13 އަހަރަށްފަހު ސޫރިޔާގެ ތާރީޚީ އުމަވީ މިސްކިތް އަލުން ހުޅުވައިފި
9 އޮކްޓޯބަރު 2026 | ހުކުރު 05:11ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން 2013 ވަނަ އަހަރު ބަންދުކުރި ހަލަބްގެ ތާރީޚީ އުމަވީ މިސްކިތް މަރާމާތަށްފަހު އަލުން ހުޅުވައިފި. އަށްވަނަ ގަރުނުގައި ބިނާކުރި މި މިސްކިތަކީ ސޫރިޔާގެ ދީނީ އަދި ތާރީޚީ ހަޔާތުގައި މުހިންމު ދައުރެއް އަދާކުރާ ބިނާއެއް. މިސްކިތުގެ އަސްލު ސިފަ ނުގެއްލޭނޭހެން މަރާމާތުކުރުމުގެ މަސައްކަތް ފެށީ ބައްޝާރު އަލް-އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން


ސޫރިޔާގެ ހަލަބުގައި ހުންނަ ތާރީޚީ އުމަވީ މިސްކިތް އަލުން ހުޅުވުން | އަނަދޮލު އޭޖެންސީ
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން ބޭނުންކުރުން ހުއްޓާލާފައިވާ، އުތުރުގެ ރަށެއް ކަމަށްވާ ހަލަބްގައި ހުންނަ ތާރީޚީ ބޮޑު އުމަވީ މިސްކިތް 13 އަހަރު ފަހުން ބުރާސްފަތި ދުވަހު އަލުން ހުޅުވައިފި އެވެ. ދައުލަތުން ހިންގާ އަލް-އިޚްބާރިއްޔާ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސްކިތް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަލަބްގެ ގަވަރުނަރު ޢައްޒާމް އަލް-ޣަރީބް ބައިވެރިވެވަޑައިގެންނެވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް މާތްﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއް އަލުން ހުޅުވުމަކީ. ހަލަބްގެ ބޮޑު މިސްކިތް އަލުން މި އާބާދުކުރީ، އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ދަތި އުނދަގޫ އަހަރުތަކަކަށްފަހު،" އަލް-ޣަރީބް ވިދާޅުވި އެވެ.
އުމަވީ ޚިލާފަތުގެ ދުވަސްވަރު ބިނާކޮށްފައިވާ މި މިސްކިތަކީ، އެތައް ސައްތަ އަހަރެއް ވަންދެން މި ތާރީޚީ ރަށުގައި އުނގެނުމާއި ދީނީ ހަޔާތުގެ މަރުކަޒެއްގެ ގޮތުގައި ޚިދުމަތްކޮށްދިން ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ފެށިގެން އައީ ވެސް މި ތަނުން ކަމަށް، 2011 މާރިޗުގައި ފެށުނު މުޒާހަރާތަކުގައި މިސްކިތުން އަދާކުރި ދައުރުގެ މަތިން ހަނދާން އާކުރައްވަމުން ގަވަރުނަރު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުގެ ފައުޖުތަކާއި އިދިކޮޅު ޖަމާއަތްތަކާ ދެމެދު 2012 އިން ފެށިގެން 2016 އާ ދެމެދު މިސްކިތާއި އެ ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވިފައިވެ އެވެ. އަދި، މި މުއްދަތުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން މިސްކިތުގެ ކޮންޓްރޯލް އެކި ފަރާތްތަކަށް ބަދަލުވެފައިވެ އެވެ. ހަމަލާބަދަލުކުރުންތަކާއި ބޮންއެޅުމުގެ ސަބަބުން މިސްކިތުގެ ގުއްބާއި، ކޮރިޑޯތަކުގެ އިތުރުން ތާރީޚީ މުންނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، 2013 ވަނަ އަހަރު މިސްކިތް ބޭނުންކުރުން ހުއްޓާލި އެވެ.
2024 ޑިސެންބަރު 6 ގައި ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވެއްޓުމާ ގުޅިގެން، ހަލަބްގެ އެންޑައުމަންޓްސް ޑައިރެކްޓަރޭޓުން ވަނީ މިސްކިތުގެ ފަރުމާއާއި ތާރީޚީ ސިފަތައް ރައްކާތެރިކުރުމުގެ މަގުސަދުގައި މަރާމާތުގެ މަސައްކަތް ފަށާފަ އެވެ.
ހަލަބްގެ ބޮޑު މިސްކިތުގެ ނަމުން ވެސް ނަންދެވިފައިވާ އުމަވީ މިސްކިތަކީ ސޫރިޔާގެ އެންމެ ދުވަސްވީ އަދި އެންމެ މުހިންމު އެއް މިސްކިތެވެ. މި މިސްކިތް ބިނާކޮށްފައި ވަނީ އަށްވަނަ ގަރުނުގެ ކުރީކޮޅު އުމަވީ ޚިލާފަތުގެ ދުވަސްވަރު އެވެ. ތާރީޚީ ގިނަ ފަތްފުށްތަކުން ހެކިދޭ ގޮތުގައި، މި މިސްކިތް ބިނާކުރެއްވީ ޚަލީފާ ސުލައިމާން ބިން ޢަބްދު އަލް-މާލިކެވެ.
މަސްދަރު: އަނަދޮލު އޭޖެންސީ











