ސޫރިޔާގެ ދެކުނުގެ މަދަރުސާއަކާއި އާންމުންގެ ގެތަކަށް އިސްރާއީލު ސިފައިން ވަދެގަނެ ގެއްލުންދީފި
8 ނޮވެމްބަރު 2026 | އާދީއްތަ 04:33ސޫރިޔާގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލު ސިފައިން ވަދެގަނެ، އަސްކަރީ ޗެކްޕޮއިންޓުތަކާއި ކިއްލާތައް ބިނާކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެފި. ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމާއެކު، 1974 ވަނަ އަހަރުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން އަންނަނީ ސޫރިޔާގެ ސިޔާދަތަށް އަރައިގަނެ އެ ޤައުމުގެ އެތެރޭގެ ސަރަހައްދުތަކަށް ބާރު ފުޅާކުރަމުން. އެހެންކަމުން، އިސްރާއީލު ސިފައިން ވަގުތުން އެ ސަރަހައްދުތަކުން ފޭބުމަށް ސޫރިޔާ ސަރުކާރުން ވަނީ ގޮވާލާފައި


އިސްރާއީލުގެ އަސްކަރީ އުޅަނދުތަކުން ސޫރިޔާގެ ރަށްތަކަށް ވަދެގަނެ ލާއިންސާނީ ޖަރީމާތައް ހިންގަނީ | އަނަދޮލު އޭޖެންސީ
ހޮނިހިރު ދުވަހު ސޫރިޔާގެ ދެކުނުގެ އަވަށެއްގައި ހުންނަ މަދަރުސާއަކަށް ޔަހޫދީ އިސްރާއީލު ސިފައިން ވަދެގަނެ، އެ ސަރަހައްދުގެ އާންމުންގެ ބައެއް ގެދޮރު ބަލައިފާސްކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އަލް-ޤުނައިޠިރާ ޕްރޮވިންސުގެ އައްޞަމަދާނިއްޔާ އަލް-ޣަރްބިއްޔާ އަވަށަށް އިސްރާއީލު ސިފައިން ވަދެގަތީ އަސްކަރީ 14 އުޅަނދާ އެކުގަ އެވެ. އަދި، ޔަހޫދީ ސިފައިން ވަނީ އެ އަވަށުގެ މަދަރުސާގެ ގޭޓު ހަލާކުކޮށްލައިގެން އެ ތަނުގެ ގޯތިތެރެއަށް ވަދެގަނެފަ އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ އެއްވެސް ތަފުސީލެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން، ހޮނިހިރު ދުވަހުގެ ކުރީކޮޅު އުތުރު އަލް-ޤުނައިޠިރާގެ ސަރަހައްދެއްގައި އިސްރާއީލު ސިފައިން ވަގުތީ ޗެކްޕޮއިންޓެއް ގާއިމުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ. ހަމަމިއާއެކު، އިސްރާއީލު ލަޝްކަރުގެ އެހެން ޔުނިޓަކުން ހުޅަނގު ދަރްޢާގެ ވާދީ އައްރައްޤާދާ ދިމާއަށް ކުރިއަރާފައިވާއިރު، އަލް-ޤުނައިޠިރާގެ ދެކުނުގައި އޮންނަ ޞައިދާ އަލް-ޙާނޫތު ކައިރީގައި އަސްކަރީ ބުރުޒުތަކާއި ކިއްލާތައް ބިނާކުރުމުގެ މަސައްކަތް އިސްރާއީލުގެ އިންޖިނޭރުންގެ ޔުނިޓުތަކުން އަންނަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
ފަހަކަށް އައިސް އިސްރާއީލުން އަންނަނީ ސޫރިޔާގެ ދެކުނުގެ ޕްރޮވިންސްތައް ކަމަށްވާ އަލް-ޤުނައިޠިރާ އަދި ދަރްޢާގެ އެކި ސަރަޙައްދުތަކަށް ތަކުރާރުކޮށް ވަދެގަންނަމުންނެވެ. މި ގޮތުން، އަސްކަރީ ޗެކްޕޮއިންޓުތައް ގާއިމުކުރުމާއި، އާންމުންގެ ގެދޮރު ބަލައިފާސްކުރުމާއި، އާންމު ރައްޔިތުން ހައްޔަރުކުރުމުގެ އިތުރުން، ދަނޑުވެރިކަންކުރާ ބިންތަކަށް ބުލްޑޯޒަރުގައި ވަދެ ސުންނާފަތިކުރުން ފަދަ އަމަލުތައް އިސްރާއީލު ސިފައިން ހިންގަމުންދާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
ސޫރިޔާގެ ކުރީގެ ވެރިޔާ ބައްޝާރު އަލް-އަސަދުގެ ވެރިކަން 2024 ޑިސެންބަރުގައި ވެއްޓުނު ފަހުން، އިސްރާއީލުން ވަނީ ސޫރިޔާއާއި ހިފާފައިވާ އަލް-ޖައުލާންގެ އުސްބިންތަކާ ދެމެދު އޮންނަ ބަފަރ ޒޯނުގައި އަސްކަރީ ބާރު ފުޅާކޮށްފަ އެވެ. އަދި، 1974 ވަނަ އަހަރު ސޮއިކޮށްފައިވާ ބާރުތައް ވަކިކުރުމުގެ އެއްބަސްވުމާ ޚިލާފަށް ސޫރިޔާގެ ދެކުނުގެ އެތެރޭގެ ސަރަހައްދުތަކަށް އިސްރާއީލު ސިފައިން ވަނީ ކުރިއަރައި ވަދެގަނެފަ އެވެ.
ސޫރިޔާގެ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ވަގުތުން ފޭބުމަށް ސޫރިޔާގެ ވެރިރަށް ދިމަޝްޤުން ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ. ސޫރިޔާ ސަރުކާރުން ބުނީ، އިސްރާއީލުން ހިންގާ މި ފަދަ ޖަރީމާތަކަކީ ޤައުމުގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ބާރުތައް ވަކިކުރުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











