ސޫރިޔާގެ ހަސަކާގެ ޗެކްޕޯސްޓަކަށް އައިއެސްއިން ދިން ހަމަލާއެއްގައި ދެ ސިފައިން މަރުވެ ފަސް މީހުން ޒަހަމުވެއްޖެ
26 ނޮވެމްބަރު 2026 | ބުރާސްފަތި 08:20ސޫރިޔާގެ ހަސަކާގައި އައިއެސްއިން ދިން ހަމަލާއެއްގައި ސަލާމަތީ ބާރުތަކުގެ ދެ މީހުން މަރުވެފައިވާއިރު، މި ހަމަލާގައި ބައިވެރިވި ހަތަރު ހަނގުރާމަވެރިން ވެސް ވަނީ މަރުވެފައި. ސޫރިޔާގެ އިސްވެރިން އަވަހާރަކޮށްލަން އައިއެސްއިން ރާވަމުންދާ ރޭވުންތައް އިތުރުވެފައިވާކަން އދ. އިން ފާހަގަކޮށްފައިވާއިރު، ގައުމުގެ ސަލާމަތާއި ހަމަޖެހުން ކަށަވަރުކުރުމަށް ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން

![ސޫރިޔާގެ ސަލާމަތީ ބާރުގެ ހަތިޔާރުއެޅި ސިފައިން އަސްކަރީ އުޅަނދެއް ކައިރީގައި ފޯރިމަރަނީ [ފައިލް]](https://dyncz33htw1ec.cloudfront.net/posts/54f166bc-7fbf-464e-91e9-1eb06faf1032.webp)
ސޫރިޔާގެ ސަލާމަތީ ބާރުގެ ހަތިޔާރުއެޅި ސިފައިން އަސްކަރީ އުޅަނދެއް ކައިރީގައި ފޯރިމަރަނީ [ފައިލް] | އޭޕީ
ސޫރިޔާގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ ހަސަކާގައި ނިރުބަވެރި އައިއެސް ޖަމާއަތުން ދިން ހަމަލާއެއްގައި ސަލާމަތީ ބާރުތަކުގެ ދެ މީހުން މަރުވެ، އިތުރު ފަސް މީހުން ޒަހަމުވެއްޖެ ކަމަށް އެ ސަރަހައްދުގެ އިދާރާތަކުން ބުނެފި އެވެ.
ބުދަ ދުވަހު ދިން މި ހަމަލާގައި ހަތިޔާރުއެޅި ހަތަރު މީހުން އަމާޒުކޮށްފައި ވަނީ ހަސަކާގެ މުޝިރްފާ އަވަށުގައި ގާއިމުކޮށްފައިވާ އިންޓަރނަލް ސެކިއުރިޓީ ފޯސަސްގެ (އައިއެސްއެފް) ޗެކްޕޯސްޓަކަށް ކަމަށް އެ ގަވަރުނަރޭޓުގެ މީޑިއާ ޑިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ. މި ހަމަލާގައި ބައިވެރިވި ހަތަރު މީހުން ވެސް މަރުވެފައިވާއިރު، އޭގެ ތެރެއިން ދެ މީހުން މަރުވީ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ކަމަށާއި، އަނެއް ދެ މީހުން މަރުވީ އަމިއްލައަށް ބޮން ގޮއްވައިލައިގެން ކަމަށް އައިއެސްއެފުން ހާމަކުރި އެވެ.
މި ހަމަލާ ދިން މީހުންގެ ތެރެއިން އެކަކު ޗެކްޕޯސްޓުގެ ދޮރުމަތީގައި ގޮއްވައިލާފައި ވަނީ ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ކަމަށް ސޫރިޔާގެ މީޑިއާތަކުން ރިޕޯޓުކުރި އެވެ. "މި ހަމަލާ ހިނގައިދިޔަ ގޮތުގެ ހަގީގަތް ހޯދައި، ހަމަލާ ދިން ފަރާތްތައް ދެނެގަންނާނަން،" ހަސަކާގެ ޑެޕިއުޓީ ގަވަރުނަރު އަޙްމަދު އަލް-ޙިލާލީ ވިދާޅުވި އެވެ. "ރައްޔިތުންގެ ރައްކާތެރިކަމާއި ސަރަހައްދުގެ ހަމަޖެހުން ކަށަވަރުކުރުމަކީ އަޅުގަނޑުމެން އެއްވެސް ހާލެއްގައި ފަހަތަށް ނުޖެހޭނެ ޒިންމާއެއް."
ހަމަލާ ދިން ސަރަހައްދުގެ ފޮޓޯތައް އައިއެސްއެފުން ވަނީ މީސްމީޑިއާގައި ޝާއިއުކޮށްފަ އެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި މަރާލި ދެ މީހުންގެ ތެރެއިން އެކަކު ލައިގެން ހުރި ކަމަށް ބުނާ ގޮވާތަކެތި ހަރުކޮށްފައިވާ ވެސްޓެއްގެ ފޮޓޯ ވެސް ހިމެނެ އެވެ.
ފާއިތުވި އަހަރުގެ ތެރޭގައި ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރްޢުއާއި ކެބިނެޓުގެ އިސް ދެ ވަޒީރަކު އަވަހާރަކޮށްލުމަށް އައިއެސްއިން ދޭން އުޅުނު ފަސް ހަމަލާއެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ފެބުރުވަރީ މަހު އެކުވެރި ދައުލަތްތަކުން (އދ) ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ. އެ ހަމަލާތައް ރޭވި ވަކި ތާރީޚުތަކެއް އެ ރިޕޯޓުގައި ބަޔާންކޮށްފައި ނުވި ނަމަވެސް، އެއީ ސޫރިޔާގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ އުތުރުގެ ޙަލަބާއި ދެކުނުގެ ދަރްޢާ ޕްރޮވިންސްގައި ރޭވި ހަމަލާތަކެއް ކަން ފާހަގަކޮށްފައިވެ އެވެ.
ހަމަމިއާއެކު، އޮކްޓޫބަރު މަހު ދިމިޝްޤުގެ ރަށްބޭރު ސަރަހައްދެއްގައި އައިއެސްގެ ސެލްއެއް ކަމަށް ޝައްކުކުރެވޭ ބަޔަކު އަތުލައިގަތުމަށް ހިންގި އޮޕަރޭޝަނެއްގައި ކުރިމަތިލުންތަކެއް ހިނގި ކަން އެ ގައުމުގެ ދާހިލީ ވުޒާރާއިން ރިޕޯޓުކުރި އެވެ. އެ ކުރިމަތިލުންތަކުގައި ވެސް ސޫރިޔާގެ އިންޓަރނަލް ސެކިއުރިޓީ ފޯސަސްގެ ދެ މީހުން މަރުވެ، ފަސް މީހުން ޒަހަމުވި އެވެ.
މަސްދަރު: އަލް ޖަޒީރާ











