އަންނަ އަހަރު ހިނގާނީ ރައީސް ބޭނުންފުޅުވާ މުއައްސަސާއެއްގެ ބޭނުން މަސައްކަތެއް، އިތުރު ބަޖެޓެއް ދީފައި ނެތް: މެންބަރު މައުރޫފް
21 ނޮވެމްބަރު 2026 | ހޮނިހިރު 06:41އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ފައިސާއަކީ ހަމައެކަނި މުސާރަ ދިނުމަށް ފުދޭވަރުގެ އަދަދެއް ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކަންބޮޑުވުން ފާޅުކުރައްވައިފި. ބަޖެޓުގެ ތަފްސީލުތައް ހާމަނުކުރާތީއާއި ދަރަނި ބޮޑުވުމުގެ ސަބަބުން ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން ފާހަގަކުރައްވައި، މިއީ ގާނޫނީ އިލްތިޒާމެއް ފުރިހަމަކުރުމަށް ހުށަހެޅި ބަޖެޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި


މެންބަރު މައުރޫފް ޒާކިރު ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި | ރާއްޖެއެމްވީ
އަންނަ އަހަރު ހިނގާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ މުއައްސަސާއެއްގެ ބޭނުން މަސައްކަތެއް ކަމަށާއި އިތުރު ބަޖެޓެއް މުއައްސަސާތަކަށް ދީފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ޓީވީ ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ މިހާރު ބަޖެޓު ހުށަހެޅުން ސިފަކުރެވެނީ ގާނޫނު އަސާސީގައި ބަޖެޓު ހަށަހަޅަން ލާޒިމް ކުރާތީ ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މިފަހަރުގެ ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ބަޖެޓު ކަނޑައަޅާފައިވާ ގޮތުން މެންބަރު މައުރޫފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މެންބަރު މައުރޫފް ވިދާޅުވީ، މިނިވަން މުއައްސަސާތަކަށް ބަޖެޓު ކަނޑައަޅާފައި ވަނީ ހަމައެކަނި މުސާރަ ދިނުމަށާއި ބޮކި ދިއްލާ ނިއްވުމަށް ކަމަށެވެ. އެހެންކަމުން މިއަންނަ އަހަރު އެއްވެސް މުއައްސަސާއެއްގެ މަސައްކަތެއް ނުހިނގާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. އަދި މަސައްކަތްތައް ހިނގާނީ ރައީސް ބޭނުންފުޅުވާ މުއައްސާސާއެއްގެ ބޭނުން މަސައްކަތެއް ކަމަށާއި އިތުރު ބަޖެޓެއް ދީފައިނުވާ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.
ހަމައެއާއެކު، މިހާރު ހުށަހަޅާ ބަޖެޓުގައި ހަރަދުތަކުގެ ތަފްސީލް ހާމަކޮށްފައި ނުހުންނާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ބަޖެޓަކީ 59.7 ބިލިއަން ރުފިޔާ އެ ނިމުނީ. ދެން އިތުރު ވާހަކައެއް އެޔަކަށް ދައްކާނެ ކަމެއް ނެތް، އޭގެ ރިކަރަންޓް ހަރަދެއް ވަކިވަކިން ކިޔާނެ ކަމެއް ނެތް، ދެން ރައީސުލްޖުމްހޫރިއްޔާގެ ހިތުގައި ބައިންދަންވީ އެބޭފުޅާ ބޭނުން ކަމަކަށް ހަރަދު ކުރަމުން ގެންދަން ވީ. އަސްލަކީ އެގޮތަށް މިހާރު ހިނގަމުން އެދަނީމައުރޫފް ޒާކިރު
މީގެ އިތުރުން، ބަޖެޓު ޑެފެސިޓް ސިންގަލް ޑިޖިޓްއަށް ތިރިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ މި ބަޖެޓު ފޫބައްދަން 19 ވަރަކަށް ބިލިއަން ރުފިޔާ ދަރަންޏަށް ނަގައިގެން ނޫނީ ސަލާމަތްވާން ނެތް ކަމަށެވެ.
އެހެންކަމުން މިސަރުކާރުން ދައްކާ ވާހަކައާއި އަމަލާ ދިމާ ނުވާ ކަމަށް މައުރޫފް ވިދާޅުވި އެވެ.











