އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ސަރުކާރުން ބުނާ ކަންކަން ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް: މެންބަރު އަބްދުއްރަހްމާން
22 ނޮވެމްބަރު 2026 | އާދީއްތަ 07:52މާލީ ހާލަތު ހުރި ގޮތުން އަންނަ އަހަރުގެ ބަޖެޓުން އައްޑޫގެ ތަރައްގީއަށް ސަރުކާރުން ވީ ވައުދުތައް ފުއްދޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވި. އައްޑޫގެ ދަތުރުފަތުރާއި ސިއްހީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުން މާ މުހިންމު ކަމަށާއި، ދައުލަތަށް އިތުރު ފައިނޭންސް ހޯދޭނެ މަގުތައް ބަންދުވެފައިވާކަން އޭނާ ފާހަގަކުރެއްވި


ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ދައުލަތަށް އިތުރަށް ފައިނޭންސް ހޯދޭނެ ގޮތެއް ނެތުމުން، އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން މި ސަރުކާރުން ބުނާ ކަންކަން ކޮށްދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، އެފަދަ ކަމެއް ވާނެކަމުގެ އުއްމީދުގައި ރައްޔިތުން ތިބުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.
ޓީވީޓޯކް ޕްރޮގްރާމެއްގައި މެންބަރު އަބްދުއްރަހްމާން ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ބޮޑެތި ވައުދުތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ނަމަވެސް އެކަންކަން ވާނެ ގަބޫލުކުރަން ނުވާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް އިޝާރާތް ކުރައްވައި އަބްދުއްރަހްމާން ވިދާޅުވީ، އައްޑޫގެ ކަންކަމާ ގުޅޭގޮތުން ސަރުކާރުން އައްޑޫގެ އެއްވެސް މެންބަރަކާ އަދި ސަރުކާރު ތަމްސީލުކުރައްވާ މެންބަރަކާ ވެސް މަޝްވަރާކުރި ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. އަދި އޭނާއާ ވެސް އެފަދަ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
މަޝްވަރާ ކުރުމެއް ނެތި ބްރިޖު ވާހަކަ ސައިޑެއްގައި ބާއްވާލާފައި އަޅުގަނޑުމެން ހަމަ ރައްޔިތުންނަށް ކޮންމެވެސް ކަމެއް ކޮށްދީފާނަން. މިހާރު މާލީ ހާލަތު ތަން ނުދޭ. މިސާލަކަށް ވަރިހަމަތާ އަޅުގަނޑުމެންނަށް ރަނގަޅު ފެރީ ނިޒާމެއް ގާއިމުކޮށްލަދިނަސް. މިއީ ހަމަ ކުޑަ ލާރިކޮޅަކަށް ވާނެ. މިސާލަކަށް 20 މިލިއަން ރުފިޔާ ވެސް ނުދާނެ މިވަރު ކޮށްލަދޭންއަބްދުއްރަހްމާން
މީގެއިތުރުން، އައްޑޫ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދަތުރުފަތުރުގެ ދަތިކަން ކަމަށާއި، ކުރިން 70 މީހުންގެ ޖާގައިގެ ބޯޓުތައް ދަތުރުކުރި ނަމަވެސް މިހާރު 50 މީހުންގެ ޖާގައިގެ ބޯޓުތައް ބޭނުންކުރާތީ ހަފުތާއެއްގެ މައްޗަށް އެތައް ޖާގައެއް ގެއްލި، ނުފުރި އެތައް ބަޔަކު ތިބެންޖެހޭ މައްސަލައާއި ބޭސްފަރުވާގެ ދަތިތަކަށް މި ވަގުތުން ވަގުތަށް ހައްލެއް ހޯދައިދިނުން މާ މުހިންމު ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި 829 މިލިއަން ރުފިޔާ ނެތުމުގެ ސަބަބުން މަގުހެދުމުގެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި، އެ މަސައްކަތް އަނެއްކާވެސް އިންޑިއާ ކުންފުންޏަކާ ހަވާލުކުރަން އުޅޭ ކަމުގެ ވާހަކަތައް ދެކެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަޅުގަނޑަކަށް ނުފެނޭ މި ބޭފުޅުން މި ވިދާޅުވާ އެއްވެސް ކަމެއް މި ބަޖެޓު ތެރެއިން ކޮށްދެވޭނެ ތަނެއް. އެންމެ ބޮޑު ސަބަބަކީ މިހާރު އަސްލު އަޅުގަނޑުމެންނަށް ފައިނޭންސް ލިބޭނެ ގޮތެއް ނެތް. އެތެރޭގެ މާކެޓުން ލިބެން ހުރި ފައިނޭންސް އަޅުގަނޑުމެން ފުލްކޮށް ލެވަރޭޖްކޮށްފިން. ދެން އިތުރަށް އެތެރޭގެ މާކެޓުން ވެސް ނެގޭނެ އެއްޗެއް ހަމަ ނެތީއަބްދުއްރަހްމާން
މެންބަރު ވިދާޅުވީ، ދައުލަތަށް އިތުރަށް މާލީ ވަސީލަތްތައް ހޯދޭނެ އެއްވެސް މަގެއް މިހާރު ނެތުމުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުން ވެސް ސަރުކާރުން ބުނާ ކަންކަން ވެދާނެ ކަމުގެ އުއްމީދުގައި ރައްޔިތުން ތިބުމުގެ އެއްވެސް މާނައެއް ނެތް ކަމަށެވެ.











