ސަރުކާރެއްގެ ގޮތުގައި ދެމިއޮންނާނީ ނަތަންޔާހޫގެ ސަރުކާރެވެ.

ނަތަންޔާހޫގެ ސިޔާސީ ދައުރާއި ޤާނޫނީ މައްސަލަތައް

ނަތަންޔާހޫއަކީ ޔަހޫދީ އިސްރާއީލުގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރި އެކަކެވެ. އޭނާ ފުރަތަމަ އެ މަޤާމު އަދާކުރީ 1996 އިން 1999 އަށެވެ. އޭގެ ފަހުން 2009 ގައި އަލުން ވެރިކަމަށް އައިސް 2021 އާ ހަމައަށް ދެމިހުރުމަށް ފަހު، އެނބުރި ބޮޑުވަޒީރުކަމާ ހަވާލުވީ 2022 ޑިސެންބަރު ގަ އެވެ.

ކޮރަޕްޝަންގެ ތިން މައްސަލައެއްގައި ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން އިތުބާރު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދަޢުވާތަކުގައި 2020 އިން ފެށިގެން ނަތަންޔާހޫގެ ޝަރީޢަތް އިސްރާއީލުގެ ކޯޓުގައި ދަނީ ހިނގަމުންނެވެ. ނަމަވެސް، އޭނާ އެ ދަޢުވާތަކަށް އިންކާރުކުރެ އެވެ.

މި ގޮތުން، ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގެ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) 2024 ނޮވެންބަރު ގައި ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ވެސް ވަނީ ނެރެފަ އެވެ. ޣައްޒާގެ އިތުރު ހުޅަނގު އައްސޭރިއާއި ލުބުނާން އަދި ސޫރިޔާގައި ވެސް ހައްދުފަހަނައެޅި ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ސިފައިން ދަނީ ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. މި ކަމުގައި އޭނާގެ އެންމެ މަދަދުގާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އިސްރާއީލްގާދީ އައިޒެންކޮޓްބެންޖަމިން ނަތަންޔާހޫޣައްޒާއައިސީސީ

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

ޤަޝްމު ޖަޒީރާގެ މަތިން އެމެރިކާގެ ދެ ޑްރޯން ވައްޓާލައި، އީރާނުން ވޮޝިންގޓަނަށް ވަރުގަދަ އިންޒާރެއް ދީފި

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2026

ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ

08 ނޮވެމްބަރު 2026
ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި 70،000 ފޭލިގެ ފެނުއަޑީގައި، އެތައް ހާސް ޢާއިލާއެއް މަގުމަތިވެއްޖެ
08 ނޮވެމްބަރު 2026

ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި

08 ނޮވެމްބަރު 2026
ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި
07 ނޮވެމްބަރު 2026

އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ

07 ނޮވެމްބަރު 2026
އެމެރިކާއިން އަލުން އީރާނަށް ހަމަލާދޭން ފަށައިފި ނަމަ ލުބުނާނަށް ބޮންއަޅަން އިސްރާއީލުން ތައްޔާރުވަނީ
07 ނޮވެމްބަރު 2026

ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި

07 ނޮވެމްބަރު 2026
ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް މިޞްރާއި އީރާނުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފި
06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
04 ނޮވެމްބަރު 2026

"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި

04 ނޮވެމްބަރު 2026
"އިސްރާއީލަކީ މުއްސަނދި ޤައުމެއް، ދެން އެހީއެއް ނުދޭނަން": އިންތިޚާބުން ބަލިވުމަށްފަހު، ވީޓޯގެ ބާރާއި ޚާރިޖީ ސިޔާސަތުގެ އިންޒާރެއް ޓްރަމްޕް ދެއްވައިފި
04 ނޮވެމްބަރު 2026

އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!

04 ނޮވެމްބަރު 2026
އީރާނާއި އެމެރިކާގެ މަޝްވަރާތައް ނާކާމިޔާބުވުމުގެ ބިރު ބޮޑުވެ، އަސްކަރީ ކުރިމަތިލުންތައް އިތުރުވުމުގެ އިންޒާރު!
03 ނޮވެމްބަރު 2026

ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟

03 ނޮވެމްބަރު 2026
ޔަހޫދީ އިސްރާއީލަށް އަހަރަކު 4 ބިލިޔަން ޑޮލަރު ދިނުން ހުއްޓާލާނެ ކަމަށް ޓްރަމްޕް ވިދާޅުވުން، ވޯޓު ހޯދުމުގެ އުކުޅެއްތަ؟
02 ނޮވެމްބަރު 2026

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

02 ނޮވެމްބަރު 2026
"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު
02 ނޮވެމްބަރު 2026

އީރާނަށް ހަމަލާ ދޭން ނަތަންޔާހޫ ބާރުއަޅަނީ، ނަމަވެސް ޓްރަމްޕް އިސްކަން ދެއްވަނީ ސުލްހައިގެ ވާހަކަތަކަށް!

02 ނޮވެމްބަރު 2026
އީރާނަށް ހަމަލާ ދޭން ނަތަންޔާހޫ ބާރުއަޅަނީ، ނަމަވެސް ޓްރަމްޕް އިސްކަން ދެއްވަނީ ސުލްހައިގެ ވާހަކަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް