މި ސަރުކާރުގެ އެންމެ ބޮޑު އެއް ފެއިލިއަރއަކީ ބަލިކަށިވެފައި އޮތް ފޮރިން ޕޮލިސީއެއް އޮތުން: މެންބަރު އަހުމަދު ދީދީ
26 ނޮވެމްބަރު 2026 | ބުރާސްފަތި 07:48ސަރުކާރުން އަންދާޒާކުރި ބޭރުގެ އެހީތައް ނުލިބުމާއި، ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކަކީ އެއްވެސް ޕްލޭނެއް ނެތި ޖަހާފައިވާ އަމަލީ ސިފައެއް ނެތް އަދަދުތަކެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ. މީގެ އިތުރުން ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކުރުމުގައި ސަރުކާރުގެ ޒިންމާދާރުކަމެއް ނެތްކަން ފާހަގަކުރައްވައި، އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

މި ސަރުކާރުގެ އެންމެ ބޮޑު އެއް ފެއިލިއަރއަކީ ބަލިކަށިވެފައި އޮތް ފޮރިން ޕޮލިސީއެއް އޮތުން: މެންބަރު އަހުމަދު ދީދީ | ރާއްޖެ ޓީވީ
މި ސަރުކާރުގެ އެންމެ ބޮޑު ފެއިލިއަރއަކީ ސަރުކާރުން ގެންގުޅޭ ބަލިކަށި ފޮރިން ޕޮލިސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ރައްޔިތުން މިއަދު ސަރުކާރާ ދޭތެރޭގައި އުއްމީދު ގެއްލިއްޖެ ކަމަށެވެ.
މި ސަރުކާރު އައިއިރު ބޭރުގެ އެހީ ލިބޭނެކަމަށް ބުނަމުން ދިޔަ ނަމަވެސް ސަރުކާރުން އަންދާޒާކުރި އެހީތައް ވެސް ލިބިފައެއް ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. ލިބޭހާވެސް އެއްޗަކީ ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން އިންޑިއާއިން ވެދޭ އެހީކަމަށް ދީދީ ވިދާޅުވި އެވެ.
ބަޖެޓް ސަޕޯޓު ޕްރޮގްރާމްތައް ހިންގަން ވެސް ފައިސާ ލިބޭތަނެއް ނުލިބޭކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ބަޖެޓު ފޮތުން ފެންނަން ހުންނަ އަދަދުތަކަކީ އެއްވެސް ވަރަކަށް ރެލެވެންޓް އަދަދުތަކެއް ނޫންކަމަށެވެ. ފެންނަނީ ކަމާގުޅުން ހުރި އެއްވެސް ފަރާތަކާއި ވާހަކަދެއްކުމެއް، އެއްވެސް ޕްލޭނެއް ނެތި އަދަދުތަކެއް ބަޖެޓުގައި ޖަހާފައި ހުރި މަންޒަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ކޮންމެ އަހަރެއްގެ ބަޖެޓުގައި އަދަދުތަކެއް ޖައްސުވާފައި، ރައްޔިތުންގެ ޓެކްސް ފައިސާއިން މިކުރާ ކަމެއް ރައްޔިތުންނަށް އެބަ ބުނެދޭން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކުރުމުގައި ސަރުކާރުން ޒިންމާދާރުކަމެއް ނެތްކަމަށާއި، ބަޖެޓުގައި ހިމަނާފައިވާ އަދަދުތައް އަމަލީ ގޮތުން ހަރަދުކުރެވޭ ގޮތާއި ދިމާނުވާކަމީ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ވެސް މެންބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.











