ދިޔާލާ ޕްރޮވިންސްގައި އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒެއް އިރާޤުގެ ސިފައިން ނައްތާލައިފި
12 އޮކްޓޯބަރު 2026 | ހޯމަ 08:21އިރާޤުގެ އަސްކަރީ އިންޓެލިޖެންސުން ފޯރުކޮށްދިން މައުލޫމާތަށް ބިނާކޮށް، ދިޔާލާ ޕްރޮވިންސްގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންގެ މަރުކަޒެއް ވައިގެ ހަމަލާތަކެއްގައި ވަނީ އެއްކޮށް ނައްތާލާފައެވެ. އެމެރިކާ އިސްވެ އޮވެ ހިންގި އަސްކަރީ އިއްތިހާދުގެ މިޝަން މިދިޔަ މަހު ނިމުމަކަށް ގެނައި ނަމަވެސް، އެ ޖަމާއަތުގެ ބާކީ ތިބި ހަނގުރާމަވެރިންނާ ދެކޮޅަށް އިރާޤު ސިފައިން އަދިވެސް ދަނީ ވަރުގަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.


އިރާޤުގެ ސަލާމަތީ ބާރުގެ ހަތިޔާރުއެޅި ސިފައިން ޗެކްޕޮއިންޓެއް ކައިރީގައި ފޯރިމަރަނީ | އަނަދޮލު އޭޖެންސީ
އިރާޤުގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ދިޔާލާގައި ޓެރަރިސްޓް ޖަމާއަތް، އައިއެސްއިން ބޭނުންކުރަމުންދިޔަ މަރުކަޒަކަށް އަމާޒުކޮށް، އިރާގުގެ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވައިގެ ދެ ހަމަލާއެއް ދީ އެ ތަން ނައްތާލާފައިވާ ކަން އިރާޤުގެ ސަލާމަތީ އޮފިޝަލުން ހޯމަ ދުވަހު ހާމަކޮށްފި އެވެ.
އިރާޤުގެ ސެކިއުރިޓީ މީޑިއާ ސެލްގެ ބަޔާނެއްގައި ބުނީ، މި ހަމަލާތައް އަމާޒުކޮށްފައި ވަނީ ނާރިން ސަރަހައްދުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ އަސްކަރީ އިންޓެލިޖެންސް ޑައިރެކްޓަރޭޓުން ފޯރުކޮށްދިން ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް، އަސްކަރިއްޔާގެ އޭރިއަލް ރިކޮނެއިސެންސް އެންޑް ސަވެއިލެންސް ސެންޓަރާ ގުޅިގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސެކިއުރިޓީ މީޑިއާ ސެލްއިން ބުނީ، އައިއެސްގެ މަރުކަޒު އެއްކޮށް ނައްތާލާފައިވާ ކަމަށެވެ. ނަމަވެސް، މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި, މިކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.
މި ހަމަލާތައް ދީފައި މި ވަނީ، އައިއެސްއާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެ އިރާޤުގައި ހިންގި އަސްކަރީ އިއްތިހާދުގެ މިޝަން ފެށިތާ 12 އަހަރު ފަހުން، ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ރަސްމީކޮށް ނިމުމަކަށް ގެނެސްފައިވާތާ ދެ ހަފްތާވެސް ނުވަނީހެވެ.
އައިއެސްގެ ބާރުގެ ދަށުގައި އޮތް ހުރިހާ ސަރަހައްދެއް މިނިވަންކޮށް، 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު އިރާޤުން ވަނީ އެ ޖަމާއަތުގެ މައްޗަށް ކާމިޔާބު ހޯދާފައިވާކަން އިއުލާންކޮށްފަ އެވެ. ނަމަވެސް، އެ ޖަމާއަތުގެ ބާކީ ތިބި ހަނގުރާމަވެރިންނާ ދެކޮޅަށް އިރާގުގެ ސިފައިން އަދިވެސް ދަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











