ބަޖެޓު ފޮތުން ފެންނަން ހުރި އަދަދުތަކަކީ އެއްވެސް ވަރަކަށް "ރެލެވެންޓް" އަދަދުތަކެއް ނޫން: މެންބަރު ދީދީ
20 ނޮވެމްބަރު 2026 | ހުކުރު 09:34ބަޖެޓުގައި ހިމަނާފައިވާ އަދަދުތަކާ އެއްގޮތަށް ސަރުކާރުން އަމަލުނުކުރާ ކަމަށް ވިދާޅުވެ، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފި. މަޖިލީހުގެ ހުއްދަނެތި އެސްއޯއީތައް މެދުވެރިކޮށް ފައިސާ ޚަރަދުކުރަމުންދާކަން ފާހަގަކުރައްވައި، ބަޖެޓު ފޮތުގައި ހުރި އަދަދުތަކަކީ އެއްވެސް ޕްލޭނެއް ނެތި ޖަހާފައިވާ އަމަލީ ސިފައެއް ނެތް އަދަދުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި


ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ދީދީ | ރާއްޖެ އެމްވީ
ބަޖެޓު ފޮތުން ފެންނަން ހުރި އަދަދުތަކަކީ އެއްވެސް ވަރަކަށް "ރެލެވެންޓް" އަދަދުތަކެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ ބަޖެޓު ފޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހިސާބުން އެޔަށް ގާނޫނީ ބާރު ލިބިގެންދާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަދި ދައުލަތުގެ މުއައްސަސާތަކުން ވެސް އަމަލު ކުރަން ޖެހޭނީ އެފޮތުގައި އޮންނަ ގޮތަށް ކަމަށެވެ. އަދި ފާސްކުރި ގޮތާއި ހިލާފަށް ހަރަދެއް ކުރާ ކަމުގައި ވާނަމަ އެކަން ވެސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ހުއްދަ ހޯދައިގެން ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.
ނަމަވެސް މިގޮތަށް މިސަރުކާރުން އަމަލު ނުކުރާކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ ފެނިގެން ދަނީ އެސްއޯއީތައް އުފައްދައިގެން އެކި ކަންކަމަށް ހުރި ފައިސާ އެސްއޯއީތަކަށް ޑައިވާޓް ކުރިތަން ކަމަށެވެ. ހަމައެއާއެކު އެ ފައިސާ އެސްއޯއީތަކުން ހަރަދުކުރި ގޮތެއް އެނގެން ނެތް ކަމަށް ވިދާޅުވެ މެންބަރު ދީދީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އެހެންވީމަ މިބޭފުޅުން އަދަދުތަކެއް ޖައްސަވާފައި، ރައްޔިތުންގެ ޓެކްސް ފައިސާއިން މިކުރާ ކަމެއް ރައްޔިތުންނަށް އެބަ ބުނެދޭން ޖެހޭ. އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް މިފެންނަ ބަޖެޓުގެ ތަފްސީލުން އެބޭފުޅުން ދީފަ އިންނަ ބްލޮކް ފިގާތަކުން ނުފެނޭ މިދިޔަ އަހަރު މިސާލަކަށް ސިއްހީ ކަންކަމަށް ހަރަދު ކުރަން އޮތްވަރު ހަރަދު ކުރެވިފައި ހުރިތޯ. އަޅުގަނޑަށް ފެންނަނީ ހަރަދު ކުރަން ނިންމާފައި އޮތް ގޮތާއި އެ އަމަލު ކުރި ގޮތާއި އެއްވެސް ވަރަކަށް ދިމާނުވާތަންއަހުމަދު ދީދީ
އެހެންކަމުން ބަޖެޓު ފޮތުން ފެންނަން ހުންނަ އަދަދުތަކަކީ އެއްވެސް ވަރަކަށް ރެލެވެންޓް އަދަދުތަކެއް ނޫން ކަމަށާއި، ފެންނަނީ ކަމާގުޅުން ހުރި އެއްވެސް ފަރާތަކާއި ވާހަކަދެއްކުމެއް، އެއްވެސް ޕްލޭނެއް ނެތި އަދަދުތަކެއް ބަޖެޓުގައި ޖަހާފައި ހުރި މަންޒަރު ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.
ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ވަނީ ބުރާސްފަތި ދުވަހު ފާސްކޮށްފަ އެވެ.











