Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާ-އިސްރާއީލް ހަމަނުޖެހުން

އިސްރާއީލުން ހަމަލާދީ، ބިންތައް ހިފަމުންދާއިރު ގުޅުން ގާއިމެއް ނުކުރެވޭނެ: ސޫރިޔާގެ ޝަރްޢު

23 ސެޕްޓެމްބަރު 2026 | ބުދަ 10:40

އިސްރާއީލުން ސޫރިޔާގެ ބިންތައް ހިފަމުންދާހާ ހިނދަކު އެ ގައުމާއެކު ސިޔާސީ ގުޅުން ގާއިމުނުކުރާނެ ކަމަށް ރައީސް އަޙްމަދު އަލް-ޝަރްޢު ވިދާޅުވި. އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން ޝަރްޢު ވަނީ ލުބްނާނުގެ ސަރުކާރު ބާރުވެރިކުރުވުމަށާއި، ސޫރިޔާގައި އާ ސަލާމަތީ އޮނިގަނޑެއް އެކުލަވާލައި ބޭރުގެ އަސްކަރީ މަރުކަޒުތައް ހުސްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 23 ސެޕްޓެމްބަރު 2026 | ބުދަ 10:40

އެޓްލާންޓިކް ކައުންސިލުން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގައި ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރްޢު ވާހަކަފުޅު ދައްކަވަނީ | އެކްސް

އިސްރާއީލާއެކު މިހާރު މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ސޫރިޔާއަށް އިސްރާއީލުން ވައިގެ ހަމަލާތައް ދެމުންދާހާ ހިނދަކު އަދި އޭނާ އުފަން ރަށް ކަމަށްވާ ގޯލާންގެ (އަރަބި ނަން: އަލް-ޖަވްލާން) އުސްބިންތައް ހިފާފައި އޮތްހާ ހިނދަކު، އެ ގައުމާއެކު ސިޔާސީ ގުޅުން ގާއިމުކުރުމުގެ ވިސްނުމަކަށް ފުރުސަތު ނޯންނާނެ ކަމަށް ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރްޢު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

"ކުރީގެ [ރައީސް ބައްޝާރް އަލް-އަސަދުގެ] ސަރުކާރު ވެއްޓުނު ފަހުން ވެސް، އިސްރާއީލުން ދަނީ ސޫރިޔާއާ ދެކޮޅަށް ދޭ ހަމަލާތަކާއި އުދުވާންތައް ތަކުރާރުކުރަމުން،" ނިއު ޔޯކް ސިޓީގައި ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި، އެޓްލާންޓިކް ކައުންސިލުން އިންތިޒާމުކުރި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރްޢު ވިދާޅުވި އެވެ.

Advertisement - worldAdvertisement

ތަރުޖަމާނެއް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުގެ ފަހުން ވެސް އިސްރާއީލުން އާ ބިންތަކެއް ހިފާފައިވާ ކަން ފާހަގަކުރައްވައި ޝަރްޢު ވިދާޅުވީ، "އެ ގައުމުން [އިސްރާއީލް] ދަނީ އާ ސަރަހައްދުތައް ހިފަމުން. 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުގެ ފަހުން ވެސް ހިފާފައިވާ ބިންތައް އެބަހުރި،" ޑިސެންބަރު މަހުގެ 8 ވަނަ ދުވަހަކީ އޭނާ އިސްވެ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތައް ވެރިރަށަށް ވަދެގަނެ، ކުރީގެ އަސަދުގެ ސަރުކާރު ވައްޓައިލި ދުވަހެވެ. އެއާއެކު، އަސަދު ވަނީ ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގަންނަވާފަ އެވެ.

"މިއަދާ ހަމައަށް ވެސް، އިސްރާއީލުން ދަނީ ސޫރިޔާގެ ސަރަހައްދުގެ ތެރެއަށް ވަދެގަނެ، މީހުން ހައްޔަރުކޮށް، އަދި ސޫރިޔާގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުން. ނަމަވެސް، ސޫރިޔާއިން އަދިވެސް އިޚްތިޔާރުކުރީ ޑިޕްލޮމަސީގެ މަގު، ވާހަކަދައްކައިގެން އަދި މަޝްވަރާކޮށްގެން އެ މައްސަލަ ޙައްލުކުރުމަށް. އަދި، އެމެރިކާ ހިމެނޭހެން އިސްރާއީލާ އެކުވެރި ގައުމުތަކުގެ އެހީތެރިކަމަށް ވެސް އެދުނިން،" އިތުރަށް ތަފްސީލު ދެއްވަމުން ޝަރްޢު ވިދާޅުވި އެވެ. "ނަމަވެސް، ކަންކަން އެހާ ފަސޭހައެއް ނޫން."

ޝަރްޢު ވިދާޅުވީ، ސަލާމަތީ އެއްބަސްވުމެއްގެ "%90 އާ ހަމައަށް ދިއުމަށްފަހު"، އިސްރާއީލުން "އެކި ސަބަބުތަކާ ހުރެ" ކުއްލިއަކަށް ފަހަތަށް ޖެހޭ ކަމަށެވެ. މިއާއެކު، "ސުލްހައާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން، އަޅުގަނޑުމެން ސޫރިޔާގެ ރައްޔިތުންގެ ސަލާމަތާއި ހައްގުތައް ހިމާޔަތްކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. "ސޫރިޔާގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ހިނދަކު އަޅުގަނޑުމެންނަށް ސުލްހައިގެ ވާހަކައެއް ނުދެއްކޭނެ."

ޖަވްލާންގެ އުސްބިންތަކުގެ މައްސަލައާއި ޓްރަމްޕަށް ކުރެއްވި ސަމާސާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ޝަރްޢަށް ތާރީފުކުރައްވާ ބޭފުޅެކެވެ. މިއީ، ސިއްރެއް ނޫނެވެ. ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި، 2018 ވަނަ އަހަރު، އިސްރާއީލުން ހިފާފައިވާ ޖަވްލާންގެ އުސްބިންތަކަކީ އިސްރާއީލުގެ ބިމެއްގެ ގޮތުގައި އޭނާ ވަނީ ބަލައިގަންނަވާފަ އެވެ. މިއީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގިނަ ދުވަސްތަކެއް ވަންދެން ބޭނުންވެފަ އޮތް ކަމެކެވެ. ނަމަވެސް، އދ. އިން ބަލައިގަންނަނީ ޖަވްލާންގެ އުސްބިންތަކަކީ އިސްރާއީލުން އިސްތިއުމާރު ކޮށްފައިވާ ސޫރިޔާގެ ބިމެއްގެ ގޮތުގަ އެވެ.

"އެ ބިންތަކާ މެދު އަދި އެ ބިންތައް ނިސްބަތްވަނީ ކާކަށްތޯ ބެލުމާ ގުޅޭގޮތުން އެއްވެސް ބަހުސެއް ނެތް،" ވައިޓް ހައުސްއަށް މިދިޔަ އަހަރު ކުރެއްވި ޒިޔާރަތުގައި، އަމިއްލަ މިލްކިއްޔާތުގައި ނެތް ބިމެއް އެހެން ބަޔަކަށް ދިނުމުގެ ބަދަލުގައި އެމެރިކާގެ ސްޓޭޓެއް އިސްރާއީލަށް ދިނުމަށް ޓްރަމްޕަށް ހުށަހެޅުއްވި ކަމަށް ވިދާޅުވަމުން ޝަރްޢު ފާހަގަކުރެއްވި އެވެ.

އެ ވާހަކަ ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، "ޖަވްލާންގެ އުސްބިންތަކަކީ އިސްރާއީލުގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އޭނާ [ޓްރަމްޕް] ވިދާޅުވުމުން އަޅުގަނޑު އޭނާއާ މަޖަލަކަށް ހަދާފައި ސުވާލުކުރިން. ތިޔަބޭފުޅާ ނިއު ޖާޒީ އިސްރާއީލުގެ ރައްޔިތުންނަށް ނުދެއްވަނީ ކީއްވެގެންތޯ؟ އެ މީހުންނަށް ދޭން ޖަވްލާންގެ އުސްބިންތަކަކީ ތިޔަބޭފުޅާގެ މިލްކެއް ނޫން. އެކަމަކު ނިއު ޖާޒީއަކީ ތިޔަބޭފުޅާގެ މިލްކެއް. އަދި، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ނިއު ޖާޒީގެ އާބާދީގެ ބޮޑު އިންސައްތައަކީ ޑިމޮކްރެޓުން. އަދި، އެ މީހުން ޓްރަމްޕަކަށް ވޯޓެއް ނުދޭނެ. އެހެންކަމުން، އެ ތަން އިސްރާއީލަށް ދިނުން މާ ރަނގަޅު ވާނެ."

"ޖަވްލާންގެ އުސްބިންތަކާ ގުޅޭގޮތުން އޮތީ ހަމައެކަނި ދެކޭ ގޮތެއްތޯ ނުވަތަ ހަގީގީ ކަންބޮޑުވުމެއްތޯ ކަށަވަރުކުރުމަށް ޓަކައި، އެ ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރާނެ ބައިނަލްއަގުވާމީ ކޮމިޓީއެއް ބޭނުންވާޏެ،" ޝަރްޢު ވިދާޅުވި އެވެ. "އަޅުގަނޑުމެން އަބަދުވެސް މި ވާހަކަދައްކަނީ އިސްރާއީލުގެ ކަންބޮޑުވުންތަކާ މެދު ކަމަށް ދެކޭ ދެކުމުގެ ދަށުގައި ތިބޭކަށް ބޭނުމެއް ނޫން."

ލުބްނާނުގެ ސަރުކާރު ބާރުވެރިކުރުވުން

ލުބްނާނާއި އިސްރާއީލާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް ވާސިލުވުމަށް ޓަކައި، ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުﷲ ޖަމާއަތުގެ ހަތިޔާރު ނައްތާލުމަށް ސޫރިޔާގެ ސިފައިންގެ އެހީތެރިކަން ހޯދުމުގެ ޚިޔާލު ޓްރަމްޕް މީގެ ކުރިން ވަނީ ފާޅުކުރައްވާފަ އެވެ. ނަމަވެސް، ހަނގުރާމައަށްފަހު ސޫރިޔާ އޮތް ނާޒުކު ހާލަތަށާއި، އަސަދުގެ ވެރިކަން ދެމެހެއްޓުމަށް ޙިޒްބުﷲ އިން ދިގު މުއްދަތަކަށް އަނިޔާވެރިކަމާއެކު ވާގިވެރިވެފައި ވުމުގެ ސަބަބުން ބައިރޫތާއި ދިމިޝްޤާ ދެމެދު އޮތް ގުޅުން ގޯސްވެފައި ވުމުން، މިއީ އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޝަރްޢު ވިދާޅުވި އެވެ. ޙިޒްބުﷲ އަކީ އަދިވެސް މި ސަރަހައްދުގައި އޮތް އެންމެ ބާރުގަދަ އެއް އަސްކަރީ ބާރެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ ޖަމާޢަތުގެ ބައިވެރިޔާ ހަމާސްއަށް ތާއީދުކޮށް ރޮކެޓް ހަމަލާތައް ދޭން ފެށި ފަހުން، އިސްރާއީލުގެ ވަރުގަދަ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ އަވައްޓެރި ގައުމުގެ ހާލަތު "ހަމަޖެއްސުމުގައި" އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ސުވާލުކުރުމުން ޝަރްޢު ވިދާޅުވީ، "އިތުރަށް ހަރުދަނާ މުއައްސަސާތަކެއް ޤާއިމުކުރުމަށް ޓަކައި ލުބްނާނުގެ ސަރުކާރު ބާރުވެރިކުރުވުމުގެ" ޤާބިލުކަން ސޫރިޔާއަށް ލިބިގެންވާ ކަމަށެވެ.

"ޤާނޫނުގެ ވެރިކަމުން ނުވަތަ ލުބްނާން ދައުލަތުގެ ބާރުގެ ބޭރުން އެއްވެސް ހަތިޔާރެއް ބޭނުންނުކުރެވޭނެ ގޮތް ހެދުމާއި، މިއާއެކު ސޫރިޔާގެ ކުރީގެ ވެރިކަމުން ލުބްނާނަށް ކުރިމަތިކުރި މައްސަލަތަކުން އަރައިގަތުމަށް ޓަކައި ލުބްނާނުގެ މުޖުތަމައާއި އިގުތިސާދީ ހާލަތު ރަނގަޅުކުރުން،" އޭނާ އިތުރަށް ވިދާޅުވި އެވެ. "އަޅުގަނޑުމެން މި މަސައްކަތްކުރަނީ ސިޔާސީ އިސްލާހަށް އޮތް އެންމެ ރަނގަޅު ނިޒާމުގެ ތެރެއިން."

މާޒީގެ ސުވާލުތަކާއި ބައިޢަތު ދޫކޮށްލުމުގެ ބަހުސް

އަންގާރަ ދުވަހު ޝަރްޢާއެކު ބޭއްވި މި ބަހުސް މޮޑެރޭޓްކުރެއްވީ އެމެރިކާގެ ދެ ޕާޓީގެ ހަތަރު ރައީސުންގެ އަރިހުގައި މެދުއިރުމަތީގެ މައްސަލަތަކުގައި މަސައްކަތްކުރައްވާފައިވާ، އަދި އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ ނުފޫޒަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށްވާ ބްރެޓް މެކްގަރްކް އެވެ. އޭނާ އެންމެ ފަހުން ވައިޓް ހައުސްގައި ޚިދުމަތްކުރެއްވީ ޖޯ ބައިޑަންގެ ވެރިކަމުގަ އެވެ. އެ ދުވަސްވަރު އޭނާގެ އެންމެ މުހިންމު ޒިންމާއަކަށް ވެފައި އޮތީ ޣައްޒާގައި ތިބި އިސްރާއީލުގެ އަސީރުން މިނިވަންކުރުމުގެ މައްސަލަ އެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ 'ހައާރެޓްޒް' އިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި، 2023 އޮކްޓޫބަރު 7 ގެ ހަމަލާތަކަށްފަހު 24 ގަޑިއިރުގެ ތެރޭގައި ހުރިހާ އަސީރުން މިނިވަންކުރުމަށް ހަމާސްއިން ހުށަހެޅި އެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލުން ވަނީ އެ ހުށަހެޅުން ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ. އެ ދުވަސްވަރު ބައިޑަންގެ އިސް ޑިޕްލޮމެޓް އެންތަނީ ބްލިންކަން ވަނީ އެ ރިޕޯޓަކީ ދޮގެއް ކަމަށް ވިދާޅުވެފަ އެވެ.

ދެ ބޭފުޅުން ވެސް މި ވަގުތު ތިއްބެވީ ނިއު ޔޯކް ސިޓީގައި ކަމަށް ވުމާއި، އަދި 2001 ސެޕްޓެންބަރު 11 ގެ ހަމަލާތަކަށް 25 އަހަރު ފުރުން ދާދިފަހުން ފާހަގަކޮށްފައިވާތީ މެކްގަރްކް ޝަރްޢާ އެންމެ ފުރަތަމަ ވެސް ސުވާލު އަމާޒުކުރެއްވީ ނިއު ޔޯކަށް ދިން ޓެރެރިސްޓް ހަމަލާތަކާ ގުޅުވަ އެވެ. "2013 ވަނަ އަހަރު، އެއިރު އަލް-ގާއިދާގެ ލީޑަރަކަށް ހުރި އަދި އެ ހަމަލާގެ މޭސްތިރިޔާ ކަމަށްވާ އައިމަން އަލް-ޒަވާހިރީއަށް ތިބާ ބައިޢަތު ހިފި... ތިބޭފުޅާއަށް އަޅުގަނޑު މި ފުރުސަތު ދެނީ... ކުރީގެ އެ ބައިޢަތު ދޫކޮށްލިކަން އިއުލާނުކުރުމަށް،" މެކްގަރްކް ވިދާޅުވި އެވެ.

ޝަރްޢު ޖަވާބު ދެއްވީ: "ސެޕްޓެންބަރު 11 ގެ ހަމަލާއާ އޭރު އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް. އެއިރު އަޅުގަނޑުގެ އުމުރަކީ އެންމެ 13 އަހަރު." ބައިޢަތު ދޫކޮށްލިކަން އިއުލާނުކުރުމަށް މެކްގަރްކް ދެވަނަ ފަހަރަށް ވެސް ބާރުއެޅުއްވި އެވެ.

"މިހާރު މާޒީއަށް ވެފައިވާ އެތައް ސުވާލުތަކެއް އެބަހުރި. އަޅުގަނޑުމެން މިހާރުގެ ހާލަތަށް އަޕްޑޭޓްވާން ޖެހޭ،" ޝަރްޢު ރައްދު ދެއްވި އެވެ. "25 އަހަރު ކުރިން ހިނގި ކަންކަމާމެދު ވާހަކަދައްކަން މިއީ އެންމެ މުނާސަބު ވަގުތު ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އޭރު އަޅުގަނޑުގެ އުމުރު ތަފާތު. އަދި، މި ސަރަހައްދުގެ ހާލަތު ވެސް ތަފާތު. އަދި، މި ސަރަހައްދުގައި އޮތް ފިއްތުންތަކުގެ ސަބަބުން ގިނަ ޒުވާނުން އެ ދިމާއަށް ދިއުމަށް މަޖުބޫރުވި."

މީގެ ދެ އަހަރު ކުރިއަށް ބަލާލާއިރު، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ޝަރްޢަކީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅައި، ސޫރިޔާގައި ތިބި އިސްލާމިކް ސްޓޭޓް ޖަމާއަތުގެ އިސް ލީޑަރުންނާއެކު އޭނާ ހިމަނައި، އޭނާ ހައްޔަރުކުރުމަށް މައުލޫމާތެއް ދިން ފަރާތަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާމެއް އޮތީ ހުށަހަޅާފަ އެވެ. އެއިރު އޭނާ މަޝްހޫރުވެފައި ވަނީ އަބޫ މުޙައްމަދު އަލް-ޖަވްލާނީގެ ނަމުންނެވެ. އަދި، އަލް-ގާއިދާއިން ވަކިވެގަތް ހައިއަތު ތަޙްރީރު އަލް-ޝާމްގެ ވެރިޔަކަށް ހުރެ، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ރިޔާސީ ގަނޑުވަރަށް ވެރިވެގަތުމާ ހަމައަށް އޭނާ އެ ޖަމާއަތް ލީޑުކުރެއްވި އެވެ. ޒުވާން ދުވަސްވަރު، 2003 ވަނަ އަހަރުގެ އެމެރިކާއިން ފެށި ހަނގުރާމައަށްފަހު އެމެރިކާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުމުގެ ސަބަބުން، އިރާގުގައި ހުންނަ އެމެރިކާގެ ޖަލެއްގައި އޭނާ ވަނީ ހަ އަހަރު ދުވަސް ހޭދަކުރައްވާފަ އެވެ.

ނަމަވެސް، މިހާރު އޭނާ ވެފައިވަނީ އަސަދުގެ ޢާއިލާގެ ވެރިކަން ވައްޓާލުމުގެ މި ޙަރަކާތުގެ "ބަޔަކަށް" ކަމަށް މެކްގަރްކް ގާތު އޭނާ ވިދާޅުވި އެވެ. "އެ ބޭއިންސާފު ފޮހެލުމަކީ ކޮންމެ މީހަކު ވެސް އެ ކަމެއް ކުރުމަށް ފަޚުރުވެރިވާނެ މަތިވެރި ޢަމަލެކެވެ،" އޭނާ ވިދާޅުވި އެވެ.

ވެރިކަން ހިންގުމާއި ސަލާމަތީ އޮނިގަނޑު ބިނާކުރުން

ސޫރިޔާގެ މެދުތެރޭގައި އެމެރިކާއާއި ސޫރިޔާގެ ގުޅިފައިވާ އަސްކަރީ ގާފިލާއަކަށް އިސްލާމިކް ސްޓޭޓުން ދިން ހަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެ މީހަކާއި އާންމު ތަރުޖަމާނަކު މިދިޔަ އަހަރު މަރުވި ހާދިސާއަށްފަހު، ގައުމަށް އާ ސަލާމަތީ އޮނިގަނޑެއް އެކުލަވާލުމުގެ "އެކި ފިޔަވަހިތައް" އޭނާގެ ސަރުކާރުން އަދިވެސް ކަޑައްތުކުރަމުންދާ ކަމަށް ޝަރްޢު ވިދާޅުވި އެވެ.

ހަނގުރާމަވެރި ޖަމާއަތްތައް އުވާލައި، ހުރިހާ ހަތިޔާރެއް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމާއި، އެއްފަހަރާ ގައުމީ އަސްކަރިއްޔާއަކަށް މީހުން ހޮވައި ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު މިފަދަ "ހާދިސާތައް" ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޝަރްޢު ފާހަގަކުރެއްވި އެވެ. "މި ފަދަ އެތައް ހާދިސާއެއް ހިނގާފައި އެބަހުރި. ނަމަވެސް އެ ހާދިސާތައް ހިނގީ އެމެރިކާގެ ސިފައިންނާ އެކުގައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އާ ގައުމީ އަސްކަރިއްޔާ ތަމްރީނުކުރުމަށް ޓަކައި އެމެރިކާ ސިފައިން ގިނަ އަދަދަކަށް އަލުން ސޫރިޔާއަށް އައުމަށް ފުރުސަތު ދެއްވާނަންތޯ މެކްގަރްކް އެއްސެވި އެވެ. "އިރާގުން [އެމެރިކާ] ސިފައިން ބޭލުމަށް ކުރިން ނިންމި ނިންމުމެއް އޮތް. އަދި، އެކަމާ ހެދި އެމެރިކާގެ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި. އަދި، ތިޔަބޭފުޅާއަކީ ވެސް އެ ނިންމުމާ މެދު ހިތްހަމަނުޖެހުނު އެކަކު،" ސޫރިޔާގެ ރައީސް ޖަވާބު ދެއްވި އެވެ.

ސޫރިޔާއިން އެމެރިކާ ސިފައިން ބޭލުމަށް ޓްރަމްޕް ނިންމެވި ނިންމެވުމާ ގުޅޭގޮތުން އޭނާ ފާހަގަކުރެއްވީ، "އަޅުގަނޑު ދެކޭ ގޮތުގައި ކަންކަން ހިނގައިދިޔައީ ވަރަށް ރަނގަޅަށް އަދި ވަރަށް އޮމާންކޮށް. އެ ތަނުން ސިފައިން ބޭލުން ކުރިއަށްދިޔައީ ވަރަށް ރައްކާތެރިކަމާއެކުގައި. އަދި، ސަރަހައްދު އޮތީ ހަމަހިމޭންކަމާއެކުގައި. އެ ހުސްކަމުގެ ސަބަބުން އެއްވެސް މައްސަލައެއް ދިމައެއް ނުވޭ. އަދި، ސޫރިޔާ ދައުލަތާއި ސޫރިޔާގެ ސިފައިން އެ ސަރަހައްދުގެ ކޮންޓްރޯލް ނެގި. އަދި، އުތުރު އިރުމަތީގައި ތިބި [ކުރުދީ ފައުޖުތައް] ސޫރިޔާގެ އަސްކަރިއްޔާއާ އެއްކޮށްލެވުނު."

"ބޭރުގެ އަސްކަރީ މަރުކަޒުތައް ސޫރިޔާއިން ހުސްކުރުމަކީ... އެއީ ރަނގަޅު ވިސްނުމެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ. މީގެ ތެރޭގައި ރަޝިޔާ ވެސް ހިމެނޭ ކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ. ސޫރިޔާގައި ރަޝިޔާގެ 170 އަސްކަރީ މަރުކަޒު ކުރިން ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ އެންމެ ދެ މަރުކަޒަށް މަދުކުރެވިފަ އެވެ. އަދި، އެ ދެ މަރުކަޒު ވެސް ދެން ބޭނުންކުރާނީ ސޫރިޔާގެ އަސްކަރިއްޔާ ތަމްރީނުކުރުމަށް ކަމަށް ޝަރްޢު ވިދާޅުވި އެވެ.

ސޫރިޔާގައި ތަފާތު ގިނަ ނަސްލުތަކާއި ދީނީ މަޒުހަބުތައް އޮތުމުން ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމަށް ރާވާފައިވާ ގޮތާ ބެހޭގޮތުން ސުވާލުކުރުމުން، މީގެ ތިން އަހަރު ފަހުން އާ ރައީސަކު އިންތިޚާބުކުރުމަށް މަގުފަހިކުރާއިރު ސަރުކާރަށް ބިނާކުރެވިދާނެ "ގަދީމީ ޤާނޫނަކަށް" ޝަރްޢު ޢިޝާރާތްކުރެއްވި އެވެ. "މުނިސިޕަލް ކައުންސިލްތައް އިންތިޚާބުކުރުމުގައި ޕްރޮވިންސްތަކަށް ވަރަށް ފުޅާ ދާއިރާއެއްގައި ބާރުތައް ދީފައިވޭ،" އޭނާ ވިދާޅުވި އެވެ.

"ގާނޫނުހަދާ މަޖިލީހުން ކޮމިޓީއެއް އެކުލަވާލައި، ސޫރިޔާގެ އެކި ޤާނޫނުތައް މުރާޖާކުރާނެ. އަދި، ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ފެށުމަށް އެހެން ކޮމިޓީއެއް ވެސް އެކުލަވާލާނެ. އަދި، ފަސް އަހަރުގެ [އިންތިޤާލީ މަރުހަލާ] ނިމުމުގެ ކުރިން އެ މަސައްކަތް ފުރިހަމަވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަން،" ޝަރްޢު ވިދާޅުވި އެވެ. އިންތިޚާބުގައި އަމިއްލަފުޅަށް ވާދަކުރެއްވުމާ މެދު ސުވާލު ދެންނެވުމުން، އެ ފުރުސަތު ޝަރްޢު ދޫކޮށެއް ނުލައްވަ އެވެ.

މި ހަފުތާގެ ފަހުކޮޅު އދ. ގެ އާންމު މަޖިލީހުގައި ޝަރްޢު ތަގުރީރުކުރައްވާނެ އެވެ. އަދި، މިދިޔަ އަހަރު އޭނާ ވެވަޑައިގަންނަވާފައި ވަނީ ފާއިތުވި 60 އަހަރުގެ ތެރޭގައި އެ މަޝްހޫރު ޕޯޑިއަމްގައި ތަގުރީރުކުރެއްވި ސޫރިޔާގެ ފުރަތަމަ ލީޑަރު ކަމުގައެވެ.

މަސްދަރު: މިޑްލްއީސްޓް އައި

އިންޑިއާ-އިޒްރޭލްއަހުމަދު އަލް-ޝަރާގޯލާން ހައިޓްސްޑޮނަލްޑް ޓްރަމްޕްލުބުނާންހިޒްބުﷲ

އެންމެ ހިނގާ

1

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

2

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

3

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި

23 ސެޕްޓެމްބަރު 2026
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު، އީރާނުން ބަޣުދާދާއި މަސްޤަތަށް ކުރާ ދަތުރުތައް ކެންސަލްކޮށްފި
23 ސެޕްޓެމްބަރު 2026

އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟

23 ސެޕްޓެމްބަރު 2026
އީރާނުގެ އެއާލައިންތަކަށް އެމެރިކާއިން ހުރަސްއެޅުމުގެ ނަތީޖާއަކީ ކޮބާ؟ ގެއްލުންވާނީ ކޮން ބަޔަކަށް؟
22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
22 ސެޕްޓެމްބަރު 2026

ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި

22 ސެޕްޓެމްބަރު 2026
ޓްރަމްޕާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން އެމެރިކާގެ ސެނެޓަރަކު ގޮވާލައްވައިފި
22 ސެޕްޓެމްބަރު 2026

ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި

22 ސެޕްޓެމްބަރު 2026
ރަޝިޔާގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލާނެ ޝަރުތުތައް ޒެލެންސްކީ ހާމަކުރައްވައިފި
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
21 ސެޕްޓެމްބަރު 2026

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026
މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ
21 ސެޕްޓެމްބަރު 2026

އީރާން-އެމެރިކާ ސުލްހައިގެ މަޝްވަރާތައް އަލުން ފަށަށް ގަތަރުން މަސައްކަތް ކުރަނީ

21 ސެޕްޓެމްބަރު 2026
އީރާން-އެމެރިކާ ސުލްހައިގެ މަޝްވަރާތައް އަލުން ފަށަށް ގަތަރުން މަސައްކަތް ކުރަނީ
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް