2028 ގައި ރިޔާސީ އިންތިޚާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
16 ނޮވެމްބަރު 2026 | ހޯމަ 08:372028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބަޖެޓު ކޮމިޓީގައި ބޭނުންކުރި އިބާރާތަކާ ގުޅިގެން، އިންތިޚާބު ނުބާއްވަން އުޅޭކަމުގެ ތުހުމަތާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި. ނަމަވެސް އެ ކޮމިޝަނުން ވަނީ ގާނޫނުގައި އޮތްގޮތަށް އިންތިޚާބު ބާއްވާނެކަމުގެ ޔަގީންކަން ދެއްވައި، އެއީ އިންތިޚާބު ބާއްވާ ތާރީޚަށް ނިސްބަތްކޮށް ބޭނުންކުރި އިބާރާތެއް ކަމަށް ވިދާޅުވެފައި


ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން | ރާއްޖެއެމްވީ
އަންނަ 2028 ވަނަ އަހަރު ރިޔާސީ އިންތިކާބު އޮންނާނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ހޯމަ ދުވަހުގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އިން ވަނީ އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ބޭނުންކޮށްފައިވާ އިބާރާތާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ސުވާލު އުފެއްދެވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް އެވެ.
އެގޮތުން 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބު "އޮންނަ ކަމަށް ވަންޏާ" އެ އިބާރާތް ބޭނުން ކޮށްފައިވާ ތީ އޭގެ މާނަ އަކީ ކޮބައިތޯ މެންބަރު ވަނީ އެ ކޮމިޝަނާ ސުވާލުކުރައްވާފަ އެވެ.
ތިބޭފުޅުން 2028 ގެ އިންތިޚާބު އޮންނަ ކަމަށް ވަންޏާ އޭގެ މާނަ އަކީ ކޮބައިތޯ. ނޯންނާނެ ކަމަށްތޯ ތި ވިސްނަވަނީ. އޮންނަ ކަމަށް ވަންޏާ އައިމަ. ނޯންނަންޏާ ބަޖެޓު ދޭނެ ކަމެއް ނެތެއް ނޫންތޯ. އެކަހަލަ އެއްވެސް ކަހަަލަ ހިލަމެއް ވެފައި އޮތީތޯ. އޮންނަ ކަމެއް ނޯންނަ ކަމެއް. އޮންނަ ކަމަށް ވަންޏާ އޭ ޒަކަރިއްޔާ ފާހަގަ ކުރެއްވީމައިއިބްރާހީމް ނާޒިލް
އެ ސުވާލަކަށް ޖަވާބު ދެއްވާ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލް ވިދާޅުވީ ރިޔާސީ އިންތިޚާބު 2028 ގައި އޮންނާނެ ކަމަށް ގާނޫނުގައި ބަޔާން ކުރާ ކަމަށެވެ. އެހެން ނަމަވެސް އިންތިޚާބު "އޮންނަ ކަމަށް ވަންޏާ" އެ އިބާރާތް ބޭނުންކޮށްފައި ވަނީ ސެޕްޓެމްބަރު މަހު އިންތިޚާބު އޮންނަ ކަމަށް ވާނަމަ ކަމަށް ބަޔާން ކުރުމުގެ ގޮތުން ކަމަށް ޝަކީލް ވިދާޅުވި އެވެ.
އޮންނަ ވަންޏާ އޭ ބުނެފައި އޮތީ ސެޕްޓެމްބަރު މަހު އޮންނަ ކަމަށް ވަންޏާ. އެގޮތަށް މާނަ ކުރެއްވީ. މިސާލަކަށް އިންތިޚާބު، ކޮންމެ ގޮތެއް ވިޔަސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނެ. އެއީ ގާނޫނުން ލާޒިމް ކުރާ ކަމެއްމުހައްމަދު ޝަކީލް
ދެން ވެސް ނާޒިލް ވަނީ ސުވާލު ތަކުރާރުކުރައްވާފަ އެވެ. މި ހިނގާ 20 ވަނަ މަޖިލީހަކީ އަވަސް އަވަހަށް ގާނޫނުތަކަށް ބަދަލު ގެންނަ މަޖިލީހެއް ކަން ފާހަގަކުރައްވާ ނާޒިލް ވަނީ އިންތިޚާބު ނުބާއްވާކަމުގެ ހިލަމެއްވެފައި ވަނީތޯ އީސީގެ ބޭފުޅުންނާ ތަކުރާރު ކޮށް ސުވާލުކުރައްވާފަ އެވެ.
ރައީސް އަށް ވެސް ވަރަށް ސާފު. ގާނޫނުގައި އެބަ ބުނޭ. ގާނޫނުގައި ޑޭޓުތަކެއް ކަނޑައެޅިފައި އޮތީ. އެހެން އޮއްވާ އޮންނަ ކަމަށް އައީމަ އަޅުގަނޑަށް ވަރަށް ބޮޑަށް ސުވާލުއުފެދޭ. އަނެއްކާ އޮންނަ ކަމަށް ވަންޏާގެ ތެރެއިން ތިބޭފުޅުން އެދިފައި އޮތް ވަޖެޓް ނުދޭ ކަމަށް ތި ވިދާޅުވީ. އޭގެ މާނަ އަކީ ވަންޏާ ގައި އެބައުޅޭ ބެކްގްރައުންޑްގައި ކޮންމެ ވެސް ކަމެއް. އޮންނަ ކަމަށް ވަންޏާ އޮތީމަ ހަމަ ވަރަށް ޝައްކު އުފެދިއްޖެ. ދެން އަޅުގަނޑުމެން ޖެހޭނީ އެވާހަކަ އެހެން ހިސާބަކުން ދައްކަން. މިހާރު ވެސް ކަންތައް މި ހިނގާ ގޮތުން ވެއްޖެޔާ މިއަދު ހެނދުނު އެއޮތީ ގާނޫނެއް، 138 ސަފްހާގެ ގާނޫނެއް އެއޮތީ ލިޔެފައި ރަސްމާލެ ވިއްކަން. އެހެންވީމަ މިކަހަލަ ޑޭޓުތަކެއް ބަދަލުކޮށްލަން ގާނޫނެއްގެ ކަންތައް ކުރެވިދާނެ ވަރަށް ފަސޭހަ އިންއިބްރާހީމް ނާޒިލް
މެންބަރު ނާޒިލްގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ވަނީ އެ އިބަރާތް އޮތް ގޮތުން ސުވާލު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.
އަޅުގަނޑު ވެސް އަހާލަން ބޭނުންވޭ ރިޔާސީ އިންތިޚާބު ނުބާއްވާ ހާލަތެއް އަތުވެދާނެ ކަމަށް އެބަ އެއްވެސް ވަރަކަށް ގަބޫލު ކުރެވޭތޯ. މިސާލަކަށް 1 ކެންޑިޑޭޓް ހުރެއްޖެ ކަމުގައި ވާނަމަ ބާއްވަން ޖެހޭނެތޯ. ހަމައެކަނި އެންމެ ކެނޑިޑޭޓަކު. މިސާލަކަށް ރައީސް މުއިއްޒު، އެމްޑީޕީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު އަށް ވެއްޖެ ނަމަ ބާއްވަން ޖެހޭ ތޯމައުރޫފް ޒާކިރު
އެ ސުވާލުތަކަށް ޖަވާބުދެއްވާ ޝަކީލް ވިދާޅުވީ ގާނޫނު އޮތް ގޮތުން އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށެވެ. އެއީ އެންމެ ކެންޑިޑޭޓަކު ހުންނެވި ކަމުގައި ވީނަމަ ވެސް ބާއްވަން ޖެހޭ އިންތިޚާބެއް ކަމަށް ޝަކީލް ވިދާޅުވި އެވެ.











