އަންނަ އަހަރުގެ ބަޖެޓުން ފެންނަނީ ރައްޔިތުން ނިކަމެތިވާ މަންޒަރު: މެންބަރު ނާޒިލް
19 ނޮވެމްބަރު 2026 | ބުރާސްފަތި 06:45އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ އާސަންދަ ފަދަ އަސާސީ ޚިދުމަތްތައް ކުޑަކޮށް، ރައްޔިތުން ނިކަމެތިވާނެ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް މެންބަރު ނާޒިލް ވިދާޅުވި. އަދި އިގްތިސާދު ހީނަރުވެ، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، ބަޖެޓުން ޒަރޫރީ ޚަރަދުތައް ހަމަނުޖެއްސޭނެތީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
އަންނަ 2027 ވަނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަކީ ރައްޔިތުންނާ ގުޅިފައިވާ އަސާސީ ޚިދުމަތްތައް ކުޑަކޮށް، ރައްޔިތުން ނިކަމެތިވާ ގޮތަށް އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި 59,604,440,695 (ފަންސާސް ނުވަ ބިލިއަން ހަސަތޭކަ ހަތަރު މިލިއަން ހަތަރު ލައްކަ ސާޅީސް ހާސް ހަސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓަކީ، ހިނގަމުންދާ 2026 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ކުޑަ ބަޖެޓެއް ކަމަށެވެ. އަދި ބަޖެޓު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން އުނިކޮށްފައިވަނީ އާންމު ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި ކަންކަން ކަމަށާއި، ޚާއްސަކޮށް އާސަންދަ އާއި ބޭސްފަރުވާގެ ޚިދުމަތްތައް ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.
ރައްޔިތުންގެ ބައިތުލްމާލުން ފާސްކުރެވޭ ބަޖެޓަކީ ރައްޔިތުންގެ ހައްގުގައި ކަންތައްތަކެއް ކުރަން ސަރުކާރާ ހަވާލުކުރެވޭ ފައިސާއެއް. އޭގެ ތެރެއިން ޚިދުމަތްތައް މަދުކުރެވިގެން ދިޔުމުގެ ސަބަބުން ރައްޔިތުން ނިކަމެތިވާ ތަން މި ބަޖެޓުން އަޅުގަނޑުމެންނަށް މި ފެނިގެންދަނީއިބްރާހީމް ނާޒިލް
ކުރީ ސަރުކާރުގެ ލޯނުތައް ދައްކަން ޖެހުމުން ރައްޔިތުންނަށް ކަންކަން ކޮށްނުދެވޭ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދު ދެއްވައި މެންބަރު ނާޒިލް ވިދާޅުވީ، ވޭތުވެދިޔަ 4 އަހަރާއި ކުރިއަށް އޮތް އަހަރާއެކު ޖުމްލަ 225 ބިލިއަން ރުފިޔާގެ ބަޖެޓު މި ސަރުކާރުން ފާސްކުރާއިރު، ނިމިދިޔަ އެމްޑީޕީގެ 4 އަހަރުގެ ބަޖެޓާ އަޅާބަލާއިރު 100 ބިލިއަން ރުފިޔާގެ ބޮޑު ތަފާތެއް ހުރި ކަމަށެވެ. އަދި ހިނގަމުންދާ އަހަރުގެ ބަޖެޓުގައި ލޯނު ދެއްކުމަށް ގާތްގަނޑަކަށް 11 ވަރަކަށް ބިލިއަން ރުފިޔާ ހޭދަވި ނަމަވެސް، ބާކީ ހުރި 53 ބިލިއަން ރުފިޔާއިން ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާ ކަމަށް ސަރުކާރަށް 3 އަހަރު ފުރުމުގެ ޖަލްސާގައި ރައީސް މުއިއްޒު އަމިއްލަފުޅަށް ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.
މީގެއިތުރުން، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދެވިފައިނުވާ ކަމަށާއި، ކުރީ ސަރުކާރުން ފަށައި 80 އިންސައްތަ އާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކަށް ނިމިފައި ހުރި އެތައް މަޝްރޫއެއްގެ ކޮންޓްރެކްޓް ބާތިލުކޮށް މަސައްކަތްތައް ހުއްޓިފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިސަރުކާރުން އަމަލުކުރާ ގޮތުން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވަމުންދާ ކަމަށެވެ.
އެ ބޭފުޅުން 2026 ގެ ބަޖެޓް ހުށަހަޅުއްވައި އިގްތިސާދު ކުރިއަރައިގެންދާނެ ކަމަށް ލަފާކޮށްފައި އޮތީ 6.3 ޕަސެންޓް. އެހެންނަމަވެސް، މި އަހަރުގެ ބަޖެޓް ހުށަހަޅުއްވައިދެއްވި ދުވަހު ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ހިނގަމުންދާ އަހަރުގެ އިގްތިސާދު ކުރިއަރައިގެން މި ދިޔައީ 0.6 ޕަސެންޓް. ކިހާ ބޮޑު ތަފާތެއްތޯ؟ 6.3 ޕަސެންޓުން 0.6 ޕަސެންޓަށް ދަށްވެގެން މި ދިޔައީ. އިގްތިސާދު ހީނަރުވަމުންދާކަން މިއިން ސާފުވަނީއިބްރާހީމް ނާޒިލް
ރައްޔިތުން ދައްކާ ޓެކްސް ފައިސާ ބޭނުންކުރާ ގޮތާމެދު ސުވާލު އުފެދޭކަން ފާހަގަކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުން ރިކަރަންޓް ޚަރަދާއި މުސާރަ ދިނުން ފަދަ ޒަރޫރީ ޚަރަދުތައް ހަމަނުޖެއްސޭނެ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ސަރުކާރަށް މަޖުބޫރުވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް މެންބަރު ނާޒިލް ވިދާޅުވި އެވެ.











