ރައީސް މުއިއްޒުގެ ސަރުކާރުން ހުށަހެޅި ގޮތަށް، 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްދީފި
24 ނޮވެމްބަރު 2026 | އަންގާރަ 08:47ބަޖެޓު ދިރާސާކުރި ކޮމިޓީން ނިންމި ގޮތަށް، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި. ދައުލަތުގެ މުއައްސަސާތަކުން ފާޅުކުރި ކަންބޮޑުވުންތަކަށް ބަޖެޓުގައި ރިއާޔަތްކޮށްފައި ނުވާތީ، އިދިކޮޅު މެންބަރުން ވަނީ އެކަމާ މެދު ނުރުހުން ފާޅުކޮށްފައި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ | ރާއްޖެއެމްވީ
ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީންވެސް ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް މި ބަޖެޓު ފާސްކޮށްފަ އެވެ.
އެއަށްފަހު ކޮމިޓީ ރިޕޯޓަށް ބަހުސްކޮށް، ބަޖެޓާ ގުޅޭގޮތުން ވޯޓަށް އަހާފައިވަނީ އަންގާރަ ދުވަހުގެ މަޖިލިސް ޖަލްސާގަ އެވެ.
ބަޖެޓު ދިރާސާ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް 23 އިސްލާޙެއް ހުށަހެޅިފައިވީނަމަވެސް، އޭގެ ތެރެއިން މަޖިލީހުގެ ޤަވާއިދާ އެއްގޮތަށް ހުށަހަޅާފައިވަނީ 7 އިސްލާޙުކަމަށް ރިޔާސަތުން ފާހަގަ ކުރި އެވެ. އޭގެ ތެރެއިން 1 އިސްލާޙެއް އަނބުރާ ގެންގޮސްފައިވާތީ، ބާކީ އިސްލާޙުތަކަށް އަންގާރަ ދުވަހު ވަނީ ވޯޓަށް އަހާފަ އެވެ.
އެމްޑީޕީ މެމްބަރުން ހުށަހެޅުއްވި މި އިސްލާޙުތަކުގެ ތެރޭގައި ކޮންޓިންޖެންސީ ބަޖެޓުން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމުމަށް ބޭނުން ކުރުމާއި، ޓީޗަރުންނާއި ނަރުހުން ފަދަ ދާއިރާތަކުގެ މުސާރައާ ގުޅޭ މައްސަލަތައް ޙައްލު ކުރުމާ ގުޅޭ އިސްލާޙުތަކާއި، ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލުތައް ބަޔާން ކުރުމަށް އެދި ހުށަހަޅާފައިވާ އިސްލާޙުތައްވެސް ހިމެނިފައިވެ އެވެ.
އެމްޑީޕީ މެމްބަރުން ހުށަހެޅުއްވި އެ ހުރިހާ އިސްލާޙެއްވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.
އެއަށްފަހު މުޅި ބަޖެޓަށް ވޯޓަށް އެހުމުން ބަޖެޓު ފާސްކޮށްފައިވަނީ 65 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓު އެ އޮތްގޮތަށް ފާސްކުރުމާ ދެކޮޅަށް 13 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބަޖެޓާ ގުޅޭގޮތުން ދައުލަތުގެ އެކި މުއައްސަސާތަކުން ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް ކޮމިޓީ މަރުހަލާގައި ރިއާޔަތްކޮށްފައި ނުވާތީ އިދިކޮޅު މެމްބަރުން ކަންބޮޑުވުންވެސް ފާޅުކޮށްފައިވެ އެވެ. އެގޮތުން ސަރުކާރުން ސޮއިކޮށްފައިވާ ނުނިމި ހުރި މަޝްރޫއުތައް ނިންމުމަށް 58 ބިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާނެ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެފައިވީ ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ކަނޑައަޅާފައިވަނީ އެންމެ 8.2 ބިލިއަން ރުފިޔާ ކަމަށް އެމްޑީޕީ މެމްބަރުން ފާހަގަ ކުރައްވަ އެވެ.
މި ބަޖެޓާ މެދު ރައްޔިތުން ބޮޑެތި އުއްމީދުތަކެއް ކޮށްގެން ތިބި ނަމަވެސް، ބަޖެޓުން އެ އުއްމީދުތައް ހާސިލުވާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށްވެސް އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރެ އެވެ.











